ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، މާލޭގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭނަން: މުއިއްޒު

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު: ޕީޕީއެމްއަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ މާލޭގެ ރައްޔިތުންނަށް ހިިނިތުންވުން ގެނެސްދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، މާލޭގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސް ދެއްވާނެ ކަމަށް އެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މާފަންނު ހުޅަނގު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަންތަން ތަރައްގީކޮށް، ބަލަހައްޓަމުން ދިޔައީ އެއްވެސް ޝަކުވާއެއް ނެތި، ކުޑަ ޚަރަދަކުން ކަމަށާއި އޭރު މާލެ ހިތްފަސޭހަކޮށް، ނަތީޖާ ރައްޔިތުންނަށް ދައްކާފައިވާނެ ކަމަށެވެ. އަދި އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި އޭނާ އަށާއި ޕީޕީއެމަށް ފުރުސަތު ލިބިއްޖެ ނަމަ، މާލޭގެ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން އިރާދަ ކުރެއްވިއްޔާ ފެނިގެންދާނެ. އަޅުގަނޑުމެން މަސައްކަތް ކުރުމުގައި ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ. އަޅުގަނޑުމެން ތިބޭނީ ރެއާއި ދުވާލު 24 ގަޑިއިރު މަސައްކަތް ކުރުމުގައި. އުފަލާ އެކީގައި މަސައްކަތް ކުރާނީ. މިއީ ނޫންތޯ މާލޭގެ ރައްޔިތުން ބޭނުންވާނެ ކަމަކީ،" ޔާމީންގެ ފަސް އަހަރާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން މާލެ ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ބާރެއް އެއް ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އޭގެ ނަތީޖާ މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަހު ފެނިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ބާކީ އޮތް ބާރަކީ ކައުންސިލްތައް އެކަނި ކަމަށާއި ކައުންސިލްތަކުގެ އަޣުލަބިއްޔަތު ވެސް ސަރުކާރަށް ލިބިއްޖެ ނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ގައުމަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިސާބުން ރައްޔިތުން އެބަޖެހޭ ގައުމީ ވިސްނުމެއްގައި ނުކުމެ އެ އަށް ކޮންމެވެސް ހުއްޓުމެއް ގެންނަން. ބާކީ މި އޮތީ އެންމެ ބާރެއް، ކައުންސިލްތަކުގެ ބާރު. މި ބާރު ވެސް އެންމެ ބައެއްގެ އަތްމައްޗަށް ދޫކޮށްލައިފި ނަމަ މި ވޭތުވެދިޔަ ދޮޅު އަހަރު މި ގައުމުގެ ކަންކަން ދިޔަ ގޮތަށް ވިސްނާލައިފި ނަމަ އެއްވެސް ގޮތަކަށް ސުވާލު ނުއުފުދޭނެ ކަމަކީ ދެން އެ ކަންކަން ބޮއްސުންލައިގެން ގޮސް، ދުވަހަކު ވެސް އިޔާދަ ނުކުރެވޭ ހިސާބަކަށް މި ގައުމުގެ ކަންކަން ދާނެއޭ،" މުއިއްޒު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން އިރާދަ ކުރެއްވިއްޔާ ފެނިގެންދާނެ. އަޅުގަނޑުމެން މަސައްކަތް ކުރުމުގައި ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ. އަޅުގަނޑުމެން ތިބޭނީ ރެއާއި ދުވާލު 24 ގަޑިއިރު މަސައްކަތް ކުރުމުގައި. އުފަލާ އެކީގައި މަސައްކަތް ކުރާނީ. މިއީ ނޫންތޯ މާލޭގެ ރައްޔިތުން ބޭނުންވާނެ ކަމަކީ،" މުއިއްޒު

އޭނާ ވިދާޅުވި ގޮތުގައި، ބޯހިޔާވަހިިކަމަށް ހައްލު ގެންނަން ޔާމީންގެ ސަރުކާރުން މަސައްކަަތް ކޮށްފައިވާނީ ވެސް އިހްލާސްތެރިކަމާ އެކު އެވެ. އޭރު މާލެ އިން ފްލެޓް ލިބޭނެ މީހުން ކަނޑައެޅީ ވެސް އިންސާފުވެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، އެ ފަރާތްތަކަށް ފްލެޓްތައް ހޯދައި ދިނުމަށް ސިޓީ ކައުންސިލްގެ ގާނޫނީ ބާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ކުރެވެން ހުރިހާ މަަސައްކަތެއް ކުރުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ސިޓީ ކައުންސިލަށް ލިބިފައިވާ ގާނޫނީ މެންޑޭޓްގެ އެންމެ ފުޅާމިނުގައި އޭގެ ބޭނުން ހިފައި، މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ފްލެޓްތައް ހޯދައި ދިނުމަށް އެންމެ ފުރަތަމަ ވަގުތުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ކަމަކީ އަކީ ބޯހިިޔާވަހިކަމުގެ މައްސަލަ ކަން ފާހަގަ ކުރައްވައި، މުއިއްޒު ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށް ލޯނުތައް ދޫކުރުމުގައި ހުރި ދަތިތައް ވެސް ނައްތާލަން ޖެހިފައިވާ ކަމަށެވެ. އަދި މާ ބޮޑު އެއްޗެއް ރަހުނު ކުރުމެއް ނެތި ގެދޮރުވެރިކަމުގެ ލުއި ލޯނުތައް ލިބޭނެ އިންތިޒާމް ހަމަޖެހެން ޖެހޭނެ ކަމަށާއި އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454