ޕީޖީ ޝަމީމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 ޑިސެމްބަރ 2019 - 19:00
ރައްޔިތުންގެ އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ، ރޭޕްގެ ޝިކާރައަކަށްވި ރ. މަޑުއްވަރީގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކުރިކަން ހާމަކޮށް، ޕީޖީން ކުރި ޓްވީޓާ އެކު، ޝަމީމް ވިދާޅުވީ އިތުބާރު ހޯދައި އަމާންކަމާއި ރައްކާތެރިކަމާއި އަދުލު އިންސާފު ކަށަވަރު ކޮށްދޭނެ ކަމަށެވެ.
ޕީޖީން ކުރި ޓްވީޓުގައި ބުނީ އެ އަންހެން ކުއްޖާގެ މައިންބަފައިންގެ މައްޗަށް މިއަދު ދައުވާ ކޮށްފައިވާ ކަމަށެވެ. އޭނާގެ މަންމަގެ މައްޗަށް ހަތަރު ދައުވާ އަދި ބައްޕަގެ މައްޗަށް ދައުވާއެއް ކޮށްފައިވާއިރު، އެ ކުޑަ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ރައްދުވާ އިސްމާއިލް ހައްމާދުގެ މައްޗަށް ވެސް ވަނީ މިދިޔަ ހަފުތާގައި ދައުވާ އުފުލައިފަ އެވެ.
މަޑުމަޑުން, އިތުބާރު ހޯދައި، އިރާދކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި، ޢަދުލު އިންޞާފު ކަށަވަރު ކޮށްދޭނަން. https://t.co/2C6MlieByH
— Hussain Shameem (@HuShameem) December 31, 2019
މި މަހުގެ 8 ވަނަ ދުވަހު ޕީޖީއަކަށް އައްޔަން ކުރެއްވި ޝަމީމް، މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަން ދެއްވާ އެއް ކަމަކީ އެކި ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ބައިތިއްބާފައިވާ މީހުންނަށް އިންސާފު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.
ތަފާތު އެކި މައްސަލަތަކުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ އަދަދު 256 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
ޝަމީމްގެ ވިސްނުމަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޕްލީ ބާގެއިނިން ނިޒާމެއް ގާއިމް ކުރުމެވެ. ރައްޔިތުންގެ މަޖިލިސް އަންނަ އަހަރަށް ހުޅުވުމުން، އެކަމުގެ މަސައްކަތްތައް ފަށައި، އެ ނިޒާމުގެ ތެރެއިން ޝަރީއަތާ ހަމައަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދިއުމަކީ އުއްމީދެއް ކަމަށް އާ ޕީޖީ ޝަމީމް ވިދާޅުވެފައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު، އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންނާ ދެކޮޅަށް އުފުލި ދައުވާތަކާ އެކު ޕީޖީ އޮފީހުގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
02 January 2020
ވާނެ ކަންކަމާ ނުވާނެ ކަންކަންވެސް ހުންނާނެ. ދުނިޔެ ނިމުނަސް ތިޔަކަމެއް ނުވާނެ. އެއީ އެއް މުއައްސަސާއަކުން އެކަނި ކުރެވޭނެކަމަކަށް ނުވާތީ!
ނަވާބު
31 December 2019
ސަމީމް އަށް ތިޔަކަން ވާނެ؟
ޙހހހހހ
31 December 2019
ޝަމީމްއަކީ v ފޮނިވާހަކަދައްކާ.ވާހަކަގިނަމީހެއް
ރަދީފު ބިން ރަފައިދާ
31 December 2019
އަނގަނުތަޅާ. އިންސާފުގާއިމް ކޮށްދީފާ ދައްކާ....... އެންމެންވެސް ދައްކަނީ ދަޅަ. އިބޫއެއް، އެލެކްސެއް، ޝަމީމެއް ކިޔާނެކަމެއް ނެތް. ހަމަ އެންމެންވެސް.