ޚިޔާލު

ކޮލަމް އަސްދަނޑި: ފިނި ކޮޓަރީގައި، ރައްޔިތުންނާ ދުރުގައި!

ކާޑުގެ ސަބްސިޑީ ނިކަމެތިންނަށް އެކަނި ދޭ ގޮތަށް ނިންމައި އަދި ކާޑުގެ އަގުބޮޑުކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު މިދިޔަ ހޮނިހިރުދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކާޑަށް ދެމުން އައި ސަބްސިޑީ ނިކަމެތިންނަށް އެކަނި ހާއްސަ ކުރުމަށް ފަހު، ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓަށް ބޮޑުކުރިކަން އިއުލާން ކުރި ގޮތާ މެދު ސުވާލު ނުއުފައްދާ އެކަކު ވެސް މި ގައުމުގައި ހުރި ހެނެއް ހިއެއް ނުވެ އެވެ. ކާޑުގެ އަގު މިއިން ޒަމާނެއްގައި ބޮޑު ނުވާ ވަރަށް ބޮޑުކުރިކަން ސަރުކާރުން މިދިޔަ ބުރާސްފަތިދުވަހު ފުރަތަމަ އިއުލާންކުރީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގަ އެވެ. އެހެން މީޑިއާތަކަށް އެނގުނީ އޭގެ ފަހުންނެވެ.

މިއީ ޒިންމާދާރު ސަރުކާރަކުން އެފަދަ ބޮޑު ކަމެއް ކުރަން ޖެހޭނެ ގޮތެއް ނޫނެވެ. އެންމެ ނިކަމެތި ރައްޔިތު މީހާގެ ދިރިއުޅުމަށް ވެސް އަސަރުކުރާ މިފަދަ ބޮޑު ކަމެއް ނިންމިކަން، އިންޓަވިއުއަކުން އިއުލާންކުރުމުން، ސަރުކާރުގެ ސީރިއަސްކަން މި މައްސަލާގައި ހުރި މިންވަރު އެނގެ އެވެ. އާންމުންގެ އިހުސާސްތައް އެނގޭ މިންވަރު ވެސް ވަޒަންކުރެވެ އެވެ. ކަމާ ގުޅޭ އިދާރާތަކުން ބަޔާންތައް ނެރެން ފެށީ، މީޑިއާތަކުން ކުރި މަސައްކަތުން އެ މައްސަލަ އާންމުންނާ ހަމައަށް ތިލަކުރި ފަހުންނެވެ. ސަބްސިޑީ އަށް ބޮޑު ބަދަލެއް ގެންނަކަން ސަރުކާރުން އިއުލާންކުރިއިރު، އެއަށް އަމަލުކުރަން އޮތީ އެންމެ 48 ގަޑިއިރެވެ. ރައްޔިތުން ތިބީ ވާނުވާ ނޭނގިފަ އެވެ. ސަބްސިޑީ ދޭނެ އުސޫލެއް، ކާޑުގެ އަގު ބޮޑުކުރި ސަބަބެއް އެނގޭކަށް ނެތެވެ. ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، ކަންކަން އޮޅުންފިލުވައި ދެއްވާނެ ވަޒީރެއް ނެތެވެ. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އިސްކޮށް އިންނަވައި، ރައީސް އޮފީހުގައި ޕްރެސް ކޮންފަރެންސެއް ބޭއްވީ އެތައް ފާޑުކިޔުމެއް އަމާޒުވި ފަހުންނެވެ.

ކާޑު ސަބްސިޑީ ދޭ އުސޫލަށް ބޮޑު ބަދަލެއް ގެނެސް، ކާޑުގެ އަގު ސަތޭކަ ޕަސެންޓަށް ބޮޑުކުރުމަކީ، މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ވުރެ ބޮޑު ކަމެކެވެ. ސަބަބަކީ ކާޑަކީ ޒަރޫރީ އެއްޗަކަށް ވެފައި، އެންމެންގެ ކެއުންބުއިމާ ގުޅޭ ކަމަކަށް ވާތީ އެވެ. އެކަމަކު މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރިކަން އިއުލާން ކުރުމަށް ރައީސް އޮފީހުގައި، ކަމާއި ގުޅޭ ހުރިހާ ވަޒީރުން ބައިވެރިވެވަޑައިގެން ނިއުސް ކޮންފަރެންސެއް ބޭއްވުނެވެ. ނަމަވެސް ހުރިހާ އެންމެންގެ އަސާސީ ބޭނުމާ ގުޅޭ ކަމެއްގެ ނިންމުން އިއުލާން ކޮށްލަން އެވަރެއް ނުކުރެވުނެވެ. މިއީ ކަމުގެ ބޮޑުކަން ސަރުކާރުން ބައެއް ފަހަރު މިނާ މިންގަނޑު ހާމަވާ ކަމެކެވެ.

މިވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު، ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ އިދާރާތަކުގެ އެންމެ އިސް ވެރިން ނިއުސް ކޮންފަރެންސް ބާއްވައި، ރައްޔިތުންނަށް ފިސާރި ރަނގަޅަށް މައުލޫމާތު ދޭން ޖެހޭނެ އެވެ. ރައްޔިތުން ހޭލުންތެރިކޮށް، އަދި ރައްޔިތުންގެ ހިޔާލު ވެސް ހޯދަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ކޮންމެ ބަޔަކަށް އޮތަސް، އެ މަޖިލިހުގެ ހިޔާލު ހޯދުމަކީ ވެސް ސަރުކާރު ދަށްވުމެއް ނޫނެވެ. އެއީ ޑިމޮކްރެސީގެ ރީތި ސިފައެކެވެ. އެކަމަކު މިއިން ވެސް ކަމެއް، ކާޑުގެ އަގު ބޮޑުކުރުމުގެ މައްސަލާގައި ސަރުކާރުން ކޮށްފައެއް ނެތެވެ.

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ފޯމް ބަލައިގަތުމުގެ މަސައްކަތް އިއްޔެ ހުޅުމާލޭ ފެރީ ޓާމިނަލްގައި ކުރިއަށް ގެންދަނީ -- ފޮޓޯ: މިހާރު

ފަގީރުންނަށް ކާބޯތަކެތި ދޭނެ ގޮތުގެ ގަވައިދެއް މިދިޔަ މާޗް 29 ގައި ގެޒެޓް ކޮށްފައިވާކަން ވެސް އާންމުންނާ ހަމައަށް ތިލަވީ، މީޑިއާތަކުން ކުރި މަސައްކަތުންނެވެ. އެކަމަކު އެފަދަ ގަވައިދެއް ގެޒެޓް ކުރިކަން އާންމުންނަށް އަންގައިދޭން ސަރުކާރުން މަސައްކަތް ކުރަން ޖެހެ އެވެ. އެއީ އެންމެ އާދައިގެ މީހާއަށް ވެސް އެނގެން ޖެހޭ ވަރުގެ މައުލޫމާތެކެވެ. ކޮންމެ ދުވަހަކު ގެޒެޓްކުރާ އެއްޗެހި އާންމު ގިނަ ބަޔަކު ބަލައި ނޫޅެ އެވެ. އެކަން ސަރުކާރުގެ ވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ އެވެ.

ފަގީރުންނަށް ކާބޯތަކެތި ދިނުމާ ބެހޭ ގަވައިދު އެކުލަވާލިއިރު، މި ގައުމުގައި ފަގީރުންގެ ހާލަތު އަންގައިދޭ ރަނގަޅު ތަފާސްހިސާބެއް ނެތެވެ. ސަބްސިޑީ ދިނުމާ ބެހޭ ހަރުދަނާ މިންގަނޑެއް ނެތެވެ. އިންކަމް ޓެކްސްއެއް ނުނަގަ އެވެ. އެހެންވެ، އެތައް ބަޔަކާ ގުޅޭ ކަމެއްގެ ގަވައިދު އެކުލަވާލިއިރު، މުޖުތަމައުގައި އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ހޯދުމަކީ ރަނގަޅު ގޮތެކެވެ.

ކާޑުގެ އަގު ބޮޑުކުރުމާ ގުޅޭ މައުލޫމާތު އާންމުންނަށް ނުދެވޭކަން ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ ވާހަކަތަކުން ވެސް ދޭހަވެ އެވެ. އެކަމަށް އެބޭފުޅުން ސީދާ އެއްބަސްވެވަޑައިނުގަތަސް، އާންމުންނަށް ކަންކަން އޮޅުންފިލުވައި ދީފައެއް ނުވެ އެވެ.

މިވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު، ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ އިދާރާތަކުގެ އެންމެ އިސް ވެރިން ނިއުސް ކޮންފަރެންސް ބާއްވައި، ރައްޔިތުންނަށް ފިސާރި ރަނގަޅަށް މައުލޫމާތު ދޭން ޖެހޭނެ އެވެ. ރައްޔިތުން ހޭލުންތެރިކޮށް، އަދި ރައްޔިތުންގެ ހިޔާލު ވެސް ހޯދަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ކޮންމެ ބަޔަކަށް އޮތަސް، އެ މަޖިލިހުގެ ހިޔާލު ހޯދުމަކީ ވެސް ސަރުކާރު ދަށްވުމެއް ނޫނެވެ. އެއީ ޑިމޮކްރެސީގެ ރީތި ސިފައެކެވެ.

ފަގީރު ގޭބީސީތަކަށް ކާބޯތަކެތި ދިނުމާ ބެހޭ ގަވައިދު ގެޒެޓް ކުރިތާ ގާތްގަނޑަކަށް ހަތް މަސް ވީއިރު، އެކަމަށް ފޯމް ލާފައި ވަނީ މަދު ބައެކެވެ. ސަރުކާރުން ހަދަން އުޅޭ އެއްޗެއް ދުރާލާ އަންގައި، މަސައްކަތްކުރި ނަމަ ފޯމް ލާނެ މީހުން ގިނަވާނެ އެވެ. މީގެ އެންމެ ހެއްވާ ކަމަކީ އެ ގަވައިދު ގެެޒެޓްކުރިއިރު ވެސް، ކާޑުގެ އަގަށް ބަދަލެއް އަންނާނެކަން އެނގި ތިބެ، އެކަމާ އަޅާނުލައި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސަރުކާރުގެ ވެރިން ތިބި ތިބުމެވެ. ގަވައިދު ގެޒެޓް ކުރާއިރު ވެސް ސަރުކާރުން އެތައް ހިސާބުތަކެއް ޖަހާނެކަން ކަށަވަރެވެ. އަގު ބޮޑުވާނެ މިންވަރު އަންދާޒާ ކޮށްލަން އެނގޭނެ އެވެ. އެކަމަކު ހަތް މަސް ވީއިރު ވެސް އެކަން އާންމުންނަށް ތިލަކޮށްދޭން ސަރުކާރަށް އެނގުނީ، އެންމެ ފަހު ވަގުތު އެވެ. ޕްރެޝަރު ބޮޑުވެ، ސަރުކާރު ހޫނު ފެނަށް ވެއްޓުނީމަ އެވެ.

މާލޭގެ ފިހާރަައެއްގައި ހަކުރު ކިރަން ކައްޓާއަކަށް އަރުވާފައި: ކާޑުގެ ބާވަތްތައް އަގު ބޮޑުކުރި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުންތައް އަދިވެސް އެބަހުރި.---ފޮޓޯ: ހުސެއިން ޝަޔާހް/މިހާރު

އެންމެ އާދައިގެ މީހާގެ އިހުސާސްތަކާއި ވިސްނުން ހުންނަ ގޮތް ސަރުކާރުގެ އިސް ވެރިންނަށް ނޭނގުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ރޭވުންތައް ރާވާއިރު، އާންމުންގެ ހާލަތު ދެނެގަތުމަކީ، ވެރިންގެ ހުންނަން ޖެހޭނެ އަސާސީ އެއް ސިފަ އެވެ. އެކަމަކު ބޮޑެތި ބައެއް ކަންކަން، ވަރަށް އާދައިގެ ގޮތަކަށް މި ސަރުކާރުން ނަގާކަން ވަރަށް ސާފެވެ. ކާޑުގެ މައްސަލަ އަކީ އޭގެ ތެރެއިން ވަރަށް ރަނގަޅު މިސާލެކެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރަށް މިފަހަރު ޕްރެޝަރު ބޮޑުވެ، އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި މައިގަނޑު ސަބަބަކީ ވެސް، ކުއްލިއަކަށް މިފަދަ ބޮޑު ކަމެއް ނިންމުމެވެ. ހަމައެކަނި ފިނި ކޮޓަރީގައި ތިބެގެން ރައްޔިތުންގެ އަސްލު ހާލަތު ދެނެނުގަނެވޭނެކަން މިހިރަ ދަނީ އެނގެމުންނެވެ.

މި މައްސަލާގައި އަދިވެސް ޖަވާބު ނުލިބޭ ސުވާލެއް އެބަ އޮތެވެ. އެންމެ 48 ގަޑިއިރުގެ ނޯޓިހެއް ދިނުމަށް ފަހު، ކާޑުގެ ކަންތައްތަކުގައި މިހާ ބޮޑު ބަދަލެއް މިގެނައީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރުން އެފަދަ ނިންމުމެއް ނިންމާނީ އިތުރު ގޮތެއް ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަ ގުރޫޕުގައި ވިދާޅުވެފައިވެ އެވެ. ރަނގަޅު ވާހަކައެކެވެ. އިތުރު ގޮތެއް ނެތުމުން ސަރުކާރުން ކަންކަން ކުރަން ޖެހޭ ދަނޑިވަޅުތައް ވެސް އަންނާނެ އެވެ. އެކަމަކު މިހާ ކުއްލި ގޮތަކަށް، އަދި އެހެން ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އަވަސް އަރުވާލައިގެން، އެކަން ކޮށް ނިންމާލި ސަބަބެއް އަދިވެސް ނޭނގެ އެވެ. ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟ ދައުލަތުގެ ބަޖެޓާ ގުޅޭ މައްސަލައެއް ހައްލުކުރާ ނަމަ، އެންމެ ނިކަމެތި މީހާގެ އާމްދަނީއާ ނުކުޅެ، އެކަން ކުރެވޭނެ އެހެން މަގެއް ނުފެނުނީ ހެއްޔެވެ؟ ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ލިބޭ ބޮޑެތި މުސާރަތައް ދަށްކޮށް، ސިޔާސީ މަގާމުތައް މަދުކުރުމުގެ ސިޔާސަތެއް އެކުލަވައި ނުލެވޭނެ ހެއްޔެވެ؟

ރައީސް ޔާމީން ވިދާޅުވި ފަދައިން އެމަނިކުފާނު ވެސް ރައްޔިތުންގެ ރުހުމާއި ވޯޓު ބޭނުންވާނެ އެވެ. ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން އުޅުއްވާ ނަމަ އެވެ. އެކަމަކު ވޯޓު ދޭން ތިބި އާންމުންނާ ގުޅޭ ބޮޑެތި ކަންކަން ނިންމުމުގެ ކުރިން ރައްޔިތުންގެ ހާލަތު ވެރިންނަށް އެނގެން ވެއްޖެ އެވެ. އެކަމަކު ބައެއް ވެރިންގެ އާދަ ހުންނަ ގޮތުން އާންމުންނާ ހަމައަށް ރަނގަޅަކަށް ވާސިލެއް ނުވެވެ އެވެ.

40 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 4%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަބްސިޓީ

04 October 2016

މުސްކުޅިންނަށް 5000ރ ގެ އިނާޔަތް ދިނުމުގައި ވެސް އިންސާފު ހުރި މިންވަރަކީ، މަގޭ ކާފަ ދައުލަތަށް 45 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީގެން 2 ޕެންޝަން ހޯދި. އެހެނަސް ބަލިޙާލުގަ ބަލިއެނދުގަ އޮންނަން ޖެހުނީ ކަމެއް ނުކުރާ ވައި އަނގަތަޅަން ހޮޅުއަށީގަ ތިބި މީހުންނަށްވެސް ދޭ 5000 ރގެ މުސްކުޅި އެލަވަންސް އެކަނި ލިބޭޙާލުގަ. މިކަމާ ވަރަށް ބޮޑަށް ހިތާމަކޮށް ޝަކުވާ ކުރަނިކޮށް ނިޔާވީވެސް. މީވެސް ސަރުކާރުގެ އަނިޔާވެރިކަން ނޫން އެހެން ދެން ކޮން ކަމެއްތޯ؟

The name is already taken The name is available. Register?

ފަރީޝާ

04 October 2016

އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތް!

The name is already taken The name is available. Register?

މޫސާ ރަމީޒް

04 October 2016

ކާޑު ސަބްސިޓީ ދެވެނީ އޭގެ އެންމެ ޙައްޤު ފަރާތްތަކަށްނޫކަމަށް ވިދާޅުވާއިރު 5000 ރުފިޔާ ދެނީ އެންމެ ޙައްޤުވެރިނަންތޯއެވެ؟ ވަޒީފާ އަދާކުރާމީޙުންނަށް 4100 ރ ލިބޭއިރު މަހުޖަނު މުަސްކުޅިއަކަށްވެސް 5000 ލިބެއެވެ. މިއީ ޙައްޤުގޮތްތޯއެވެ.

The name is already taken The name is available. Register?

ޒޯރު

04 October 2016

މިފަހަރު ވޯޓުހޯދަން ނުދާނެއެވެ. ނަމެއްގައި އިންތިޚާބު ބާއްވާނެއެވެ. ނަތީޖާ %90 ލިބޭނެއެވެ. އެއީ މާކުރިން ތައްޔާރުކޮށްފައި އޮންނާނެ ރެޑީމޭޑް އެއްޗެކެވެ. ޑިކްޓޭޓަރުން ގެގޮތެވެ. މީ މަބުނި އެއްޗެއްނޫނެވެ، ޕޮލިޓިކްސްގެ މާއްދާއިން ކިޔެވި އެއްޗެކެވެ. ޑިކްޓޭޓަރޝިޕެއްގައި ހުންނަ ސިފަތައް މި ސުރުޚީގެދަށުން މަކިޔެވިން މިކަހަލަ ވާހަކައެއް.

The name is already taken The name is available. Register?

އަލިބެ

04 October 2016

މިވެރިން ހީކުރަނީ މެމެންނަކީ މޮޔައިންކަމަށް ހެއްޔެވެ؟ ބަލަ ކާޑު އަގުބޮޑުވީމަ ވާގޮތް މަމެންނަށް އެބަފެނެއޭ. ހަނޑޫކޮޅާ ހަކުރު ކޮޅު ގަންނަން ލިބޭ އަގު އެކަންޏެއް ނޫނޭ ބޮޑުވަނީ. ސައިހޮޓާތަކަށް ވަދެ ކަލޯމެން ނިކަން ސައިތަށްޓަކާ ހެދިކާއެއް ކާލަބަލަ. ނަތީޖާ ފެންނާނެ.

The name is already taken The name is available. Register?

އުމަރު

04 October 2016

އެހެންވަނީ އިޖްތިމާއީ ސަގާފަތް އަދި ޤައުމީ ސަގާފަތް ނޭގިތިބެ ފިނިކޮޓަރީގައި ތިއްބަވައިގެން ފެންނަ މަންޒަރުތަކަށް ބަލައިގެން ކަންކަން ނިންމާތީ

The name is already taken The name is available. Register?

ވައިޓުހައުސް

04 October 2016

ފޯމިއުލާއަކައް ގައުމެއް ނުހިންގޭނެ

The name is already taken The name is available. Register?

އިބޫ

04 October 2016

މިނިސްޓަރުން އެބަ ގަބޫލު ކުރެޔޭ، ރާއްޖެ އަންނަ 1މިލިއަން ޓޫރިސްޓުން ވެސް އަންނަނީ ސަބްސިޑީ ހަނޑޫ ކާންކަމަށް، މިވަރުގެ ބަޔަކު ޑިސިސަން ނަގަން ތިބީމަ ދެން ކީކެދޯ ބުނާނީ. މިމީހުން ގޮވއިގެން ރައީސް ޔާމީން ގެ ސިންގަޕޯރ ލަނޑުދަނޑި ހާސިލު ވާނެތަ؟

The name is already taken The name is available. Register?

ވިސްނާ

04 October 2016

އިންކަމްޓެކްސް ނަގަން ނުކުރެންޏާ ބީޕީޓީ ޕަސެއްޓެއް ދެ ޕަސެއްޓެއްވަރު މަށްޗަށް ޖައްސާލަނިކޮށްވެސް ސަބްސިޑީގެ ބައި ހަމަޖެހޭނެއެވެ. އަނެއްކާ ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފެށުމަކީ މި ސަރުކަރުން ވައެއްލުންހާ ފަސޭހަކަމެކެވެ. ނައިބް ރައީސް ވިދާޅުވިކަމަށްވޭ ބީޕީޓީއަކީވެސް އިންކަމްޓެކްސްގެ ވައްތަރެކޭ. ސަރުކާރުގެ ބޭނުމެއްކަމަށް ބެލެވެނީ ސަލާމް ޖެހުމުގެ ސަގާފަތެއް އަށަގެންނެވުމެވެ. ނޫނީ އިންތިހާބް ކައިރި ކޮށްލާަފައި އަގުތައް ތިރިކޮށްލުމެވެ.

The name is already taken The name is available. Register?

އައި

04 October 2016

ރައްޔަތުންގެ އެންމެ ބޭސިކް ކަންތަށް ތިގޮތަށް ކަހާތަން ހިރުވާ ނުލާ ކުރާބަޔަކު ކޮން ރައްޔަތެއްގެ އިހްސާސް އަކަށް އަޅާލާނީ، މަށަށް ހީވަނީ ހޭސް ފަރުވާ އަގު ދައްކާ ގޮތަށް ހަދާފަ ކާޑު އޮތް ގޮތަށް ބޭއްވި ނަމަވެސް މާރަގަޅު ވީސްހެން. ދުނިޔޭގަ ހުރުމަށް އެންމެ ފުރަތަމަ ބޭނުން ވަނީ ހައިހޫން ކަން ފިލުވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454