ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މަޖިލިސް މެމްބަރުންގެ ބައްދަލުވުމެއްގައި ފޯނާ ކުޅުއްވަނީ. ސަބްސިޑީސް އާ ގުޅިގެން ފާޑު ވިދާޅުވުމަށްފަހު ހިޔާލު މިހާރު ވަނީ ބަދަލުވެފައި.
02 އޮކްޓޯބަރ 2016 - 18:48
ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދިން ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލުމާ ގުޅިގެން އެކަމާ ދެކޮޅު ހެއްދެވި ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހާމަ ކުރެއްވުމާ އެކު އެ ކަމަށް ތާއީދު ކުރައްވަން ފައްޓަވައިފި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ވާހަކަ ދައްކަމުން ބައެއް މެންބަރުން ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިކަން ކުރުމަކީ ސަރުކާރަށާއި ޕީޕީއެމަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބައެއް މެމްބަރުން ފާޅުގައި އިއްޔެ ފާޑު ވިދާޅުވި އެވެ.
އެގޮތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ފާޑު ވިދާޅުވަމުން އިއްޔެ ވިދާޅުވެފައި ވަނީ "2018 ކުރިމަތިން ފެންނަން މިއޮތީ. އިދިކޮޅު މީހުންނަށް ދިން ވަރަށް ބޮޑު ހަދިޔާއެއް މިއީ. ރައްޔިތުން ގޮވާ އެއްޗެހިން މަގުމައްޗަށް ނިކުމެވޭ ވަރެއް ނޫން،" ކަމަށެވެ.
"ކަރަންޓު އަގު ބޮޑުވީ. މިއަދު ކާޑުގެ އަގު ބޮޑުވީ. އަޅުގަނޑުމެން ބުނާނެ އެއްޗެއް ނެތް،" ސަރުކާރު ދިފާއު ކުރެއްވުމަށް މަޖިލިސް ތެރޭގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދީދީ އިއްޔެ ވިދާޅުވި އެވެ. އިބްރާހިމް ދީދީ ވަނީ ރައްޔިތުންގެ ކަރަށް އަތް ނުބާނާ ނުވާނެ އެއްގޮތެއް ވެސް ނެތީތޯ ސުވާލު އުފައްދަވައިފަ އެވެ. ސަރުކާރުން މިފަދަ ބޮޑު ކަމެއް ކުރިއިރު، ރައްޔިތުންގެ މަންދޫބުންގެ ހިޔާލު ހޯދާފައި ނުވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލާގައި ރައީސް ޔާމީންގެ ވިސްނުންފުޅު ހުރި ގޮތް އެނގުމުން އިބްރާހީމް ދީދީ ފަހުން ވައިބަ ގްރޫޕްގައި، ސަރުކާރުގެ އެ ނިންމުމަށް ތާއީދު ކުރައްވައިފަ އެވެ. "މި ނިންމުމުމަކީ ސީދާ ރައީސްގެ ވިސްނުންފުޅަށް ނިންމި ނިންމުމަކަށް ވާނަމަ އަޅުގަނޑު މިކަމަށް ތާއީދު ކޮށްފިން. އަދި ރައީސްގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އެންމެ ކުރީގައި ހުންނާނަން،" ވައިބަ ގްރޫޕްގައި މިއަދު ވިދާޅުވި އެވެ.
މި ނިންމުންމުމަކީ ސީދާ ރައީސްގެ ވިސްނުންފުޅަށް ނިންމި ނިންމުމަކަށް ވާނަމަ އަޅުގަނޑު މިކަމަށް ތާއީދުކޮށްފިން. އަދި ރައީސްގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އެންމެ ކުރީގައި ހުންނާނަން، އިބްރާހިމް ދީދީ
އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ ސަބްސިޑީއާ ބެހޭ ގޮތުން މިރޭ ފޭދޫ ރައްޔިތުންނަށް މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ.
އެ ގްރޫޕްގައި އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ "އަޅުގަނޑު އޮންނާނީ ރައީސް އެކަމަށް ތާއީދުކަން އެނގުނީމަ ދެން އެ ގޮތަށް ނިންމުން. މި ފެށީ މަސައްކަތް،" ކަމަށެވެ.
އޭނާ އެގޮތަށް ވިދާޅުވުމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވެސް އިބްރާހިމް ދީދީ އަށް ތާއީދު ކުރެއްވި ކަމަށެވެ.
އަބްދުއްރަހީމް ވެސް ވިދާޅުވެފައި ވަނީ އޭނާ ވެސް މިވަގުތު ދާއިރާގައި ހުރުމާއެކު މިއަދާއި މިރޭ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކާޑުގެ އަގު ބޮޑުވި މައްސަލައާ މެދު ރައީސްގެ ވިސްނުންފުޅު ހުރި ގޮތް އެނގުމުން ބައެއް މެމްބަރުންގެ އެކަމަށް ތާއީދު ކުރެއްވުމުން ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވީ އެ އިން ދައްކައި ދެނީ އެ މެމްބަރުންގެ ދެފުށް ދެ ގޮތްކަން ކަމަށެވެ.
"ކޮންމެ ވެސް އެއްގޮތެއްގައި ތިބެންވާނީ. ތާއީދު ނުކުރަންޏާ އެ ގޮތުގައި ދެމި ތިބެންވާނެ. ކުއްލިއަކަށް ރައީސް އެއްޗެއް ވިދާޅުވީމަ ވިސްނުން އަނެއްކާ އަނބުރާލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.
ވައިބާ ގްރޫޕްގައި އިބްރާހިމް ދީދީ ދެއްކެވި ބައެއް ވާހަކަތަކާއި އޭނާ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންގެ ވާހަކަތައް ވެސް ވަނީ ލީކުވެފަ އެވެ.
ސަބްސިޑީ ހުއްޓާލުމާ ދެކޮޅު ހެއްދެވި މެމްބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހިމެނެ އެވެ.
ވައިބާ ގްރޫޕްގައި އަސްމާ ވިދާޅުވީ ދާއިރާގެ މީހުންގެ ހާލު އެނގިވަޑައިގެންފައިވާ ކަމަށާއި އެހެން ދިމާލަކުން ޓެކްސް ނަގައިގެން ވެސް އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި މެމްބަރެއްގެ ގޮތުގައި އޭނާ އެކަނި ވެސް، މިކަމާ ދެކޮޅަށް ނުކުންނަވާނެ ކަމަށާއި އެއްވެސް ޓެކުހެއް ނުނަގާ އިރު، ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް ހުރީ ސަބްސިޑައިސްކޮށްފައި ކަމަށް އަސްމާ ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތަކަށް ދެމުން އައި އާންމު ސަބްސިޑީ ހުއްޓާލުމަށް ފަހު ކޮންޓްރޯލް އަގަށް މިއަދުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހަނޑުލާއި ހަކުރު އަދި ފުށުގެ އަގު އެވްރެޖްކޮށް ވަނީ 100 ޕަސެންޓަށް ވުރެ ބޮޑުވެފަ އެވެ. ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ދޭނީ ހަމައެކަނި ފަގީރުންނަށެވެ.ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގައި މިހާރު ހުރިހާ ހިދުމަތްތަކެއް ވެސް ދެމުން އަންނަނީ ސަބްސިޑީ ނުވަތަ ސަރުކާރުގެ އެހީގެ ދަށުން ކަމަށާއި ހުރިހާ ކަމަކަށް ސަރުކާރުން ސަބްސިޑީ ދީގެން ބޭރުގެ މާލީ އެހީތެރިކަން ނުލިބޭނެ ކަމަށެވެ. ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާގެ ފައިދާއެއް ސަރުކާރަށް ވުމަށް ވުރެ މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށާއި މިކަމަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރުތައް ކުރިމަތި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސާ މަނިކެ
04 October 2016
ގިނަ ދިވެހިން ކިޔާ އުޅެނީ ސަބްސިޓީ އިނގޭތޯ، ސަބްސިޑީ އެއް ނޫން. އިނގެރޭސިބަސް އެނގޭ މީހުން ދެން ސަބްސިޑީ ކިޔަ ކިޔާ ތިބޭ. ސަބްސިޓީ ވިޔަސް ސަބްސިޑީ ވިޔަސް ކަނޑާލީމަ އަހަރުމެން ދެރަވަނީ. ނިކަމެތިން ސަބްސިޓީ އޭ މި ލިޔަނީ. ބާސްމަތީ ކާ މީހުން ކިޔާނީ ސަބްސިޑީ އޭ. ތަފާތަކީ ބާސްމަތީ އާ ހަރުހަނޑޫ. ގިނަމީހުން އަދިވެސް ކަނީ ހަމަ ހަރު ހަނޑޫ ކިތަންމެ ދޮގެއް ހެދިޔަސް.
މުހައްމަދު
04 October 2016
ޙަނޑީ ބަސްތާއެއް އަގުބޮޑުވީ 190 އިން 415 އަށް. ގޭގައުޅޭ 20 މީހުން. ބަސްތާއަކުން ދޮޅުމަހުވޭ. މީހަކަށް ބޮޑުވީ 12 ރުފިޔާ. ޢެންމެން އައިފޯން. ޢެންމެން ކޮފީ. ޢަވަދުވެސް. ޢެކަމު ޝަކުވާ ކުރޭ.
ހަސަދު
04 October 2016
އެހެންމީހެއްގެ ސިކުޑިން ވިސްނަވާ މެންބަރުން ކިތަންމެ ފައިސާ އެއްބެހިއަސް ގައުމަށް ޓަކައި ދެން ވޯޓު ނުދެމާ!!!!!
ބުޅާކަލޯ
04 October 2016
ޔާރައްބި އަޅަމެން ދިންނަވާފާނދޭ މުނާފިގު ދޫތަކުން.
އެންމެ
03 October 2016
ހުރިހާ ކަމެއްވެސް ގޯސްކުރުވަނީ އަހަރުމެން ރައްޔިތުން. އަހަރެން ކިތަންމެ ދަތިކޮށް އުޅުނަސް އަހަންނަށް ކިތަންމެ ފައިސާއެއް ދިނަސް އަހަންނަށް ފެންނަ އެންމެ ގާބިލް މީހަކަށް އަހަރެން ވޯޓް ދޭނީ. ވޯޓް ވިއްކާނުލާނަން.
ދޮގު
03 October 2016
އަހަރެން ހިތަށްއަރާ މި މެމްބަރުންމިތިބީ ރައްޔިތުން އިންތިޚާބުކޮށްފަބާއޭ. ނުވަތަ ރައީސް ޢައްޔަންކޮށްފަބާއޭ. ދެން ދާއިރާއަށް ގޮސް މި ދުވާލުގެ އިރު އެއީ ހަނދޭ ބުމުނުން ރައްޔިތުން ހަމަ ޤަބޫލުކުރާނެބާ؟
ފަރީޝާ
03 October 2016
ތިޔަބޭފުޅުން ނިކަން ވިސްނާލަ، މި މެންބަރުން ނަގޫ ފިތިފަތިބިވަރު، ދެން ރައްޔިތުންނަށްޓަކައި ވަކާލާތުކޮށްދޭނީ ކިހިނެތް!
ޙަސަންދީ
03 October 2016
ސާފުވެއްޖެ ތިމަންނާއަކީ ވަކި މީހެއްގެ ނުފޫޒާއި ބާރުގެ ދަށުގައި ފިތި ތާށިވެފައިވާ މީހެއްކަން އަމިއްލަ ދުލުން އިޢްތިރާފް ވެއްޖެ
ސަރުކާނު
03 October 2016
ކާޑުގެ ވާހަކަދައްކަން ފަޤީރުންނޭ ކިޔައިގެން އުޅޭ ގިނަމީހުން ލަދުގަންނަންޖެހޭނެ. ޒަކާތަށް ދިން އާދައިގެ ހަނދޫކޮޅު ފާރުބުޑުގަ ބަހައްޓާފަ ބާސްމަތީ ހިފައިގެން ދިޔައީ ކިތއްމީހުންބާ؟ މީ އިހަށްދުވަހުގެ ކަމެއް.
އައްސަމު
03 October 2016
އެހެންވީމާ ރައްޔިތުން މަޖިލިސްގެ މެންބަރުންނަކީ ރައީސްގެ މަންދޫބުން ދޯ. ރައްޔިތުންގެ މަންދޫބުންނެއްނޫންދޯ. އަވަހަށް ގާނޫނު އަސާސީއަށް ބަދަލުގެނެސް ރައީސް ޢައްޔަންކުރާ ބަޔަކަށް މެންބަރުން ހެދުމަށް ގޮވާލުން. އެއިރުން ޚަރަދުތައް ކުޑަކުރެވި ފައިސާ ސޭވް ކުރެވޭނެ.