26 ޖެނުއަރީ 2020 - 11:26
ލަންޑަން (ޖެނުއަރީ 26) – ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ގަތުމަށް އިންޓަ މިލާނުން ކުރަމުން އަންނަ މަސައްކަތް ދިގުދަންމާތީ އެ ޓީމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.
އެރިކްސަންގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާތީ އޭނާ އަށް އޮތީ އެހެން ކްލަބްތަކާ މަޝްވަރާކުރުމުގެ ހުއްދަ ދީފަ އެވެ. އޭގެ ދަށުން މަޝްވަރާކޮށް އޭނާ އޮތީ އިންޓައާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެކަމަކު ޓޮޓެންހަމް އާއި އިންޓަ އަށް އަގަކާ މެދު އެއްބަސްނުވެވިގެން މިހާތަނަށް ޑީލް އޮތީ ނުނިމި އެވެ. އެކަމަކު މިހާރު އިންޓަ އިން ވަނީ އަގަކާ މެދު ޓޮޓެންހަމްއާ އެކު އެއްބަސްވެފަ އެވެ. އޭނާ މި ހަފުތާގެ ތެރޭފައި އިންޓައާ ގުޅޭނެ ކަމަށްވެ އެވެ.
އެކަމަކު އިންޓަގެ ކުރީގެ ކޯޗު މޮރީނިއޯ ވަނީ ގޮތެއް ނުނިމި އެރިކްސަން ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ އިޝާރާތްކުރީ އިންޓަ އިން ޓޮޓެންހަމުން އެދޭ އަގު ދޭން ފަސް ޖެހި މުޅި ޖެނުއަރީ މަސް އެކަމުގައި ހޭދަކުރި ކުރުމަށެވެ.
އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ސައުތުހެމްޓަންއާ 1-1 އިން ޓޮޓެންހަމް އެއްވަރުވި މެޗުގައި އެރިކްސަން ޓީމާ އެކު ދަތުރުކުރި ނަމަވެސް ބެންޗުގައި ނުހިމަނަ އެވެ. އެއީ ވެސް ޓްރާންސްފާ ބޯ މަތީގައި އޮތުމުންނެވެ.
"އަހަރެން ބުނަން އޮތް އެއްޗަކީ މި ހާލަތު ޖެނުއަރީ 25 ގައި އޮވެގެން ނުވާނެޔޭ. ޖެނުއަރީ 25 ގައި މި ހާލަތު އޮތުމަކީ ޓޮޓެންހަމްގެ މައްސަލައެއް ނޫން،" އެރިކްސަން ބުންޏެވެ.
ކްލަބް ބަދަލުކުރުމުގެ މަރުހަލާގެ ތެރޭގައި ވެސް މޮރީނިއޯ ވަނީ އެރިކްސަނަށް މިދިޔަ މެޗުތަކުން ފުރުސަތު ދީފަ އެވެ. ބައެއް މެޗުތަކުގައި ސަޕޯޓަރުން ވަނީ އޭނާއާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު މޮރީނިއޯ ބުނީ އޭނާ އެ ޓީމާ ހަވާލުވި ހިސާބުން ފެންނަނީ އެރިކްސަން ވަރަށް ޕްރޮފެޝަނަލްކޮށް އަމަލުކުރާތަން ކަމަށާއި މިކަމުގައި ޓޮޓެންހަމްގެ ވެސް ކުށެއް ނެތް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އިން ހުށަހެޅީ 10 މިލިއަން ޔޫރޯ އެވެ. އެކަމަކު ޓޮޓެންހަމުން ބޭނުންވަނީ އޭގެ ދެ ގުނަ އެވެ. އެކަމަކު 15 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގެއް ދޭން އިންޓަ އިން ދެކޮޅު ހެދުމުން ޓްރާންސްފާ ލަސްވީ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy