މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އާލިއާ.

އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކައިލަން ނިންމައިފި އެވެ.

ފިލްމުގެ ލޯގޯއާ އެކު އެކަން ހިއްސާކޮށްފައިވާ އިރު، މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް އާލިއާ ފިޔަވައި "ގަންގްބާއީ ކަތިއަވާޅީ" ގައި ދެން ހިމެނޭ ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

މި ފިލްމަކީ މުމްބާއީގައި ކުރިން އުޅުނު ނުފޫޒު ގަދަ އަންހެން ގޭންގްސްޓާރު ގަންގްބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އާލިއާ ކުޅެނީ ފިލްމުގެ ޓައިޓްލް ރޯލެވެ.

"ގަންގްބާއީ ކަތިއަވާޅީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 11 ގަ އެވެ.

"ޝޭރްޝާހް" ގެ ޝޫޓިން ނިންމާލައިފި

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައި ބަތަލެއްގެ ގޮތުގައި މަޝްހޫރުވި ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާ "ޝޭރުޝާހް" ގެ ޝޫޓިން ނިންމާލައިފި އެވެ.

ސިދާތު މަލްއުތުރާ ޓައިޓްލް ރޯލް ކުޅޭ މި ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ވިޝްނޫވަރުދާން ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ޝޫޓިން ނިންމައިލި ވާހަކަ ސިދާތު ވަނީ އިންސްޓަގްރާމްގައި ވެސް ފޮޓޯތަކަކާ އެކު ހިއްސާކޮށްފަ އެވެ.

ކިއާރާ އަދުވާނީ ބަތަލާގެ ރޯލް ކުޅެފައިވާ "ޝޭރްޝާހް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

އަކްޝޭއާ އެކު މުރުނާލް

އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ބެލްބޮޓަމް" ގެ ބަތަލާގެ ރޯލުން ފެންނާނީ މުރްނާލް ތާކޫރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ޒުވާން ބަތަލާ، ޖޯން އަބްރަހަމާ އެކު ބަތަލާގެ ރޯލް ކުޅުނު "ބަތުލާ ހައުސް" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ޕްރޮޑިއުސްކުރާ ފިލްމަކަށްވެފައި މުރުނާލް އޭގައި ދެއްކި ހުނަރާ ދޭތެރޭ ނިކިލް ވަރަށް ހިތްހަމަޖެހޭތީ މުރުނާލަށް ފިލްމުން ފުރުސަތު ދިނީ ކަމަށްވެ އެވެ.

މިދިޔަ އަހަރު ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ބަތަލާގެ ރޯލް ވެސް ކުޅުނު މުރްނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި އަހަރު ގެނެސްދޭ ޝާހިދު ކަޕޫރްގެ "ޖާޒީ" އާއި ފަރްހާން އަޚްތަރުގެ "ތޫފާން" ހިމެނެ އެވެ.

މުރުނާލް އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 1 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" އިންނެވެ.

"ބެލްބޮޓަމް" އަކީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައި ރިލީޒްކުރާ ފިލްމެކެވެ.

ދަރުމާގެ ޖާސޫސީ ފިލްމު ރިތިކަށް

އިންޑިއާގެ ސްޕައިމާސްޓަރެއް ކަމަށްވާ ރަމޭޝްވަރު ނާތު ކާއޯގެ ވާހަކަ ކިޔައިދޭ ފިލްމު ރިތިކް ރޯޝަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން މި އަހަރު އިއުލާންކުރި ފުރަތަމަ ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ މި ފިލްމަކީ ނިތިން ގޮކާލޭ ލިޔެފައިވާ ވާހަކަ "އާރްއެން ކާއޯ: ޖެންޓްލްމަން ސްޕައިމާސްޓާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމަށް ރިތިކް ސޮއިކުރި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ.

މިދިޔަ އަހަރުގެ "ވޯ" އާއި "ސުޕަ 30" އަށް ފަހު ރިތިކް ކުޅޭނެ އާ ފިލްމެއް ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454