ކައުންސިލްތަކަށް ރައީސް ބާރު ދެއްވި ގަލަންކޮޅު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާ ކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
15 ޑިސެމްބަރ 2019 - 16:42
ލޯކަލް ކައުންސިލްތަކަށް ބާރު ދޭން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވި ގަލަންކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާކުރައްވައިފި އެވެ.
ސަރުކާރުން ހުށަހަޅައި، މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދައުވަތު ދެއްވައިގެން ކްރޮސް ރޯޑްސްގައި މިއަދު ފެށި މަހާސިންތާގަ އެވެ. އެ މަހާސިންތާގައި ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުން 200 އަށް ވުރެން ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.
ހަގީގީ މާނައިގައި ކައުންސިލްތަކަށް ބާރު ދެއްވަން އިސްލާހު ތަސްދީގު ކުރެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަލަންކޮޅު ދެއްވީ ކުރީގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ރައީސް ނަޝީދަށެވެ. މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން، ގާނޫނެއް ތަސްދީގު ކުރެއްވުމަށް ސޮއިކުރެއްވި ގަލަންކޮޅު ހަދިޔާ ކުރެއްވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ވެރިކަމުގައި އަބަދުވެސް މައި ސަރުކާރަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލުމަކީ އެމްޑީޕީގެ ތަސައްވުރެކެވެ. އެކަމުގައި އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ބޭފުޅަކީ ނަޝީދެވެ. އެމަނިކުފާނުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު ފާސްކޮށް ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިން ނަމަވެސް ފަހުން އައި ސަރުކާރުތަކުން އެ ބާރުތައް ވަނީ ހިފަހައްޓައިފަ އެވެ. ފަހުން އެ ބާރުތައް އަނބުރާ ދިނުމަށް މި ސަރުކާރުގެ ތެރެއިން އެންމެ އިސްވެ މަސައްކަތްޕުޅު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވީ މުހިއްމު އެއް ވައުދަކީ މައި ސަރުކާރަށް ބަރޯސާވާން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ރަށްތަކަށް ވަޑައިގެން ވެވަޑައިގަތް އެ ވައުދު ފުއްދެވުމަށް މި ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކުރަން މަޖިލީހުން ވެސް މަސައްކަތްތަކެއް ކުރި އެވެ.
ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ކައުންސިލްތަކަށް ބާރު ދިނުމަށްޓަކައި ސޮއިކުރެއްވި ގަލަންކޮޅު، މަޖިލިސް ރައީސަށް އެރުވީ އެކަމުގައި އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ. ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު، ރައްޔިތުންނާ ގުޅިގެން ނިންމަން ކައުންސިލްތަކަށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެ ވައުދު ހަގީގަތަކަށް ހަދަން އެމްޑީޕީން ވެސް މަސައްކަތްތަކެއް ކުރި ކަން ހޫދު ފާހަގަކުރެއްވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަދަދު ފިސްކަލް ފޯމިއުލާއެއްގެ ދަށުން ކައުންސިލަތަކަށް ބަހާލުމުން، ބޮޑު ޕަސެންޓެއް ލިބެ އެވެ.
ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ވެސް ވަނީ ފަސް އަހަރަށް ބަދަލު ކޮށްފަ އެވެ. އެއާއެކު، ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައަޅައި ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯސް
16 December 2019
ޢޭގެ އެތަށް ގަލަމެއް އިބޫއަތުގައި އެބައޮތް. ޢެހެންވެދެން މަޝްހޫރުވާންވެގެން ދިނީ. ދެންވެސް މާލޭގެ އޮފުކަމެއްނުކެނޑޭނެ. ޢޮފްކަންކެނޑޭނީ ޔާމީނު ބުނާހެން މާލެވަރުގެ ޝަހަރުތައް ތަރައްގީކޮށްގެން. މިމީހުންގެ އަސްލު ސޫރަ ފެންނާނީ އިންތިހާބުން މަދު ގޮނޑިކޮޅެއް ލިބުމުން.
ފަންތި
16 December 2019
ތި ގަލަން ދީގެންވެސް ޗައިނާއާ ބެހުން ހުއްޓާލައިފިއްޔާ ރަނގަޅު
ވަންނަ
16 December 2019
މީ ގުޅި ލާމެހިފައިވާ ދެމީހުން! ޖަމީލު އެބުނަނީ ރަގަޅަށް!
12/2019 މަލަމަތި
15 December 2019
އެގޮތަށް ޤަލަމް ފާހަގަކުރައްވާނަމަ އެ ބެގެއްޓިފަ ހުންނަންވީ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ރައީސުންގެ ކޮށާރުގައި
ޖުލައި
15 December 2019
ތި ގަލަމަކީ ދައުލަތުގެ މުދަލެއް ނަމަ މާލިއްޔަތު ގަވާއިދާ ޚިލާފަށް ނުދެވޭނެ.އެކކަން އޭސީސީ އިން ބަލާނެ ކަމައް އުންމީދު ކުރަން
އިޝާޝާ
15 December 2019
ޑްރާމާ ކުޅެނީ ވަކި ވަރަކަށް ނޫން
އެހެންތޭ
15 December 2019
މުސްތަޤުބަލްގައި ރާއްޖޭގެ ރައީސާއި ބޮޑު ވަޒީރު...
ނަޖުދާ
15 December 2019
ރައީސް ނަޝީދަށް ގަލަންކޮޅު އެރުވުމުގެ އަސްލު ބޮޑު މަންޒަރަކީ، އެމަނިކުފާނަކީ ފެށުނީއްސުރެ، މާލެއަށް ޖަމާވެފައިވާ ބާރުތަށް އަތޮޅުތަކަށް ބަހާލުމަށް ވަކާލާތުކޮށް، އެކަމަށް މިރާއްޖެ ހާނަމުން ގެންދަވާ ހަމައެކަނި ލީޑަރު! އެމަނިކުފާނަކީ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރުކޮށްދިނުމަށް އަބަދުވެސް ވާހަކަ ދައްކަވާ، ސިޔާސީ ލީޑަރު! ރައީސް ނަޝީދުގެ އަގުވަޒަންކުރަންޖެހޭ!
Aman
15 December 2019
ކުރޮސް ރޯޑުގެ ފޮޓޯކޮޅެއްވެސް ލީނަމަ ރައީސް ޔާމީން ކޮއްދެއްވި ކަންކަންވެސް ފެނިދާނެއެއްނުން ހެހެހެހެ
އޭޑީ
15 December 2019
އަޖައިބެއް! ކްރޮސް ރޯޑަކީ ޔާމީނާއި ގުޅުން ހުރިތަނެއްނޫން! އެއީ ދައުލަތުގެ ފައިސާއިން ކޮށްފައިވާ ކަމެއްނޫން. އެއީ ހަމަ އާދައިގެ މަތީން އަމިއްލައަށް ހިއްކައިގެން ހަދާފައިވާ ރިސޯޓެއް! ކޮމެންޓުކުރުމުގެ ކުރީން ނޭފަތުކުރިއާއި ހަމައަށް ނުވިސްނާ، ތަންކޮޅެއް ބޮޑަށް ރޯފިލައިގެން ކޮމެންޓުކޮށްބަލަ. ތަރައްގީއަކީ ފުރާޅުގައި ދަވާދުލުމެއްނޫން. މިކަހަލަ ވިސްނުން ގެންގުޅޭ މީހުން ގިނަވެގެންނޭ މިގައުމު ތަރައްގީނުވަނީ! ބޯހަލާކު
ޗަމްޕާ ކޯކް ފުޅި
15 December 2019
ތިމީހުން ބުނާހާ ގޮތަކަށް ރައްޔިތުން ލައްވާ ވޯޓު ދޭން އަޅުވާ ކަނަފަތެއް ކަމަށް ފެންނާތީ އެވާހަކ ބުނެލީ.
އޭޑީ
15 December 2019
ބަލަ ރައްޔިތުންގެ ވޯޓު ހޯދާކަށް ޔާމީނު ހަދާކަހަލަ ބުހުތާނު ދޮގު ހަދާކަށްނުޖެހޭ! އެއޮތީ ގާނޫނެއްގައި ލިޔެފައި ބާރުތަށް! އެއޮތީ ރަށްރަށަށް ފައިސާ ލިބޭގޮތަށް ބަޖެޓު ފާސްކޮށްފައި! މޮޅު ކޮމެންޓުކުރުމުގެ ކުރީން އަމިއްލަ މީހާގެ މައުލޫމާތު ކޮށިކަމާއި، އިލްމީ ގާބިލުކަން ނެތްވަރު ގަބޫލުކޮށް، ނޫފުލޭވަރުގެ ކަންކަމުގެ ތެރެއަށްވަދެ، ބަސްބުނަން ނުހަދާ! ޖަހާފައި އިން ނަމުންވެސް އިނގޭ ބޯހަމަ ނުޖެޙޭކަން. ލަދުން ބޯހަލާކު
ބޭޑީ
15 December 2019
އަންނި ހެދިވަރާ ގާތަށްވެސް ޔާމީނަށް ދޮގެއް ނުހެދޭ. ދޮގު ރިކޯޑް އޮތީ އަންނި އަތުގައި.