09 ޖެނުއަރީ 2020 - 05:52
އޮސްޓްރޭލިއާގައި ރޯވެފައިވާ އަލިފާނުގައި ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، އެ ގައުމަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތު އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ތޯގެ ކެރެކްޓާ ކުޅޭ 36 އަހަރުގެ އެކްޓަރު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެއް މިލިއަން ޑޮލަރު ހަދިޔާ ކުރީ އޭނާ އާއި އާއިލާގެ ފަރާތުން ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު އޮސްޓްރޭލިއާ އަށް އެހީވުމަށާއި އެ ގައުމަށް މި ދަނޑިވަޅުގައި ފޯރުކޮށްދެވޭ އެންމެ ލާރިއަކީ އަކީ ވެސް ވަރަށް އަގުހުރި އެއްޗަކަށް ވާނެ ކަމަށް ބުންޏެވެ.
ކްރިސް އަކީ ދާދި ފަހުން ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ގާތުން ވަރިވި ހޮލީވުޑްގެ އެކްޓަރު ލިއަމް ހެމްސްވޯތު، 29، ގެ ބޭބެ އެވެ.
އޮސްޓްރޭލިއާގެ އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް 20 އަށް ވުރެ ގިނަ މީހުންނާއި އެތައް ބިލިއަން ޖަނަވާރު މަރުވެފައިވާ އިރު، އެތައް ބަޔަކު ތިބީ ގެދޮރު ގެއްލި ބިކަވެފަ އެވެ.
ކްރިސްގެ އިތުރުން އޮސްޓްރޭލިއާ އަށް އުފަން އެހެން މަޝްހޫރު ބައެއް ފަންނާނުން ވެސް އަންނަނީ އެ ގައުމަށް އެހީވުމަށް ގޮވާލައި، ވީވަރަކުން އެހީ ފޯރުކޮށް ދޭން މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި އެކްޓަރު ރަސަލް ކްރޯ އާއި ބަތަލާ ނިކޯލް ކިޑްމަންގެ އިތުރުން ކޭޓް ބްލެންޝެޓް ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
އަދި އެހެން ގައުމުތަކުގެ މަޝްހޫރު ބައެއް ފަންނާނުން ވެސް އެހީ ދީފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި ޕިންކް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy