16 ނޮވެމްބަރ 2019 - 07:02
ކޮތަރު ބިންމަތީގައި ހިނގާއިރު ހިނގަން އުނދަގޫވެގެން އުޅޭތަން ފެނޭ ހެއްޔެވެ؟ މިއީ އެކި ސަބަބުތަކާ ހެދި ދިމާވާ ކަމެއްކަން، މިކަމާ ގުޅޭ ހޯދުންތަކުން އެނގެ އެވެ.
ކޮތަރަށް ހިނގަން އުނދަގޫވާ އެއް ސަބަބަކީ އިންފެކްޝަންތަކާއި އެކި ބާވަތުގެ ކެމިކަލް ތަޣައްޔަރުވުންތަކުން ކޮތަރުތަކުގެ އިނގިލީގެ ނިޔަފަތިތަކަށް ގެއްލުންވުމެވެ.
ނަމަވެސް އާ ހޯދަމަކުން މިކަމަަށް ދޭ ޖަވާބު މިހާރު ތަފާތެވެ. ފްރާންސްގެ ޓީމަކުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮތަރުގެ ފައިގެ އިނގިލިތަކަށް ގެއްލުންވުމުގެ އެންމެ ބޮޑު މެދުވެރިއަކީ އިންސާނުންގެ ބޮލުގެ އިސްތައްޓެވެ. އިސްތަށިތައް ކޮތަރުގެ ފައިގައި އޮޅި އެ އެއްޗެހީގެ ފަޔަށް ގެއްލުންވަނީ ކަމަށް އޭގައި ބުންޏެވެ.
ބައޮލޮޖިކަލް ކޮންޒަވޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ނެޝަނަލް މިއުޒިއަމް އޮފް ނެޗްރަލް ހިސްޓްރީ (އެމްއެންއެޗްއެން) އާއި ލިއޯން ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނިގޮތުގައި ކޮތަރުތަކުގެ ފަޔަށް ލިބޭ ގެއްލުން ކުޑަކުރެވޭނީ އިންސާނުންގެ އަމަލުތަކަށް ވެސް ބަދަލުތަކެއް ގެނެސްގެންނެވެ. އެހެންވެ އިސްތައްޓާ ދޭތެރޭ ސަމާލުވާން ޖެހޭ ކަމަށް ބުންޏެވެ.
"އެކަމަކު މިކަމާ ހެދި ހަގީގަތުގައި ކޮތަރުތަކާ ދޭތެރޭ މީހުން ދެކޭ ގޮތް ވެސް ތަފާތު. ބައެއް މީހުން ދެކޭ ގޮތުގައި ކޮތަރަކީ ނަޖިސް މުޑުދާރު އެއްޗެއް،" ދީރާސާ ޓީމްގައި ހިމެނޭ އެމްއެންއެޗްއެންގެ ފްރެޑެރިކް ޖިގްއޭ ވިދާޅުވި އެވެ. "ބައެއް މީހުން ދެކެނީ ކޮތަރުތަކަށް ގެއްލުން ލިބެނީ ކުނިބުނީގެ ތެރެއަށް އެރިގެން އުޅޭތީ ކަމަށް."
އެކަމަކު ހަގީގަތަކީ އިންސާނުންގެ އިސްތަށިތަކާއި ކޮތަރުގެ ހާލަތާ ގުޅުން ބޮޑު ކަމަށް ވިދާޅުވި އެވެ.
"އަހަރެމެންގެ އަމަލުތައް ހުންނަ ގޮތުން ވެށީގެ މުޑުދާރުކަމުގެ ވިކްޓިމްތަކަށް ކޮތަރުތައް ވަނީ،" ފްރެޑެރިކް ވިދާޅުވި އެވެ. "އެހެންވެ އިސްތަށިތަކަށް ސަމާލުވުމާ އެކު ތަންތަނުގެ ފެހިކަން އިތުރުކުރި ވަރަކަށް ކޮތަރުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy