ސީރިއާ އަށް ދޭ ވައިގެ ހަމަލާތަކުގައި ޒަޚަމްވި ކުއްޖަކު ގެންދަނީ: ރަޝިޔާ އިން ވައިގެ ހަމަލާތައް ފެށިތާ އެއް އަހަރު ތެރޭ ވަނީ 9،300 މީހުން މަރުވެފައި. --ފޮޓޯ:އޭއެފްޕީ
02 އޮކްޓޯބަރ 2016 - 13:46
ދިމިޝްގު (އޮކްޓޯބަރު 2) - މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 އިން ފެށިގެން ރަޝިޔާ އިން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން މިވީ އަހަރު ދުވަހުތެރޭ ސީރިއާ އިން 9،300 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ރަޝިޔާގެ ވައިގެ ހަމަލާތަކުގައި އާއްމުންގެ 3،000 މީހުން މަރުވެފައިވާ ކަމަށެވެ. އިނގިރޭސި ވިލާތުގައި ހިންގާ ޖަމާއަތުން ބުނީ މަރުވި މީހުންގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 2،700 ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ 2،800 މީހުން މަރުވެފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.
ރަޝިޔާގެ ވައިގެ ހަމަލާތަކުގައި ސީރިއާ އިން 20،000 އާއްމުން ޒަޚަމްވެފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ. އޮބްޒަވޭޓަރީގެ ޑިރެކްޓަރު ރާމީ އަބްދުލް ރަހުމާން ވިދާޅުވީ ރަޝިޔާގެ ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރަޝިޔާ އިން ބުރާސްފަތި ދުވަހު ވަނީ އެމެރިކާގެ އިންޒާރުތަކަށް ބެލުމެއް ނެތި، ސީރިއާ އަށް ދޭ ވައިގެ ހަމަލާތައް އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ރަޝިޔާ އިން ދަނީ ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެގެން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން ކަމަށެވެ.
ސީރިއާގެ ފަަސް އަހަރުވީ ހަނގުރާމައިގައި ވަނީ ތިން ލައްކައާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރިޓިކަލް
03 October 2016
ބައްޝާރުލް އަސްއަދު ޖެހޭނެ ސީރިޔާގެ މިއަދުގެ ހާލަތައް ޒިންމާވާން...
ޒައިނަބް
03 October 2016
ނުޖެހޭނެ... ހުޅަނގު ނުރުހޭ މީހަކު ވެރިކަމުގަ ހުރީމަ ގައުމު ފުނޑާލާކަށް ނުޖެހޭ
ޔޫއެސް
02 October 2016
މަހީކުރީ އެއްމެ ގިނަ މީހުން މަރާލީ އައިއެސް އޭ މިކިޔާ ބައިގަނޑުން ކަމައް، އަޅެ ތިވަރައް މުސްލިމުން މަރަމުން ދާއިރު ކޮބާބާ އދ ކޮބާބާ އިސްލާމީ ވެރިން ތައް