އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
06 ނޮވެމްބަރ 2019 - 10:52
ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައި ވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މުސާރަ ބޮޑު ކުރުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިގެންވާ އިރު، ވީހާ ވެސް އަވަހަކަށް އެ ކޮމިޝަންގެ މަސައްކަތް ނިންމައި، މުސާރަ އަށް ބަދަލު އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އުންމީދަކީ މި ދާއިރާގެ ހުރިހާ އެންމެންނަށް ހެޔޮ ގޮތްތަކެއް ވެގެން ދިއުން،" ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް އަންނާނީ ކޮންއިރަކުންތޯ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި އައިޝަތު އަލީ ވިދާޅުވި އެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލިހުގައި ސުވާލު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް
"އަޅުގަނޑަކަށް ނުދެންނެވޭނެ ޓީޗަރުންގެ މުސާރަ އަކީ އެހާ ރަނގަޅު މުސާރައެއް ކަމަށް. މަސައްކަތުގެ މާހައުލަކީ ވެސް އެހާ ރަނގަޅު މާހައުލެކޭ،"
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުން ނު9-12 ގަޑިއިރު ސްކޫލްތަކުގައި ހޭދަކުރެ އެވެ. ސްކޫލްގެ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ގޮސް، ކުރިއަށް އޮތް ދުވަހަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑާއި ހަފްތާ ބަންދުގައި ޓީޗަރުން މަސައްކަތް ކުރަން ޖެހުމުން އާއިލާއާ އެކުގައި ވަގުތު ހޭދަ ކުރާނެ ވަގުތު ކޮޅެއް ވެސް ނުލިބޭ ކަމަށެވެ.
އައިޝަތު އަލީ ވިދާޅުވީ އެހާ ގިނަ ވަގުތު ޓީޗަރުން މަސައްކަތުގައި އުޅޭ އިރު، އެއީ އެހާ ހިތްގައިމު މަސައްކަތަކަށް ނުވާ ކަމަށެވެ. އަދި ޓީޗަރުން މަސައްކަތްކުރާ ވަރާ ގާތަށް ވެސް އެމީހުންނަށް މުސާރަ ނުދެވޭ ކަމަށް މިނިސްޓަރު އެއްބަސްވެވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްގެ އިސް ބޭފުޅުންނާއި ބެލެނިވެރިންގެ ފަރާތުން ޕްރެޝަރު އަންނަމުންދާ އިރު، ވެސް އެހާ ހިތްގައިމު ކަމަކަށް "މުދައްރިސުކަން" ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން މުދައްރިސުކަމަކީ ވަރަށް ގަދަރުވެރި ވަޒީފާއެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް، މިހާރު އެއީ އެހާ ގަދަރުވެރި ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން އެ މީހުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ވަރަށް ކޮލިޓީ އަދި ތަމްރީންވެފައި ތިބި މުވައްޒަފުންނަށް ހަދަން ބޭނުންވާ ކަމަށެވެ.
އަދި ދާއިރާ އަށް އާ މީހުން ވައްދައި، މިހާރު ތިބި މުވައްޒަފުން ދެމިތިބެވޭނެ ގޮތްތަކަކަށް ކަންކަން ހަމަޖައްސަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިސްޓަރު ވިދާޅުވީ އެކަން ފުރިހަމަ ވެގެންދާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށާއި އަންނަ އަހަރު މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހާއްސަކޮށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށެވެ. އެގޮތުން ވަރަށް ހާލުގައި ސްކޫލްތައް ހުރި އިރު، އެ ދާއިރާ އަށް އިތުރަށް ދެއްވަން މެމްބަރުން ބޭނުންވާ ނަމަ، އެ ފުރުސަތު ފަހިކޮށްދެއްވަން އެދިވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރޭޝިޔާ
06 November 2019
ޕޭ ކޮމިޝަނަކީ ބަހަނާއެއް. 2015 ވަނަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑު ކުރީ ޕޭކޮމިޝަނުންނެއް ނޫން. ކޮބައިތޯ ޓީޗަރުންގެ އޯވަރޓައިމްގެ 10 ޕަސެންޓް އުވާލައްވާނެކަމަށް ވީ ވައުދު. އިތުރު ގަޑީގެ ފައިސާވެސް ދެއްވޭނީ ޕޭ ކޮމިޝަނުން ހުއްދަ ހޯދައިގެންތޯ؟ ދިރާސީ އަހަރެއް ނިމުނީ. އިތުރު ގަޑިއަށް 10 ޕަސެންޓް. މިއަންނަ އަަހަރަށް ބަޖެޓުގައިވެސް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އޮތީ 10 ޕަސެންޓުގެ މިންވަރެއްކަމަށްވަނީ. މިކަންތައް ނޫސްތަކުން ސާފުކޮށްދެއްވާ.
ސހދޕމނަ
06 November 2019
ބޮޑު ގަރާރެއް ނެރަފަ ސްޓޫޑެންޓް ލޯނަށް ވެސް "ހެޔޮ ގޮތް" ހަދާ ދޭނަ މޭ ކިޔާފަ އުޅުނު. ޖަލްސާ ތަކަށް އަރާ އެއްށް އެޕްލައި ކުރާށް ބުނި. ޚުދު ރައީސް ވެސް އަރާ ބުނި. އެއަށް އެޕްލައި ވެސް ކުރިން. ގުޅާ ގުޅަ ފޯނެއް ވެސް ނަގާ ތަނެއް ނޫން. އީމެއިލަށް ރިޕްލައި ކުރާ ބައެއް ނޫން.. ކޮންމެ ފަހަރަކު ދިޔައިމަ ބުނަނީ ބޭންކަށް ފޮނުވާފަ އަންގާނަމޭ. 3 މަސް ވެއްޖެ!! އެހެން ވީމާ ތިއީ އެއްކަމެއްވެސް ވާނެ މީހެއް ނޫން. މިއީ ތި ބުނާ "ހެޔޮ ގޮތް"
ބޮލިފޮންޓުންތާނަ ލިޔާ
06 November 2019
ޓީޗަރުންނަށް ވަރަށް ފަހުންވެސް ވަނީ މުސާރަ ބޮޑުކޮށްދީފަ އެކަމަކު މަމެން އޮފީސްތަކުގައި މިތިބިމީހުންގެ ވާހަކަ ކޮމިޝަނަކުން ނުދައްކާ ސިވިލްސަރވިސް މުވައްޒަފުންގެ ޢިދާރީ އޮނިގަނޑު ތަންފަށަށް ލާފަ
ސޮބުރީ
06 November 2019
ކޮބާހޭ އެގޮތަކީ
ޓީޗަރު
06 November 2019
އިބުރާހީމް މުހައްމަދު ސާލިޙަށް ވޯޓް ދިނީވެސް އުއްމީދުކޮށްގެން...
ހަނުހުންނަ މީހާ1
06 November 2019
ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެ ކަމަށް ޔާމީނުގެ ވެރިކަމުގައިވެސް ބުނި ވީ ކަމެއް ހަރާން. އަނެތްކާ މިފަހަރު ކީހާޅެން ފަރިއްސައް ނުވިއްޔާ ރަގަޅު.
ްއެދުރުބެ
06 November 2019
ޢާއިޝަތު ޢަލީ އިސްތިއުފާ ދެއްވާފައި ގެޔަށް ވަޑައިގަތުން މުހިއްމު، ކަންކަން ނުކުރެވޭނަމަ މުއައްސަސާއެއްގެ ވެރިއެއްގެ ގޮތުގައި ބަސްނުވިކޭ އޮޑީގެ ދިރިބާކޮޅު ހުންނަފަދައިން ހުންނެވުން ބުއްދިވެރިއެއްނޫން،
ރުއްފުށި
06 November 2019
މެންބަރުންގެ މަލަމަތި ރީތިކުރަން މިނިސްޓަރުކުރާ ކަމެއްގޮތައް ދައްކަން މިނިސްޓަރ ހާޒިރު ކުރާނެ ކަމެއްނެތް..މަޖިލީހުން ފާސްކޮށްބަލަ ޓީޗަރުންގެ މުސާރަ ބޮޑުކުރަން..އެހެން ނޫނީ ރައީސް 15ދުވަސްތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ފާސް ކޮށް ރައީސްއަށް އަންގަބަލަ....
ހަގީސް
06 November 2019
މަޖިލީސް މެންބަރުންނަށް މުސާރަ ބޮޑުނުވާ ސަބަބު މިނިސްޓަރު ހާޒިރުކުރުމުން އެނގިއްޖެ ދޯ...ޓީޗަރަކު ގެންދިޔަސް ބުނާނެ އިރާދަ ކުރެއްވިއްޔާ މުސާރަ ރަގަޅުވާނޭ މިހާރު ލިބޭ މުސާރަކުޑައޭ...
މަދުރީ
06 November 2019
މަޖިލީހުން ގާނޫނު ހަދާ މިނިސްޓަރުންނަށް ބާރުދީބަލަ މުސާރަ ބޮޑުކުރަން..ދައުލަތުގެ މުސާރަ މިވީހާތަނަށް ބޮޑުކުރީ ސިޔާސީ ބޭނުމަށް ރައީސުން..