ރިޕޯޓް / މަސްވެރިކަން

އެންވެރިކަން ވެސް ތަފާތު މަސްވެރިކަަމަކަށް! ވެދާނެތަ!

މަސްވެރިންތަކެއް އެންދަމަނީ: ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ބޮޑު ފަތިހާ ތެދުވެ، ދިވެހި މަސްވެރިން މަސައްކަތް ފަށަނީ ހާހަލުންނާއި ގިރިގިރިން އެން ދަމައިގެންނެވެ. ބައެއް ރޭރޭ ހޭލާ ތިބެ ދިއްލައިގެން ވެސް އެންދަމަން ޖެހެ އެވެ. އެން ހިފުމަކީ ދިވެހި މަސްވެރިކަމުގެ އެއްބަ އެވެ. ނަމަވެސް މިހާރަކަށް އައިސް އާންމުވަމުން ދާ ހިތާމަވެރި ކަމެއްގެ ސަބަބުން އެން ދެމުމާ މެދު ފުންކޮށް ވިސްނަން އެބަ ޖެހެ އެވެ. އެން ލިބުން ދަތިވުމުގެ ސަބަބުން އަޑިޔަށް ފީނަން ޖެހުމުން ނުރައްކާތެރި އެތައް ކަމަކާ ކުރިމަތިވަނީ އެވެ.

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެ އެތައް މަސްވެރިއެއްގެ ފުރާނަ ގެއްލި އަނެއް ބަޔަކު މުޅި އުމުރަށް ނުކުޅެދޭ ހާލަތަށް ވަނީ ގޮސްފަ އެވެ. ގއ. އާއި ގދ. އަތޮޅުގައި އެފަދަ ހާދިސާތައް ހިނގުން އިތުރެވެ. މި ފަހުން ވަނީ އެތައް މަސްވެރިންނަކަށް އެކަން ދިމާވެފަ އެވެ. ދެކުނުގެ އަތޮޅުތަކުން ތިލައިން އެން ނުލިބޭތީ އެން ހިފުމަށް ޑައިވް ކުރުމަކީ އާންމު ކަމެކެވެ. ރައްކާތެރިކަން ކަށަވަރުކުރަން އޮންނަ އުސޫލުން ބޭރުން ޑައިވް ކުރާތީ ނުރައްކާތެރި ހާދިސާތައް ދިމާވަނީ އެވެ.

ޑީކޯވުމުގެ އިތުރުން މަސްވެރިންގެ ވަގުތު ސަލާމަތް ކުރުމަށާއި އެން ލިބުން ދަތި ދުވަސްތަކަށް ހައްލެއް ގެނައުމަށް ވެސް އެންވެރިކަން ރާއްޖެއަށް މުހިންމެވެ. މިހާރު މަސްވެރިން އާންމުކޮށް ދުވާލަކު ހައެއްކަ ގަޑިއިރު އެން ދަމަން އުޅެ އެވެ. އެން ނުލިބިގެން ތެޔޮ އަންދާފައި ދިގު ދަތުރުތައް ކުރަން ޖެހެނީ އެވެ. މަސްވެރިކަން ކިތަންމެ ރަނގަޅު ނަމަވެސް އެން ނުލިބިގެން މާކަނޑަށް ނުނިކުމެވި ތިބެން ޖެހެ އެވެ.

ދޮށީގެ މަސްވެރިކަން ކުރަން އާންމުކޮށް ރާއްޖޭގައި ބޭނުން ކުރަނީ ރެއްސާއި ހޮޑެލި އަދި މުގުރާމެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމަށް ރިންމަހާއި މުށިމަހެވެ. އެންމެ ފަސޭހައިން އެން ލިބެނީ ޅ. އަތޮޅުންނާއި ރ. އަތޮޅުންނެވެ. އާންމު ގޮތެއްގައި އުތުރުގެ އަތޮޅުތަކުން އެން ހޯދަން އުނދަގޫ ނޫން ކަމަށް މަސްވެރިން ބުނެ އެވެ.

ރާއްޖެއަށް މުޅިން އާ ވިޔަފާރިއެއް!

ފިޝަރީޒް މިނިސްޓްރީން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި 2021 ގައި ކުރާ ކަންތައްތަކުގެ ތެރޭގައި އާ މަސްވެރިކަމެއްގެ ގޮތުގައި ރާއްޖެއަށް އެންވެރިކަން ތައާރަފްކުރަން ހިމަނާފައިވެ އެވެ. އެ އަހަރަށް ޕްލޭންކޮށްފައި އޮތީ އެކަން ކުރާނެ ގޮތުގެ ދިރާސާއެއް ހެދުމަށެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ކުރި ކަމަކަށް ނުވާތީ އެ ދިރާސާގައި ބަލާނެ އެއް ކަމަކީ އެއީ ރާއްޖޭގައި ކުރެވޭނެ ކަމެއްތޯ އެވެ.

ދިވެހި މަސްވެރިން އެން ދަމަން މޫދުގައި: ބައެއް ހިސާބުތަކުން އެމެއް ނުލިބޭ

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ މަސްވެރިން މިހާރުވެސް އެ އުސޫލު ބޭނުން ކުރެ އެވެ. އެގޮތުން ޖަޕާނަކީ ފުޅާ ދާއިރާއެއްގައި އެންވެރިކަން ކުރާ ގައުމެކެވެ. އެންދިރުވައި އާލާކުރާ ހާއްސަ ކުންފުނިތައް އެ ގައުމުގައި ހިންގަ އެވެ. މަސްވެރިން މަހަށް ފުރަނީ އެ ކުންފުނިތަކުން އެން ގަނެގެންނެވެ.

އެންވެރިކަން ކުރާ ކުންފުނިތަކުން ކުރާނެ ހަމައެކަނި މަސްވެރިކަމަކީ އެން ހިފުމާއި އެންދިރުވައި އާލާކުރުމެވެ. އެކި ހިސާބުތަކުގައި ކޮށި ބަހައްޓައިގެން އެން ދިރުވާނީ އެވެ. މަސްވެރިން އެތަންތަނާ ކައިރިކޮށް ބޭނުންވާ ވަރަށް އެން ގަނެގެން މާކަނޑަށް މަހަށް ނުކުންނަންވީ އެވެ.

"އައިސް ގަންނަ އުސޫލުން އެން ވެސް ގަނެގެން މަސްވެރިންނަށް ދެވޭނެ އޭރުން. ވަގުތު ސަލާމަތް ވެފައި ފަސޭހަވާނެ،" އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ތަރުހީބު ލިބޭނެތަ؟

ކަންނެލީގެ މަސްވެރިކަމުގައި އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ މަސްވެރިއަކު ބުނީ މާލޭން އުތުރުގައި މަސްވެރިކަން ކުރާއިރު ގިނަ ދުވަސްވަރު އެން ލިބުމުގައި ދަތިކަމެއް ނޫޅޭ ކަމަށެވެ. އެހެންކަމުން މާލޭން އުތުރުގައި މަސްވެރިކަން ކުރާ މީހުން އެން ގަނެގެން އެކަން ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ. އެން ގަތުމަށް އިތުރު ހަރަދެއް ކުރަން ބަލާއިރު އެންމެ ބޮޑު މައްސަލައަކަށް ވާނީ މަހަށް ހަމަ އަގު ނުލިބުން ކަމަށް ބައެއް މަސްވެރިން ބުނެ އެވެ.

"ތެޔޮ ގަނެގެން، އައިސް ގަނެގެން، އެން ގަނެގެން ކިހިނެއް މިކަން ކުރާނީ؟ ހަމަ އަގެއްގައި ލިބެންޏާ އެކަން ވާނީ،" އެ މަސްވެރިޔާ ބުންޏެވެ.

ދިވެހި މަސްވެރިން މަސް ބާނަނީ: މަސްވެރިކަން ބިނާވެފައި އޮންނަނީ އެންވެރިކަމަށް --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ.

ބައެއް ތަޖުރިބާކާރުން ވެސް އެކަމާ އެއްބަސްވެ އެވެ. ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާނާ މަހަށް ރަނގަޅު އަގެއް ނުލިބިގެން އުޅޭއިރު އެން ގަނެގެން މަސްވެރިކަން ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. އަދި އެމަކީ ހިލޭ ލިބެން އޮތް އެއްޗަކަށް ވާއިރު އެ ގަންނަން މަސްވެރިން ދާނެ ކަމަށް އޭނާ ގަބޫލެއް ވެސް ނުކުރައްވަ އެވެ.

"މުސާރަ ދީގެން ގެންގުޅޭ ކެޔޮޅުން އެ ތިބެނީ އޮޑިފަހަރުގައި. އެހެންވީމަ އޮޑިވެރި މީހާ ބޭނުމެއް ނުވާނެ ހިލޭ ލިބެން އޮތް އެއްޗެއް ގަންނަން ދާކަށް،" މަހާ ގުޅޭ ތަފާތު ދިރާސާތައް ހެއްދެވުމުގައި އުޅުއްވި ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްވެރިން އާންމުކޮށް ބޭނުންކުރާ ރެހި ފަދަ އެމަކީ އުމުރު ކުރު އެއްޗަކަށް ވާއިރު އެ ބަލަހައްޓައި ގެންގުޅުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. އެހެންކަމުން އެކަން ކުރަން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު އެ ހަރަދު ފޫބެއްދޭވަރުގެ ތަރުހީބެއް ލިބޭނެ ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ.

އެކަމަކު އެންވެރިކަން ކުރާނެ ވަކި ބަޔަކު އުފައްދައި، އެގޮތަށް ބައްޓަންކޮށްފި ނަމަ، ފަތިހާ ނުކުމެ އެން ފިހަން އުޅެން ޖެހޭ ޖެހުމަށް ހަމަގައިމުވެސް ފަސޭހަތަކެއް އަންނާނެ އެވެ. އަދި މިއީ ޑީކޯވުން ފަދަ ނުރައްކާތެރި ހާލަތްތަކުން މަސްވެރިން ސަލާމަތް ކުރެވޭނެ ސަބަބަކަށް ވެސް ވާނެ އެވެ. ފުނަން ފީނައިގެން ވެސް އެން ހޯދަން އުޅެނީ ފަސޭހައިން އެން ނުލިބޭތީ އެވެ. އެހެންކަމުން އެންވެރިކަން، ވަކި މަސްވެރިކަމެއްގެ ގޮތުގައި ތައާރަފުކުރުމަކީ، ބައެއް މަސްވެރިންނަށް ފަސޭހައަކަށް ވެސް ވެދާނެ އެވެ.

9 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދުކަލޯ

23 November 2019

"ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު... ...އަދި އެމަކީ ހިލޭ ލިބެން އޮތް އެއްޗަކަށް ވާއިރު އެގަންނަން މަސްވެރިން ދާނެކަމަށް އޭނާ ގަބޫލެއްވެސް ނުކުރައްވައެވެ"== ތިކަހަލަ ތަންދޮރު ނުދަންނަ މީހުން މިނިސްޓްރީތަކުގަ އުޅޭތީ ކަންކަންނުވަނީ... އެންދަމަން ކަންޑުމަތީ ކޮންމެ ވަގުތަކީ ހަރަދުތަކެއް.. މުސާރަ، ތެޔޮ، ކެއުންބުއިން.. މިހަރަދުތަކަށް ވުރެ ކުޑަ އަގަކަށް އެން ލިބެންޔާ ގަންނާނެއެވެ. އެންމެނަށް މާ ވަގުތާއި ފައިދާ ވާނެއެވެ.

The name is already taken The name is available. Register?

ޢައްޔުބޭ

22 November 2019

ވަރަށް ރަގަޅު ކަމެއް، މިސާލަކަށް އައްޑު އަތޮޅުން އެންވެރިކަން ލިބެން ނެތުމާއެކު ހުވަދުއަތޮޅޫން އައްޑޫ މަސްވެރިންނަށް އެން ފޯރުކޮށްދިނުމުގެ ޚިދުމަތް ދެވިދާނެ. އެންވެރިންވާނީ އެންވެރި މަސްވެރިކަމަށް ޙާއްޞަ ބަޔަކަށް ، އެހެންކަމުން ހިތާމަ ވެރި ހާދިސާތައްވެސް މަދުކުރެވިދާނެ.

The name is already taken The name is available. Register?

އަލީގ

22 November 2019

ވަގުތަކީ ފައިސާ. އެންހިފަން ހޭދަކުރަންޖެހޭ ވަގުތު މަސްވެރިކަމައް ހޭދަކޮއްގެން ލިބޭނެފައިދާ އެންގަންނަން ލިބޭއަގަކައް ވުރެ ބޮޑުނަމަ އެންގަނެގެން މަސްވެރިކަން ކުރާނެ.

The name is already taken The name is available. Register?

ހަސަންކޮ

22 November 2019

މިހާރު މަސްވެރިން ރެއްސާއި ހޮޑެލި އަދި މުގުރާމަކު މަހެއް ނުބާނާ. މިހާރު ހުރިހާ މަސްވެރިންވެސް ބަލަނީ ބޯދި ހިފޭތޯ. ނޫނީ މިޔަރެން.......!!!

The name is already taken The name is available. Register?

ބްރީޑިންގް

22 November 2019

މެރިން ސައެންސް ގެ އަލީގައި މަސްބާނަން ބޭނުން ކުރާ އެމަކީ އެއީ ފެކްޓަރީ ސްޓައިލަށް ދިރުވާ އާލާ ކޮށްގެން އުފެއްދިދާނެ ޕްރޮޑަކްޓެކޭ މިސާލަކަށް ގެރި ކިރު އަދި ކުކުޅު މަސް އުފައްދާ ގޮތަށް މިކަން ވެސް ވާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ މިކަން ކުރެވޭނީ ވިޔަފާރީގެ ފުރުސަތު ތައް އޮންނަ ތަން ތަނުގައޭ އެގޮތުން ބަލާއިރު މިކަން ކުރުމަށް ޓަކައި މާލެ ސަރަހައްދުން ގާފަރުން މީހުން ބަދަލު ކޮށް ހަދާ ގާފަރު ފަޅު އެއްކޮށް ހިއްކާލާ އެތަނުގައި ހަދަންވީއޭ އެން

The name is already taken The name is available. Register?

ޚިޔާލީ ފޮލާ

22 November 2019

މިސަރުކާރަށް ތިކަމެއް ނުވާނެ އެވެ.ޔާމީނު ނަމަ ކޮށްފާނެއެވެ. ނުވާނެ ކަމަށް އަންނި ބުނި ބްރިޖް ވެސް އެ އޮތީ ވެފައެވެ.

The name is already taken The name is available. Register?

ނަން

22 November 2019

ޔާމީން ކީއްކުރަން. މަށަށްްވެސް ސަރުކާރެއް ދަރުވާލާ ވަރު ބޮޑުލޯނެއް ނެގުމުގެ ބާރު ލިބިފަ ބޮޑު ކަމިޝަން ލާރިގަޑެއް ކާން ލިބެންޏާ އެއް ބްރިޖް ކީއްކުރަން ހަ ބްރިޖް އަޅަާނަން/.

The name is already taken The name is available. Register?

ހައިރާން

22 November 2019

އާނ ފަހެ. ހެދުނާ ނުކުމެ އެން ފިހަން އުޅެންޖެހުމަކީ ބޮޑުކަމެއް. މިއުޅެނީ މަސްބާނަން ބޭނުންވާވަރަށްވެސް އެން ނުލިބިގެން. އަދި އެން ފިހަންވެސް ވީޔޯ....

The name is already taken The name is available. Register?

ދިސްވޭއޭ

22 November 2019

މާކެ ސަރަހައްދުން ފުށި ދިއްގަރު ފަޅުހިއްކާލާ އެތަނުން ކުއްޔަށްދޭންވީ މާލެ ސަރަހައްދުގައި މަސްވެރިކަން ކުރަން ބޭނުންވާނެ ކޮންމެ މީހަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް ދެން އެއިރުން އެތަނުގައި ބޮޑެތި އިމާރާތް ތައް 25 ބުރި އަށް ނަގައިގެން ކޮންމެ ފްލޯރ އެއްގައި ޓޭންކްސް ތައް ހަދައިގެން އެ ޓޭންކްސް ތަކުގައި އެން އާލާކޮށް ދިރުވީމާ ނިމުނީ އެއް ނޫންތޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454