ޚަބަރު / ސުޕްރީމް ކޯޓް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަސޭހައިން ސާބިތުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ސުޕްރީމް ކޯޓު: ޖިިންސީ ގޯނާގެ މައްސަލަތައް ސާބިތުކުރަން ކުރިން ކޯޓުތަކުން ބަލަމުން އައި މިންގަނޑު ރަނގަޅު ނޫން ކަމަށް އެ ކޯޓުން އިއްޔެ ވަނީ ކަނޑައަޅާފައި -- ފޮޓޯ/މިހާރު

ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުށް ސާބިތުވާން ބޭނުންވާ ހެކީގެ މިންގަނޑު ކުރިން ކޯޓުތަކުން ބަލަމުން އައީ ރަނގަޅަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ހެކީގެ މައިގަނޑު އަސާސަކީ ކުއްޖާގެ ހެކިބަސް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި 12 ބާވަތެއްގެ ހެކި ބަޔާން ކުރުމަށް ފަހު، އޭގެ ތެރެއިން ފަސް ހެއްކެއް ލިބުމުން ކުށް ސާބިތުވީ ކަމަށް ބަލަންޖެހޭ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ހައި ކޯޓުން 2016 ގައި ކަނޑައަޅާފައިވަނީ އޭގެ ތެރެއިން އަނިޔާލިބޭ ކުއްޖާ އެކި ފަރާތްތަކަށް ދޭ ބަޔާނަކީ ވަކި ހެކިތަކުގެ ގޮތުގައި ނުގުނޭނެ ކަމަށެވެ.

އެގޮތުން މައިންބަފައިންނަށް ނުވަތަ ގާތްތިމާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް ނުވަތަ ސިއްހީ ޚިދުމަތްތެރިއަކަށް ނުވަތަ ފުލުހަކަށް ދޭ ބަޔާނާއި ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށް އެ ކުއްޖާ ދެ ބަޔާނާއި މައްސަލަ ބަލާ ފަރާތުން އިންޓަވިއުކުރުމުން އެ ކުއްޖާ ކިޔައިދޭ ވާހަކަތައް އެއީ ކުށް ސާބިތުކުރަން ބޭނުންވާ ފަސް ހެކި ހަމަކުރުމަށްޓަކައި ވަކިވަކި ހެކިތަކުގެ ގޮތުގައި ނުގުނޭނެ ހެކިތަކެއް ކަމަށެވެ.

ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިިނުން އެއީ ވަކި ހެކިތަކެއްގެ ގޮތުގައި ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ދޮންދަރިއަކާ ބެހުނު މީހަކު ޖަލަށްލާން އެ ކޯޓުން އިއްޔެ ކުރި ހުކުމުގަ އެވެ.

ހައި ކޯޓުގެ ނިންމުމަކާ އެކު، ގާނޫނުގައި ބުނާ ނިޒާމު ރޫޅިގެންދިޔަ

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން އަނިޔާލިބޭ ކުއްޖާ އެކި ފަރާތްތަކަށް އެ ވާހަކަަ ކިޔައިދޭ ކިޔައިދިނުމަކީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައެޅުމާ އެކު، ކުށް ސާބިތު ކުރުމުގެ މިންގަނޑު ލުއިކުރަން އެ ގާނޫނުގައި ކަނޑައެޅި އުސޫލު ރޫޅިގެން ދިޔަ އެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް ސާބިތުކުރަން އުނދަގޫ ވެގެން ދިޔަ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މަައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމަށް ކަނޑައެޅިފައިވާ މި ނިޒާމު ރޫޅިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެ ގާނޫނު ހެދުމުގެ ކުރިން ދިމާވެފައި އޮތް މައްސަލަަ ކަމުގައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން އަނެއްކާވެސް އުނދަގޫވެގެން ގޮސްފައިވާ ކަން އެ ފަހުން ކޯޓުތަކުން ނިންމި ގަޒިއްޔާތަކުން އެނގެ އެވެ." އެ ހުކުމުގައިވެ އެވެ.

ކުށް ސާބިތު ކުރުމަކީ "އެއް ނަމްބަރު އަނެއް ނަމްބަރާ އެއްކޮށްގެން ނެރެވޭ ހިސާބު ނަމްބަރެއްގެ ގޮތުގަައި ކުރެވޭ ކަމެއް ނޫން" ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެ ކަމަށެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް ބޭރުގެ ބައެއް ކޯޓުތަކުގެ ނިންމުންތަކާ ހަވާލާދީ އެ ހުކުމުގައިވެ އެވެ.

ހެކިތައް މުޅިން ވަކިވާކަށް ނުޖެހޭ، މައިގަނޑު އަސާސަކީ ކުއްޖާގެ ބަސް

އެ ހުުކުމުގައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ސިއްރުން ހިނގާ ކަމަކަށް ވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ މަގްސަދަކީ ވެސް އަނިޔާލިބޭ ކުއްޖާގެ ހެކިބަސް މައިގަނޑު އަސާސަކަށް ބަލައިގެން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުން ކަމަށެވެ. އެ ގާނޫނުގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ބަޔާންކޮށްފައިވަނީ އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭ ހެކިބަހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރާ ވަސީލަތެއްގެ ގޮތުގަައި ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ކުއްޖާ ކިޔައިދޭ ކިޔައި ދިނުން މައިގަނޑު އަސާސަކަށް ބަލައިގެން އަދި ދެން ހުރި ހެކިތަކުން އެ ކުއްޖާގެ ބަހަށް ބާރު ލިބޭ ނަމަ އެ ބާވަތުގެ ކުށްތައް ސާބިތު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު ހަމައެކަނި އެ ކުއްޖާގެ ބަހަށް ބިނާކޮށް ކުށް ސާބިތު ކުރެވޭނީ އެއީ އާދަޔާ ޚިލާފަށް ތެދު ކަމަށް ގަބޫލުކުރެވޭ ހިނދެއްގައި ކަމަށް އެ ހުކުމުގައިވެ އެވެ.

"ހެކި ވަކިވަކިން ލިސްޓް ކޮށްފައި އެ ވަނީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުން ކުރެވިދާނެ ވަސީލަތެއްގެ ގޮތުގަ އެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގަ އެވެ. އެ 12 ބާވަތުގެ ހެއްކަކީ އެކަތި އަނެކައްޗާ މުޅިން ވަކިވެފައިވާ މުސްތަގިއްލު ހެކީގެ ގޮތަކު ނޫނެވެ." ފަހުގެ ތާރީޚެއްގައި ސުޕްރީމް ކޯޓުން ނިންމި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ފުރަތަމަ މައްސަލައިގެ އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފް ތެދެއް ކަމަށް ގަބޫލު ކުރެވޭތޯ ކަށަވަރު ކުރުމުގައި ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ އާއި އެ ކުއްޖާގެ އަޚުލާގާއި އުޅުން ހުންނަ ގޮތާއި އެފަދަ ތުހުމަތެއް މީހެއްގެ މައްޗަށް ކުރުމުގައި ނުބައި ނިޔަތެއް އޮތްތޯ ބެލިދާނެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމަށް، އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ތާއީދު ކުރައްވާފައިވެ އެވެ. އެކަމަކު ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ ކުއްޖާގެ ބަހަކީ ތެދެއްތޯ ކަށަވަރު ކުރުމުގައި އެ ކުއްޖާގެ އަޚްލާގަށް ބެލިގެން ނުވާނެ ކަމަށާއި ވަކި ގޮތަކަށް ކުއްޖެއްގެ އުޅުން ހުރުމަކީ އެފަދަ އަމަލެއް އެ ކުއްޖާއާ މެދު ހިންގަންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާގެ ހައްގުތަކަށް ރައްކާތެރިވުމާ އެކު ބައެއް ކަންކަން ފަނޑިޔާރުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއީ ގާނޫނާ އެއްގޮތަށް ހޯދި ހެކިތަކެއްތޯ އާއި ހެކިތަކާއި މައްސަލައާ ހުރި ގުޅުމާއި ހެކިތަކަށް ބާރު ލިބޭ މިންވަރާއި ހެކި ހޯދި ގޮތުން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ހެކީގެ ބާރު ދަށްވާ ސަބަބެއް އޮތް ކަން ނުވަތަ ނޫންކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު މަހާޒް ފާހަގަކުރައްވާފައިވެ އެވެ.

18 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 3%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައުމޫނު.

10 March 2020

ކުޑަކުއްޖަކުލައްވާ ބަޔަކު ދޮގު ހަދުވައިފިއްޔާއޯ؟ ޖިނާއީ ހުކުމެއް އަންނަ ކޮންމެކަމެއްގަވެސް "ޝައްކެއްނެތް މިންވަރަށް" އެކަމެއް ސާބިތުވާންޖެހޭ! ކުޑަވެސް ޝައްކެއް ވާނަމަ ޖިނާއީ ހުކުމެއް ކުރެވިގެން ނުވޭ މިއަދުގެ ދުނިޔޭގެ މިންގަޑުތައްބުނާގޮތުން. އިގޭ މިނޫންގޮތަކަށް އުދަގޫވާނެކަންވެސް ކުޑަކުއްޖާއާ ބެހޭ މީހުން އަތުލައިގަންނަން އެކަމަކުވެސް ކުޑަކުދިންގެ ބަހުންއެކަނި ޖިނާއީ ކުށަކަށް ސާބިތު ވުމަކީ ނާޒާއިޒް ފައިދާ ނަގާފާނެ ބޮޑު ބިރުވެރިކަމެއް.

The name is already taken The name is available. Register?

މައުމޫނު.

10 March 2020

ކުޑަކުދިންނާ ބެހުމަކީ ވަރަށް ނާތަހުޒީބު ދެރަކެމެއް. ކުރާ މީހުންނަށް ހަރުކަށި އަދަބުވެސް ދޭންޖެހޭ! ނަމަވެސް 18 އަހަރު ނުވާ ކުޑަކުދިންގެ ހެކިބަހަށް އެއް ކަމެއްގަ ހުކުމް ކުރެވެންޔާ ދެން ހުރި ކަންކަމުގަވެސް އެހެން ކުރެވެން ޖެހޭ. ލީގަލީ ނުބައި ޕްރިސިޑެންސެއް ތިޔަ ސެޓުވަނީ. އިގޭ އުދަގޫކަމެއްކަންވެސް ކުޑަކުއްޖަކާ ބެހޭ މީހެއް ހޯދުން. އެހެން ނަމަވެސް ގޯސް ޕްރިސިޑެންސެއް ސެޓު ނުވާނޭ ގޮތަކަށް ހައްލެއް ހޯދަންޖެހޭ.

The name is already taken The name is available. Register?

މުލޭ

10 March 2020

"ކުޑަ ކުދިން" ނާއި "ބޮޑު ކުދިން" ގެ ތަފާ ފެންނަން ޖެހޭ. 6 އަހަރުން ދަށުގެ ކުއްޖަކު މިކަހަލަ ކަމެއްގައި ދޮގެއް ހެދުން ވަރަށް ނާދިރު. އެކަމަކު 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން އަދި 13 އަހަރުން މަތީގެ ބޮޑެތި ކުދިން ދޮގުހެދުމަކީ ކޮށްފާނެކަމެއް.

The name is already taken The name is available. Register?

ރާޢްޖެތެރޭ މީހާ

10 March 2020

އަނިޔާލިބުނު ކުއްޖާއަށް އިސްކަން ދޭނެޖެހޭނެ. ހަމަ ބުއްދިން ވިސްނާލާއިރުގަ އެ ކުއްޖާ ދައްކަނީ ތެދުވާހަކަ ކަމަށް ޤަބޫލުކުރެވޭނަމަ އިތުރަށް ޑޮކްޓަރުގެ ބަސް ކުއްޖާއާ އެއްކޮޅަށް އޮތްނަމަ އެ ބަލައިގަނެވެންޖެހޭ. ކުއްޖާގެ ހައްގުގައި 25 އަހަރު ކީއްކުރަން އެޔަށްވުރެވެސް ބޮޑު ހުކުމެއްކުރަންވީ.

The name is already taken The name is available. Register?

ޢަލިކޮ

10 March 2020

މައްސަލަ ހުށައަޅާފަރާތް މިއޮތީ ހެއްކަކަށްވެފަ. ފްރޭމް ކުރުމުގެ އާބާބެއްގެ ފެށުންކަމަށް ވެދާނެ

The name is already taken The name is available. Register?

ހަސަން1982

10 March 2020

ކުއްޖާ ލައްވާ ފަހުން ދޮގުވެސް ހަދުވާ

The name is already taken The name is available. Register?

ހަބޭސް222

10 March 2020

ބައެއް ޙާލަތްތަކުގައި ކުޑަކުއްޖާ ގެ ބޮލަށް ސަވާރުވެގެން ކުށެއްނެތް މައުސޫމު މީހަކު 25 އަހަރަށް ޖަލަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެން މިދިޔައީ! މި ރާއްޖޭގައި ދެމަފިރިޔަކު ވަކުވުމަށްފަހު އެ ދެމަފިރިން ޖަޒުބާތުގަ ޖެހިގެން އެކަކު އަނެކަކަށް ގަސްތުގަ އަނިޔާ ދިނުމުގައި ކުޑަކުދިންގެ ބޭނުން ނަހަމަގޮތުގައި ހިފާފައި އެބަހުރި! މައްސަލަ ނިމެން ވާނީ މައްސަލައާއި، ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކޮށް އެއްވެސް ފަރާތެއްގެ ޙައްޤު ނުގެއްލޭގޮތަށް.

The name is already taken The name is available. Register?

ކޮރަލް

10 March 2020

އޯޑިއޯ ގެއްލުނު މައްސަލަ ވ ސީރިއަސް ކޮށް ބަލަން ޖެހެ އެވެ.

The name is already taken The name is available. Register?

ލޯމާފާނު

10 March 2020

ތި ޕްރިސީޑެންޓް ގެ ސަބަބުން ތި ނިއްމުން ނިއްމި ފަނޑިޔާރުން ވެސް ފްރޭމް ކޮއްލެވިދާނެ. ކުޑަ ކުދިންނަކީ ވ ހިތްއަލި ބައެއް. އުމުރުން 6 އަަހަރުގަ ޤުރުއާން ހިތުދަސް ކުރޭ. ވީމާ އެއްވެސް ކުށެއް ނުޖެހި 100 ފަހަރު ވެސް އެއްވާހަކަ އެއް ތަކުރާރު ކުރެވިދާނެ. މައުސޫމު މީހަކު ކުއްވެރި ކޮއްލަން ވވވ ފަސޭހަ ވެގެން ތި ދިޔައީ. މީ ވ ނުރައްކާތެރި ކަމެއް.

The name is already taken The name is available. Register?

ޝާމް

10 March 2020

އުމުރުން 7 އަހަރުން ދަށުގެ ކުއްޖެއް މިގޮތަށް ބުނާބުނުމުގެ މައްޗަށް ޑޮކްޓަރެއްގެ ލިޔުމުން އެކަމުގެ ހަގީގަތް ފެންނަން އޮންނަނަމަ އެކަން ސާބިތުވާންޖެހޭ. މިއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454