މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރޮހިންޖާ މުސްލިމުންގެ އެތައް ހާސް ބަޔަކު ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފައި. --ފޮޓޯ:ގެޓީ އިމޭޖަސް
28 ޑިސެމްބަރ 2019 - 21:40
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 28) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި އުދުވާން ކުށްވެރިކޮށް އދ.ގެ ޖެނެރަލް އެސެމްބްލީން ގަރާރެއް ފާސްކޮށްފި އެވެ.
އދ.ގެ ގަރާރުގައި ވަނީ މިއަންމާގެ އަޣުލަބިއްޔަތު ނެތް މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރި އަމަލުތައް އދ.ގެ ގަރާރުގައި ސިފަކޮށްފައި ވަނީ "ބޮޑެތި ކުށް"ތަކުގެ ގޮތުގަ އެވެ.
ގަރާރު ފާސްކޮށްފައި ވަނީ އާއްމު މަޖިލީހުގެ 193 މެންބަރުންގެ ތެރރޭން 134 މެންބަރު ގައުމުގެ ތާއީދާ އެކު އެވެ. ގަރާރާ ދެކޮޅު ހަދާފައި ވަނީ ނުވަ ގައުމެކެވެ. އަށާވީސް ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި އުދުވާންގައި އެތައް ސަތޭކަ ބަޔަކު މަރައި މުސްލިމުންގެ ގެދޮރާއި މުދަލުގައި އަލިފާން ޖަހާފައިވެ އެވެ. މިއަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ބޮޑުވުމުން ހަތް ލައްކައެއްހާ މުސްލިމް ރެފިއުޖީން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
މުސްލިމުންނަށް ކުރި އަނިޔާގެ ދިފާއުގައި، މިއަންމާގެ ލީޑަރު އަން ސަން ސޫކީ ވަނީ ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި މި މަހު ކުރީކޮޅު ވާހަކަ ދައްކަވައިފަ އެވެ. މުސްލިމް ގައުމުތަކުގެ ފަރާތުން، މިއަންމާގެ މައްސަލަ އދ.ގެ ކޯޓަށް ހުށަހެޅީ ގެމްބިއާ އިންނެވެ.
މި އަހަރުގެ ސެޕްޓެމްބަރު 30 ގެ ނިޔަލަށް ބަންގްލަދޭޝްގެ ރޮހިންޖާ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ 915،000 އަށް އަރައިފަ އެވެ. އޭގެ ތެރޭން 80 ޕަސެންޓަކީ 2017 ވަނަ އަހަރުގެ އޮގަސްޓާއި ޑިސެމްބަރު މަހާ ދެމެދު ބަންގްލަދޭޝް އަށް ހިޖުރަ ކުރި ރެފިއުޖީންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޒާހިރު
29 December 2019
މުސްލިމުންނަށް އަނިޔާ ކުރުމުގައި އިންޑިޔާ އާއި މިޔަންމާ އެއްވެސް ތަފާތެއް ނެތް. ރޮހިންޏާ ގައި އިސްލާމުން މެރުމަށް ހަތިޔާރާއި ހިތްވަރާއި މަދަދު ދިނީ އިންޑިޔާ އިން. ވީމާ މި ދެގައުމަކީ ވެސް ޓެރަރިސްޓު ދެ ގައުމު ކަމަށް ބަލަން ޖެހޭ
އަލީ އީމަން
28 December 2019
ގަތުލްއާމްގެ ލީޑަރު އަން ސަން ސޫކީ!
ބަބުރަންޖީ ހާޖީ
28 December 2019
ގެންބިއާކަހަލަ އާދައިގެ ގައުމަކުން މިކަމަށް އިސްނެގީތީ ޝުކުރިއްޔާ.