ކުޅިވަރު / ލީގު ކަޕް

ލިވަޕޫލާއި ޔުނައިޓެޑުން އާސެނަލާއި ޗެލްސީ ކަޓުވާލައިފި

ޔުނައިޓެޑްގެ ރެޝްފޯޑް ހިލޭ ޖެހުން ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

31 އޮކްޓޯބަރ 2019 - 09:20

ލަންޑަން (އޮކްޓޫބަރު 31) - އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ފޯރިގަދަ މެޗަަކަށް ފަހު އާސެނަލް އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެ ލިވަޕޫލް ކުއާޓާ އަށް ދިޔައިރު، އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީ 2-1 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ވެސް އެ ބުރުން ޖާގަ ހޯދައިފި އެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި އާންމުކޮށް އެ ޓީމުން މެޗު ފަށާއިރު ބޭނުންކުރާ އެއްވެސް ކުޅުންތެރިޔަކު ނުހިމެނެ އެވެ. ޒުވާން ކުޅުންތެރިން ހިމަނައިގެން އާސެނަލުން ވެސް ކުޅެމުންދިޔައިރު، އެ ޓީމުގެ ފުރަތަމަ އެގާރައިން ވަނީ މެސެތު އޮޒިލް އަށް ފުރުސަތު ދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 5-5 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ދެ ޓީމުން ޖެހި 10 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އާސެނަލްގެ ޑެނީ ސެބާޔޯސް ޖެހި ޕެނަލްޓީ އެވެ.

މެޗުގެ ހަ ވަނަ މިނިޓްގައި ލިވަޕޫލުން ލީޑުނެގީ އާސެނަލްގެ ޑިފެންޑަރު ޝޮކްޑްރަން މުސްތާފީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެކަމަކު އާސެނަލުން ވަނީ 17 މިނިޓް ތެރޭ ތިން ގޯލު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެއްވަރުކޮށްދިން ލަނޑު ޖެހީ ލޫކަސް ޓޮރޭރާ އެވެ. އަނެއް ދެ ގޯލު ޖެހީ ބްރެޒިލްގެ ޒުވާން ފޯވާޑް ގަބްރިއެލް މާޓިނެލީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް އުއްމީދު އާ ކޮށްދިނީ ޕެނަލްޓީ އަކުން ޖޭމްސް މިލްނާ ކާމިޔާބުކުރި ގޯލުންނެވެ.

ދެ ވަނަ ހާފް ފެށިގެން ނުވަ މިނިޓް ތެރޭ އާސެނަލުން އަނެއްކާ ދެ ގޯލުގެ ލީޑެއް ނެގީ މިލްނާ އަށް ހެދުުނު ގޯހެއްގެ ފައިދާ ނަގައި މެއިންޓްލަންޑް ނައިލްސް ޖެހި ގޯލުންނެވެ. އެކަމަކު ލިވަޕޫލުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑުތައް ކާމިޔާބުކުރީ އޮކްސްލޭޑް ޗޭމްބަލެއިން އާއި ޑިވޮކް އޮރީގީ އެވެ. އާސެނަލަށް އަނެއްކާ ލީޑުނަގައިދިނީ ޖޯ ވިލޮކް ޖެހި ހިތްގައިމު ގޯލުންނެވެ. އެ ލަނޑުން އާސެނަލް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮރީގީ އެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އޮރީގީ (ކ) އެ ޓީމުގެ ބްރޫސްޓާއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީގައި ލިވަޕޫލުން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީ ފޮނުވާލީ މިލްނާ، އެޑަމް ލަލާނާ، ރިއާން ބްރޫސްޓާ، އޮރީގީ އަދި ކާޓިސް ޖޯންސް އެވެ. އާސެނަލްގެ ސެބާޔޯސް ޖެހި ޕެނަލްޓީ ލިވަޕޫލްގެ ގޯލުގައި ހުރި އުމުރުން 20 އަހަރުގެ ކޯހިމް ކެލަހާ ވަނީ މަތަކޮށްފަ އެވެ. އާސެނަލްގެ އަނެއް ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ ހެކްޓަ ބެލެރިން، މެއިޓްލަންޑް ނައިލްސް، މަޓެއޯ ގުއެންޑޫޒީ އަދި މާޓީނެލީ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ މިއީ ފަހަކަށް އައިސް ފުޓްބޯޅަ މެޗެއްގައި އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުން ލިބުނު މެޗު ކަމަށާއި ބައެއް ވަގުތުތަކުގައި ކޯޗަކަށް ވުރެން ބޮޑަށް ހުރެވުނީ ސަޕޯޓަރެއްގެ ގޮތުގައި ކަމަށެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ލީޑުނެގީ ޔުނައިޓެޑުންނެވެ. ޑެނިއަލް ޖޭމްސް އަށް އޭރިއާތެރެއިން މާކޯސް އަލޮންސޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އެ ގޯލު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާކަސް ރެޝްފޯޑް އެވެ. ދެ ވަނަ ހާފްގައި މިޝީ ބަޓްޝުއާޔީގެ ގޯލުން ޗެލްސީން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ލިބުނު ހިލޭ ޖެހުމަކުން ރެޝްފޯޑް ޖެހި މޮޅު ގޯލުން ޔުނައިޓެޑް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ރެޝްފޯޑަށް ތައުރީފުކޮށްފަ އެވެ.

"އެ ގޯލު (ހިލޭޖެހުން) ހީވަނީ ރޮނާލްޑޯ ޖެހި ގޯލެއް ހެން. އެ ގޮތަށް ބޯޅައިގައި ޖެހުމަކީ ތަފާތު ޓެކްނިކެއް. ފަހަކަށް އައިސް ޕެނަލްޓީތަކެއް ބޭކާރުވުމުން ރެޝްފޯޑްގެ ކޮންފިޑެންސަށް އަސަރުކުރި. އެކަމަކު މިހާރު އޭނަ ވަރަށް ބޮޑަށް ރަނގަޅުކުރަމުން އަންނަނީ،" ސޯލްޝެއާ ބުންޏެވެ.

ލިވަޕޫލާއި އާސެނަލްގެ އިތުރުން އިނގިރޭސި ގަދަބާރުތަކުގެ ތެރެއިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ދެން ކުއާޓާގައި ހިމެނެނީ ރޭ ވުލްވްސް އަތުން 2-1 އިން މޮޅުވި އެސްޓަން ވިލާ، ލެސްޓާ ސިޓީ، އެވަޓަން، ކޮލްޗެސްޓާ ޔުނައިޓެޑް އަދި އޮކްސްފޯޑް ޔުނައިޓެޑް އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 21%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454