ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ސަނީ އުމަރު މިއަދު ކޯޓަށް ގެންދިޔައީ އޭނާ ބަންދުގައި ބަހައްޓަން ކުރިން ދިން 30 ދުވަހުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، ސަނީ އުމަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޭނާގެ ބަންދު މުއްދަތު އިތުރުކުރަން އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ އެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އެއް ކުއްޖެއްގެ އާއިލާގެ ފަރާތުންނެވެ.
ސަނީ އުމަރުގެ މައްސަލަ އާންމުންނާ ހަމައަށް ތިލަވިއިރު، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކަމަށް އޮތީ ތުހުމަތު ކޮށްފަ އެވެ. އޭނާ އެނބުރި ރާއްޖެ އައުމާ އެކު، އޭނާއާ ސުވާލުކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން އޭނާގެ ގެންދިޔަ އެވެ.
އޭރު ސުވާލު ކުރުމަށްފަހު ސަނީ އުމަރު ދޫކޮށްލުމާ އެކު، އޭނާ އަނެއްކާވެސް ފުރަން ގޮސް ހުއްޓާ ވެލާނާ އެއާޕޯޓުން ފުލުހުން އޭނާ ހިފެހެއްޓި އެވެ.
ފުލުހުން ކުރިން ބުނީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށްފަހު ދޫކޮށްލުމާ އެކު، ރާއްޖެއިން ފުރައިގެން ދާން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ކަމަަށެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ސަނީ އުމަރުގެ މައްސަލައާ ގުޅުވައިގެން، ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.
ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.