ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރު (ވ) އަދި ފްލޮރިޑާގެ ޕާމް ބީޗުގެ މާ-ރަ-ލާގޯ ރިސޯޓް. --ފޮޓޯ:އޭއެފްޕީ
03 ނޮވެމްބަރ 2019 - 12:35
ނިއު ޔޯކް (ނޮވެމްބަރު 3) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދިރިއުޅުއްވުން ދާއިމީ ގޮތެއްގައި ނިއު ޔޯކުން ފްލޮރިޑާގެ ޕާމް ބީޗަށް ބަދަލު ކުރެއްވުމަށް ނިންމަވައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އުފަން ސިޓީން އެމަނިކުފާނާ މެދު ކަންތައް ކޮށްފައި ވަނީ ވަރަށް ގޯސްކޮށް ކަމަށެވެ.
"އަޅުގަނޑާއި އާއިލާގެ ދާއިމީ ރެސިޑެންސްގެ ގޮތުގައި ދެން ހަމަޖެހިގެންދާނީ ފްލޮރިޑާގެ ޕާމް ބީޗް،" ޓްރަމްޕް ވިދާޅުވި އެވެ.
ރިޕަބްލިކަން މެންބަރެއް ކަމަށްވާ ޓްރަމްޕް އިތުރަށް ވިދާޅުވީ ސިޓީ އާއި ސްޓޭޓަށް ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ދެއްކެވި ނަމަވެސް ސިޓީ އާއި ސްޓޭޓުގެ ސިޔާސީ ލީޑަރުން އެމަނިކުފާނަށް ވަރަށް ގޯސް ކަމަށެވެ. ނިއު ޔޯކް ސްޓޭޓުގެ ގަވަރުނަރު އެންޑްރޫ ކޫމަން އާއި ނިއު ޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ އަކީ ޑިމޮކްރެޓިކް ޕާޓީގެ ދެ މެންބަރުންނެވެ. އަދި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނިއު ޔޯކުގެ މެޖޯރިޓީ ނެންގެވީ އިދިކޮޅު ކެންޑިޑޭޓް ހިލަރީ ކްލިންޓަނެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް ޓަވަރުގައި ޖޫން 16، 2015 ގައި ބޭއްވި އިވެންޓެއްގައި ޓްރަމްޕް އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާގެ ރެސިޑެންސީ މެންހަޓަން އިން ޕާމް ބީޗަށް ބަދަލު ކުރުމަށް ހުށަހަޅާފައި ވަނީ ސެޕްޓެމްބަރު މަހު ކަމަށެވެ. ބައެއް އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އިން ބުނެފައި ވަނީ ފްލޮރިޑާ އަށް ޓްރަމްޕް ބަދަލުވެވަޑައިގަންނަވަނީ ޓެކްސްގެ މައްސަލައިގައި ކަމަށެވެ. ޓްރަމްޕުގެ ޓެކްސްގެ ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ.
ވައިޓް ހައުސް ފިޔަވައި ޓްރަމްޕް ދިރިއުޅުއްވާނެ މައިގަނޑު ތަނަކަށް ދެން ވާނީ ފްލޮރިޑާގެ މާ-ރަ-ލާގޯ ރިސޯޓެވެ. ރައީސްކަން ލިބިވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ އަމިއްލަ މި ރިސޯޓުގައި ވަނީ 99 ދުވަސް ހޭދަކުރައްވައިފަ އެވެ. ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ކުރިން ދިރިއުޅުއްވި ޓްރަމްޕް ޓަވަރުގައި ހޭދަކުރައްވާފައި ވަނީ 20 ދުވަހެވެ. މާ-ރަ-ލާގޯ ރިސޯޓް ޓްރަމްޕް ބައްލަވައިގެންފައި ވަނީ 1985 ވަނަ އަހަރު އެވެ. ޓްރަމްޕް ޓަވަރުގެ އެޕާޓްމަންޓެއްގައި އެމަނިކުފާން ދިރިއުޅުއްވަމުން ދަނީ 1983 ވަނަ އަހަރުން ފެށިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަމްޕަރާ
04 November 2019
އިންކަމް ޓެކުހަކީ ހުރިހާ ސޭޓުންނާއި މަހުޖަނުންވެސް ޖައްސާމައްސަލައެއްތާ!
އައި. ސީ
04 November 2019
ރާއްޖޭގެ ގާމާދޫ އަށް ބަދަލުވެބަލަ.