އަދުހަމް: އޭނާގެ ބަންދަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ވަނީ އިތުރުކޮށް ދީފައި
03 ފެބުރުއަރީ 2020 - 13:04
ޓެކްސީ ޑްރައިވަރު ގާސިިމް ހަސަންގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ އަދުހަމް މުހައްމަދުގެ ބަންދަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ހުޅުމާލެއަށް ގެންގޮސް ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދެވުނު ކަމަށް އެއްބަސްވެ އަދުހަމް ކުށަށް އިއުތިރާފް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭނާގެ ބަންދަށް އެކި ފަހަރުމަތިން ކޯޓުން އައީ ދުވަސްތަައް ޖަހައިދެމުންނެވެ. އެންމެ ފަހުން ހަތް ދުވަސް އިތުރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ވައްކަމުގެ މައްސަލައަކާ ގުޅިގެން މިދިޔަ މަހު ކްރިމިނަލް ކޯޓުން އަދުހަމްގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.
ގާސިމްގެ މަރުގެ މައްސަލާގެ ތަހުގީގު ނިންމުމުގެ މުއްދަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން އޮތީ އިތުރުކޮށް ދީފަ އެވެ. އެ މުއްދަތު ވެސް މި ހަފުތާގައި ހަމަވާނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމް ކުށަށް އިއުތިރާފްވިޔަސް، އޭނާއާ ދެކޮޅަށް އިތުރު ހެކި ހޯދާނެ އެވެ. ކުށުގެ ރެކޯޑް އޮންނަ އަދުހަމް އެ ހަމަލާދިނުމަށް ބޭނުންކުރި ވަޅި އާއި އަންނައުނު ފަދަ ތަކެތި ވަނީ ހޯދާފަ އެވެ. އަދި ވަޅިން ގާސިމްގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސދފ
03 February 2020
މުއްދަތު އިތުރު ކުރާނެ ކަމެއްނެތް..ހަމަ މަރާލަންވީ..އެއޮތީ އިއުތިރާފް ވެފައި..