މިނިސްޓަރު އައިޝަތު އަލީގެ ޖަވާބުތަކަށް އޭ ސްޓާއެއް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓަރަށް ތައުރީފް ކުރައްވައި އޭ ސްޓާއެއް މިއަދު ދެއްވައިފި އެވެ.


އެޑިއުކޭޝަން މިނިސްޓަރު މަޖިލިހަށް ހާޒިރުކުރީ ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެވޭނީ ކިހާ ތާކުތޯ ބެލުމަށް މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވުމުންނެވެ.

އެ ސުވާލުގައި، ސްކޫލް ނިންމާ ދަރިވަރުން ދާއިރާއާ ދުރަށް ދާ ތަން ފާއިތުވެދިޔަ 12 އަހަރު ފެންނާތީ އެކަން ދިމާވާ ސަބަބާއި އެ ކަން ހައްލު ކުރަން މިނިސްޓްރީން ކުރާ މަސައްކަތް ބެލުމަށް ޔައުގޫބްގެ ސުވާލުގައިވެ އެވެ. އެ ހުރިހާ ސުވާލަކަށް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ނުވަ މެމްބަރަކު ސުވާލުކުރެއްވި އެވެ.

ނަޝީދު 19 ވަނަ މަޖިލިސް ފެށުނީއްސުރެ، ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި ހިނގާ ކަންކަން މަޖިލިސް ތެރޭގައި ވެސް ހިނގާނެ ކަމަށެވެ. އެގޮތުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވާ އިރު، "މަދަރުސާގެ ކްލާސް ރޫމްގައި" އަމަލު ކުރައްވާ އުސޫލާ އެއްގޮތަށް ކަމަށާއި ތަޅުމުން ނުކުންނަވަން ޖެހޭނީ އެމަނިކުފާނަށް އިޝާރާތް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ ތިން ސްކޫލަކާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވި ކަމަށެވެ. އެއީ ވ. ރަކީދޫ އާއި އއ. ފެރިދޫ އާއި ލ. ގަތަރު އަމީރު ސްކޫލާ ބެހޭ ގޮތުން ކުރެއްވި ސުވާލުތަކެވެ.

"ވަޒީރު ތަފްސީލްކޮށް އެ ކަންކަމަށް ޖަވާބު ދެއްވި. އިތުބާރާއި މައުލޫމާތު ލިބިވަޑައިގެން ހުންނަވައި. އެހެންވީމަ އަޅުގަނޑު ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އަޅުގަނޑުމެން ވަޒީރަށް އަރުވަން،" މިނިސްޓަރަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އޭ ސްޓާ ދެއްވުމުން މިނިސްޓަރު ވެސް ވަނީ ރިޔާސަތަށް ޝުކުރު ދަންނަވައިފަ އެވެ.

ނަޝީދު ވިދާޅުވީ މިނިސްޓަރު މަޖިލިހަށް ވަޑައިގަތީ މަޖިލިހުގެ ތަޅުމަށް ޕްރިންސިޕަލެއް ބޭނުންވި ދަނޑިވަޅެއްގައި ކަމަށެވެ. އެމަނިކުފާނު އެގޮތަށް އެ އިޝާރާތް ކުރެއްވީ މިދިޔަ ދެ ދުވަހު މަޖިލިހުގައި އިދިކޮޅު މެމްބަރުން ވަރަށް ބޮޑަށް އަޑުގަދަ ކުރައްވާފައި ވާތީ ކަމަށް ބެލެވެ އެވެ. އިއްޔެ ވެސް މަޖިލިސް ހޫނުވެ ބައެއް މެމްބަރުންގެ ނަން އިއްވައި، އެބޭފުޅުންގެ އަތުން ދުންމާރި އާއި ކަށިގަނޑު ވެސް އަތުލި އެވެ.

ކުރީ ޒަމާނުގައި ސްކޫލެއްގެ ކްލާސް ރޫމުގައި ޓީޗަރުން ދަރިވަރުންނާ މެދު އަމަލުކުރާ ގޮތަށް މަޖިލީހުގެ ރިޔާސަތުން މެންބަރުންނަށް މެދު އަމަލުކުރައްވައި އެގޮތަށް "އަދަބު ދެއްވުން" ވަނީ އާންމުވެފަ އެވެ. އެއް ބައެއްގެ ހިޔާލުގައި އެއީ ރަނގަޅު ކަމަކަށް ވިޔަސް، އަނެއް ބައެއްގެ ޚިޔާލު ތަފާތެވެ.

މަޖިލިހަށް ކުރިން ވަޑައިގެންނެވި ބައެއް ވަޒީރުން، މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމުގެ ޝަކުވާ ކުރިން ވަރަށް ބޮޑަށް މަޖިލިހުގެ ތަޅުމުގައި ކުރެ އެވެ. މެމްބަރުން ސުވާލު ކުރެއްވީމާ، ޖަވާބު ނުދީ ނުހުންނެވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ބައެއް ވަޒީރުންނަށް އިންޒާރު ދެއްވާ ދުވަސްތައް ވެސް ދެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެންނަން ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

މުސާރަ ބޮޑު ކުރުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިގެންވާ އިރު، ވީހާ ވެސް އަވަހަކަށް އެ ކޮމިޝަންގެ މަސައްކަތް ނިންމައި، މުސާރަ އަށް ބަދަލު އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހާއްސަކޮށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ. އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންކަން ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށެވެ.