ރިޕޯޓް

މަޖިލިސް ކްލާސްރޫމަކަށް! އެއީ ބޮޑު މަައްސަލައެއްތަ؟

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ: ބައެއް މެމްބަރުން ވިދާޅުވަނީ ސަމާސާކުރުން ވެސް އޮންނަން ޖެހޭ ކަމަށް --- ފޮޓޯ: މަޖިލިސް

މިދިއަ ދެތިން ދުވަހު ރައްޔިތުންގެ މަޖިލިހުން ފެނުނު މަންޒަރުތައް ބައެއް މީހުންނަށް މަޖާވިޔަސް، އަނެއް ބަޔަކު ދުށީ އެއީ ދައުލަތުގެ އެފަދަ މުއައްސަސާއެއްގެ މެމްބަރުން އުޅެން ޖެހޭ ގޮތް ނޫން ކަމަށެވެ. މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ދޭ ބައެއް އަދަބުތައް ވެސް، ބައެއް މެމްބަރުންނަށް އަމާޒުވި އެވެ. އޭގެ ތެރޭގައި މަޖިލިހުގެ ތަޅުމުގައި "ކަށިގަނޑު ނުފުމޭނެ ކަމަށް" 100 ފަހަރު ލިޔުމާއި "ބޭރަށް ނުކުމެ ފާރަށް މޫނު ލައިގެން" ހުންނަން ރިޔާސަތުން އެންގުން ކަހަލަ ކަންކަން ހިމެނެ އެވެ.

މި "އަދަބުތައް" އަމާޒުވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވާ ވިދާޅުވީ މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު "ޖޯކަރަކަށް" ވެގެން ނުވާނެ ކަމަށެވެ.

އެކަމަކު މަޖިލިހުން ފެންނަ އެފަދަ މަންޒަރުތަކަކީ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. މަޖިލިހަކީ ސީރިއަސް މަސައްކަތްތައް ކުރާ ތަނަކަށް ވިޔަސް ދޭތެރެއަކުން ސަމާސަކޮށްލަން ވެސް ޖެހޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

މަޖިލިހުގެ ގަވައިދު ބުނާ ގޮތުން މެމްބަރުންގެ އަމަލުތައް ހުންނަންވާނީ މަޖިލިހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތަށެވެ.

ނަޝީދު ސަމާސަ ކުރައްވަނީ.

ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ގިނަ މެމްބަރުން ފެނުނީ ގާނޫނުއަސާސީއަށް ބޯލެނބުމަށް ވުރެ އޭގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވިހާ ކަމެއް، ބޭނުންފުޅުވި ގޮތަށް ކުރައްވާ ތަނެވެ. ގާނޫނުއަސާސީއަށް ވެސް ބެލުމެއް ނެތި އެވެ. ގިނަ ދުވަސްތަކުގައި މަޖިލީހުގައި ކުރާނެ މަސައްކަތެއް ވެސް ނޯވެ އެވެ. ތަޅުމުގައި އެޖެންޑާ ކުރާނެ ކަމެއް، ކޮމިޓީތަކުގައި ކުރާނެ މަސައްކަތެއް ނެތިގެން ކިތަންމެ ދުވަހަކު ޖަލްސާތައް ކެންސަލްކުރި އެވެ.

މަޖިލިހުގެ ތަޅުމުން ތޯރިގް ނެރުމަށް ސާޖެންޓް އެޓް އާމްސް ހަލީމް މަސައްކަތް ކުރައްވަނީ.

އެ ރައްޔިތުންގެ މަޖިލިސް ގިނަ ރައްޔިތުންނަށް ކަމަކުނުދިޔަ އެވެ. ރައްޔިތުން މަޖިލިސް ދެކެ ވަރަށް ބޮޑަށް ފޫހިވެ، އިތުބާރު ވެސް ގެއްލުނެވެ.

މިހާރު އަނެއްކާވެސް މި އޮތީ ތަޅުމުގައި ކުރިން ވެސް ފެނުނު ހަޅޭއްލެވުމާއި ތަޅުމުން ނެރުމާއި ރިޔާސަތާއި ބައެއް މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތައް ބަަލުކުރުމުގެ ދުވަސްވަރެވެ.

ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއް ތެރޭގައި ހިނގާ ކަންކަން މަޖިލިހުގައި ވެސް ހިނގާނެ ކަމަށެވެ. އެއީ އެމަނިކުފާނު ސަމާސާއަކަށް ވިދާޅުވާ ބަސްފުޅަކަށް ވެސް ވެދާނެ އެވެ. ނޫނީ މަޖިލިހުގެ މެމްބަރުންނާ އޮތް ގުޅުން ވަރުގަދަ ކުރައްވަން ޖައްސަވާ ސަކަރާތަކަށް ވެސް ވެދާނެ އެވެ.

އެކަމަކު އެންމެންނަށް އެއީ ސަކަރާތަކަށް، މަޖަލަކަށް ނުވެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިހުގެ ރައީސަކީ ޖޯކަރަކަށް ވެގެން ނުވާނެ ކަމަށެވެ. މަޖިލިހަކީ އެންމެ ސީރިއަސް އެއް މަސައްކަތް ކުރާ ތަނަކަށް ވުމުން އެއީ އަމިއްލަ ވާހަކަ ދައްކައި މަޖާކުރަން ފާޑުފާޑުގެ ކޫސަނި އަދަބު ދީ އަމިއްލަ ގޮތްތައް ގެންގުޅެން އޮންނަ ތަނެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް މަޖިލިހެއްގައި މަޖާކުރަން ހުއްދަކޮށްފައެއް ނުވާނެ އެވެ.

ސަމާސަ ވިހަވެ ގަވައިދަށް ބޯނުލަނބާ ކަމުގެ ޝަކުވާ!

މަޖިލިހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމަކަށް ހުށަހަޅާ މައްސަލައަކާ މެދުގައި މަޖިލިހުގެ ރައީސް ދެކޭ ގޮތް، މަޖިލިހުގެ ގަވައިދު އޮތް ގޮތުން، ހާމަކޮށްގެން ނުވާނެ އެވެ. ނަމަވެސް ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދުގައި މަޖިލިހުގެ ރައީސް ހިޔާލު ފާޅުކޮށް، ދެކޭ ގޮތް ހާމަކޮށް، މަޝްވަރާ އާއި ލަފާ ދެވިދާނެ އެވެ. އެ ގަވާއިދު ބުނާ ގޮތުން މަޖިލިހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފަހަކަށް އައިސް، މަޖިލިހުގެ ކަންކަން ކުރިއަށް ދަނީ ރިޔާސަތަށް ވަރަށް ފުރުސަތު ބޮޑުކޮށް ކަމަށެވެ. އެކަމަކު މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ބަހުސް ކުރުމުގެ ޖާގަ ރައީސަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސަތަށް ކަމެއް ސާފުކޮށް ދެވިދާނެ. އެކަމަކު ކޮންމެ މެމްބަރަކު ކުރައްވާ ބަހުސްއަކާ ގުޅިގެން ރައްދެއް ނުދެވޭނެ. މެމްބަރުން ދައްކާ ވާހަކަ ރިޔާސަތުން ދޮގެއް ވެސް ނުކުރެވޭނެ. އަނެއްކާ މެމްބަރެއް ދައްކާ ވާހަކަ ތަފްސީލްކޮށްދީ ނުހެދޭނެ. މަޖިލިހުގެ ގަވައިދު ތަނެއް ނުދޭ އެގޮތަށް،" ޝިޔާމް ވިދާޅުވި އެވެ.

ނަޝީދު ސަމާސަ ކުރައްވަނީ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސަތުގައި އިންނަވާ އެއްވެސް ބޭފުޅަކަށް، މެމްބަރެއްގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އިމްތިޔާޒް ކޮމިޓީ އަށް ހުށަހަޅައިގެން ބެލޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޝީދުގެ ސްކޫލް އަދަބު ތޯރިގަށް އަމާޒުވީ، ކަށިފުމެއް ފެއްޓެވުމުންނެވެ. ފުރަތަމަ ދުވަހު ނަޝީދު އެދިވަޑައިގަތީ ކަށިގަނޑު ނުފުމޭނެ ކަމަށް، 100 ފަހަރު ލިޔުމަށެވެ. މިއީ ރާއްޖޭގެ ސްކޫލްތަކުގައި ބައެއް ދަރިވަރުންނަށް ކުރިން ދީ އުޅުނު "އަދެބެކެ"ވެ. ދެ ވަނަ ދުވަހު ވިދާޅުވީ މަޖިލިހުގެ ތަޅުމުން ނުކުންނަވައި "ފާރަށް މޫނު ލައިގެން ހުންނެވުމަށެ"ވެ.

"ތޯރިގާ ދޭތެރޭގައި އެގޮތަށް ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވާހަކައެއް ނުދެއްކެވޭނެ. އެއީ ވާނެ ކަމެއް ނޫން. މަޖިލިހުގެ ގަވައިދު އެގޮތަށް ތަނެއް ވެސް ނުދޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ނަން އިއްވި އިރު، އިޖުރާއުތައް ފުރިހަމަނުކުރޭ؟

މަޖިލިހުގެ ތަޅުމަށް މި ދެ ދުވަހު އިދިކޮޅު މެމްބަރުން ދުންމާރި އާއި ކަށިގަނޑު ފަދަ ތަކެތި ވައްދައި އަޑުގަދަ ކުރުމުގެ ސަބަބުން ހަތަރު މެމްބަރެއްގެ ނަން އިއްވި އެވެ. މިއީ 19 ވަނަ މަޖިލިސް ފެށުނު ފަހުން އެއް ޖަލްސާއެއްގައި އެހާ ގިނަ މެމްބަރުންގެ ނަން އިއްވި ފުރަތަމަ ފަހަރެވެ.

އެކަމުގައި އަމަލު ކުރި ގޮތް ގޯސް ކަމަށް ބައެއް މެމްބަރުން ގަބޫލުކުރައްވަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ނަން އިއްވަން ޖެހޭނީ ތިން މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ. އެންމެ ފުރަތަމަ ނަސޭހަތްދޭން ޖެހޭނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އެގޮތަށް ކިޔަމަން ނުވެއްޖެ ނަމަ، ނަން އިއްވަން ޖެހިދާނެ ކަމަށް ބުނެ، އިންޒާރު ދޭން ޖެހެ އެވެ. ނަން އިއްވައި، މަޖިލިސް ދޫކޮށް ނުކުންނަން އަންގާނީ އޭގެ ފަހުންނެވެ.

މެދުހެންވޭރު ދާއިރާގެ އަލީ އާޒިމާއި (ކ) ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް.

އެކަމަކު ޝިޔާމް ވިދާޅުވީ ހަތަރު މެމްބަރެއްގެ ނަން ރިޔާސަތުން އިއްވެވީ އަވަސް އަރުވާލައިގެން ކަމަށެވެ.

"މަޖިލިހުގެ ނިޒާމު ގެއްލުވާލަން އެއްވެސް މެމްބަރަކު މަސައްކަތެއް ނުކުރޭ. މެމްބަރުންނަށް އިހްތިޖާޖް ކުރެވޭނެ. މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ރައްޔިތުން މިހާރު އެބަ ސުވާލު އުފައްދާ ހަގީގަތުގައި. މަޖިލިހުގެ ކަންތައްތައް ހިނގަނީ ކުޅޭކުޅޭ ގޮތަކަށް،" ޝިޔާމް ވިދާޅުވި އެވެ.

ނަޝީދު ސަމާސަ ކުރައްވަނީ.

މިހާރުގެ މަޖިލިހުގައި މަސައްކަތްކުރާ ކަމަށް ޝިޔާމް ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ޕްރޮފެޝަނަލް ކަމެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ. މިހާރު މި ފެންނަ ގޮތަށް މަޖިލިހުގެ ތެރޭގައި ސަމާސާކުރާ ނަމަ، އޭނާ ވިދާޅުވީ، ފާސްކުރާ ބިލްތަކަށް ރައްޔިތުން އިތުބާރުނުކޮށްފާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކަންކަމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހުދުމުހުތާރު ގޮތްތައް އިސްކުރުމަކީ އޮތް ހަމައެކަނި ގޮތް ނޫން ކަމަށެވެ. ހުދުމުހުތާރު ގޮތްތައް ބޭނުން ކުރުމަށް ވުރެ، މަޝްވަރާކުރުން ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަބްދުﷲ މަސީހް ހުންނެވި އިރު، އޭރު އޮތް އިދިކޮޅު އެމްޑީޕީން މަޖިލިހުގައި އަޑުގަދަކޮށް، އިހްތިޖާޖްކުރީ ރައްޔިތުންނަށް ކަންކަން ވިޔަނުދޭކަށް ނޫނެވެ. އޭރު އިހުތިޖާޖްކުރީ ގާނޫނުއަސާސީން ބޭރުން ކަންކަން ކުރާތީ ކަމަށް ވިދާޅުވި އެވެ.

"ކަންބޮޑުވެފައި ތިބޭކަށް ނުޖެހޭ، މަޖާކުރާ ވަގުތު ދާނެ"

އާޒިމް ވިދާޅުވީ މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް މަޖިލިހުގެ ގަވައިދުގައި ހިމެނޭ ހުރިހާ ކަމެއް ހަނދާން ނުހުރެދާނެ އެވެ. އެހެންކަމުން ގަވައިދާ އެއްގޮތަށް ކަމެއް ނުދާ ނަމަ، އެކަން ސަމާލު ކަމަށް ގެނައުމަކީ 86 މެމްބަރުންގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"އެކަން ރީތި ގޮތުގައި މެމްބަރަކު ވިދާޅުވެއްޖެ ނަމަ، އެކަމެއް އެބަ ރަނގަޅު ކުރޭ. މަޖިލިސް ގަވައިދާ ހިލާފަށް ހިންގަނީކީ ނޫން. ބައެއް ފަހަރު އަތް ދަށުން ދާ ކަންކަން ނޫނީ އާ ގަވައިދަށް އެހާ ފަރިތަ ނުވާތީ ގަވައިދަށް އަހުލުވެރިވަންދެން އަޅުގަނޑުމެން ތެދުވާން ޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.

ރިޔާސަތުގެ އަމަލުތަކާ ހުރެ، މަޖިލިހުގެ ޝަރަފާއި މެމްބަރުންގެ ހައިބަތާ މެދުގައި ބައެއް މީހުން ސުވާލު އުފައްދަމުންދާތީ އެކަމަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ މަޖިލިހުގެ ތެރޭގައި މަޖާކުރާ ވަގުތު ވެސް އަންނާނެ ކަމަށެވެ.

"މިސާލަކަށް ނަޝީދު ވިދާޅުވަނީ ކަށިގަނޑު ނުފުމެން ކަމަށް 100 ފަހަރު ލިޔަން. އޭގެ މާނައަކީ އެކަން ކުރާށެކޭ ނޫން. މި ހުންނަނީ މަޖަލަކަށް ދައްކާ ވާހަކަ،"

"އަބަދަކު ނުޖެހޭ ރުޅިވެރިކަމުގައި ތިބޭކަށް. ކިތަންމެ ސިޔާސީ ތަނެއްގައި ތިއްބަސް މަޖާވާ ވަގުތު އަންނަން ޖެހޭނެ."

އާޒިމް ވަނީ ޑރ. ޖަމީލަށް ވެސް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވުމުން ވެސް ރައްޔިތުން ބަލައިނުގަތީ "އަބަދުވެސް ސީރިއަސްކަމުގައި ހުންނަވާތީ" ކަމަށެވެ.

"މަޖިލިހަކީ އަބަދުވެސް ތަޅާފޮޅާ ތަނެއް ނޫން. މަޖާ ކަންކަން ވެސް ހިނގާ ތަނެއް ކަން ދައްކައި ދޭން ނަޝީދު ބޭނުންފުޅު ވަނީ. ހުދުމުހުތާރު ނޫން ކަމާއި އިންސާނުން އުޅޭ ތަނެއްގެ ގޮތުގައި ދައްކައި ދޭން އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ. މިއީ މަޖަލަށް ކުރާ ކަންކަން،" އާޒިމް ވިދާޅުވި އެވެ.

"[ޖަމީލް] އަނގަނުތަޅާ ސިޔާސީ ކަންކަމަށް ނުނިކުމެ ހުންނެވީމަ ރަނގަޅު ވާނީ. ޖަމީލަށް އެނގިވަޑައިނުގަންނަވަނީ މަޖަލާއި ސީރިއަސް ކަމަކީ ކޮބައި ކަން. ސީރިއަސްވީމަ، މަޖިލިހަށް ޖަމީލް ނުހޮވުނީ. ޖަމީލަކީ އަބަދުވެސް ރުޅި އައިސްފައި ހުންނަވާ ބޭފުޅެއް."

އެކަމަކު މަޖިލިހުގެ ތަޅުމުގައި މަޖަލަށް ވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން މެމްބަރުން ދެނެގަންނަން ޖެހެ އެވެ. އެހެންނޫނީ މާ ސަމާސާ ބޮޑު ތަނަކަށްވެ، އާންމުންނަށް އަނެއްކާވެސް މަޖިލިސް އެހެން ގޮތަކަށް ފެނިދާނެ އެވެ.

57 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑަމް

08 November 2019

މަޖިލީހުގެ ރައީސައް މިހާރު ނޫސްތައްކިޔާލީމާރައްޔިތުންގެ މާބޮޑުއިތުބާރެއްއޮތްކަމަކައްނުފެނޭހަމައެހެންމެ މަޖިލީހުގެ މެމްބަރުންގެސަކުވާގެއަޑުތައްވެސް ހައްދުންނައްޓާފަ!އަގަގަދަކަމުންދެއްކޭނުދެއްކޭވާހަކަނޭގޭ!މަޖިލީހުގެ ރައީސްހޮވަނީ މަޖިލީހުންކަމައްވާއިރު މަޖިލީހުގެރައީސްކަމައްމީނާއައް އިތުބާރުއޮތްތޯ ވޯޓެއްނަގާކައްނުޖެހޭބާ!!

The name is already taken The name is available. Register?

އަހަރެން..

07 November 2019

މި ހަބަރު މި އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފަކަނއ ފާހަގަކުރެވޭ...

The name is already taken The name is available. Register?

ރައްޔިތުން ގޮއްވަންނުހަދާ

07 November 2019

މީޑިޔާއަށް މިއަދު މައްސަލައަކަށް ވާކަމެ މިއަދު އެބައޮތްތަ. މަޖުލިހަށް އިންތިހާބުކުރޭ މީހުންނަކީ ތަސައްރަފު ނުފުދޭ ޅަދޮޅުކުދިންވިއްޔާ. ރައްޔިތުން ބޮޑުމުސާރަދީފަ މަޖުލިހަށް މީހުންހޮވަނީ ކިޔަވާ ޓިޔުޝަންކޮލާހަކަށްވިއްޔާ.. އެތަނުގެ ރިޔާސަތުގަ އިންނަމީހާއަކީ ދައުލަތު ދެވަނަ ބާރުގެ ޕްރިންސިޕަލެވިއްޔާ.. ދައުލަތުގެ ހަޒާނާ ލޫޓުވަންނުހަދާ ޓީޗަރުކަމު ދިޔާމަނިމުނީނުން ކިޔަވަދޭހިއްވަންޏާ އަދަބުއަހްލާގު ކިޔަވަދެންޏާވެސް މޑޕމީހުންނަ ކިޔަވަދޭންވީނުން..

The name is already taken The name is available. Register?

ގަމީހެއް

07 November 2019

ދުންމާރި އެއްޗެހި ފުމެނީ މޑޕ މީހުން ދޯ؟ ތަނުގެ ޝަރަފު ނަގައިލާ، ކުރާނެކަމެއްކޮށްފަ އިނގިލި ދިއްކުރަނީ މޑޕ މީހުންނާ ދިމާލަށް. އަހަރެމެން ސްކޫލްގަ އުޅުންއިރުވެސް ތިކަހަލަ ކަންކަން ކުރި. އޭގެ މީހުންނަށް އަހަރެމެން ކިޔައި އުޅުނީ ކޮމްޕްލޭން ބޯއީސް.

The name is already taken The name is available. Register?

ސަންޕަ ދަރި

07 November 2019

މައްސަލައެއްނޫން ބަދިގެއަކަށްވެސް ހަދަންވީ ކިހިނެއްވާނެބާ? ބޮޑުއިސްކްރީންގަ ފިލްމު އަޅުވާފަ ފިލްމުބަލަންވެސް އޯކޭ ރިޔާސަތުން ނިންމައިފިއްޔާ, މިހާރު މިއޮތް ރިޔާސަތުން ނިންމާކަށް ފަހަކަށް ނުޖެހޭނެ މިއަދު މަޖްލީހުގަ ކުރަން އޮތް ކަމަކީ މަސާޖު ކުރުން ކަމަށްވެސް. ހަމަ ތިބޭނެ އަތްޖަހަން.

The name is already taken The name is available. Register?

މަލްޑީވިއަންޓް

07 November 2019

ދެންފަހެ، އެމޭރުމުން މަހިބަދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކުރައްވާ ޢިއްޒަތްތެރި މެންބަރާ މެދު، މަޖިލީހުގެ ރިޔާސަތުން ކަންކުރުމީ، މަހިބަދޫ ދާއިރާގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ. ރައްޔިތުން ތަމްސީލުކުރައްވާ ބޭފުޅަކާމެދު އެފަދައިން އަމަލު ކުރެއްވިދާނެތޯ؟ ކޮބާތޯ ޑިމޮކްރަސީގެ ރޫހު؟ މިއީ އެއީ ޢިއްޒަތްތެރި މަޖިލީހެއްކަމާއި، އެތަނުގައި ތިއްބެވީ ރައްޔިތުންގެ ޢިއްޒަތްތެރި މަންދޫބުން ކަމުގައި ޤަބޫލު ކުރައްވާ ކޮންމެ މީހަކު ކުރައްވަން ޖެހޭ ސުވާލެކެވެ.

The name is already taken The name is available. Register?

ނުވެއޮތީ

07 November 2019

ދެން ހުރިހާ މެމްބަރުން ޔުނިފޯމެއްވެސް ލައްވަން ފެނޭ. މަޖްލިސް ސްކޫލަކަށް ހަދާއިރު އެކަންވެސް ކޮށްލަންވީ. މިހާރު ހަމައެކަނި ފިރިހެނުން ޓައީ އަޅައިގެން ފޯމަލްވެފަ ތިބީމަ ކަމަކުނުދޭ. އަންހެން މެމްބަރުންނަށްވެސް ޓައީ އެޅޭނީ ޔުނިފޯމެއް ލެއްވީމަ.

The name is already taken The name is available. Register?

އެލެކްސް އަހްމަދު

07 November 2019

މަގޭ ފޭވަރިޓް ކާޓުނަކީ ކުޑައިރު ޓޮމް އެން ޖެރީ.. މިހާރު ބޮޑު ވީމަވެސް ޓީވީން މިދައްކާ ދިވެހި ޓޮމް އެންޑް ޖެރީ އެހާ މަޖަލެއް ނޫން

The name is already taken The name is available. Register?

1234

07 November 2019

ނަށީސުއަށް ވެރިކަން ދިނީމަ އެކަމެއްވެސް ނުވި. ދެން ދިނީ ދެވަނަ ބާރު ގެ ރައިސްކަން. އެކަންވެސް ނުވީމަ ދެން ތިންވަނަ ބާރު ދީ..

The name is already taken The name is available. Register?

ޙިނި

07 November 2019

މަޖުލީހަކީ ގަލޮޅުދަންޑެއް، ނޫން ، މައްސަލަޔަކީ ވަގުންތައް ނުހިފޭތީ، ބޮޑެތި، ގޮންޑި ތައް ހިސޯރު ކޮއްގެން ތިބި ވަގުންތައް ހިފާހައްޔަރުކުރަންވީ

The name is already taken The name is available. Register?

މޯޑް

07 November 2019

ޖާބިރު ރައީސް ސޯލިހުއަށް ހިތުހުރިއެއްޗެއް ކިޔާއިރު އެމްޑީފީ މެންބަރުން ހަނުތިބުމަކީ ލަދުވެތި ކަމެއް. އެމަނިކުފާނު ދިފާއުގަ އެއްޗެއް ބުނެލަށް ކެރުނީ ގަފޫރަށްއެކަނި. ހުދު ރިޔާސަތައްވެސް އެއްޗެއް ބުނެލަށް ނުކެރުނި. ސޯލިހު ދެކެ ލޯބިވާ ކަމަށް ހެދިގެން އުޅޭ ގާސިމްފާޓީ ވެސް ތިބީ ހޭން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454