އިއްޔެ ނިއުސް ކޮންފަރެންސްގައި އަލްހާން ފަހުމީ ވާހަކަ ދައްކަވަނީ.
09 މާޗް 2020 - 11:44
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރަން، މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީ ގޮވާލައްވައިފި އެވެ.
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، މިހާރު އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ވެސް ފެނިފައިވާއިރު، ސަލާމަތީ ގޮތުން އެންމެ ރަނގަޅު ވާނީ އަންނަ މަހުގެ ހަތެއްގައި ބާއްވާ އިންތިޚާބު ފަސްކުރުން ކަމަށެވެ. އަލްހާން ވިދާޅުވި ގޮތުގައި، އޭނާ ވަނީ މި އިންތިޚާބުގެ ކެމްޕެއިނަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ވެސް މިހާތަނަށް ކުރައްވައިފަ އެވެ. އެހެންވެ، އިންތިޚާބު ލަސްނުކޮށް ބާއްވައިފި ނަމަ ޚަރަދުތަކެއް ސަލާމަތް ކުރެވުނަސް މުހިންމީ އެންމެންގެ މަސްލަހަތު ކަމަށް އަލްހާން ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ގައުމެއްގެ އެންމެ އަސާސީ ކަމަކަށް ވާން ޖެހޭނީ ރައްޔިތުން ރައްކާތެރި ކުރުން،" މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވި އަލްހާން ވިދާޅުވި އެވެ.
އަލްހާން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ ބަލީގައި އެންމެ ބޮޑަށް ހާލަތު ގޯސްވާ ގްރޫޕްތައް ކަމަށްވާ ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމަށް ބަލައިގެން މަސައްކަތް ކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ކޮވިޑް-19 އާ ގުޅިގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކޮށްގެން ގޮތެއް ކަނޑައެޅުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިޚާބު ފަސްކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
މާލޭގެ މޭޔަރުކަމަށް އަލްހާން އިންތިޚާބު ވެއްޖެ ނަމަ އޭނާގެ އެއް ވައުދަކީ މާލޭގެ ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
އަލްހާން ވިދާޅުވީ، ސަރުކާރުން އެކަމުގައި އަމަލު ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އޭނާ އަށް ކާމިޔާބު ވެއްޖެ ނަމަ، ދަފްތަރު އުވާލައި، އޭގައި ހިމެނޭ އެންމެންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން މާލޭގެ މޭޔަރަށް ލިބިދޭ ބާރެއް ކަމަށާއި އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ކޮށްފި ނަމަ، ކޯޓަށް ވަޑައިގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ، އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހުންނަ ހުރިހާ މާލޭ ރައްޔިތުންނަށް، ބޯހިޔާވަހިކަން ހިލޭ އަޅުގަނޑު ފޯރުކޮށްދޭނަން،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވި ގޮތުގައި، އޭނާގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރާ އިރު، ސިޔާސަތުތައް އިއުލާން ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާލެ،
10 March 2020
އަލްހާނަކީ ލާރި އޮތް މީހެއް.. ތިގޮތަށް ވައުދު ވެފަ ހޮވިއްޖެޔާ ކޮށްދޭން ޖެހޭނެ. ސަރުކާރުން ފަންޑުކޮށް ނުދިނޭ ނުބުނާނެކަމަށް އުމްމީދު މިކުރަނީ އަމިއްލަ ޚަރަދުގަވެސް ކޮށްދޭންޖެހޭނެ. ވޯޓު ދޭން ރެޑީ...
ބޯނިޔޯ
09 March 2020
ހައުސިން މިނިސްޓްރީން ވަނީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހިން، 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހުޅުވާލައިފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން އޭސީސީން އެ މައްސަލަ ބަލައި ހައުސިން މިނިސްޓްރީ އަށް އެންގީ، ގޯތި ދޫކުރުން ވަގުތުން ހުއްޓާލައި ގޯތިދޫކުރުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައިގެން އެކަން ކުރުމަށެވެ. މިހިރީ މާލޭގެ ރައްޔިތަކައް ގޯއްޗެއް ވިއްކާތީ އޭ ކިޔާފަ ހުއްޓުވި ކަން ކަން ވޯޓްހޯދަން ވމ
ހަކީމް
09 March 2020
މޭޔަރު އަށް ކިހިނެއްތޯ ހިލޭ ބޯހިޔާވަހިކަން ހަމަޖައްސާ ދެވޭނީ. މޭޔަރު އަކީ މާބޮޑު ޕްރެޝަރެއް އޭރަކު އޮންނަ ސަރުކާރަކަށް ދެވޭނެ މީހެއް ނޫން. މޭޔަރު އަކީ ތަންފީޒީ މީހެއް. ހީހީ ހަލާކު ވެދާނެ.
ޒަބޫ
10 March 2020
މީނަ އެބަ ކިޔާ ވެލާނާ އެއަޕޯޓަކީ މާލެ ތަނެކޭ އެތަނުން މާލެ ސިޓީ ކައުންސިލް ދަށަށް ގެންނާނަމޭވެސް. މިވަރު މީހެއް ނުކިޔާނީ ކީކޭ.
ޖެނެރަލް އަންދަރޭ
09 March 2020
ފަސްނުކޮށް ކެންސަލްކުރޭ.
އެންދެރި
09 March 2020
އިންތިހާބު ފަސް ކުރަން ވީ އެވެ.
އާދަމް ބާއީ
09 March 2020
މީ ބޯސަކަރާތް ބޭފުޅެއް.
އޮނަރަބްލް އަފީފު ދީދީ
09 March 2020
އިންތިޙާބު ލަސްކުރުމަށް އަލްހާން އެދިލައްވަނީ އެބޭފުޅާ ހިތްފުރޭވަރަށް ކެމްޕޭން ނުކުރެވި ނުވަތަ އެފަދަ އަމިއްލަ ކޮންމެވެސް ސަބަބެއް ދިމާވެފައިވާތީ ކަމަށް ވެދާނެ. # ކޮވިޑް 19 އާއި ވިދިގެން ދިވެހިން ކޮންމެވެސް ވަރަކަށް ކާޑް ގެ ބާވަތްތައް ގަނެ ރައްކާކުރި ކަމުގައިވިޔަސް އާންމު ދިރިއުޅުމަކަށް ބަދަލު ނާދޭ. # ދެންއޮތީ މާލީހާލަތަށްބަލާފައި މިކަން ލަސްކުރުން. އެހެން ނަމަވެސް "އިޤްތިސޯދީގޮތުން އިންތިޙާބް ލަސްކޮށްފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެކަން" ޔަޤީން.
އިބްރާހީމް ހާއިލް
09 March 2020
އަޖައިބެއް ނޫންހޭ.. މީނަ މީކޮން ބަރުދަނެއް އުރައްޕެއް ހުރި މީހެއްތަ؟ އެއްވެސް މީހެއްނޫންނޭ ނޫސްތަކުން ޖާގަ ދޭކަށް .. ކިހާވަރެއް ދީގެންބާ މީނަގެ އެއްޗެހި މި ޖަހާދެނީ.
ދަތްނެތްކުއްޖާ
09 March 2020
މޮޑެލް ކުރުމުގެ މުބާރާތެއް ބޭއްވިއަސް އޭގަވެސް މިކަލޭގެ ބައިވެރި ވާނެދޮތަ! މީނައަށް ކުނިކޮށީގެ ރައީސްކަން ދޭން ފެނޭ. އިންސާނަކު ލަދު ހަޔާތްވެސް ކޮންމެވެސް ވަރަކަށް ހުންނަންވާނެތޯޗެއް ދޮތަ! މިދެން ބޮޑުވަރު.
ޖާދުު
10 March 2020
މިދާ ރޭޓުން އަވަށް ތަކުގަ އޮންނަ ކުދި ކޮމެޓީ ތަކަށް ވެސް ވާދަ ކުރާނެ
އޮވިޑް
09 March 2020
ކޮވިޑް ވައިރަސްގައި ވާލާ ހަރުފައިގެ ޖެނެޓިކް ކަންކަން އެކުލެވޭ ކަމަށް އަޑުއިވޭ. އަލްހާންގައި ނުހޭކޭ ކުލައެއް ނެތް. އެތެރޭގައިވަނީ އަސްލު ކޮން ކުލައެއްކަން ދެނެގަންނަން ނޭނގޭއިރު ހޮވައިގެން ލިބޭނީ ލަނޑެއް. އެތައް ކުލައެއްގަ ހޭކިފަ ހުރުމުން އަލްހާން ހޮވިއްޖެނަމަ ދެން ހުންނާނީ ކޮންކުލައެއްގަކަން ނޭނގޭތީ ތިއީ ގޮތްނޭގޭ ކޭސްއެއް. ހޮވިގެން އެމްޑީޕީ މީހުންނާ ނުގުޅިއްޖެނަމަ އަލްހާނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. ހުންނާނީ ތާށިކޮށްފަ ބަހައްޓާފަ.