އިންޑިއާ އަށް ކުރެއްވި ދަތުރުގައި ބޮޑު ވަޒީރު މޯދީއާ ރައީސް ގޯޓާބޭ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
02 ޑިސެމްބަރ 2019 - 11:15
ނިއު ދިއްލީ (ޑިސެމްބަރު 2) - ސްރީ ލަންކާގެ އިގްތިސާދު ވަރުގަދަ ކުރުމުގެ ގޮތުން 450 މިލިއަން ޑޮލަރު ދޭން އިންޑިއާ އިން ނިންމައިފި އެވެ.
ސްރީ ލަންކާ އާއި އިންޑިއާ އަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށްވިޔަސް ފަހަކަށް އައިސް ޗއިނާ އިން ވަނީ ލަންކާގައި ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓްކޮށް ބިލިއަން ޑޮލަރުގެ ލޯނުދީފަ އެވެ.
ޗައިނާއާ ގާތްގުޅުމެއް ބާއްވާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގަ އެވެ. ރާޖަޕަކްސާ އާއިލާ ލަންކާގެ ވެރިކަމާ ދާދި ފަހުން ހަވާލުވި ނަމަވެސް ރައީސް ގޯޓާބޭ ރާޖަޕަކްސާ ބޭނުން ވަނީ އިންޑިއާއާ ވެސް ގުޅިގެން ކުރިއަށްދާށެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމާ މުޚާތަބު ކުރައްވާ ގޯޓާބޭ ދެއްވި ތަގްރީރުގައި ވެސް ވަނީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންވިތާ 12 ދުވަސްތެރޭ އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ މިދިޔަ ހުކުރު ދުވަހު ގޯޓާބޭ ވަނީ ބައްދަލު ކުރައްވައިފަ އެވެ. މޯދީ ވަނީ ލަންކާގެ އިގްތިސާދު ރަނގަޅު ކުރުމަށާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރުގެ ޑްރެޑިޓް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ލަންކާގެ ސަލާމަތީ ކަންކަމާއި އިންޓަލިޖެންސް ވަރުގަދަ ކުރުމަށް އިތުރު 50 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ އިންޑިއާ އާއި ލަންކާގެ ތަރައްގީ އާއި ސަލާމަތީ ކަންކަން ވަނީ އެއް ގައުމު އަނެއް ގައުމާ ގުޅިލާމެހިފައި ކަމަށެވެ.
ނޮވެމްބަރު 16 ވަނަ ދުވަހު ބޭއްވި އިންތިޚާބު ގޯޓާބޭ ކާމިޔާބު ކުރެއްވީ އިގްތިސާދު ހަރުދަނާކޮށް، ސަލާމަތީ ގޮތުން ފިޔަވަޅުތަައް ވަރުގަދަ ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
03 December 2019
އިންޑިއާއިން މަހަލްދީބިސްތާންއަށް ދިން އެއްވެސް ލާރިއެއް އަދިނުފެނޭ. ގޮތަބޭ މިކަމާ ވަރަށް ވިސްނާތި.
ހޮޓްކިންގ
03 December 2019
އިންޑިއާ އުޅެނީ ޗައިނާއިން ލަންކާއަށް ކުރާ ހޭދައިގެ ބޮޑުކަން ފެނިފައި ޗައިނާ އަށްވުރެން ބާރުގަދަ ކުރާނަމޭ ހިތާ. އެކަމަކު ހިލާ ޗައިނާއާއި އަރާ ހަމައެއް ނުކުރެވޭނެ.
ރަބަރު
02 December 2019
އިންޑިއާ އިން ތިފަދަ ވައުދުތައް ވާނެއެވެ. ވައުދު ފުއްދާ ވަގުތު އޮންނަނީ ނޭގުމެއްގެ ތެރޭގައެވެ. ޗައިނާއިން ވައުދުވާތާ ގިނަ ދުވަސްތަކެއް ނުވެ ވައުދު ފުއްދާނެއެވެ. އެހެންކަމުން ޗައިނާ ދަނީ އެކިގައުމުތަކުގެ ރައްޔިތުންގެ ރުހުން ހިތްހަމަޖެހުން ހޯދަމުންނެވެ.