31 އޮކްޓޯބަރ 2019 - 06:28
އެމެރިކާ މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި މިހާރު ދިރިއުޅޭ ބޮލީވުޑްގެ ކުރީގެ ބަތަލާ އެމެރިކާގެ ސިޓްކޮމްއަކަށް ސޮއިކޮށްފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި 44 އަހަރުގެ ބަތަލާ ސޮއިކުރީ ޑިޒްނީގެ ދަށުން މިހާރު ހިންގާ ޓުވެންޓިއެތު ސެންޗަރީ ފޮކްސް ޓީވީން ޕްރޮޑިއުސްކޮށް، އޭބީސީ ގެނެސްދިން "ފްރެޝް އޮފް ދަ ބޯޓް" ގެ ހަ ވަނަ ސީޒަނަށެވެ.
އެގޮތުން ޕްރިތީ އާ އެކު ބޮލީވުޑްގެ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން މަދުމަދުން ފެންނަ އަދި ސްޓޭންޑަޕް ކޮމީޑިއަން ވީރް ދާސް ވެސް ފެންނާނެ އެވެ. މީޑިއާތަކުން ބުނީ އޭގައި ޕްރިތީ އާއި ވީރް ފެނިގެންދާނީ އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިންގެ ރޯލުން ކަމަށާއި އެ މީހުންގެ ދަރިއަކު ވެސް ހުންނާނެ ކަމަށެވެ.
ޕްތިރީގެ ކެރެކްޓާގެ ނަމަކީ މީނާ އެވެ. އަދި ވީރްގެ ކެރެކްޓާ އަކީ ޑީސީ އެވެ.
"ފްރެޝް އޮފް ދަ ބޯޓް" އަކީ ރަޗްނާ ފްރަޗްބޮމް ލިޔެ، ޕްރޮޑިއުސްކޮށް 2015 އިން ފެށިގެން ގެނެސްދެމުން އަންނަ ސިޓްކޮމްއެކެވެ.
މީޑިއާތަކުން ބުނީ ޕްރިތީ އާއި ވީރު ފެނިގެންދާ އެޕިސޯޑްތައް ޕައިލެޓް އެޕިސޯޑްތަކެއްގެ ގޮތުގައި ގެނެސްދިނުމަށް ފަހު، އޭގެ ތަރުހީބަށް ބަލައިފައި "ފްރެޝް އޮފް ދަ ބޯޓް" ގެ ސްޕިން-އޮފެއްގެ ގޮތުގައި އިންޑިއާ އިން އެމެރިކާ އަށް ހިޖުރާ އާއިލާއެއްގެ ވާހަކަ އިތުރަށް ދިގުދަންމަން ނިންމާފައިވާ ކަމަށެވެ. މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.
"ފްރެޝް އޮފް ދަ ބޯޓް" ގެ ފަސް ވަނަ ސީޒަން ނިންމައިލީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. މި ސިޓްކޮމްގެ ޖުމްލަ 106 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.
ހަ ވަނަ ސީޒަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. "ފްރެޝް އޮފް ދަ ބޯޓް" އަކީ އެމެރިކާގައި ދިރިއުޅޭ ޓައިވާނުގެ އާއިލާއެއްގެ ވާހަކައެއް ކިޔައިދޭ އެއްޗެކެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިތީ ބޮލީވުޑުން ގެއްލިފައި ވަނިކޮށް އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ކުރިން ކުޅެ، އެކަމަކު ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮއްވައި މިދިޔަ އަހަރު ރިލީޒްކުރި "ބެއްޔާޖީ ސުޕަހިޓް" އިންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޕްރިތީ އަނެއްކާ ވެސް އަންނަނީ ބޮލީވުޑަށް އެނބުރި ދާން ތައްޔާރުވަމުންނެވެ. އެގޮތުން ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ފިލްމެއް އޭނާ އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy