އެމްޓީސީސީއާ އެކު ނެޝަނަލް ޕްލޭނިން މިނިސްޓްރީން ވީ އެއްބަސްވުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ ބަދަލުކުރަނީ -- ފޮޓޯ: ނެޝަނަލް ޕްލޭނިން މިނިސްޓްރީ
10 ޑިސެމްބަރ 2019 - 17:00
ހަތް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަން ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ދެ ރަށެއްގައި "ޑިޒައިން އެންޑް ބިލްޑް" އުސޫލުން ބަނދަރު ހެދުމުުގެ މަޝްރޫއު އާއި އެހެން ފަސް ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި ހަތް މަޝްރޫތަކުގެ އަގު 258 މިލިއަނަށް އަރަ އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ހަތް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ބަނދަރު ހަދަނީ ނ. ލަންދޫގަ އާއި އދ. މަންދޫގަ އެވެ. ލަންދޫގައި ބަނދަރު ހަދަން 35 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާ އިރު މަންދޫގެ މަޝްރޫއަށް ހަމަޖައްސާފައި ވަނީ 37 މިލިއަން ރުފިޔާ އެވެ. ލަންދޫގެ މަޝްރޫއު ފުރިހަމަކުރަން ދީފައި ވަނީ 11 މަސް ދުވަހެވެ. މަންދޫގެ މަޝްރޫ އަށް ކަނޑައަޅާފައި ވަނީ އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެކެވެ.
ބަނދަރު އަޕްގްރޭޑްކުރަން ހަމަޖައްސާފައި ވަނީ ދ. ހުޅުދެއްޔާއި ފ. ދަރަނބޫދޫ އާއި ށ. ބިލެތްފައްސާއި ރ. ރަސްމާދޫ އަދި ށ. ޅައިމަގުގަ އެވެ. މި މަޝްރޫއުތަކަށް 183 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ޕްލޭނިން މިނިސްޓްރީން ވަނީ އެމްޓީސީސީއާ މި އަހަރު ހަވާލުކޮށްފަ އެވެ. ސަރުކަރެއްގެ ފުރަތަމަ އަހަރު ތަރައްގީގެ އެންމެ ގިނަ މަޝްރޫއު ފަށާފައި ވަނީ މި ސަރުކާރުން ކަމަށް ނެޝަނަލް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 December 2019
ބޮސްގާލިސް ތިޔަކަމުގައި މައްސަލައެށް ނުޖައްސާނެ ތޯ އަނެއްކާ ؟
ދޫބެ
10 December 2019
ކަރުދާހުން އެބަ ހަވާލުކުރެވޭ މަދުނުވާ ވަރަށް މަޝްރޫޢުތައް އެމް.ޓީ.ސީ.ސީ. އާ. ހަމަ ޔަގީނުން ވެސް މިހިސާބަށް ހަވާލުކުރި މަޝްރޫޢުތައް ނިންމަން ހަތެއްކަ އަހަރަށް ވުރެ މަދެއް ނުވާނެ. ތިޔަހާ ވަރުގެ ކެޕޭސިޓީ ނެތި ކިހިނެއް ތިޔަކަން ކުރަނީ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާތީ ބައެއް ދިމަދިމާލުގެ ދަތުރުފަތުރު އުވާލައިފި ވިއްޔަ.
އައްލާ
10 December 2019
ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ކިތަންމެ ވަރަކަށްވެސް އެއްބަސްވުންތަކުގައި ސޮއި ކުރެވިދާނެ. އެކަމަކު ހަގީގަތަކީ ތީގެ ތެރެއިން %30 ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނުފެށޭކަން. އެމްޓީސީސީއަށް 50 ވަރަކަށް ޕްރޮޖެކްޓް ހަވާލުކުރިއިރު އެވަރަށް ޕްރޮޖެކްޓް ހިންގުމުގެ ކެޕޭސިޓީ އެކުންފުނީގައި ހުންނާނެކަމާމެދު ޝައްކު. މާނައަކީ ތިޔަ ޕްރޮޖެކްޓްތައް މުއްދަތުގައި ނިންމޭނެކަމުގެ އެއްވެސް އުންމީދެއް ނެތްކަން.