ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑާ އެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހެދީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވާސިޓީ އޮފް އޯކްލެންޑްއާ ދެމެދުގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު މެންދުރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އީޕީއީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އީޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ އިދާރާ އިން ބުނި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.