ދުނިޔެ

ދުނިޔޭގެ ސަމާލުކަން ސެނެޓަށް: ޑިމޮކްރެޓުން ސިޔާސީ އެހެން "ގޭމަކަށް"!

ކޮންގްރެސްގެ ރައީސް ޕެލޯސީ ވާހަކަ ދައްކަވަނީ: އިމްޕީޗްމަންޓް ލިޔުންތައް ފޮނުވުމާއި މެނޭޖަރުން ކަނޑައެޅުން ކޮންގްރެސް އިން ވަނީ މަޑުޖައްސާލާފައި -- ފޮޓޯ/އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން މިހާރު އޮތީ މަގާމުން އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން ހަވާލުވެފައިވާ ސެނެޓަށެވެ. އެކަމަކު ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލް ކުރާ ހައުސްގެ ބޮޑު އެ ނިންމުން ރަސްމީކޮށް ސެނެޓަށް ފޮނުވުމުގެ ކުރިން މިހާރު ވަނީ ސިޔާސީ އެހެން ގޭމަކަށް ނުކުމެފަ އެވެ.

އެމެރިކާގައި އިމްޕީޗްކުރި ތިން ވަނަ ރައީސަކަށް ޓްރަމްޕް ވެވަޑައިގަތުމާ އެކު، ކޮންގްރެސްގެ މަތި ގެ، ސެނެޓުގައި ދެން އޮންނާނީ އޭނާގެ މައްޗަށް އިމްޕީޗް ފާސްކުރި ދެ ކުށާ މެދު ޝަރީއަތް ހިންގުމެވެ. މިހާރު ސެނެޓްގެ މެޖޯރިޓީ އޮތީ، ޓްރަމްޕްގެ ޕާޓީ، ރިޕަބްލިކަން ޕާޓީއަށެވެ. ސެނެޓްގެ އިސް ބައެއް މެމްބަރުން މިހާތަނަށް ދެއްކެވި ވާހަކަތަކާ މެދު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ހައުސްގެ ރައީސް ނެންސީ ޕެލޯސީ ވިދާޅުވީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމުގެ ކުށާއި ކޮންގްރެސް އަށް ހުރަސްއެޅުއްވިކަމުގެ ކުށާ މެދު ހައުސް އިން ނިންމި ގޮތް ރަސްމީކޮށް ސެނެޓަށް ހުށައަޅާނީ، ޓްރަމްޕްގެ ޝަރީއަތް ވަކިކޮޅަށް ނުޖެހި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބި، އެކަމާ ގުޅޭ އުސޫލުތައް އެނގިވަޑައިގަތުމުން ކަމަށެވެ.

ކުރިން ނަމަ ހައުސްގެ ވޯޓާ އެކު ވަގުތުން ސެނެޓަށް މައްސަލަ ރަސްމީކޮށް ފޮނުވަ އެވެ. ހައުސްގެ ނިންމުން ސެނެޓަށް ފޮނުވަން ޖެހޭ ވަކި މުއްދަތެއް، ގާނޫނުއަސާސީގައި ނެތެވެ.

ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ސެނެޓްގެ ޝަރީއަތަށް މައްސަލަ ނުފޮނުވާ ހިފަހައްޓަންވީ އެވެ. އިންސާފުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ސެނެޓްގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ކުރިމަތީގައި އޮތީ ޓްރަމްޕް ސަލާމަތްކުރުން ކަމަށް، އިދިކޮޅު މެމްބަރުން ގަބޫލުކުރައްވަ އެވެ.

ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނަލް ވިދާޅުވެފައި ވަނީ ޝަރީއަތުގެ ހުރިހާ ކަމެއް ގެންދާނީ ވައިޓް ހައުސްގެ ގާނޫނީ ޓީމާ އެކު ކަމަށެވެ. އެކަމަކު އެމެރިކާގެ ރައީސްގެ ޝަރީއަތުގައި ސެނެޓްގެ 100 މެމްބަރުން ބަދަލުވަނީ، ޖޫރީންނަށް ކަމަށް ވެފައި، ވަކި ހުވައެއް ވެސް ކުރަން ޖެހޭނީ، އެކަމުގައި ވަކި ކޮޅެއް ނުނެގޭނެ ކަމަށް، ޑިމޮކްރެޓިކް ޕާޓީ އާއި މައްސަލަ ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ.

ސެނެޓްގެ މައިނަރޮޓީ ލީޑަރު، ޑިމޮކްރެޓިކް ޕާޓީގެ ޗަކް ޝޫމާ ހުށައަޅުއްވާފައި ވަނީ، ސެނެޓްގެ ޝަރީއަތަށް، ހައުސިންގެ ތަހުގީގުތަކަށް ފޮނުވަން ޓްރަމްޕް ދެކޮޅު ހެއްދެވި ވައިޓް ހައުސްގެ އެކްޓިން ޗީފް އޮފް ސްޓާފް މިކް މަލްވަނީ އާއި ސަލާމަތީ ކަންކަމުގައި ރައީސްގެ މުޝީރަކަށް ކުރިން ހުންނެވި ޖޯން ބޯލްޓަންގެ ހެކިބަސް ނެގުމަށެވެ.

އެކަމަކު މެކޮނަލް ވަނީ މިހާރު ވެސް އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އިތުރު އެއްވެސް ހެއްކެއް ހާޒިރުކުރަން ރިޕަބްލިކަން މެމްބަރުން ދެކޮޅެވެ. އެހެންކަމުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ގަބޫލުކުރައްވަނީ، ޝަރީއަތް މިހާރު ވެސް އޮތީ ޓްރަމްޕް ކޮޅަށް ބުރަވެފައި ކަމަށެވެ.

އެމެރިކާގެ ރައީސް އިމްޕީޗްކުރާ ގޮތް

ސެނެޓްގެ ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވާނީ އެމެރިކާގެ އުއްތަމަފަނޑިޔާރެވެ. އެކަމަކު ޝަރީއަތް ކުރިއަށް ގެންދާނެ އުސޫލުތައް ކަނޑައަޅާނީ ސެނެޓްގެ މެމްބަރުންނެވެ. ރިޕަބްލިކަން ޕާޓީގެ ކުޑަ އަގުލަބިއްޔަތެއް އޮތަސް، އެ އުސޫލުތައް ކަނޑައަޅަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ވެސް ބަހެއް އޮންނަން ޖެހެ އެވެ. އެހެންކަމުން މި މައްސަލަ މިހާރު މި އޮތީ އަނެއްކަވެސް ސިޔާސީ ދެކޮޅުވެރިކަމެއްގެ ތެރޭގަ އެވެ.

"ސެނެޓުން މި ޕްރޮސެސް ގެންދާނެ ގޮތް ނޭނގެނީސް މެނޭޖަރުންގެ ނަންތައް ހާމައެއް ނުކުރެވޭނެ. އުއްމީދު މިކުރަނީ ވަރަށް އަވަހަށް އެނގޭނެ ކަމަށް،" ސެނެޓްގެ ޝަރީއަތުގައި، ހައުސްގެ ފަރާތުން ކަންކަން ބަލަހައްޓަން އައްޔަންކުރާ މީހުންނާ ބެހޭ ގޮތުން ޕެލޯސީ ވިދާޅުވި އެވެ.

ސެނެޓްގައި ރިޕަބްލިކަން މެމްބަރުން، އިންސާފުވެރިކަމަށް ވުރެ، ޓްރަމްޕް ސަލާމަތްކުރުން އިސްކުރެއްވުމުން ޑިމޮކްރެޓިކް މެމްބަރުން ފާޑު ވިދާޅުވިޔަސް، މެކޮނަލް ހުންނެވީ ހަމަޖެހިފަ އެވެ.

"އިމްޕީޗްމަންޓަކީ ސިޔާސީ ކަމެއް. މިއީ ގާނޫނީ މަރުހަލާއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސެނެޓްގައި އިމްޕީޗްމަންޓް ޝަރީއަތް ފަށާނެ ކަމަށް މިހާރު ބެލެވިފައި އޮތީ އަންނަ ޖެނުއަރީ މަހު އެވެ. އެ މަރުހަލާ ދިގުދެމިގެންދާނެ މިންވަރު ބިނާވާނީ އެ ޝަރީއަތް ސެނެޓުން ގެންދާ ގޮތެއްގެ މައްޗަށެވެ. މީހުން ހާޒިރުކޮށް، ސުވާލު ކުރުމާއި ހެކިތައް އަލުން ދިރާސާ ކުރުމުގެ ބާރު ސެނެޓަށް އޮތަސް، ސެނެޓުގެ ރިޕަބްލިކަން ބައެއް މެމްބަރުންގެ ވިސްނުން ހުރީ ދިގު މަރުހަލާތަކަށް ނުގޮސް، ޓްރަމްޕް ސަލާމަތްކޮށް ދިނުމަށެވެ.

އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެތީ އެކަން ވީހާވެސް އަވަހަކަށް ނިންމަން ރިޕަބްލިކަން ޕާޓީން ބޭނުންވެ އެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 14%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

20 December 2019

ބްލާ ބްލާ ބްލާ ބްލާ ބްލާ

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާ

20 December 2019

ހުސް ގޭމު. އެގައުމުގާވެސް އަދި މިގައުމުގާވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454