މެރާކީގެ ބިއްލޫރިގަނޑު ތަޅާލާފައި ފޮޓޯ: ސޯޝަލް މީޑިއާ
26 ނޮވެމްބަރ 2019 - 08:55
މާލޭގައި ޒުވާނުންގެ މެދުގައި މަޝްހޫރު "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެރާކީ ކޮފީ ރޯސްޓާސް އަށް ގެއްލުން ދިން މައްސަލައިގައި ދެ މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގެ ތަފްސީލު އަދި ހާމަނުކޮށް، ފުލުހުން ބުނީ ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނަކު ކަމަށެވެ.
އަލޯރާ ފަރުނީޗަރު ކައިރީގައި ހުންނަ މެރާކީ އަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދީ އެ ތަނުގައި އިންޒާރުގެ ނޯޓިހެއް ވެސް ތައްކުރި އެވެ. ނޯޓުގައި އިންޒާރު ދީފައި ވަނީ އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށެވެ.
Last night we arrested two men in connection to vandalising Meraki Coffee Roasters. Here are some stats on issues we link to ‘extremism in the name of religion’. There is, of course, room to increase competence and improve both institutional & national efforts in tackling these. pic.twitter.com/fWFxIGSG0D
— Mohamed Hameed (@M_Hameedh) November 26, 2019
ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓު.
ނަމަވެސް ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓުގައި ވަނީ ޖެނުއަރީ 1، 2014 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ހުށަހެޅި ދީނީ ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތަފާތު ހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ. އެ މައްސަލަތަކުގެ ތެރޭގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާގެ އެހީވުމާއި އެފަދަ ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.
ހަމީދުގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ނަމުގައި ހިންގާފައިވާ ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތައް ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ ޓުވީޓު އެގޮތަށް އައީ، މެރާކީ އަށް ހަމަލަދީފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެރި
26 November 2019
މައްސަލަ އެއް އުޅޭނަމަ މެރާކީ ކޮފީ ރޯސްޓާސް އަށް ގިނަ ބަޔަކު ގޮސް ކަން އޮތް ގޮތް ކިޔާ ދިނުން އެދެމެވެ. ލީފްލެޓް ވެސް އެމީހުނާ ހަވާލު ކުރެވިދާ ނެއެވެ.
ބަސްމަދު
26 November 2019
"އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށެވެ." ދީނުގައި މިކަން އޮންނަނީ މިގޮތަށްތަ؟
ގުރައިދޫ
26 November 2019
ދީނީ ގޮތުން ހައްދުފަހަނައަޅާ މީހުންނާ ދީނީ އިމުން ބޭރުން މި މުޖުތަމައުގަ މިހާރު މި ހިގާ ކަންކަންވެސް ހުއްޓުވެންވާނެކަމަށް ގަބޫލް ކުރަން. މާލޭގެ ބައެއް ރެސްޓޯރަންޓްތައް މިހާރު ހިންގަނީ ކްލަބުތައް ހިންގާހެން. އިސްލާމް ދީނުގެ ނަމުގަ ހައްދުން ނެއްޓިފަވާ މީހުންނާއި އިސްލާމް ކަމުގެ ނަންބޯޑް އަޅުވައިގެން އިސްލާމްދީނުގެ އަސާސްތަކާ ހިލާފްވާ މީހުންވެސް ހަމަ މަގަގައް ވައްދަން ޖެހޭ.
ރުޅި
26 November 2019
ތިޔަހިސާބުތަކަށްބަލާއިރު ގައުމަށް އެންމެ ނުރައްކާ ބޮޑީ އަދިވެސް ޑްރަގްސް ވިއްކުމާއި ބޭނުންކުރާ މީހުންނާއި ގޭންގް މީހުންގެ. އަދި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ނުރައްކާ ހުރިހާގޮތަކުން ވެސް މާބޮޑު. އަދި އިންޑިއާގެ ނުފޫޒުން ގައުމަށް ލިބޭނޭ ދެރަވެސް ވަކިން ކުޑައެއްނޫން. މަޖިލީހުން މި ބުނި ކަންކަމާ އަވަހަށް ފިޔަވަޅު އެޅުން މާބޮޑުތަނުން ބުއްދިވެރި. ވެދުން