24 ނޮވެމްބަރ 2019 - 10:04
ބެރްގާމޯ (ނޮވެމްބަރު 24) - ގޮންޒާލޯ ހިގުއައިން ވައްދާލި ލަނޑުތަކާ އެކު ފަހަތުން އަރައި އެޓަލާންޓާ 3-1 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ފުރަތަމަ 13 މެޗަށް ފަހު ޔުވެންޓަސް އެއް ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އިންޓަ މިލާން އޮތީ 34 ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ރޭ ޓޮރިނޯ އަތުން 3-0 އިން މޮޅުވެފަ އެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރާ އެޓަލާންޓާ އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކުރި ހޯދީ 56 ވަނަ މިނެޓުގައި ރޮބިން ގޮސެންސް އެވެ. އަނިޔާގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭތީ ޔުވެންޓަސް އަށް އުނދަގޫވާނެ ކަމަށް ބެލެވުނު ނަމަވެސް ހިގުގައިން ތަފާތު ދެއްކީ އެވެ. އޭނާ 74 ވަނަ މިނެޓުގައި އެއްވަރުކޮށްދީ އަދި މޮޅުކޮށްދިނީ 82 ވަނަ މިނެޓުގަ އެވެ. އަދި ތިން ވަނަ ގޯލް ޕައޮލޯ ޑީބަލާ ޖަހަން މަގުފަހި ވެސް ކޮށްދިނެވެ.
ޔުވެންޓަސްގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ނަޕޯލީގައި ވިދާލި ފޯވާޑް ޔުވެންޓަސްގައި ވެސް މޮޅަށް ކުޅެނިކޮށް މިދިޔަ ސީޒަނުގައި އެ ޓީމުން އޭނާ ދޫކޮށްލީ ރޮނާލްޑޯ ގެނައުމަށް ފަހު އެވެ. މިދިޔަ ސީޒަނުގައި ލޯން އުސޫލުން އޭސީ މިލާނާއި ޗެލްސީ އަށް ކުޅުނު ހިގުއައިން މި ސީޒަނުގައި އަލުން ޔުވެންޓަސް އަށް ގެނައީ އޭނާ އަށް މިދިޔަ ސީޒަނުގައި ޗެލްސީގައި ކޯޗުކޮށްދިން ސާރީ ޔުވެންޓަސްއާ ހަވާލުވުމަށް ފަހު އެވެ.
މި ސީޒަނުގެ ލީގު ޗެމްޕިއަން ކަމަށް ޔުވެންޓަސްއާ އެންމެ ބޮޑަށް ވާދަކުރާ އިންޓަ މިލާނުން ރޭ ރަށުން ބޭރުގައި ޓޮރިނޯ އަތުން 3-0 އިން މޮޅުވި މެޗުގައި ގޯލްތައް ޖަހައިދިނީ ލޮޓާރޯ މާޓިނޭޒާއި ސްޓެފަން ޑި ވްރައި އަދި ރޮމެލޫ ލުކާކޫ އެވެ.
ރޭ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ނަޕޯލީއާ 1-1 އިން އެއްވަރުވެފަ އެވެ. ނަޕޯލީ އަށް ހާވިން ލޮޒާނޯ ކުރި ހޯދައިދީފައިވަނިކޮށް މިލާނަށް އެއްވަރުކޮށްދިނީ ޖިއަމޯކޯ ބޮންވެންޗޫރާ އެވެ. ނަޕޯލީ 20 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތްއިރު މިލާން އޮތީ 14 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
25 November 2019
މުޅިންވެސް މެސީގެ ނުފޫޒާ ހެދި ފުރުސަތު ނުލިބޭ އާރޖެންޓީނާ ކުޅުންތެރިންގެ މޮޅު ކުޅުން. ހިގުއައިން، ޑީބަލާ، މާރޓިނޭޒް. މެސީ ހުރިހާ ދުވަހަކު އޭނާއަށްވުރެ މޮޅު ކުޅުންތެރިޔަކު ހުއްޓަސް ބާކީކޮށް ކުޅުން ހަލާކު ކޮށްލެވޭތޯ ބަލާނީ.