ޚިޔާލު

އޮޅުންބޮޅުން: ބިދޭސީން ރަށަށް ފޮނުވާ ފައިސާއިން ޓެކްސް ނެގުން

ބިދޭސީންތަކެއް ކިއޫއެއްގައި ޖެހިގެން: ބިދޭސީން ގެންގުޅޭ މީހުންނަށް ދޭންޖެހޭ މުސާރަ، މި މަހުން ފެށިގެން ދޭން ޖެހެނީ، އެމީހުންގެ ނަމުގައި ހުޅުވާ އެކައުންޓަކަށް ކަމަށް ގާނޫނުން ވަނީ ލާޒިމް ކޮށްފައި.---މިހާރު ފޮޓޯ

އަހުމަދު އަބްދުﷲ

03 އޮކްޓޯބަރ 2016 - 07:33

24 comments

ކޮންމެ ދިމާލަކަށް ބަލައިލިއަސް ފެންނަނީ މީހުންނެވެ. މީހުންނެވެ. ހުރިހާ ތަނެއްގައި ވެސް މީހުންނެވެ. އެހެންނަމަވެސް މަސައްކަތެއް ކުރާނެ ދިވެއްސަކު ނުލިބެ އެވެ. ދިވެހިންގެ އާބާދީ ހަތަރު ލައްކައާ ކައިރިކުރާ ކަމަށްވެ އެވެ. މި އާބާދީގެ ތެރެއިން މަސައްކަތުފުރާގެ އާބާދީގެ ގިނަ މީހުން ބޭނުންވަނީ ވަކި ވައްތަރެއްގެ ވަޒީފާ އެވެ. ސަރުކާރުގެ ވަޒީފާ އެވެ. އޭރުން ލިބޭ ފައިދާތަކެއް ވެސް އޮންނަނީ އެވެ. ރީތި ހެދުން ލައިގެން އޮފީހަށް ދިއުމެވެ. އޮފީހަށް ވަނުމާ އެކު ގަޑީ ފޮތުގައި ސޮއިކުރުމަށް ފަހު ނުވަތަ ގަޑިޖެއްސުމަށް ފަހު ސަޔަށް ދިއުމެވެ. އެއަށް ފަހު ދަރިފުޅު ސްކޫލަށް ލާން ދިއުމެވެ. އަނބުރާ ބަލާދާން ދިއުމެވެ. އަނެއްކާވެސް ރައްޓެހިންނާ އެކު ސަޔަކަށެވެ. ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯދަން ދިއުމުން އެއްވެސް ޖެހިލުމެއް ނެތި ޚިދުމަތް ދޭ އޮފިސަރު ސަޔަށް ދިޔައީ ކަމަށް ބުނެ މަޑުކުރަން ބުނާ ފަހަރު މަދެއް ނޫނެވެ. ޚިދުމަތް ހޯދަން ދާ މީހާ ދިގު އިންތިޒާރެއްގައި މަޑުކުރަން ޖެހެ އެވެ. ޙަޤީޤަތަކީ ސަޔަށް ދިޔަ މީހާގެ މުސާރަ ދެނީ ޚިދުމަތު ހޯދަން ދާ މީހާ ކޮންމެ ދުވަހަކު ތަފާތު ނަންނަމުގައި ދޭ ޓެކްސްގެ ފައިސާއިން ކަމަށް ވުމެވެ.

ދަނޑުގޮވާންކުރާނެ ދިވެހިންނެއް ނުލިބެ އެވެ. ރާނާވަޑާންކުރާނެ ދިވެހިންނެއް ނުލިބެ އެވެ. އިންޖީނުލީ އުޅަނދު ދުއްވާނެ ދިވެހިންނެއް ނުލިބެ އެވެ. ފެކްޓުރީގައި މަސައްކަތްކުރާނެ ދިވެހިންނެއް ނުލިބެ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތަށް ބޭނުންވާ ވަރަށް ދިވެހިންނެއް ނުލިބެ އެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ކަނޑައެޅިފައި އޮންނަ ލަނޑުދަނޑިއާ ހަމައަށް ކުރިއަށް ގެންދަން ބޭނުން ނަމަ މަސައްކަތްކުރަން ކޮންމެވެސް ތަނަކުން މީހުން ހޯދަން ޖެހެ އެވެ. މިކަން ފާއިތުވި އަހަރުތަކުގައި އަޅުގަނޑުމެންނަށް ހައްލުކޮށްދެމުން އައީ ބައި ބޮޑު، ވަޒީފާ މަދު، އާދައިގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދަށް އަވަށްޓެރި ގައުމުތަކުންނެވެ. އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް މަސައްކަތަށް މީހުން އަންނަނީ އަޅުގަނޑުމެންގެ ބޭނުމަށެވެ. އަޅުގަނޑުމެންގެ ދަޢުވަތަށެވެ. ބައިވަރު ހުއްދަތައް ތަފާތު ފަރާތްތަކުން ނަގައިގެންނެވެ. އެކިއެކި ނަންނަމުގައި ސަރުކާރަށް ޓެކްސް ދައްކައިގެންނެވެ. އެމީހުން ރާއްޖެ އަންނަނީ އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާކޮޅު ޤާނޫނާއި ގަވައިދާ ޚިލާފަށް އެމީހުންގެ ރަަށަށް ގެންދާކަށެއް ނޫނެވެ. އެމީހުންގެ އަނބިދަރިން ދޫކޮށްލާފައި ރާއްޖެ އަންނަނީ އެމީހުންގެ ދިރިއުޅުން ތަނަވަސްކުރުމަށް އަޅުގަނޑުމެންގެ އަތުން އެކަށީގެންވާ މުސާރައެއް ލިބޭނެކަމުގެ ޔަޤީންކަން ލިބިގެންނެވެ.

ގޭގައި ކައްކާނެ ދިވެއްސަކު ނުލިބެ އެވެ. ދަރިފުޅު ބަލާނެ ދިވެއްސަކު ނުލިބެ އެވެެ. ކުނިއުކާލާނެ ދިވެއްސަކު ނުލިބެ އެވެ. ބައެއް އަވަށްޓެރި ގައުމުތަކުން ރާއްޖެ އައިސް އުޅޭ ބައެއް މީހުން ބައެއް ދިވެހިންގެ ކާރު ފޮހެދީތީވެ ވެސް ބައެއް މީހުންނަށް މައްސަލައަކަށްވެ އެވެ. އެކަމަކު ކާރު ފޮހެދިނުމަށް އެދޭ ދިވެހިންގެ މައްސަލައެއް ނެތެވެ. އެމީހުން އެހެން މީހުންގެ ކައިރިން ކާރު ފޮހެދޭން އެދެނީ އަމިއްލައަށް އެކަން ކުރަން ބޭނުން ނުވާތީވެ އެވެ. އެކަން ދިވެހިން ކޮށްދޭން ބޭނުންނުވާކަމަށް ވަންޏާ ޚިދުމަތް ހޯދަން ބޭނުންވާ މީހާ އެމަސައްކަތެއް ކޮށްދޭން ބޭނުންވާ މީހާގެ ކައިރިން އެ ޚިދުމަތެއް ހޯދާނެ އެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުންނާއި، ރައްޔިތުންގެ ފަރާތުން ވަކާލާތުކުރަން ރައްޔިތުން ހޮވާފައި ތިބި ބައެއް މީހުން ފަޚުރުވެރިކަމާ އެކު ބުނަމުން އަންނަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން އެމީހުން ރަށަށް ފޮނުވާ ފައިސާ އިން ޓެކްސް ނެގުމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުވާނެ ކަމަށެވެ. އެފަދަ ނިންމުމަކާ ހަމައަށް އައި ގޮތެއް ހާމައެއް ނުކުރެ އެވެ. އެއްބަސްވަމެވެ. ސަރުކާރުގެ އާމްދަނީއަށް އެތައް މިލިއަން ރުފިޔާއެއް އިތުރުވާނެ އެވެ. އެ ފައިސާ ކޮންމެ ހަޅައެއްގައި ހަލާކުކޮށްލާ ރަސްފަންނު މަރާމާތު ކުރުމަށާއި ކޮންމެ ވިއްސާރަ މޫސުމެއްގައި ހަލާކުކޮށްލާ ދުވާ ޓުރެކް ހަދަން ވެސް ޚަރަދު ކުރެވިދާނެ އެވެ. ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރަށް ވުރެ އިތުރަށް ކުރާ ހޭދަ ފޫބެއްދުމަށް އިތުރު ގޮތްތައް ހޯދަން ޖެހެ އެވެ. ކާޑުގެ ފުއްދާއެހީ (ސަބްސިޑީސް) ކަނޑާލުމުގައި ހާމަވެގެން ދިޔަ ކަންތައްތަކުގެ ތެރޭގައި، ފުއްދާއެހީގެ ބޮޑު ބައެއް ބިދޭސީންނަށް ކާންބޯންދިނުމަށް ޚަރަދުކުރެވޭ ކަމުގައިވެ އެވެ. ކަރަންޓުގެ އަގު، ތެލުގެ އަގަށް ހަތަރު ލާރި އިތުރުކުރުމުގައި ވެސް ރާއްޖޭގައި މަސައްކަތްކުރާ ލައްކައެއްހާ ބިދޭސީންގެ އަތެއް އޮންނާނެ އެވެ. އެމީހުން ރޭގަނޑުގައި އެމީހުން އުޅޭ ތަނެއްގައި ބޮކި ދިއްލައިގެން ކަރަންޓުގެ ބޭނުން އިތުރަށް ކޮށްގެންނެވެ. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމުގައި ނުސީދާކޮށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ނާޤާބިލުކަމުން ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އާމްދަނީ އެމީހުންނަށް ރާއްޖެއިން ބޭރުނުކުރެވޭނެތީވެ އެވެ.

މިހާރު ޤާނޫނު ބުނާ ގޮތުން މި މަހުން ފެށިގެން ބިދޭސީން ގެންގުޅޭ ދިވެހިން އެމީހަކު ގެންގުޅޭ ބިދޭސީއެއްގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ވާނެ އެވެ. އެމީހަކަށް ދޭ މުސާރަ ޖަމާކުރަން ޖެހޭނީ އެ އެކައުންޓަކަށެވެ. ނޫން ނަމަ އެމީހަކު ކުށްވެރިވާނެ އެވެ. ބިދޭސީ ނޯކަރުން ގެންގުޅޭ ހުރިހާ މީހުންނަކީ މިފަދަ ކަންތައްތައް ކުރަން މާ ފަސޭހަ ބަޔަކަށް ވެސް ނުވެދާނެ އެވެ. ބޭންކުން އެކައުންޓު ހުޅުވަން އެޕޮއިންޓްމެންޓުގެ އިންތިޒާރުގައި އެތައް ހަފްތާއެއް ހޭދަކުރަން ޖެހިދާނެ އެވެ. އެކައުންޓް ހުޅުވެނީ 30 ޑޮލަރަށެވެ. އަދި ކޮންމެ މަހަކު އެކައުންޓުގެ ވެރިފަރާތުން ބޭންކަށް ފަސް ޑޮލަރު ކެނޑޭނެ އެވެ. ސަރުކާރުން ނަގަނީ ކޮންމެ ސަތޭއަކުން ތިން ޑޮލަރެވެ. ފައިސާ ބޭރަށް ފޮނުވައިދޭ ބައެއް ފަރާތްތަކުން ނަގާ އަގަށް ބަލާއިރު 500 ޑޮލަރުން ދަށުގެ އަދަދަކަށް ހަތަރު ޑޮލަރު ނަގާކަމަށްވެ އެވެ. ސަތޭކަ ޑޮލަރު މުސާރައަށް ލިބޭ ބިދޭސީއަކު ރަށަށް ފައިސާ ފޮނުވަން ބޭނުން ނަމަ އޭނާގެ ފައިސާއިން ކޮންމެ މަހަކު މަދުވެގެން ތަފާތު ނަންނަމުގައި 13 ޑޮލަރު ކެނޑޭނެ އެވެ. އެއީ އަވަށްޓެރި އެއް ގައުމެއްގެ ފައިސާއަށް ބަލައިލާއިރު ގާތްގަނޑަކަށް އެގައުމުގެ 1378 ފައިސާ އެވެ. އެހެން ގައުމަކަށް ބަލައިލާއިރު ގާތްގަނޑަކަށް އެ ގައުމުގެ 975 ފައިސާ އެވެ. މިއީ ނިކަމެތިންނަށް ވަރަށް ބޮޑު އަދަދެކެވެ. ތެދުފުޅެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ރެމިޓެންސް ޓެކްސް ނަގާ ކަމަށް ވެދާނެ އެވެ. އެކަމަކު އަޅުގަނޑުމެންގެ ހާލަތު ތަފާތެވެ. ބިދޭސީންނަށް އެމީހުންގެ އެކައުންޓުން ބޭންކުން ފައިސާ ނެގުމުގައި ވެސް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިންނަކީ ލިޔަންކިޔަން އެނގޭ މީހުންނަށް ނުވާތީވެ އެވެ.

އަޅުގަނޑުގެ ހިތަށްއަރަނީ އަހުމަދުގެ މަތިންނެވެ. ކިތަންމެ ވިއްސާރަ ވިޔަސް، ކިތަންމެ ބޯކޮށް ވާރޭވެހުނަސް، ކިތަންމެ ހޫނު ގަދަވިޔަސް، އަޅުގަނޑުމެންގެ ގެއިން ކުނި އުކާލަން އަޙްމަދު އާދެ އެވެ. ގަވައިދުންނެވެ. އެއީ އޭނާ އަޅުގަނޑަށް ކޮށްދޭ ވަރަށް ބޮޑު ޚިދުމަތެކެވެ. އޭނާއަކީ ހުއްދަ އޮވެގެން މަސައްކަތްކުރާ މީހެކެވެ. އޭނާގެ މަސައްކަތަށް އަޅުގަނޑު ކުޑަ ލާރިކޮޅެއް ވެސް ދެމެވެ. އަޅުގަނޑު ދޭ ލާރިކޮޅު އޭނާ ބޭނުންވެއްޖެ ހިނދެއްގައި ރަށަށް ފޮނުވޭނެ ކަމެއް ވެސް ނޭނގެ އެވެ. އޭނާ އިތުރު މަސައްކަތުން ހޯދާ ފައިސާއަށް ވާނެތީވެ އެވެ. އަޙްމަދު ކަހަލަ ނިކަމެތިންގެ އަތުން ފާޑުފާޑުގެ ނަމުގައި ނަގާ ޓެކްސް އަނެއްކާ ނުސީދާކޮށް އަޅުގަނޑަށް ކެވޭ ބާވައޭ އަޅުގަނޑުގެ ހިތަށްއަރާ ކޮންމެ ފަހަރަކު ދަނީ ގައިން ހީބިހި ނަގައިގެންނެވެ.

24 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 25%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޅުވާލިވަޒީރު

03 October 2016

މަހަކު 150 ޑޮލަރަށް ވުރެން ގިނައިން ފޮނުވަންޏާ ޓެކްސް އެއް ނެގުން ރަނގަޅު. އެޢަދަދަކީ އެމީހުންގެ ބުރަ މަސައްކަތުން ހޯދާ މަހު މުސާރަ ކަމުގައި ބަލަންވީ.

The name is already taken The name is available. Register?

ހަޤީގަތް

03 October 2016

ކޮމެންޓޭ ގެ ކޮމެންޓުން ވަރަށް ރަނގަޅަށް އެނގިގެން އެބަދޭ ދިވެހީން ވަޒީފާ އާ ދޭތެރޭ ދެކޭގޮތާއި ކީއްވެކަން ވަޒީފާއެއްގައި ހަރުނުލަނީ. ވަރަށް ފަހުންނޭ ދަންނަވާފައި އެއޮތީ މީގެ މަސްތަކެއް ކުރީގެ ވާހަކައެއް. އޮޅުން އަރާފައިވާނަމަ އެކަމަށް މަޢާފަށް އެދެން. ނަމަވެސް ދަންނަވަންތޯ، އެ މުއައްޒިފު މުދާ ނެގީ ޢާންމުކޮށް އަޅުގަނޑުމެން ތަކެތި ގަންނަ އަުޅޭ ފިހާރައަކުން. މަދު މަސްތަކެއްގެ ތެރޭގައި އެ މުއައްޒިފުގެ ބައްޕަ އެއް ފަހަރު، މަންމަ އެއް ފަހަރު އަދި އަންހެން ދައްތަ އެއް ފަހަރު އިންޑިއާ އަށް ބޭސްކުރަން ދިޔަ. ހުރިހާވެސް މައްސަލައަކީ ކޮމެންޓޭ ކަހަލަ ވިސްނުން ގެންގުޅޭ މީހުން ގިނަވުން. އަބަދުވެސް ވިސްނޭނީ ތިމާ ނޫން އެހެން ހުރިހާ އެއްޗެއް ގޯސްކަމާ، ތިމާގެ ވިސްނުން ނޫން އެހެން ހުރިހާ އެންމެންގެ ވިސްނުން ގޯސް ކަމަށް. ވަރަށް ފަސޭހަ ކަމެއް އެއީ މިވެނި އެވެނި ކަމެއް އެހެން މިހެން ހެދިނަމަ ގޯހެއް ނުވީހޭ ބުނުން. އެކަމަކު ޢަމަލީ ގޮތުން ބައެއް ކަންކަން ހުންނާނެ ނުކުރެވޭނެ. އިދާރީ ހިންގުން ރަނަގަޅުކުރިޔަސް، އެ މުއައްޒިފު ސުޕަވައިޒް ކުރުމަށް ސުޕަވައިޒަރެއްލާ އަދި އެސުޕަވައިޒަރު ސުޕަވައިޒް ކުރުމަށް އެހެން ސުޕަވައިޒަރެއް ލިޔަސް، ނުވަތަ އެ މުއައްޒިފުގެ މުޅި ގައިގާ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ބެހެއްޓިޔަސް، މަސައްކަތުގެ އަޚުލާގު ނެތްނަމަ ކުރާނީ ކީއްތޯއެވެ؟ ތެދުވެރިކަން ނެތްނަމަ ކުރާނީ ކީއްތޯއެވެ؟ ޤަބޫލު ކުރެއްވިޔަސް ނުކުރެއްވިޔަސް އަޅުގަނޑު ދަންނަވާފައި އެއޮތީ ހަމަ ޙަޤީގަތް.

The name is already taken The name is available. Register?

ހަޤީގަތް

03 October 2016

އަޅުގަނޑުމެންނަކީ މެދުފަންތީގެ ވިޔަފާރިކުރާ ބަޔަކީމެވެ. އަޅުގަނޑުމެން ކުންފުންޏަށް ވަރަށް ފަހުން ޓެކްނިކަލް ސުޕަވައިޒަރެއްގެ ވަޒީފާ އަށް ދިވެއްސެއް ހަމަޖައްސައި ތިރީގައިވާ އިނާޔަތްތައް ދިނީމެވެ. މުސާރަ - މަހަކު 10،000.00 ރުފިޔާ ކޮއްތު ފައިސާ - މަހަކު 1،200.00 ރުފިޔާ ގެންގުޅޭނޭ ފޯނެއް (ސެމްސަންގ ގެލެކްސީ) ފޯނު އެލަވަންސް - މަހަކު 500.00 ރުފިޔާ ޕެޓްރޯލް އެލަވަންސް - މަހަކު 375.00 ރުފިޔާ އަމިއްލަ ސައިކަލު ނެތޭފަހަރު ދުއްވާނެ ސައިކަލެއް އިތުރު އިނާޔަތްތައް - އެޑްވާންސްކޮށް ގިނަގިނައިން ފައިސާ ދިނުން (5،000.00 އިން މަތީ އަދަދުން) ބައްޕަ އާއި މަންމަ ފަދަ ޢާއިލާ މެމްބަރުން އިންޑިއާއަށް ބޭހަށް ދާއިރު ކޮންމެ ފަހަރަކުވެސް ފައިސާގެ އެހީއެއް ދިނުން (500.00 ޔޫ.އެސް. ޑޮލަރު ޢާންމުކޮށް) މިވަރުން ކަންތައްތަށް ހަމަޖައްސައިދީފައިވާއިރުވެސް ވަޒީފާއަށް ފަރުވާ ނުބަހައްޓާތާނގައި ދޭތެރެދޭތެރެ އިން ގެއްލިގެން ގުޅާއިރު ހުންނަނީ ރަށަށް ގޮހެވެ. މިހެންދަނިކޮށް، ބާޒާރުމަތީ ފިހާރައަކުން ގުޅާފައި އަޅުގަނޑުމެންނަގާފައިވާ މުދަލަށް ފައިސާ ނުލިބޭ ވާހަކަ ބުނުމުން ލިބުނީ ބޮޑު ޝޮކެކެވެ. ސަބަބަކީ، އަޅުގަނޑުމެންނަކީ ދުވަހަކުވެސް ދަރަންޏަށް ކަންތައްތައް ކުރާ ބަޔަކަށް ނުވާތީއެވެ. ރަނގަޅަށް ބަލާލިއިރު މިދެންނެވި މުއައްޒިފު އަޅުގަނޑުމެންގެ ނަމުގައި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާގެ މުދާ ނަގާފައި ރަށުގައި ވިޔަފާރިއެއް ފަށަން މުދާތައް ރަށަށް ފޮނުވީއެވެ. ދެން ވިދާޅުވެދެއްވަ ބައްލަވާ ގިނަ ދިވެހީން ވަޒީފާގައި ނޫޅެނީ ރަނގަޅު އުޖޫރައެއް ނުވަތަ ރަނގަޅު އިނާޔަތް ނުލިބޭތީ ތޯއެވެ؟ ނުވަތަ މަސައްކަތުގެ އަޚުލާގާއި ތެދުވެރިކަން ނެތީމައި ނޫންތޯއެވެ؟

The name is already taken The name is available. Register?

ކޮމެންޓޭ

03 October 2016

ތިޔަ ލިއުއްވި ވާހަކަ ގަބޫލުކުރަން ވަރަށް ދަތި. ވަރަށް ފަހުން ވަޒީފާ ހަމަޖެހުނު މީހަކަށް ތިޔަހާވަރުގެ ކަންކަން ކުރެވޭ އިޚްތިޔާރުދެވިފައިވާނަމަ ކުންފުނީގެ ހިންގުމުގަ މައްސަލައެއް ތިއުޅެނީ. އަދި ތިޔަ ވަރު ކަމެއް އެއްވެސް މުވައްޒަފަކަށް ކުރެވޭގޮތަށް އޮތުން ތިޔައީ ކުންފުނި ހިންގުމުގެ މައްސަލައެއް. އަދި ދާދި ފަހުން ވަޒީފާ ދެވނު މީހަކު ގެ މަންމައާއި ބައްޕަ ކިތައް ފަހަރު އިންޑިއާއަށް ދިޔަބާ. އަޅުގަނޑަން ތިޔަވަހަކަ ގައބޫލު ނުކުރެވޭ

The name is already taken The name is available. Register?

އަނީސް

03 October 2016

ކަލޯ ގަޔާ.

The name is already taken The name is available. Register?

އަޙްމަދު

03 October 2016

ކީއްކުރާނީ، މީވާ ސަރުކާރެއް. ހުރިހާ އެންމެން ފެލަނީ. ދެންއަދި އަޅުގަނޑަކަށް ނޭގޭ މި އެކައުންޓް ހުޅުވާ ސަބަބެއް. ބޭރުކުރާ ލާރިން ޓެކްސް ނަގަނީ ދެން ކީއްކުރާ އެކައުންޓެއްތަ؟

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

03 October 2016

ދިވެހި ރާއްޖޭގައި މުސާރައިގެ މިންގަނޑެއް ކަނޑައަޅަން އެކިފަހަރުމަތިން ވާހަކަ ދެކެވި، މަޖިލިސްތެރެއިން ކޮންމެވެސް ސަބަބަކާހުރެ އެކަން މަޑުޖެހިފައި އޮތީ. ސިވިލް ސާރވިސް ގެ މުއައްޒިފުންނާ ދިމާލަށް އެކަނި އިނގިލި ދިއްކޮށް ވަރަށް ގިނަފަހރު ވާހަދެކެވޭ. ސިވިލް ސާރވިސް މުއައްޒިފުން ވެސް ޖެހޭނެ ކުދިންނަށް ތަޢްލީމުދޭން ވެސް. އެމީހުންގެ ކުޑަކުޑަ މުސާރައިން، ސްކޫލަށް ކުދިން ގެންގޮސް ގެނެސް ދޭނެ މީހަކަށް އުޖޫރައެއް ނުދެވޭނެ. އެހެންކަމުން، ހުރިހާކަމެއްވެސް "މަތިން ފަށައިގެން ތިރިޔަށް" އިޞްލާހުކުރަންވީ. ފަށްޓަންވީ މަޖިލިސްގެ މެންބަރުންނާ ހިސާބުން. އެއީ ހުރިހާ ރައްޔިތުންގެ މަންދޫބުން. އެ މެންބަރުންނަށް އިންތިހާޔަށް ބޮޑު މުސާރަޔާއި އެކިއެކި އިނާޔަތާއި ކޮމިޓީ ފައިސާ އާއި ނުވިތާކަށް ނުވަގަޑި ސަޔާއި ކެއުމާއި (ރައްޔިތުންގެ ފައިސާއިން) ދެވޭ. އަދި ކޮންމެ 3 މަހުން 1 މަހު ޗުއްޓީ އޮވޭ. އެވެސް މުސާރަޔާއެކު. ގަޑި ޖެހުނަސް ހާޟިރު ނުވިޔަސް މުސާރައިން ނުކެނޑޭ. ރަސްމީ ގަޑީގައި މުހިންމު ބިލަކަށް ބަހުސް/ވޯޓު ނެތިއްޔާ ކުޑަދަށުގައި ސިނގިރެޓު ބޯން ނޫނީ ކޮންމެވެސް ކެފޭ އެއްގައި ކޮފީ އާއެކު ސައްލާ ކުރަން. އެންމެ ފުރަތަމަ ވެސް ދިވެހިރާއްޖޭގެ ވަޒީފާގެ މުސާރައިގެ އެންމެ ދަށް މިންގނޑަކާއި އެންމެ މަތި މިންގނޑެއް ކަނޑައަޅާފައި. ޕޭކަމިޝަނުން އެކަން ތަންފީޒުކޮށް އެއަށްފަހު ހުރިހާ ވަޒީފާއެއް އަދާކުރާ މީހުނަށް އަމަލުކުރަންޖެހޭ އާންމު ގަވާއިދެއް އެކުލަވާލަންވީ. މަޖިލިސް މެންބަރުން ނަށް ވެސް އަހަރަކު ޗުއްޓީ (މުސާރަޔާއެކު) ދެވެންވާނީ ސަރުކާރު ގެ އެހެން ވެސް މުއައްޒިފުންނާ ވެސް އެއްހަމައެއްގައި. ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ނުބާއްވާ އިރު ދައުލަތުގެ ބަޖެޓުން ކޮންމެ ދުވަހަކަށް އެހޭދަވެގެން ދަނީ ބޭކާރު ފައިސާއެއް ނޫންބާ! * މިހާރުން މިކޮމެންޓް ޝާއިޢުކޮށް ދެއްވުން އެދެން. މިއީ ހަމަ އަސްލުގައި ވެސް ނޫސްވެރިންވެސް މިއަދު ވާހަކަ ދައްކަންޖެހޭ އިޝޫއެއް. ޝުކުރިއްޔާ!

The name is already taken The name is available. Register?

ޖިނަ

03 October 2016

ހެޔޮ އެއްގޮތެއްވެސް ނެތް.

The name is already taken The name is available. Register?

ގގ

03 October 2016

ކޮންމެ ޤައުމެެއްވެސް އެޤައުމެއްގެ ތަބީއަތާއި ކެރިފޯރުން ތެރިކަން ހުރިމިންވަރަކުން ހިންގޭތޯ ބަލަންޖެހެނީ، ޖީ8 ގެ ޤައުމުތަކުން ހިންގާ ގޮތަކަށް ކޮންމެ ކޮންމެ ޤައުމެއް ހިންގިދާނެބާ؟

The name is already taken The name is available. Register?

އަލީ

03 October 2016

މި ލިޔުން އަޅުގަނޑަށް ވަރަށް ކަމު ގޮއްސި. މި ލިޔުމުގައި މިވަނީ މުޅިންވެސް ތެދު ވާހަކަ. ބޭރުން މަސައްކަތްކުރާ މީހުން އަސްލު ވަރަށް ބުރަކޮށް މަސައްކަތްކުރޭޭ. އަޅުގަނޑު ދަންނަ މީހެއް އުޅޭ ކެފޭއެއްގަ ހެނދުނު ހަޔަކުން ރޭގަނޑުޔ ބާރައަށް. އެކަމް އޭނައަަށް ދެނީ 2،600 ރުފިޔާ. މިއީ އެއްވެސް އިންސާފެއް ނޫން ދެއްތޯ؟ އެލިބޭ ކުޑަ ލާރިކޮޅުން ބައެއް މިޖެހެނީ ސަރުކާރަށް ދައްކަން. އަސްލު ވަރަށް އަންފެއަރ. އަދި ބައެއް ކޮމްޕެނީ ތަކުން ކުޑަ މުސާރަ ދީފަ ތިބޭ ބިދޭސީން، އެމީހުންގެ ހުސްވަގުތުގައި އިތުރު މަސައްކަތް ކުރިއަސް މުސާރަ ކަނޑާ ހަދާ. މިދެން ވަރަށް ދެރަ ކަމެއް. އަހަރުމެންގެއަށް އަންނަ ސުދީރު ހުރީ ވަރަށް ދެރަވެފަ ކޮންމެއަކަސް މިކަމާ. މަަވެސް ދެން އަސްލު ވަރަށް ދެރަވެއްޖެ ހަޤީޤަތައް ބުނާނަމަ. ):

The name is already taken The name is available. Register?

ޔައުނީ

03 October 2016

އަސްލު ދިވެހިން ނުލިބެނީ މުސާރަ ކުޑަވީމާ ތިބުނާ 2600ރ ދިނީމާ ދިވެއްސަކަށް އޭގެން އުޅެވޭނެތަ؟

The name is already taken The name is available. Register?

ވާނުުވާ

03 October 2016

ބިދޭސީންނަށް ލިބޭ މުސާރަ އެމީހުން ރަށަށް ނުފޮނުވާ މިތާ އިންވެސްޓް ކުރަންވީތަ؟

The name is already taken The name is available. Register?

އެކައުންޓް

03 October 2016

ކާޑުގެ ބާވަތްތައް އަގުބޮޑު ކުރީމަ ބިދޭސީން ގެންގުޅޭ ދިވެހީންގެ ޖީބަށް ބާރު ބޮޑުވެއްޖެ. އެމީހުންނަށް ކޮއްތުފައިސާ ދޭ މިންމަރު އިތުރުކޮށް ދިނުމަށް ޑިމާންޑް ކުރަން ފަށައިފި. މިކަން ކޮށްނުދީ ވާކަށްވެސްނެތް. ބޭންކް އެކައުންޓް ހުޅުވުމަށާއި އެހެނިހެން ބޭންކްޗާޖް އަދި ރެމިޓެންސް 3% އާއި އޭޖެންސީޗާޖްވެސް ބިދޭސީމީހުން ގެންގުޅޭ ދިވެހިމީހާ ހޭދަކުރަން ޖެހޭ ގޮތަށް މިހާރު ކަންވެ ނިމިއްޖެ. އެހެންވީމަ ހުރިހާ ޓެކްހެއްވެސް އެމީހުންނަށް ކުރަންޖެހޭ ހުރިހާ ޚަރަދެއްވެސް ބޮލުއަޅަން މިޖެހެނީ ދިވެހިމީހާ. ދެންއޮތްގޮތަކީ ބިދޭސީން ނުގެނައުން. ބިދޭސީން ނުގެނެސް ދެންފަރުޖެއްސޭނީ ހުޅަނގުން އިރުއަރާ ހިސާބުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454