10 ޖެނުއަރީ 2020 - 10:36
ލަންޑަން (ޖެނުއަރީ 10) - ފެންނަން އޮތް ހަގީގަތަށް ބަލާއިރު ލިވަޕޫލަކީ މި ވަގުތު ދުނިޔޭގެ އެއް ވަނަ ޓީމު ކަމަށާއި އެ ޓީމަށް އެ ހިސާބަށް ދެވުނީ ކެތްތެރިކަމާ އެކު ރަނގަޅު ވިސްނުމުގައި ކުރި މަސައްކަތުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްއާ ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގައި މާދަމާރޭ ޓޮޓެންހަމް ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗުގެ ކުރިން މޮރީނިއޯ ވަނީ ލިވަޕޫލަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. މިއީ މެޗުގެ ކުރިން އިދިކޮޅު ޓީމުގެ ސަމާލުކަން އެހެން ދިމާލަކަށް ގެންދިއުމަށް މީގެ ކުރިން މޮރީނިއޯ ބޭނުންކޮށްފައި ހުރި އުކުޅުތަކެކެވެ.
"އިއްޔެ އަހަރެން ލިވަޕޫލް މެޗު ޓީވީން ބަލާލިއިރު އަހަންނަށް ފެނުނީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމު ކުޅޭތަން. އަހަރެންގެ ނަޒަރުގައި ލިވަޕޫލަކީ އެ ޓީމު،" ލިވަޕޫލާ ދެކޮޅަށް ގިނަ ޓީމުތަކެއްގެ ކޯޗުގެ ގޮތުގައި ކުރިމަތިލި މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މިހާރު އޮތް ޓީމު އެކުލަވާލަން ކުރި މަސައްކަތުގައި އެ ކްލަބްގެ ވެރިން ދިން އެއްބާރުލުން ފާހަގަކުރަން ޖެހޭ ކަމަށާއި ލިވަޕޫލް އެ ހިސާބުގައި އޮތް ސަބަބުތައް ބައިވަރުކަމަށެވެ.
"ލިވަޕޫލްގައި ކްލޮޕް ހުއްޓައި އަށް ޓްރާންސްފާ މާކެޓް ގޮސްފި. ވަރަށް ގިނަ ކުޅުންތެރިން އެ ޓީމަށް އައިސްފި. އަދި އެ ޓީމު ދޫކޮށް ވެސް ގޮސްފި. މީގެ އެންމެ މުހިއްމު ކަމަކީ ކޯޗެއްގެ ފިލޯސަފީ އެ ޓީމެއްގައި ފަށަން ވަގުތު ބޭނުންވާނެ. ކްލޮޕަށް އެ ވަގުތު ދޭން ލިވަޕޫލުން ނިންމީ ރަނގަޅަށްކަން އެ އޮތީ ފެންނަން. ކްލޮޕް އައި ފުރަތަމަ ސީޒަން (2015-2016) ގައި އެ ޓީމު ނިންމީ ލީގުގެ ހައެއް ނޫނީ އަށް ވަނައިގައި،" މޮރީނިއޯ ބުންޏެވެ.
"ހަތަރު އަހަރު ފަހުން އެ މީހުންނަކީ (ލިވަޕޫލް) އަކީ ދުނިޔޭގެ ޗެމްޕިއަނުން. އަދިވެސް އަހަރެން ބުނާނީ ލިވަޕޫލަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށް،"
ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަނެއް ކޮށްފައިވާއިރު، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ އޭޕްރީލް މަހު ކަމަށް ޓޮޓެންހަމުން ވަނީ ބުނެފަ އެވެ. ލިވަޕޫލާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖަމުގޯސް
11 January 2020
މުޅި ސީޒަނަށް ބަލާއިރު ލިވަޕޫލް ކުޅުން ވަރަށް ބަރާބަރު .. ފަހުވަގުތާ ޖެހެންދެން ހިފަހައްޓާ ... އެކަމަކު ހީނުކުރާހާ ގިނަ މެޗުތަކުން ސަލާމަތްވެފަހުރީ އެމީހުންގެ މޮޅުކަމަށްވުރެ ދެން އޮތް ޓީމަށް މޮޅެއް ލިބެން ނެތުމުން ކަހަލަ ގޮތަކަށް ...
އާރީ
10 January 2020
ލިވަރފޫލަކީ މިހާރު ވަރަށް ކޮންފިޑެސް އާއި އެކު ކުޅޭ މޮޅު ޓީމެއް. މޮރީނޯ ބިރުން ތި އުޅޭނި ކަމެއް ނެތް
އޭނަ
11 January 2020
ލިވަޕޫލް ދަށެކޭ ނުބުނާނަން. އެކަމަކު މިސީޒަނުގައި ލިވަޕޫލަށް ވީއޭއާރގެ އެހީ ލިބޭލެ ވަރަށް ގިނަ. އިދިކޮޅު ޓީމަށް ބޭއިންސާފުވާގޮތަށް.
އެންޓިޒް
12 January 2020
ވީ އޭ އާރުގެ އެހީގަ ލިވަޕޫލަށް ގެއްލުނު ޕޮއިންޓެއް ގެއްލުނީވެސް. ސޯ؟ އެއީވެސް 3 ޕޮއިންޓްލިބެންޖެހޭ މެޗެއް.