ޖެނުއަރީ 22، 2018- ސަން އައިލެންޑް ރިސޯޓުގެ ބާ ގައި މަސައްކަތްކުރާ މުވައްޒަފެއް ގެސްޓުންތަކަކަށް ޙިދުމަތްދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
25 ފެބުރުއަރީ 2020 - 09:24
ވަޒީފާގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރިސޯޓް މުވައްޒަފުންގެ އެވެ. ގިނަ ހައްގުތަކުން އަބަދުވެސް މަހްރޫމްވެފައިވާ، އެ ދާއިރާގެ މުވައްޒަފުންނަށް ވީ ވައުދުތަކުގެ މައްޗަށް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ތަފާތުކުރުން ނައްތާލައި ހަމަހަމަކަން ގާއިމްކުރަން ކަމަށް ސަރުކާރުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުގައި، ރިސޯޓްތަކުގައި ސާވިސް ޗާޖު މިހާރު ބަހާ އުސޫލަށް ބަދަލުތަކެއް ގެނެސް ހަރުދަނާކުރަން ވަނީ ނިންމައިފަ އެވެ. މި ބަދަލު ހުށަހެޅީ، ރިސޯޓް މުވައްޒަފުންގެ އަޑު އަހައި، މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތަކަށް ވެސް ގެއްލުން ނުވާނެ ގޮތަށް ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްވަ އެވެ.
- ވަޒީފާ ދޭ ފަރާތަށް ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާ ނަމަ ފާއިތުވެފައިވާ މަހު ލިބުނު ފައިސާ ނުވަތަ އެ ފައިސާ އިން މި މާއްދާގެ (ށ.) ގައިވާ ގޮތުގެ މަތިން ވަޒީފާ ދޭ ފަރާތަށް ނަގާ އިދާރީ ފީ ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުން މިދާ މަސް ނިމުމުގެ ކުރިން އޭނާގެ މުވައްޒަފުންނަށް ބަހައި ނިންމަންވާނެ އެވެ.
- (ށ) ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން 1 ޕަސެންޓް އަށް ވުރެ ގިނަ ނޫން އަދަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ނެގިދާނެ އެވެ.
- ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ބެހުން. މަގާމުގެ ތަފާތަކަށް ނުވަތަ މުސާރައިގެ ތަފާތަކަށް ސާވިސް ޗާޖު ބެހުމުގައި ތަފާތުކުރުމެއް ނުގެންގުޅުން.
- މިހާރު ވެސް އޮންނަ ގޮތަށް ސާވިސް ޗާޖުގެ ގޮތުގައި ކުރީ މަހުގައި ލިބުނު ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން ބެހުން.
- މުވައްޒަފު މަސައްކަތް ކުރި ގަޑިއިރަކަށް ނިސްބަތްކޮށް ސާވިސް ޗާޖު ކަނޑައެޅުމުގެ އިޚްތިޔާރު ދީފައިވޭ. ގަޑިޖެހޭ މުވައްޒަފުންނާއި މަސައްކަތަށް ހާޒިރުނުވާ މުވައްޒަފުންގެ އަތުން ސާވިސް ޗާޖު އުނިކުރެވޭނެ ކަމަށް އެ އިސްލާހުގައިވޭ. އެކަމަކު ގާނޫނުން ހައްގުވާ ޗުއްޓީގައި ހުންނަ އިރު ސާވިސް ޗާޖު އިސްތިސްނާ ނުކުރެވޭނެ.
- ހިންގުމުގެ އިސް މަގާމްތަކުގައި ތިބޭ ފަރާތްތައް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން (ސާވިސް ޗާޖު ބެހުމުން) އިސްތިސްނާ ކުރެވިދާނެކަން. އަދި ބާކީ ތިބި މުވައްޒަފުންގެ މެދުގައި ބެހުން.
އެ އިސްލާހުގައި ފާހަގަކޮށްފައިވާ ގޮތުގައި ވަޒީފާގެ ގާނޫނުގެ 34 ވަނަ މާއްދާގައިވާ ގޮތުން ނަމަ، ހިންގުމުގެ އިސް މަގާމްތަކުގައި ތިބޭ މީހުން މިހާރު ވެސް ސާވިސް ޗާޖު ދިނުމުން ވަނީ އިސްތިސްނާކޮށްފަ އެވެ. އެހެންކަމުން ހުށަހެޅި ބަދަލާ އެކު އެކަން ދޫކޮށްލާފައި ވަނީ އިޚްތިޔާރީ ކަމެއްގެ ގޮތަށެވެ.
މިއީ ރިސޯޓްތަކުން ނުވަތަ ވަޒީފާއަދާކުރާ މުވައްޒަފުން ނުރުހޭ ބަދަލެއް ނަމަ، މި ބަދަލު ނުގެނަޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، އިސްލާހު ހުށަހެޅި ބޭނުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިހާރު"އަށް ތަފްސީލްކޮށްދެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި މައިގަނޑު އެއް ބޭނުމަކީ، މުވައްޒަފުންގެ މެދުގައި މިހާރަށް ވުރެން ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމްކުރުމެވެ. އެއާ އެކު ހުށަހަޅާފައިވާ ބަދަލުން މުވައްޒަފުން ޒިންމާދާރުކުރުވި، މަސައްކަތަށް ފަރުވާ ބަހައްޓައި ގަޑިނުޖެހޭ މުވައްޒަފުންނަށް ރިވާޑް ކަށަވަރުވެގެންދާނެ އެވެ.
މިނިސްޓަރު ވިދާޅުވީ ސާވިސް ޗާޖު ހަމަހަމައަށް ބަހާ ވާހަކަ ވަޒީފާގެ ގާނޫނުގައި ނޯންނަ ކަމަށާއި ސާވިސް ޗާޖު ބެހުމުގައި އެކި ރިސޯޓްތަކުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށެވެ. އެކި ރިސޯޓްތަކުގައި އެކި ލެވެލްތަކަށް ސާވިސް ޗާޖު ދެނީ ވަކި މިންވަރުތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލައެއް ނެތް، 99 ޕަސެންޓް ސާވިސް ޗާޖު ބަހާ. އެކަމަކު އެއީ އެކި މުވައްޒަފުންނަށް އެކި ވަރަށް. އެހެންވީމަ އަޅުގަނޑުމެން ބަދަލު ގެނެސް މި ބުނަނީ ހަމަހަމައަށް މުވައްޒަފުންގެ ތެރޭގައި ބަހަން ޖެހޭނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
ސާވިސް ޗާޖު ބެހުމުގައި ވަޒީފާގެ އިސް މަގާމްތައް ގާނޫނުގައި އިސްތިސްނާކޮށްފައި އޮތް ކަން ފާހަގަކުރައްވައި ވިދާޅުވީ ރިސޯޓްތަކުން އިސްތިސްނާ ނުކޮށް ސާވިސް ޗާޖު ބަހަމުން އަންނަ ކަމަށެވެ. އަލަށް ގެންނަން ހުށަހެޅި އެއް އިސްލާހަކީ ރިސޯޓްތަކުގައި ވެސް އިސް މަގާމްތަކަކީ ކޮބައިކަން ކަނޑައެޅޭނެ ގަވާއިދެއް ހެދުމެވެ.
"ދެން އަޅުގަނޑުމެން މި ލިއުނީ އެމްޕޯޔަރު ބޭނުންވާ ކަމަށް ވަނީ ނަމަ އިސްތިސްނާ ކުރެވިދާނެއޭ. އަޅުގަނޑުމެންނާ ރިސޯޓްތަކުން ދިމާވާ ކުދިން ބުނޭ އެންމެ މަތީގައި ތިބި ޖެނެރަލް މެނޭޖަރު ފަދަ މަގާމްތަކަށް ސާވިސް ޗާޖު ދޭކަށް ނުޖެހޭނެއޭ. އަޅުގަނޑު ވެސް ގަބޫލުކުރަނީ އެންމެ ސީނިއޯރިޓީ ލެވެލްގައި ތިއްބެވި ބޭފުޅުންނަސް ސާވިސް ޗާޖު ބެހޭކަށް ނުޖެހޭނެއޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ލިބޭ އިތުރު ބޯނަސްތައް ވެސް. އަޅުގަނޑުމެން މި ލިއުނީ އިސްތިސްނާ ކުރެވިދާނެއޭ. މީގެ ކަންބޮޑުވުމަކީ ބައެއް ރިސޯޓްތަކުގައި ބުނެފާނެއޭ ސުޕަވައިޒަރު ލެވެލްއަކީ ވެސް ސީނިއާއޭ. އެކަމަށް ވެސް ހައްލެއް އެބަ އޮތް."
އެ ހައްލަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އިސް މުވައްޒަފުންނަކީ ކޮބައިކަން މިނިސްޓްރީން ހަދާ ގަވާއިދުގައި ސާފުކޮށް ބަޔާން ކުރުމެވެ. މުސާރަ އާއި ލިބޭ އިނާޔަތްތަކަށް ބަލައި އިސް މުވައްޒަފުން ކަނޑައެޅުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެ ގޮތަށް ކަނޑައަޅާ އިރު ވެސް އިންސާފުވެރި އުސޫލެއް ކަށަވަރުކުރައްވާނެ ކަމަށެވެ.
ހާޒިރުނުވާ ދުވަސްތަކަށް މުސާރަ ކެނޑޭނެ ކަމަށް ލިއުނީ ހުއްދަ ނުކުރާ ގޮތަށް ސަލާމް ބުނުން ނުވަތަ ޗުއްޓީގައި ހުރުމަށެވެ. ގަޑި ޖެހޭ މުވައްޒަފަށް ސާވިސް ޗާޖު ކަނޑާ ގޮތަށް ނިންމީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދެން ތިބި މުވައްޒަފުންގެ ފައިދާއަށެވެ.
ގަޑިޖެހޭ މުވައްޒަފުންގެ އަތުން ކެނޑޭ ސާވިސް ޗާޖު ބަހަން ނިންމާފައި ވަނީ ދެން ތިބޭ މުވައްޒަފުންގެ މެދުގައި ކަމަށާއި އެއީ "ވަރަށް ރަނގަޅު ބަދަލެއް"ގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
"މިސާލަކަށް އެއް މަހުގެ ސާވިސް ޗާޖު ބަހާއިރު، ގަޑިޖެހިގެން އަންނަ ފަރުވާކުޑަ މުވައްޒަފުންނާއި ރަނގަޅަށް ގަޑިއަށް އަންނަ މުވައްޒަފުންނާ އެއްވަރަކަށް އެބަ ދޭ ސާވިސް ޗާޖު. އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ އިންސާފުވެރި ގޮތެއް ކަމަށް. އަދި ޑިސިޕްލިން މެއިންޓެއިންކުރަން އެޅޭ ރަނގަޅު ފިޔަވަޅެއް ވެސް ނޫން އެއީ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާހު ހުށަހަޅާފައި މިހާރު އޮތް ގޮތުން، ސާވިސް ޗާޖުން އުނިކުރެވޭ އަދަދު ބެހިގެންދާނީ ދެން ތިބި މުވައްޒަފުންގެ މެދުގައި ކަން ކަށަވަރުކުރުވެގެންދާނެ ކަމަށެވެ.
ސާވިސް ޗާޖާ ގުޅޭ ގޮތުން ނުކުންނަ މައްސަލަތަކަށް ބަލައި މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރަން ވެސް ވަނީ އިސްލާހުގެ ތެރޭގައި ހިމަނައިފަ އެވެ. އެގޮތުން ސާވިސް ޗާޖުގެ މައުލޫމާތު ބެލެހެއްޓުން ވަޒީފާ ދޭ ފަރާތަށް ވަނީ ލާޒިމްކޮށްފަ އެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ އާއި އެ މަހު މަސައްކަތް ކުރި މުވައްޒަފުންނާއި މަސައްކަތް ކުރި ވަގުތާއި ސާވިސް ޗާޖުން މުވައްޒަފަށް ހައްގުވާ މިންވަރު އަދި ވަޒީފާ ދޭ ފަރާތުން ސާވިސް ޗާޖު ދިން އަދަދު ބަލަހައްޓަންވާނެ ކަމަށް އިސްލާހުގައިވެ އެވެ. މި މައުލޫމާތު މަހަކު އެއްފަހަރު ލޭބަ ރިލޭޝަންސް އޮތޯރިޓީ އަށް ފޮނުވަން ލާޒިމްކޮށްފައިވާ އިރު، މައުލޫމާތު ދޭން ދެކޮޅުހަދައި އެ އޮތޯރިޓީގެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރަން ހުށަހަޅާފައިވެ އެވެ.
އެންމެ ރަނގަޅު ހައްލުގެ ގޮތުގައި ފެނިވަޑައިގެން ހުށަހެޅުއްވި އިސްލާހުތައް ގެންނާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މުވައްޒަފުން ވެސް އެގޮތަށް ރުހޭ ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްފާޝަނާކިލެގެ
25 February 2020
ތިހެންވާނެބާއޭ ހިތަށްއަރާ، ތީގައި ކުރީމަހު ލިބޭ ސަރވިސް ޗާރޖެ ޖެހިގެން އަންނަމަސް ނިމުމުގެކުރިން ބެހުމުގެ އިޚްތިޔާރު އޮތުމަކީ އޭގެ ނާޖާއިޒު ފައިޒާ ނެގިދާނެކަމެއް ކަމުގައިފެނޭ، ފެށޭމަހުގެ ވަކި ދުވަހެއްގެކުރިން އެފައިސާ މުވައްޒަފުންނާ ޙަވާލުކުރުމަށް އޮތުމުން ރައްކާތެރިކަން ބޮޑު، އަދި އިދާރީފީގެ ގޮތުގައި 1 ޕަސެންޓަށްވުރެ ގިނަނުވާގޮތަށް އޮތަށް އިދާރީފީއަކީ ކޮބައިކަން ކަނޑައެޅުން ބުއްދިވެރި، އެކަންވެސް އެނގެން ނެތިއްޔާ އެއިންވެސް މަކަރު ހެދިދާނެ.
ހާމަ333
25 February 2020
މަށަށް ފެންނަނީ ހުރިހާ ކުދިންގެ ސާވިސްޗާޖު ސަރުކާރުގެ ދުނިޔެވަށާ ބުރުތަޅާ ފަންޑަށް ޖަމާކުރަން....ސަރުކާރަށް އެހީނުލިބެތީ ރައްޔިތުން ފެލާލަނީ...މިނޫނީ ސަރުކާރު ހިންގަންނޭގޭ ބަޔަކު މަނުދެކެން....ބަލަންތިބޭ މިފަސްއަަހަރު ނިމޭނީވެސް ގަނޑަތެޅިތެޅި ތިއްބާ...
ހައްސާ222
25 February 2020
ބަލަގަ ފައްޔާޒު އަށް ކަންކަން ނޭގެންޏާ އިސްތިއުފާ ދީފަ ގެއަށް ދާންވީއެއްނޫން. ކޮން ރިސޯޓެއްގަ އެކި މީހުންނަށް އެކިވަރަށް ސާވިސްޗާޖް ދެނީ؟
އުމަރުބެ
25 February 2020
ސާވިސް ޗާޖުގެ މާނައަކީ ހިދުމަތް ލިބިގަންނަ މީހާއަށްދޭ ސާވިސްގެ މަސައްކަތުގެ ޗާޖު، މިސާލަކަށް ކާއެއްޗެއްގެ އަގު ހަދާނީ ހުރިހައި ހަރަދަކާއި ފައިދާއެއް ލާފައި، ދެން އޭގެ އިތުރަށް ނަގާ އެއްޗެއް ސާވިސްޗާޖަކީ، އެހެންކަމުން ސާވިސް ޗާޖު ދޭންޖެހޭނީ އެކުންފުނީގެ އެންމެ ދަށްމީހާއިން ފެށިގެން އެންމެ މަތީމީހާއަށް ހަމަ ހަމަ ނިސްބަތުން، މިސާލަކަށް 100 މީހުން އުޅޭ ކުންފުންޏެއްގައި 50000 ރުފިޔާ ސާވިސް ޗާޖަސްގެ ގޮތުގައި ލިބިއްޖެއްޔާ މީހަކަށް ލިބޭނީ 500 ރުފިޔާ،
ޒާލިމު
25 February 2020
އިދާރީ ފީއެއްގެ ގޮތުން %1 ނަގާ އެއްވެސް ސަބަބެއް ނޭގޭ. %1 ނަގާފައި އިދާރީ ގޮތުން މިމަސައްކަތްކުރާ މީހަކަށް އެބަހަނީ އެއް ނޫން. އެފައިސާ ވެސް ލިބެނީ ރިސޯޓް އޯނަރަށް. އަނެއްކަމަކީ އެބުނާ އިދާރީ މަސައްކަތްކައްކުރާ މީހުންގެ ވަޒީފާގެ ޒިންމާ އެއީ. އެމީހުންގެ ވަޒީފާ ބަޔާނުގައި އެވާހަކަ އޮވޭ. އެމީހުންނަށް އެކަމަށް އޮވޭ މުސާރަ ހަމަޖެހިފައި. އޮޅުވާލައިފައި ރިސޯޓް އޯނަރ ޖީބަށްލާން ނަގާ ފައިސާއެއް މިވެސް.
އަހުމަދުބޭ
25 February 2020
ތިޔަ އިސްލާހުގައި މައްސަލައެއްނެތް، މައްސަދިމާވަނީ ވަކިގޮތަަކަށް އިޚްތިޔާރު ހުރުމުން، މިސާލަކަށް މަތީފަންތީގެ މީހުންނަށް ދިނަސް ނުދިނަސް އެހެން އޮވެގެން ނުވާނެ، އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ ސުޓާފް ލިސްޓުގެ އެންމެންނަށް ލިބޭ ސާރވިސްޗާޖްގެ 99 ފަސެންޓް ހަމަޔަށް އެންމެންނަށް ބެހުން ދެން ސަރވިސްޗާޖް ލިބުނުވަރު ސުޓާފުންނަށް އެގުން، ދެން ސާރވިސްޗާޖް ބަހާވަރު މުވައްޒަފުން ތިބިއަދު އެގުން، އޭރުން ތިކަން ހައްލުވީދޯ
ޢަދުނާނު (ތަބައް )
25 February 2020
ތިޔަ ފާސްކުރާު އިސްލާހުތަކާ ޤަވާއިދުތަކާ އުފައްދާ ޤާނޫނުތަކާ ތަމްފީޒުކޮށް ބެލެއްޓޭނެނެގޮތެއްނެތް. ތިކުރަނީ ބޭކާރު އިސްރާފު ކަންކަން!
ޖޯނީ
25 February 2020
ދިމާވެގެން އުޅޭ އަސްލު މައްސަލަ ބާއްވާފާ މުޅިން އެހެން އެހެން ސްޓޯރީއެއްގެ އުފައްދަން އުޅޭތްން ފެންނަނީ. ދިމާވެގެން އުޅެނީ ސާވިސް ޓެކުސްގެ ގޮތުގައި ނަގާ ފައިސާގެ އަސްލު އަދަދު އޮޅުވާލާ އެއިން ކުޑަ މިންވަރެއް ބަހާކަމުގެ ޝަކުވާ. ޢެކަން ބަލާނެ މިނިވަން މުއައްސަސާއެއް ބޭނުންވާވާހަކަ. ދެވަނަޔަށް ކޮންމެވެސް އެހެން ފަރާތެއްގެ ނަންބޭނުންކޮށްގެން ތާޑުޕާޓީގެ ލޭބަލެއް ބޭނުންކޮށްގެން ރިސޯޓުތަކުގައި ވަޒީފާގަ ތިބޭ ބައެއް މީހުންނަށް ސާވިސްޗާޖް ނުދޭމައްސަލަ
ސޮބުރީ
25 February 2020
ސާވިސްޗާޖު ހަމައެކަނި ލިބެން ޖެހޭނީ ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކަށް ނޫން.. އެ ޗާޖު ނަގާ ކޮންމެ ވިޔަފާރިއަކުން އެމުވައްޒަފުްނަނަސްދިނުން ލާޒިމް
ބިލާލް
25 February 2020
މިހާޜު އޮތްގޮތްވެސް މާ ޜަގަޅު ތި ބިލަށް ވުރެ. މަސައްކަތް ކުރާ ގަޑިއަށް ދިނުމަށް މަ ދެކޮޅު އަދި ޗުައްޓީގައިވެސް ސާރވިސް ޗާޖު ލިބެންޖެހޭ