އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ކޯޓުން ބުނީ ހުކުމް އިއްވާފައިވަނީ ނަސްރުﷲ ފާއިޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ ނަމަވެސް އެއީ ކޮންއިރަކު ހިނގި ހާދިސާއެއް ކަމެއް އަދި އެ މައްސަލާގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެ ބާވަތުގެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ވެސް ސިއްރު ކޮށްގެންނެވެ.
ނަސްރުﷲ ގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ. އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު، ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 15 އަހަރަށް އަދި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގައި 10 އަހަރަށް އޭނާ ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި އެންމެ ބޮޑު އަދަބު ދެވޭ އެއް ކުށެވެ.