ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕޯސްޓަރެއް
24 ނޮވެމްބަރ 2019 - 16:34
ރ. މަޑުއްވަރީ އަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ގަތުލެއްގެ ތެރެއިން ފަޅާއެރީ ހިތްދަތި އެހެން މައްސަލައެކެވެ؛ ކައިވެނީގެ ނަމުގައި ކުޑަ އަންހެންކުދިން ޖިންސީ ޝިކާރައަކަށް ހެދުމެވެ. އެ ގްރޫޕްގެ ފަތިފުށް ތިލަވެގެން ދިޔައިރު، އަނިޔާ އަށް ހުށަހެޅިފައި ވަނީ އެންމެ ކުއްޖެއް ނޫން ކަން އެނގެ އެވެ. އުމުރުން އެންމެ އަށް އަހަރުގެ ކުދިންނަށް ވެސް މި ބިރުވެރިކަން އޮތެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ 13 އަހަރުގެ ކުއްޖަކު ބަލިވެ އިނުމެވެ. ކައިވެނީގެ ނަމުގައި ޖިންސީ ގުޅުން ހިންގައި އެ އުމުރުގައި ބަލިވެއިނދެ، އެ ކުއްޖާގެ ދިރިއުޅުން ހަލާކުކޮށްލީ އެވެ.
އެ ހާދިސާ ރިޕޯޓް ކުރުމުގައި އެއީ "ސައްހަ ނޫން ކައިވެންޏެއް" ކަމަށް ލިއުމުން ބޮޑު ބަހުސެއް މިވަނީ އުފެދިފަ އެވެ. އެ އަމަލު، ކައިވެންޏަކަށް ވާނެ ގޮތަކާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ.
ކަން ހިނގި ގޮތް އާއްމުންނަށް އޮޅުންފިލުވަން، އެންމެ އެކަށީގެންވާ އިބާރާތަކީ "ކައިވެނި" ކަމުގައި ޚަބަރުތަކުގައި ރިޕޯޓްކުރި ނަމަވެސް އެއީ ކައިވެންޏެއް ނޫނެވެ! އެ އަމަލު ފެތެނީ، ގާނޫނުގައިވާ ގޮތުން، ރޭޕަކަށެވެ.
ސަބަބަކީ 13 އަހަރުގެ ކުއްޖަކާ ކައިވެނި ކުރުމަކީ ގާނޫނީ ގޮތުން ވެސް ހުއްދަ ކަމަކަށް ނުވާތީ އެވެ.
"ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެއީ ކައިވެންޏެއް ކަމަށް ނުބެލެވޭނެ. އެ ކުށް ފެތޭނީ، ރޭޕްކުރުމަށް،" އާއިލީ އަދި ކައިވެނީގެ މައްސަލަތަކުގެ ތަޖުރިބާ ހުރި ގާނޫނީ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި މުޖުތަމައުގެ މަސްލަހަތަށް ވަރަށް ބޮޑު އިސްކަމެއް ދީފައި އޮންނައިރު، މުޖުތަމައުގެ ހައްގަށް ބަލައި، ކަނޑައަޅާފައި ހުންނަ ކަންކަމަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
މި ދައްކަނީ، ސްކޫލްގައި ކިޔަވަން ތިބޭ އުމުރުގެ ކުޑަކުދިންގެ ވާހަކަ އެވެ.
ގެވެށި އަނިޔާގެ ކުށްތައް ކަނޑައަޅައި ގާނޫނުގައި ބުނެފައި އޮންނަ ގޮތުން އަނބިމީހާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގަން އުޅެފި ނަމަވެސް ފެތެނީ ރޭޕްގެ ކުށަށެވެ. އޭގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، 13 އަހަރުން ދަށުގެ ކުޑަކުދިންނާ މެދު ސުވާލު އުފައްދާނެ ތަނެއް ނެތެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ކުޑަކުދިންނާ ކައިވެނި ނުކުރެވޭނެ ކަން އަދި އެ އަމަލު ފެތޭނީ ރޭޕްގެ ކުށަކަށް ކަން ގާނޫނުތަކުގެ މާއްދާތަކުން ތަފްސީލުކޮށް ދެއްވައިފަ އެވެ.
Law is clear;
— Hussain Shameem (@HuShameem) November 23, 2019
1. Minor (13 y/o) cannot give valid consent to sex.
2. Sec 130 of penal code makes Rape a grade 2 falony punishable for up to 15 yrs in prison.
It's not the lack of laws, rather the leadership of Criminal Justice System actors to actually ACT. Unbelievable. 😐 pic.twitter.com/BCNLmfnybG
ޝަމީމްގެ ޓުވީޓް.
އޭނާ އެކަން ސާފުކޮށްދެއްވީ، 2009 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލްތަކަކުން އަމަލުކުރުމުގެ ގާނޫނުންނެވެ.
އުމުރުން 13 އަހަރުން ދަށުގެ ކުޑަކުއްޖަކީ އެއްވެސް ހާލަތެއްގައި އެއްވެސް ގޮތަކަށް ޖިންސީ އަމަލެއް ހިންގުމަށް ރުހުން ދެވިދާނެ މަގާމެއްގައި ހުރި ކުއްޖެއް ކަމުގައެއް މި ގާނޫނުގެ ބޭނުމަށްޓަކައި ނުބެލެވޭނެ އެވެ. އޭނާ ރުހުން ދިން ކަމުގައި ވީ ނަމަވެސް އެއީ މި ގާނޫނުގެ މަގްސަދަށް ބާތިލް ރުހުމެކެވެ.
އެއާއެކު، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުއްޖަކު ޖިންސީ އަމަލެއް ހިންގަން ރުހުނު ކަމަކަށެއް ނުބެލެވޭނެ އެވެ. އަދި އެހެން ގޮތަކަށް ސާބިތުނުވާ ހިނދަކު، ބަލާނީ ޖިންސީ އަމަލު ހިންގީ އެ ކުޑަކުއްޖާގެ ރުހުމުގައި ނޫން ކަމަށެވެ.
ގާނޫނުލްއުގޫބާތުގައި އެ ކުށް ދަރަޖަކޮށްފައި ވަނީ ރޭޕްގެ ކުށުގެ ގޮތުގަ އެވެ.
އުމުރުން 13 އަހަރުގެ ކުދިންނާ ކައިވެނިކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު، ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ އަދި ތިން މަސް ފަހުންނެވެ.
އެހެންކަމުން، 13 އަހަރުގެ ކުއްޖާ ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ އަށް ކައިވެނީގެ ނަމެއް ނުދެވޭނެ އެވެ. އެ އަމަލުވާނީ ރޭޕަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭގޭތިއަހާލީ
26 November 2019
ރޭޕަށް ދިވެހިން ކިޔަނީ ކީކޭ؟ އެނގޭ މީހަކު ހުރިއްޔާ ބުނެލަދީބަލަ
އޮޅިއްޖެ
25 November 2019
ދީނުގެ ނަމުގަ ދީނީ ތުނބުޅީގެ ފަހަތުގައި ތިބެގެން ޝަހުވާނީ އެދުންވެރިކަމުގަ ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރެނީ.
ހާހާ
25 November 2019
ތުނބުޅި ނެތް މީހުންވެސް އަންހެނުން ރޭޕްކުރޭ. އެއީ ތުނބުޅި އާއި ގުޅުންހުރި ކަމެއްނޫން ކޮއްކޯ.
ވޯލް
25 November 2019
ޖިސްމާނީ ގޮތުން ކުއްޖާ ބާލިއުވުން އެއީކި ހަމަ އެކަނި އެކުއްޖާއަށް ކައިވެނި ކުރަން ހުއްދަ ދޭންޖެހޭ ސަބަބެއް ނޫން. މިޒަމާނުގައި މީހުންގެ ދިރިއުޅުމާއި ކަންކަމށް ރިޔާއަތް ކުރާއިރު 13 އަހަރުގެ ކުއްޖަކަށް ކައިވެނި ކޮށްގެން އެކައިވެނި ދެމެހެއްޓޭނެ ޤާބިލުކަމާިއ ވިސްނުން ހުންނާނެ ކަމަށް ޤަބޫލު ކުރެވޭ މީހުންނަށް ނަފްސާނީ ބައްޔަށް ބޭސްކުރަން ފެނޭ. 13 ކުދިން މިޒަމާނުގައި ވިސްނުން ހުންނަނީ ކުޅުމައި ސަކަރާތްޖެހުމުގައި. ދުނިޔެވީ ދިރިއުޅުމަކީ ކޮބައިކަން ނޭންގޭ.
ވޯލް
25 November 2019
މި އާޓިކަލް މޑޕ ގެ ލިޑަރސިޕްއިން ކިޔާލަން ފެނޭ، އެމީހުންގެ ހާޑްކޯ އެކްޓިވިސްޓެއް އެއް އިރެއްގައި ކުޑަ ކުއްޖަކާ އެކު އޮށްވާ ވަނީ އަތިލައިގަނެ ހުކުމްވެސް ކުރެވިފަ، ފަހުން އެކުއްޖާ އޭމީހަކާ ކައިވެނި ކުރިކަމުގައިވިއަސް، އޭނަ އޭރު ކުރި ކުށެއް އޭގެ އަދަބު އެއްކޮށް ނުލިބެނީސް މާފުދިނީ.
ާިިސަޖާ
25 November 2019
ތިބުނާ ކައިވެންޔެއް ކުރިއްޔޯ، އެކުއްޖާގެ މައިންބަފައިން ހަމަ އެކައިވެނި ކުރިޔަ ދިނީ؟ ?
ގޮއިދޫހަސަނު
25 November 2019
އެވިދާޅުވާ "ދަޢުވަތު" އޮޅުންފިލުވަން އެބަޖެހެއެވެ. މީހަކު ޒާތީވީނަމަވެސް، ދީނީޢިލްމުވެރިއަކު ޒާތީވާކަށް ނުޖެހޭނެއެވެ. އެކަމަކު މިހާރު އެތަންއެބަފެނެއެވެ. ރައީސް ޤަބޫލުކުރެވޭނީ ބުއްދިޤަބޫލުކުރާކަހަލަ ވާހަކައެވެ. އެބުނާހެން އިސްލާމީދަޢުވަތު ޤަބޫލުކޮށް، ޝަހާދަތުގެ ދެކަލިމަކިޔައި، ހެކިވެގެންތިބިބަޔަކަށް އަލުން ދަޢުވަތުދޭންޖެހޭހެއްޔެވެ! ޢަޤީދާބަލިކަށިނަމަ، ދޭނީ ނަޞޭޙަތާއި ވަޢުޟުނޫންހެއްޔެވެ! ތިކިޔާދަޢުވަތު ދީގެންވާގޮތާއިމެދު ސަމާލުވާންއެބަޖެހޭ!
ާއުނިމާ
25 November 2019
18 އަހަރުނުވަނީސް މީހަކާ އިނުން އެކަންޏެއް ނޫން، ބިޓުހިއްލުންވެސް މަނާކުރަންވީ، ކައިވެނި ކުރީމަތޯ ގޯހީ؟ ކައިވެނި ނުކޮށް ކުރާ ކަންތަކޯ؟ 18 އަހަރު ނުވަނީސް ބިޓު ހިއްލާފިއްޔާ މައިންބަފައިން ކުއްވެރިވާގޮތައް ހަދަންވީ، ނޫނީ ތިކަމެއް ހައްލެއްނުވާނެ، ތިޔައީ އެންމެނަށްވެސް އެގިގެންވާ ނުވަތަ ކުރުވާ ކަންކަން! ރޯމާދުވާލު މަގުތައްމަތީ، ހިއްކިތަކުގައި، ގޯޅިގޯޅީ ކަންމަތީ ތިޔަ 18 އަހަރު ނުފުރޭ ކުދިން އުޅެމުންދާ ގޮތް އިދާރާތަކަށް ނުފެންނާތީ ހައިރާންވޭ،
ވޯލް
25 November 2019
ރާއްޖޭގެ ފުލުހުން އެބަޖެހޭ، މަގުތަކާއި ކެފޭ ތައް ބަލާ އެތަންތަނުގައި ތިބޭ އަންހެން އަދި ފިރިހެން ކުދިންގެ އައިޑީ ކާޑް ބަލާގެން އުމުރު ޔަގީން ކުރަން. އަދި މި ސޯޝަލް މީޑީއާގައި ފާޑުފާޑުގެ ހެދުން ލައިގެން މޮޑެލް ކުރާ ކުދިން އެކަން ކުރުން ހުއްޓުވަން އެބަޖެހޭ. އެކަން ކުރުން މަނާ ކުރާ ޤާނޫނެއް ހަދަން އެބަޖެހޭ.
ސޯޅަ
25 November 2019
ޤާނޫނުގެ ވާހަކަ ބާއްވާފައި ދީނުގައި އެކަން އޮތްގޮތް އޮޅުންފިލުވާލަ ދިނުން ވަރަށް މުހިންމު. ޤާނޫނުގައި އޮންނަނީ ޤާނޫނު ހަދާ މަޖްލީހުން ލިޔެ ފާސްކުރި އެއްޗެއް. އެއީ މިއަދު އެއްގޮތް މާދަމާ އަނެއްގޮތް އޮންނަ އެއްޗެއް. އެހެންކަމުން ދީނީގޮތުން އެކަން އޮންނަ ގޮތާއި އޭގެ ތަފްޞީލު އެންމެހާ ދިވެހީންނަށްވެސް އެބަ އެނގެންޖެހޭ. 13 އަހަރަކީ އަދި ވަރަށް ކުޑަ ޢުމުރެއް. ކައިވެންޏެއްކޮށްގެން ދިރިއުޅުމެއް ފެށޭނޭވަރުގެ ޢުމުރެއްވެސްނޫން.
ީފިރި
24 November 2019
މިރާއްޖޭގަ ފިރިހެނުން ޕޯން ބެލުމަށް އެޑިކްޓްވުން ވެސް މީ ވަރަށް ގިނަ މިކަހަލަ ކަންކަމަށް މެދުވެރިވާ ސަބަބެއް.
ފަސީ
24 November 2019
ތޭރަ ސާދަ އަހަރުގެ ޢަންހެން ދަރިން އެމީހުންގެ މައިންބަގައިންގެ ރުހުމުގަ އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖާއަށް ދައުވަތުދީ ދާހާތާކަށްގެންގޮސް އުޅޭނެގޮތަކަށް އުޅެން ފުރުސަތު ދިނީމާ ދަރިން ރަށުތެރެއަށް ބޭޒާރުވީމާ މީގަ މިގޯސްވަނީ ތަސައްރަފު ނުފުދޭ ކުޑަކުދިން. މިފަދަ ބެލެނިވެރިންނަށް ޤާނޫނީ ހަޜުކަށި އަދަބުދޭން ޖެހޭ. ޖީލެއް ހަލާކުވެ ބިކަވެއްޖެ. ދެން އޮތްޖީލު އަތުވޭތޯ ގަދައަޅާ މަސައްކަތް ކުރަމާ.