އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކްއާ ފްލެޓްތައް: ފްލެޓްތައް ލިބޭ މީހުން ވަންނާނެ ފްލެޓްތައް ގުރުއަތުން ކަނޑައެޅުން މާދަމާ ފަށާނެ.---ފޮޓޯ: ނިޝާން އަލީ/މިހާރު
05 އޮކްޓޯބަރ 2016 - 12:59
ޓާޓާ ފްލެޓްތަކަށް ހޮވިފައިވާ މީހުންގެ ތެރެއިން 147 މީހަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށް މާދަމާ ގުރުއަތު ނަގަން ފަށާ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.
ޑިރެކްޓަރު ފައިނޭންސް އަލީ ޝަރީފް ވިދާޅުވީ ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ގުރުއަތު ނެގުން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ އޮޑިޓޯރިއަމް ގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިވަގުތު ހައުސިން އިން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބޭނެ ފްލެޓްތައް ކަނޑައެޅުމަށް މާދަމާ ގުރުއަތު ނެގުން މި ބާއްވަނީ. މީގެ ދެވަނަ ބުރެއް މިމަހުގެ ފަހުކޮޅު ބޭއްވޭތޯ ބަލަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މާދަމާގެ ގުރުއަތަށް ދާން ޖެހޭ މީހުންނަށް އެޗްޑީސީން މިހާރު ފޯނުން އަންގަން ފަށާފައިވާ ކަމަށެވެ.
މި އަހަރުގެ މާޗް މަހު ނިމުނު ފްލެޓްތަކަށް ހޮވިފައިވާ މީހުން ވަންނާނެ ފްލެޓްތައް ކަނޑައެޅުން ލަސްވީ، އެތަން އިމާރާތްކުރި އެޕެކްސް ރިއަލިޓީ އަށް ދައްކަން ޖެހޭ 277 މިލިއަން ރުފިޔާ ނުދެއްކިގެންނެވެ.
ސަރުކާރުން ފަހުން ވަނީ އެ ފްލެޓްތައް އެޗްޑީސީއާ ހަވާލުކޮށް، ސަރުކާރުން ނެގި ލޯނެއްގެ ދަށުން އެޕެކްސް ރިއަލިޓީ އަށް ފައިސާ ދައްކައިފަ އެވެ. ދެ އިމާރާތް ތަރައްގީކުރި އެޕެކްސް ރިއަލިޓީ އަކީ ޓާޓާ ހައުސިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޝަރީފް ވިދާޅުވީ 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ބޭންކްތަކުން ހަމަޖައްސައިދޭނެ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފްލެޓްތަކުގެ އަގު ދެ މިލިއަނަށް ވުރެ ބޮޑުނުވާ ގޮތަށް އަގު ކަނޑައެޅުމަށް ވެސް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ތިން ކޮޓަރީގެ ފްލެޓެއް މާލޭގައި ދެ މިލިއަން ރުފިޔާއަށް ވުރެ ކުޑަވުމަކީ، މާކެޓްގެ އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ދަށް ވުމެކެވެ. އަަރަބިއްޔާ ހުރި ބިމުގައި ހެދި މާލޭ ގްރޭންޑްގައި 90 ފްލެޓް، ގާކޮށީގައި ތަރައްގީކުރި މާލޭ ސްކެއާގައި 190 ފްލެޓް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
06 October 2016
ރެހެންދި ފްލެޓް ގެ އަގަކީ 983،000ރ ކަމަށް އޭސިސި އިން ލުތުފީ އަށް ލިބުނު ފްލެޓްގެ މައްސލަ ބެލި ރިޕޯޓް ގައި އޮވޭ، ދެން މި ޓާޓާ ފްލެޓް2 މިލިއަން އަރަންވީ ކީއްވެ؟؟ ޓާޓާ ފްލެޓް އަޅަން ފެށި އިރު އެމްޑީޕީ ސަރުކަރުން ބުނީ 1.2މިލިަން އަށް 20 އަހަރުން ފައިސަ ދދައްކާ ގޮތަށޭ، މިސަރުކަރުން މިހަދަނީ ކިހިނެއް؟
ބަކުރު އެންޑް ޒުބޭރް
05 October 2016
ތިކަހަލަ ބޮޑު ގައުމީކަމެއް ކުރާއިރު ނެޝަނަލްޓީވީއިން ވަގުތުން މަންޒަރުދެއްކުމަކީ ވަރަށް މުހިއްމުކަމެއް. އޭރުން ރައްޔިތުންނަށް ކަންކަން ރަގަނޅަށް ސާފުވާނީ. އަދި ދަށުންދަމާކުޅެން ފުރުސަތުނުލިބޭނީ.
ޓޮނޭ
05 October 2016
އެންމެފަހުން ހެދިހެން ކުދިކުދި ގްރޫޕްތައް ކުޑަ ކޮޓަރިއަކަށް އެކިފަހަރު މަތިން ވައްދައިގެން ގުރުއަތު ނެގިހެން ނުހަދައިފިއްޔާ ރަނގަޅެވެ. އަޑުއިވޭގޮތުގައި ވަކިވަކި މީހުންވެސް ގެންގޮސް ހަމައެކަނި ތިރީ ފްލެޓްގެ ނަންބަރު އަޅައިގެން ގުރުއަތު ނެގިކަމަށްވެސް ވެއެވެ. ހަމަގައިމުވެސް ފުރަތަމަ މިބުނީ ލޮލުން ދެކި އަތުން ހިފިގޮތެވެ. މާރުކޭޓްގެ ގޮޅިދޫކުރަން ތަންކޮޅެއް ކުރީގައި މުނިސިޕަލްޓީއަށް މީހުން ގެންގޮސްގެންވެސް ގުރުއަތުލީ އެފަދަ ގޮތަކަށެވެ.