ފުލުހުން މީހަކު ހައްޔަރުކޮށް ގެންދަނީ: ގާނޫނު މިހާރު އޮންނަ ގޮތުން ހައްޔަރުކުރާ މީހުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރަން ލާޒިމްވޭ -- ފޮޓޯ/ޕޮލިސް
28 ޖެނުއަރީ 2020 - 09:56
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މި ދުވަސްވަރު ފެންމަތި ވަނީ ފުލުފުލުންނެވެ. ތުއްތު ކުދިން ވެސް ޖިންސީ ޝިކާރައަކަށް ވުމުގެ މައްސަލަތައް ހުރި އިރު އެފަދަ މީހުންނާ ދެކޮޅަށް އާންމުންގެ ހިތްތަކުގައި އޮތް ރުޅިވެރިކަން ވެސް އޮތީ އިންތިހާގަ އެވެ.
ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންނާ އާންމު ރައްޔިތުން އަމިއްލައަށް ކުރިމަތިލައި، އެ މީހުންނަށް ހަމަލާ ދިނުމުގެ އަމަލުތައް ވެސް މިހާރު ދަނީ ހިނގަމުންނެވެ. ގިނަ މީހުންގެ ހިތްހަމަނުޖެހުމަކީ ރަސްމީ އިދާރާތަކުން ފިޔަވަޅު އެޅުމުގައި އޮތް އިހުމާލެވެ. އަދި އެފަދަ ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކުރުމުގައި ލަސްވުމަކީ އެންމެ ބޮޑަށް އަމާޒުވަމުން އަންނަ ފާޑުކިޔުމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ އަދި ސީރިއަސް ގޮތެއްގައި ބަލަން ޖެހޭ މައްސަލަތަކެއް ކަމަށް ވިޔަސް، އެފަދަ ކަމެއް ހިނގުމާ އެކު އެ ދުވަހުން ދުވަހަށް އެ މީހާ ޖަލަށް ލާން ހުކުމް ކުރެވޭނެ ނިޒާމެއް ނޯވެ އެވެ. އޭގެ ކުރިއަށް ތަހުގީގީ އިދާރާތަކުން ފުރިހަމަކުރަން ޖެހޭ އިޖްރާއާތުތަކަކާއި ގާނޫނީ ގޮތުން ދޭން ޖެހޭ ފުރުސަތުތަކެއް ވެސް އޮވެ އެވެ. އަދި ތުހުމަތެއް ކުރެވުނަސް، އޭގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކުރުމަކީ، ރަސްމީ އިދާރާތަކުން މިހާރު ނަގަން ޖެހޭ ބޮޑު ރިސްކެކެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރާ ވަގުތުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހޭނެ އެވެ. އަދި ކޯޓަށް ގެންދިއުމުން ބަންދުން ދޫކޮށްލާ މީހުންގެ މައްޗަށް 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހެ އެވެ. ބޮޑެތި މައްސަލަތަކުގައި، މައްސަލައިގެ ބާވަތުން ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް އޮތަސް، އެހެން ވެސް އިތުރުކޮށް ދެވޭނީ ވަކި މިންވަރަކަށެވެ.
އެ މުއްދަތުގައި ދައުވާ ކުރެވޭނެ މިންވަރުގެ ހެކި ނުހޯދިއްޖެ ނަމަ، އެ މައްސަލައެއްގައި ދައުވާ ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލި، އިންސާފު ހޯދުމުގެ ދޮރު ވެސް އެއްކޮށް ބަންދުވީ އެވެ. އެކަމަކު ހައްޔަރުކުރުމެއް ނެތި، ތަހުގީގު ހިންގާ ނަމަ، ގާނޫނީ ގޮތުން ވަކި މުއްދަތެއް ނުހިނގާނެ އެވެ. އޭރުން ފުރިހަމަ ހެއްކާ އެކު، ތަހުގީގު ފުރިހަމަ ކުރަން އެކަށީގެންވާ ފުރުސަތު ލިބެ އެވެ. އެހެންވެ، ގާނޫނު އޮތް ގޮތުން ތަހުގީގު މަރުހަލާގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން ނަގަން ޖެހެނީ ގާނޫނީ ބޮޑު ރިސްކެކެވެ.
އެގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ހިމެނީ މުހިންމު ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ މީހުން ހައްޔަރުކުރަނީ އެ މީހަކަށް ދައުވާ އުފުލޭ މިންވަރަށް ނުވަތަ ކުށް ސާބިތުވާނެ އެކަށީގެންވާ ހެކިތަކެއް ހުރެގެން ނުވަތަ ހެކި ލިބޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަން ކަށަވަރު ކުރުވުމެވެ. އެގޮތަށް އޮތުމުން މީހަކު ހައްޔަރުކޮށް، ކޯޓާ ހަމައަށް ގެންދާއިރު، ގާނޫނުގައި ބުނާ އެ މުއްދަތުގައި ދައުވާ އުފުލޭނެ ހެކި ހޯދޭނެ ކަމުގެ ނުވަތަ ހުރިކަމުގެ ޔަގީންކަން ފުލުހުންނަށް އޮންނަން ޖެހެ އެވެ.
ހައްޔަރުކުރާ މީހުންގެ މައްޗަށް ދައުވާ ކުރަން ލާޒިމްވާ މުއްދަތުތަކެއް ގާނޫނުގައި ލިޔުނު ދެވަނަ ބޭނުމަކީ ކުށެއް ސާބިތުވުމުގެ ކުރިން ތަހުގީގު މަރުހަލާގައި އާދައިގެ ކަންކަމުގައި ވެސް މީހުން ހައްޔަރުކުރަމުން އައި ސަގާފަތް ނިމުމަކަށް ގެނައުމެވެ. ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ބުނާ ގޮތުން އެ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހަތަރު ހާލަތުގައި މެނުވީ ކުށެއް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ނުކުރަނީސް، މީހުން ހައްޔަރުކޮށް، ބަންދުގައި ބައިތިއްބައިގެން ނުވާނެ އެވެ.
ގާނޫނު އަސާސީގެ އެ މާއްދާގެ މަގްސަދަކީ މުޖްތަމައަށް ނުރައްކާވުމާއި ހެކި ނައްތާލުމާއި ފިލަން އުޅުން ފަދަ އިސްތިސްނާ ހާލަތްތައް ނެތް ނަމަ، ކޮންމެ މީހަކު ވެސް މިނިވަންކޮށް ބަހައްޓައިގެން ތަހުގީގާއި ދައުވާ އުފުލައި، ޝަރީއަތް ހިންގުމެވެ. އެގޮތަށް ގާނޫނު އަސާސީގައި އޮތަސް، ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމުގެ ކުރިން އާދައިގެ ކުދިކުދި ކަންކަމުގައި ތަހުގީގަށް ހައްޔަރުކޮށް، ބަންދުގައި ބޭތިއްބުމާއި ފަހުން ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ބުނެ ދޫކޮށްލުމުގެ ޝަކުވާތައް ވަރަށް ބޮޑުވި އެވެ. އެހެންވެ، ގާނޫނުގެ ބޭނުމަކަށް ވީ އެކަން ހައްލު ކުރުމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކަކީ އެ ގާނޫނުގެ ދަށުން ކަނޑައެޅޭ ވަކި މިންގަނޑެއްގެ ހެކި ލިބުމުން ސާބިތުކުރެވޭ ކުށްތަކެއް ކަމަށް ވިޔަސް، ހެކި ހޯދުމުގައި ޚާއްސަ އިޖްރާއާތުތަކެއް ފުރިހަމަކުރަން ގާނޫނު ލާޒިމް ކުރެ އެވެ. އަނިޔާ ލިބޭ ކުޑަކުއްޖާގެ ބަޔާން ނެގުމުގައި ވެސް ޚާއްސަ އުސޫލުތަކެއް ގާނޫނުގައިވެ އެވެ.
އެހެންވެ، އެފަދަ ކޮންމެ މައްސަލައެއް ފެންމަތިވުމާ އެކު ތުހުމަތުކުރެވޭ މީހާ ވަގުތުން ވަގުތަށް ހައްޔަރު ކޮށްފި ނަމަ، އިންސާފު ހޯދައިދިނުމުގައި ފަހުން ކުރިމަތިވެދާނެ ހުރަސްތަކެއް އެބަ ހުއްޓެވެ. އެހެން ބައެއް ބޮޑެތި މައްސަލަތަކުގައި މީހުން ހައްޔަރުކުރުން ލަސްވުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ވެސް އެކަން ފުލުހުން ފާހަގަކުރި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބަލަން ޖެހޭނެ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެކަމަކު ގާނޫނުތައް ހުރި ގޮތުން މިފަދަ ކޮންމެ މައްސަލައެއްގައި އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށް ބެލުމަކީ އޮތް ހައްލެއް ނޫނެވެ. އެކަމުގެ ސަބަބުން އެވަގުތަށް ހިމާޔަތް ކުރެވިދާނެ މަސްލަހަތުތަކެއް އޮތަސް، އިންސާފު ހޯދައިދިނުމުގައި މުސްތަގްބަލްގައި އެޅިދާނެ ހުރަސްތައް އެއަށް ވުރެ ބޮޑެވެ.
މިއީ ގޮންޖެހުން ބޮޑު މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީބް
28 January 2020
އެހެންވެއޭ މިކިޔަނީ ޝިދާތާ ބޮލަށް އަރައިގެން މިކަމެއް ރަނގަޅެއް ނުވާނެއޭ. ޤާނޫނު އިސްލާހު ކުރާށޭ !
ސުމަންމިއާ
28 January 2020
ރައީތުން މަގުމަށްޗައް ނިކުމެ ހަޅުތާލުކޮށް އަނީޔާ ލިބުމުގެ އެތްވެސް ބޭނުމެތްނެތް ތި ކަންންކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ރައީތުން ސަބަބަކީ ޕާޓީ ރޫހުޖެހި ރުކަށްއަރާ މީހުންނާ ކާރު ދުއްވާ މީހުންނާ ފީނާމީހުން ރާއްޖޭގެ ގާނޫނުހަދާ މަޖިލީހައްހޮވުން އެތްވެސް ތަޖުރިބާއެތް ތައުލީމެތްނެތް ބަޔަކު ގާނޫނު ހަދަން ހޮވަނީ ހަމަ ރައީތުން އެކަމުގެ ހިތި ރަހަ ދެކެމުން މިދަނީ ހަމަ ރައީތުން
ޙިނި
28 January 2020
ފުލުންގެ ތެރޭ ކިތައް މިހުން ޑެސްކު ޖޮބުތަކުގަ އުޅޭބާ؟
ޟެން
28 January 2020
އިންސާނުން އަތުންލިޔެ ހަދާ ގާނޫނުތަކުގަ ތިކަހަލަ ބައިވަރުކުށް ހުންނާނެ.. އެހެންވެ ބުނަނީ އިސްލާމީ ޝަރީޔާ މިތާގާއިމް ކުރާށޭ
އިސްލާމީ
28 January 2020
މަ ތިކަމަށް ތާއީދު. އެކަމަކު ކޮންމެ ކޮންމެ ތާކު ކަމާ ނުގުޅޭ ކަންކަމުގައި ތިހެން ޖަހައިގެން ތީގައިން ވާނެ އެއްވެސް ފައިދާއެއް ނެތް. މީގަ މިއޮތީ ކަމެއް ސާބިތުކުރަން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކާ ކަމެއްގައި ށައްކުވީމަ ހައްޔަރު ކުރެވޭނީ ކިތަށް ދުވަހަށް ކަން. އޭގެ ހުކުމުގެ ވާހަކަ އެއް ނޫން. ށައްކުވާ ކޮންމެ މީހަކަށް ވަގުތުން ހުކުން ކުރާވާހަކަ އެއްވެސް ނޫން އޮތީ
ފޮރިންސިކް
29 January 2020
ޝަރީއާގައި ރޭޕު ގެ ހާލަތެއް ނޯވޭ. ޖިންސީގުޅުން ގަދަކަމުން ހިންގިއަސް އަންނާނީ ޒިނޭގެ ހުކުމް ދެމީހުންނަށްވެސް.
ރަސްދޫމީހާ
28 January 2020
މުއައްސަސާތަކުން އިހްމާލްވަނީ. ތީގެ ކޮންހާލަތެއް މެދުވެރިވެގެންތޯ އަޅުގަނޑުމެންގެ ކޮއްކޮއާ ބެހުނުމީހާ އެއްވެސް ކަމެއް ނުކޮށް ރަށުކޯޓް ވަޒީފާގައި ހުންނަނީ. ގޭ އެއްމެން މަޑިވަރައްދިޔަ ދަތުރެއްގައި އެކަންކުރިކަން އެއްމެނަށްވެސް އިނގޭނެ. ޕޮލިހައް ގެންގޮސް ބަޔާންވެސް ނެގި. ކުއްޖާގެ ބަޔާން ޖެންޑާރގައި ވާނެ. ކުއަޖާގެ ބައްޕައަށް ސިއްރުކުރީ މަންމަގެ އާއިލާއިން އެނުލަފާމީހާ ހިމާޔަތްކުރަން. މިކަމާވެސް އަހަރުމެން ކަމެއްކޮއްފިއްޔާ ގޯސްވާނީ ހަމަ އަހަރުމެންދޯ؟