ބެލެނިވެރިއަކު، ދަރިވަރުގެ ރިޕޯޓު ކާޑު ބަލަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ނޮވެމްބަރ 2019 - 21:38
މީގެ ކުރިން ދެމުން އައީ ރިޕޯޓު ފޮތެކެވެ. އޭގައި ހުންނާނީ ވަކި ވަކި މާއްދާތަކުގެ މާކްސް އާއި ޓީޗަރުން ދީފައި ހުންނަ ކޮމެންޓެވެ. ދަރިވަރަށް އެނގޭ އެއްޗެހީގެ މައުލޫމާތު އެހާ ތަފްސީލްކޮށް ފެންނާކަށް ނުހުރެ އެވެ. ނަމަވެސް މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް ރިޕޯޓު ދޭން ނިންމުމާއެކު ބެލެނިވެރިންނަށް ވަނީ ވަރަށް ބޮޑު ފަސޭހައެއް ލިބިފަ އެވެ.
ފައުންޑޭޝަނުން ފެށިގެން ކީސްޓޭޖް ފަހެއް (ގްރޭޑު 11، 12) އާ ދެމެދު ހުރިހާ ދަރިވަރުންގެ ފޮތްތައް މިއަހަރުން ފެށިގެންދޭން ހަމަޖައްސާފައިވަނީ މީމިސް މެދުވެރިކޮށެވެ. އެގޮތަށް ދިން ނަމަވެސް ޕްރިންޓްކޮށްފައިވާ ރިޕޯޓުކާޑު ބެލެނިވެރިންނަށް ދީފައިވެ އެވެ. އެކަމަކު އޭގައި ހިމެނޭނީ ހަމައެކަނި މާއްދާއާ ގުޅޭގޮތުން ޓީޗަރުން ދޭ ތަފްސީލެވެ.
ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، މީމިސްގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅު އެނގޭ މިންވަރާއި އެނގޭ އެއްޗެހި ވަރަށް ރަނގަޅަށް އެނގިފައިވާ ކަމަށެވެ. އެގޮތުން ވަކި ވަކި މާއްދާތަކުގައި ކިޔަވައިދީފައި ހުންނަ ފިލާވަޅުން ދަރިވަރު ހާސިލްކުރި މިންވަރު އެނގޭ ކަމަށް ބުންޏެވެ. އެއީ ނޭނގޭ އެއްޗެހި އިތުރަށް ދަސްކޮށްދިނުމަށް ބެލެނިވެރިންނަށް ލިބޭނެ އެހީއެއް ކަމަށް ބުންޏެވެ.
"ވަރަށް ބޮޑު ފަސޭހައެއް، ވަރަށް ބޮޑު ލުއެއް މި ލިބުނީ މީމިސް އިން ރިޕޯޓު ދޭން ފެށުމާއެކު،" ބެލެނިވެރިއަކު ބުންޏެވެ.
މިސާލަކަށް، ގުރުއާން މާއްދާގައި ވަކި އާޔަތެއް ރަނގަޅަށް ކިޔަން އެނގުމާއި ވަކި އަކުރެއް ކިޔުމުގައި އުނދަގުލެއް ހުންނަ ނަމަ އެކަން ވެސް ފާހަގަކޮށްފައި ވެ އެވެ. އޭގެ އިތުރުން އެސެސްމަންޓްތަކާއި ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ދަރިވަރު ބައިވެރިވާ ހަރަކާތްތަކުގެ މައުލޫމާތު ވެސް އެނގޭނެ އެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު 2017 ވަނަ އަހަރު ތައާރަފްކުރި މި ސިސްޓަމް މެދުވެރިކޮށް، ދަަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުންހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވޭނެ އެވެ.
މާލޭގެ ސްކޫލަކުން ވާހަކަދެއްކި ޓީޗަރަކު ބުނީ، މީގެ ކުރިން ރިޕޯޓު ފޮތް ތައްޔާރުކުރުމަށް ވަރަށް ގިނަ ޕޭޕަރު ބޭނުންވާ ކަމަށެވެ. އެހެންވެ ހަރަދުގެ ގޮތަށް ބަލާއިރު ވެސް މީމިސް އިން ރިޕޯޓު ތައްޔާރުކުރުމުން ފައިދާކުރާނެކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ރިޕޯޓުފޮތް ހެދުމަށް ކޮންމެ ދަރިވަރަކަށް 17 ވަރަކަށް ޕޭޖް ހަރަދުވެ އެވެ. އެކަމަކު މިހާރު ރިޕޯޓު ކާޑު ހެދުމަށް ކޮންމެ ދަރިވަރަކަށް ބޭނުންވަނީ 2-3 ސަފުހާ އެވެ.
"ކުރިން ކޮންމެ ޕޭޖެއް ސެޓަޕް ހަދާފައި ޕްރިންޓްކުރަން ޖެހޭނީ. މިހާރު ވަގުތު ސަލާމަތްވެގެންދޭ،" އެ ޓީޗަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯއްޗެ
22 November 2019
މީމިސްގައި މަސައްކަތް ކުރުމަކީ ގިނަ ސްކޫލްތަކާއި ޓީޗަރުންނަށް ބޮޑު ވޭނެއް. އިންޓަރނެޓް ސްޕީޑް އިންތިހާއަށް ދަށް. މީމިސްގެ ސާރވަރ ޑައުންވުން، މީމިސްގައި ކަސްޓަމައިޒްނޫން އެތައް ކަމެއް. މިޒަމާނުގައި މީހަކު އެއްޗެއް ހަދާފަ ހުންނަ ކަހަލަ ފަސޭހަ ގޮތަކަށް މަސައްކަތްކުރަން ހަދާފަ ހުންނަ އެއްޗެއް ނޫން މީމިސްއަކީ. އަނެއްކޮޅުން ހައްލުނުވާ އެތައް ބައިވަރު މައްސަލަތައް މީމިސްގަ އެބަހުރި. އަދި މީމިސްއަކީ ހަމަ ބޮޑު ވޭނެއް. ފަހުން ރަނގަޅުވާނެ ތޯއްޗެ.
ހަސީ
21 November 2019
އިންޓަރނެޓް ބޭނުންނުކުރާ ސްމާޓް ފޯނު ބޭނުން ނުކުރާ ވަރަށް ނިކަމެތި އާއިލާތައްވެސް އެބަތިބި. އެފަދަ އާއިލާގެ ކުދިންގެ ބެލެނިވެރިންނަށް ކުއްޖާގެ ރިޕޯޓް ބެލޭނެ ގޮތެއް އޮވޭބާ.
އަޖުވަދު
22 November 2019
އެފަދަފަރާތްތަކަށް ޕްރިންޓްކޮށްފައި ރިޕޯޓްފޮތް ދެވޭނެ
އެމް
21 November 2019
ކުރިޔަށް އެޅުނު ރަގަޅު ފިޔަވަޅެއް. މި ސިސްޓަމަށް ޕޭރެންޓުން އަހުލުވެރި ކުރުވަންޖެހޭ. ބައެއް ދިވެހިންނަކީ ކޮންމެކަމެއް ނެގެޓިވްކޮށް ނަގާ މީހުން.