ޚަބަރު

ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި، މަސައްކަތް ލަސްވޭ!

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން. --ފޮޓޯ/މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ހެދި މިނިސްޓްރީތައް ހިންގަން އުނދަގޫވެ، މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ވަޒީރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރީ ސިވިލް ސާވިސް ކޮމިޝަނާ ގުޅޭ މަޝްވަރާ އަކަށެވެ. މިއީ، މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވާ ކޮމިޓީ އަށް ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ދައުވަތު ދީގެން ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މަޖިލީހުން ބުނީ މިނިވަން މުއައްސަސާތަކުން ވަޒީރުންނާ ބައްދަލުކުރީ، މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިވިލް ސަވިސް ކޮމިޝަންގެ އެއްބާރުލުން ލިބެމުންދާ މިންވަރާ ގުޅޭގޮތުން މަޝްވަރާ ކުރަން ކަމަށެވެ.

ކޮމިޓީގައި ގިނަ ވަޒީރުން ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަންގައި ހައްލުކުރަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެ ކޮމިޝަންގައި، ކުރީގެ ސަރުކާރުގެ ސިޔާސީ ފިކުރަށް ތާއީދުކޮށް، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންތަކެއް ތިއްބެވުމަކީ ވެސް ވަޒީރުންތަކެއް ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަ އެކެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން. --ފޮޓޯ/މަޖިލިސް

ވަޒީފާ އަށް މުވައްޒަފުން ނެގުމާއި މިނިސްޓްރީތަކުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި ވެސް ސިވިލް ސާވިސްގެ ދުވެލި ލަސްވެ، ބައެއް ކަންކަމަށް އެއްބަސްނުވެވި މަސައްކަތްތައް ހުއްޓިފައި ހުންނަ ކަމަށް ބައެއް ވަޒީރުން ވިދާޅުވި އެވެ.

ކޮމިޓީން ބައްދަލުވުން ބޭއްވިއިރު، ސިވިލް ސާވިސް ކޮމިޝަނާ މެދު ބޮޑެތި ތުހުމަތުތަކެއްކޮށް، ކޮމިޓީން އަންނަނީ މައްސަލަތަކެއް ވެސް ބަލަމުންނެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން. --ފޮޓޯ/މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒުގެ ދަށުވެ، މަސައްކަތް ކުރި ކަމަށް ތުހުމަތުކުރާ ކޮމިޝަންގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން ވެސް ހިމެނެ އެވެ. އެ ތުހުމަތުތައް ކޮމިޓީން ބަލަމުން އައި ނަމަވެސް މިހާތަނަށް ބައެއް މައްސަލަތަކުގައި ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސިވިލް ސާވިސް ކޮމިޝަންގައި ހުރި މައްސަލަތައް ދައްކަވަން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިސާލު ނެންގެވީ ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަކިކުރުމުގައި ދިމާވި މައްސަލަ އެވެ. މުވައްޒަފުންތަކެއް ތަކުރާރުކޮށް ގަޑި ޖެހޭ މައްސަލައިގައި ފިޔަވަޅު އަޅަން ހުށަހެޅުމުން ކޮމިޝަނުން ލަފާ ދިން އިޖުރާއަތުތައް ފުރިހަމަކޮށް ހުށަހެޅުމުން ވެސް ހަ މަސް ކޮމިޝަންގައި ހޭދަވުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސިވިލް ސާވިސްގެ ހުރިހާ މެމްބަރުން ވާން ޖެހޭނީ ސަރުކާރުގެ މިނިސްޓްރީތައް ހިންގަން ފަސޭހަކޮށްދޭން ޖެހޭ މެމްބަރުންގެ ގޮތުގައި. ހިތާމައާ އެކު ފާހަގަކުރަން ޖެހެނީ މިކަން ހިނގަނީ މިހެން ނޫން ކަން،" --ނަހުލާ

މިނިސްޓަރު ނަހުލާ ކޮމިޓީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގެ އޮނިގަނޑަކާއި ކުރަން ޖެހޭ މަސައްކަތްތަކާ ދިމައެއް ނުވެ އެވެ. މި ސަރުކާރުގެ ވައުދުތައް ތަންފީޒުކުރަން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެ މިނިސްޓްރީގެ އޮނިގަނޑެއް އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނާ އެކު ހަފުތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ބައްދަލުވުން ބާއްވައިގެން ވެސް އިދާރީ އޮނިގަނޑާ މެދު އެއްބަސްނުވެވި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ލަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގެނީ ކުރަން ހަވާލުކޮށްފައި ހުރި މަސައްކަތް. އަޅުގަނޑުމެންނަށް އެނގެނީ އަދާކުރަން ޖެހޭ ޒިންމާ. ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުންގެ ވިސްނުމާ، އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތާ ދިމާނުވެެގެން ހިނގައިގަންނާނެ ގޮތެއް ނޭނގި އެތައް ދުވަހަކު ތިބެން ޖެހުނު،" އިމްރާން ވިދާޅުވި އެވެ.

ކޮމިޝަނުގެ ލަސްކަމާ ހެދި މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބުރޫއަރާފައިވާ ކަމަށް ވިދާޅުވެ އިމްރާން ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

"މި ދައްކަނީ ފަހަރެއްގައި ވެސް ސިވިލް ސާވަންޓުންގެ ވާހަކައެއް ނޫން. އެ ބޭފުޅުންގެ ހިތްވަރާއި ގުރުބާނީން މި މަސައްކަތް އަޅުގަނޑުމެންނަށް މި ކުރެވެނީ. އަޅުގަނޑު މި ދައްކަނީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުންތަކުގެ ވާހަކަ، އެތާ ތިއްބެވި ބޭފުޅުންގެ ވާހަކައެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، މިހާރު އޮތީ ސިޔާސީ ފިކުރުތަކާ އެކު އުފެދިފައި އޮތް ސިވިލް ސާވިސް ކޮމިޝަނެކެވެ. ވަކި ވިސްނުންތަކަކާ އެކު އައި ބަޔަކަށް ކޮމިޝަނާ ހެދި ހިންގަން ދަތި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުން ބަދަލުކޮށްގެން ނޫނީ ކޮމިޝަން ރަނގަޅެއް ނުކުރެވޭނެ އެވެ.

"އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ސިވިލް ސާވިސް ކޮމިޝަންގެ ތެރެއިން ލަސްވެގެންދާ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން ދައްކަން. އަޅުގަނޑު ހިތުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އަޅުގަނޑުމެންނަށް އާ ވިސްނުމަކަށް ދެވޭނީ، މެނިފެސްޓޯގައި ހުރި ވައުދުތައް އެ ސްޕީޑުގައި ޑެލިވާ ކުރެވޭނީ އާ ވިސްނުންތަކެއް ސިވިލް ސާވިސް ކޮމިޝަނަށް ވެސް އައިސްގެން،" އަމީރު ވިދާޅުވި އެވެ.

"އެ އާ ވިސްނުންތައް ކޮމިޝަނަށް ގެނެވެން އޮތީ ތި ބޭފުޅުންނަށް [ކޮމިޓީއަށް]. މި ވާހަކަތަކަކީ އިތުރަށް ދައްކަންޖެހޭ ވާހަކަަތަކެއް ކަމަކަށް ވެސް އަޅުގަނޑެއް ނުދެކެން."

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ ކަންބޮޑުވުމަކީ ވަޒީފާތަކަށް އައްޔަންކުރާ މުވައްޒަފުންނަށް މާކްސް ދޭނެ ރަނގަޅު، ހަމަޖެހޭ އުސޫލެއް ނެތުމާއި ވަޒީފާތަކަށް މުވައްޒަފުން ނަގާ މީހުންނަށް އުސޫލު އޮޅުން ނުފިލައި އޮތުމެވެ. އެއާ އެކު، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކަމުނުދިޔަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރަމުން ދިއުން ވެސް މައްސަލައެއްގެ ގޮތުގައި ކޮމިޓީ އަށް އޭނާ ހުށަހެޅުއްވި އެވެ.

ކޮމިޝަންގެ ރައީސަކަށް ހުންނެވި ޑރ. އަލީ ޝަމީމަކީ ކުރިން ސިޔާސީ ހަރަކާތްތަކުގައި ފާޅުގައި އުޅުއްވި ބޭފުޅެއް ކަން ފާހަގަކުރައްވައި މަލީހް ވިދާޅުވީ އެ ތުހުމަތާއި ސިޔާސީ ކަންކަމުގެ ތެރެއަށް މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވެންނެވުން ހުއްޓުވައި އިތުބާރު ދަމަހައްޓައިދޭން ޖެހޭ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ ފުރަތަމަ ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅުއްވީ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ނިސްބަތުން ކުޑަވުމެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މުސާރަ ދަށްވުން ހައްލު ހޯދަން ޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

"ކަމަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ސިޓީ އެބަފޮނުވަން، ވަރަށް އަވަސް، ނުވަތަ ސިއްރު ޖަހާފައި. އެކަމަކު އަޅުގަނޑަށް ފާހަގަވަނީ އެ ސިޓީ ސިވިލް ސާވިސް ކޮމިޝަނާ ހަމައަށް ދާތާ، ގަޑިއެއްގެ ތެރޭގައި އެ ސިޓީ ރައްދުވާ މީހާއާ ހަމައަށް މައުލޫމާތު އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިޓީގައި މިނިސްޓަރު އާތިފާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ ފަންނީ މުވައްޒަފުންގެ މުސާރައިގެ މައްސަލަ އަކީ ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ. ސިވިލް ސާވިސްގެ މުސާރަ ދަށްވުމުން ކުންފުނިތަކަށް ފަންނީ މުވައްޒަފުން ބަދަލުވުމަކީ މަސައްކަތުގައި ދިމާވާ ދައްޗެއް ކަމަށް ވިދާޅުވި އެވެ.

"ސިވިލް ސާވިސްގެ ފަންނީ މުވައްޒަފުންނަށް މުސާރަ މިވަރަށް ލިބިގެން ނޫނީ އަޅުގަނޑުމެންނަށް މިނިސްޓްރީއެއް ތަރުތީބެއް ނުކުރެވޭނެ. ފައިލް ދޫކޮށްލާފައި ދިއުމުން އޭގައި މާދަން އަތްލާން މި ޖެހެނީ އެހެން ކުއްޖެއް. ފަންނީ މީހުންނަށް ކުރިއަރައިގެން ދެވޭނެ ގޮތް އޮނިގަނޑުގެ ތެރެއިން ފެންނަން އެބަޖެހޭ. ވަކި ހިސާބަކުން ހުއްޓި މީހާގެ ފަންނީ ސިފަ އެކީގައި ގެއްލިގެން މިދަނީ،" އާތިފާ ވިދާޅުވި އެވެ.

82 ކޮމެންޓް, 111 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 1%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވބބބބ

12 February 2020

2015 ވަނަ އަހަރު އެކި އެކި އޮފީސްތަކަށް ތާކުން ތާކު މުޖެހޭ އޮނިގަނޑުތަކެއްވެސް ހަދާފައި. މީގެތެރެއިން ބެއެއް އޮފީސްތަކުގެ އިދާރީ މުވައްޒަފުން ބާކީ ކޮށްފައި ވެސް އެބްހުރި އޮނިގަނޑު ހަދާފައި މިއީ ވަކި ބަޔަކަށް ފައިދާ ވާގޮތަށް ކޮށްފައިހުރި ކަންތައް. މިކަންތައްވެސް އެބްޖެހޭ ބަލަން

The name is already taken The name is available. Register?

ފަހަރި

11 February 2020

ސިވިލްސާރވިސް އުފެއްދުމުގެ ބޭނުން މިހާރު އޮޅިއްޖެ! ސަރުކާރުގެ އޮފީސްތަކުގައި ސިވިލް ސާރވެންޓުންނަށް އަމުރުކޮށް ގޮތްކިޔަން ތިބީ ސިޔާސީ ރޯނު އެދުރުން! ދެން ގައުމު ހިންގާނެ ގޮތެއް ބުނެދީބަލަ؟

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

11 February 2020

ސިވިލްސާވިސް އުވާލާ، ސިޔާސީ ސަރވިސް އުފައްދައިގެންނޫނީ ހައްލެއްނެތް. ހުރިހާ އޮފީސްތަކަކަށް މިއޮތް އަޅާލާ މުސާރަބޮޑު، އަނގަބޮޑު، ޗުއްޓީގަޑިބޮޑު، ހައިބަތު ބޮޑު އަދި ހިފާޖާގަވެސް ބޮޑު ޕާޓީކުދިންނާހެދި ސިވިލްސާވިސް ކުދިންގެ ހިތްވަނީ ކުދިކުދިވެ ސައިޒުވެސް ކުޑަވެފައި. ދެން ކާކު ކިހިނެތްތޯ މަސައްކަތެއް ކުރާނީ؟

The name is already taken The name is available. Register?

ރިކުއެސްޓް

11 February 2020

މީން ޒަމާނަކު ސިވިލްސަރވަންޓުންގެ ހިތްވަރު ނޭލޭވަރަށް މިހާރު މިއޮތް ކޮމިޝަނުން ސިވިލްސަރވަންޓުންގެ ހިތްވަރު އެލުވާލާ ސިވިލް ސަރވިސްގެ ގަވައިދު ކޮށާމަށާލާއިފި އަލަށް ހަދާ ގަވައިދުގަ ކޮށާމަށާނެ އެއްޗެއް ނެތް އިތުރަށް ކަނދާލެވޭނެ އެއްޗެއް ނެތް އެއީ މަގޭޚިޔާލަކީ

The name is already taken The name is available. Register?

falcon_autho

11 February 2020

ސީ.އެސް.ސީގެ 4 މެންބަރުން ވަކިކުރުމުންވެސް ދައުލަތް ނުހިންގެނީ ސިވިލްސާވަންޓުންގެ ސަބަބުންކަމަށް ބުނެ އެމީހުންވެސް ކަނޑާލެވިދާނެ. އޮފީސްއޮފީހުގައިހުރި މަރާމާތުގެ ތެރެއިން ކޮންމެހެން މަޖުބޫރުން ކުރަންޖެހޭ މަރާމާތެއް ނޫނީއްޔާ ނުކުރަން އެންގީވެސް ސިވިލްސާވިސްގެ ތި 4 މީހުން. ތި މީހުންނާހެދި މިގައުމު ހިންގަން ދަތިކޮށްފިޔޭ. އަދި މި 4 މީހުންނަކީ ޔާމީނު މިގައުމުގައި ވެރިކަންކުރިއިރު ރާއްޖޭގައިތިބިޔެކޭ. ކަނޑާލަން ލަސްވެސް ވެއްޖެ.

The name is already taken The name is available. Register?

ޙުބަސާނަ

11 February 2020

ކަންކަން ނުކުރެވޭ މީހުން އަބަދުވެސް އުޅޭނީ ސަކުވާކުރުމާއި، އުޒުރުދެއްކުމުގައި މީގެންލިބިގަންނަންޖެހޭ ފިލާވަޅަކީ ކޮބާތޯ ؟

The name is already taken The name is available. Register?

ރިޔާމާ

11 February 2020

މަސް ނުބޭނުނީމަ ކަނޑު ގޯސްވީ. ގަސް އަހަރު ހުސްވާނީ މި ގަނައެއްގާ.

The name is already taken The name is available. Register?

ހިންނަވަރު ސޮރު

11 February 2020

ވަޒީރުން ބުންޏަސް މިއީ، ވަރަށްބޮޑުތެދެއް. ސީއެސްސީގައި މިހާރުތިބި މެމްބަރުން ވަކިކުރުން މާ ބޮޑަށް ލަސްވެއްޖެ. ސަރުކާރުގެ ހުރިހާ ކަމެއްވެސް ކުރިޔަށްދާލެއް ވ ވ ސުލޯ. ޕާރޓީ ނިޒާމެއްގައި ސިވިލް ސާރވިސް މުވައްޒަފުން ލައްވަ މަސައްކަތް ކުރެވޭނީ ސީއެސްސީގެ މެމްބަރުންނާއި، ޕާރމަނަންޓް ސެކްރެޓަރީންނާއި، ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކުގެ ޑިޕާރޓް މެންޓުންތަކުގެ ހެޑުންގެ ގޮތުގައި އޭރެއްގައި ވެރިކަންކުރާ ޕާރޓީއަށް ނިސްބަތްވާ މީހުން ތިބެގެން.

The name is already taken The name is available. Register?

މަތިމަރަދޫ

11 February 2020

ގަވައިދު ނެރޭއިރު އުނިކުރަމުން ކުރަމުން ގޮސް މިހާރު ލިބެނީ މުސާރަ އެކަންޏެވެ. ދަތުރު އެލަވަންސެއް ނޯވެއެވެ.ހާޑްޝިޕް އެލަވަންސް ކަނޑާލައިފި އެވެ. ގިނަދުވަހު ވަޒީފާގައި އުޅެ ސްޓެޕް ކުރެވިފަވާމީހުންގެ ސްޓެޕް ގެއްލުވާލައިފި އެވެ. ޒިންމާދާރުވެރިންގެ އެލަވަންސާވެސް ކުޅެފި އެވެ. އާދެ އާދެ ތިވިދާޅުވިގޮތަށް ބަދަލް ގެނެސްދޭނެ ކަމަށް ބުނެ އުނި ހިމފުމަކުން ފެންނާނެ ނަތީޖާ ގަވައިދުތައް ކޮށާމަށަނީ މުވައްޒަފުންނަށް އުނިކަން ދިނުމުގެ ވިސްނުމުގަ އެވެ. އެބަފެނޭ

The name is already taken The name is available. Register?

އސައީދު

11 February 2020

ވަޒީރުން ބޭނުން މީހަކަށް ވަޒީފާ ނުދެވިގެން އަދި ވަޒީރުން ނުރުހޭ މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރެވިގެން ޖަހާ ސަކަރާތެއްހެން ހީވަނީ. މުއައްސަސާތަކަށް ބިރު ދެއްކުން ނޫން ކޮންކަމެއް މިއީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454