ރިޕޯޓް / އެންސްޕާ

އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރުންގެ އެއްޗިއްސެއް ނޫން!

ކާޑުގެ ސަބްސިޑީ ފޯމާ ގުޅޭ ގޮތުން އެންސްޕާގެ މުވައްޒަފަކާ މީހަކު ސުވާލުކުރަނީ: ސަބްސިޑީ އަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް ގިނަ ކަމަށް ބުނެ ބައެއް މީހުން ދަނީ ޝަކުވާކުރަމުން -- ފޮޓޯ: މިހާރު

ކާޑުގެ ސަބްސިޑީ ފޯމު ފެނުމާ އެކު މުހައްމަދު ސަމީރު، 41، ގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ގިނަކަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ރުޅި އައުން ހައްގެވެ؛

ކާޑުގެ އަގު ކުއްލިއަކަށް މި ބޮޑުކުރީ ލިބޭ މުސާރަ މާލެ އިން ކުއްޔަށް ހިފާފައިވާ ތަނަށް ދީ، އާއިލާގެ ހަރަދުތައް ދެކޮޅު ނުޖެއްސިގެން އުޅެނިކޮށެވެ. ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރިކަން އިއުލާންކުރުމާ އެކު، އެޕާޓްމެންޓުގެ ކުލި ވެސް ބޮޑުކޮށްފި އެވެ. މި ދަނޑިވަޅު ކުލި ބޮޑުކުރުމަކީ "ފެލާލުން" ކަމަށް ގަބޫލުކުރެވުނަސް ކުރާނެ ކަމެއް ނެތެވެ. އެހެން ތަނެއް ކުއްޔަށް ހިފޭވަރަށް އެޑްވާންސް ފައިސާ ހޯދާނެ ގޮތެއް ނެތެވެ.

ދެން އޮތް ގޮތަކީ ފޯމު ހުށަހަޅައިގެން ސަބްސިޑީ ފައިސާކޮޅު ވެސް ލިބޭތޯ ބެލުމެވެ. އެކަމަކު އެ ފައިސާ ހޯދަން ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކުރުވުމަކީ ވެސް ބޮޑު ތަކުލީފެކެވެ. ގޭގައި ހުރި ލަވަ ޖަހާ ސެޓާއި އިސްތިރި އާއި ރައިސް ކުކަރުގެ ތަފްސީލާ އެކު ހުށަހަޅަން ޖެހޭ އެހެން ލިއުތައް ގިނަ އެވެ. ގޭގައި ދިރިއުޅޭ އެންމެންގެ އައިޑީ ކާޑު ކޮޕީ އާއި ވެކްސިން ކާޑާއި ދަރިން ސްކޫލުގައި އުޅޭކަން އަންގާ ލިއުމާއި ހާޒިރީ ރިޕޯޓު ވެސް ހޯދަންވީ އެވެ. ތިން މަހުގެ ބޭންކް ސްޓޭޓްމަންޓް ހޯދަން ނަންބަރު ނަގައިގެން ކިޔޫ ޖެހެން ޖެހެ އެވެ. ކުއްޔަށް ދިރިއުޅޭ ތަނުގެ ސައިޒާއި އެގްރިމެންޓް ވެސް ހުށަހަޅަން ޖެހެ އެވެ.

"މިވަރުން ކިހިނެއް ފޯމު ލާނީ؟ ލިޔުންތައް ހަމަކުރަން ގޭގެ ވެރިފަރާތް ކައިރި އަށް ދުވެ ސްކޫލާއި ބޭންކަށް ވެސް ދުވެ ތައްގަނޑު ޖަހުވަންވީ. ސައުވީސް ގަޑިއިރު މަސައްކަތުން ހިންދެމިނުލެވި އުޅޭއިރު މިއީ މީހުންނަށް ކިހާ ބޮޑު އުނދަގުލެއް؟" ފޯމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސަމީރުގެ ޝަކުވާ އޮއްސާލި އެވެ.

އަނެއް ކަންބޮޑުވުމަކީ، އޭނާ ބުނިގޮތުގައި، މި ހުރިހާ ލިޔުންތަކެއް ހަމަކޮށްގެން ވެސް ސަބްސިޑީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމެވެ.

ފަގީރެއް ކަން ކަނޑައަޅާ އުސޫލު: "ބޮޑު ސިއްރެއް"!

ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމައި ކާޑުގެ އަގު ބޮޑުކުރިކަން އިއުލާންކުރިތާ ދެ ދުވަސް ތެރޭގައި އެ އަގު ނަގަން ފަށައިފި އެވެ. ސަރުކާރުން ކުއްލިއަކަށް މި ނިންމުން ހާމަކުރިއަސް މީގެ ހަ މަސް ކުރިން ވަނީ "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ގެޒެޓްކޮށްފަ އެވެ. މާނައަކީ ކާޑުގެ ސަބްސިޑީ ކަނޑާލި ކަން ކުއްލިއަކަށް އިއުލާންކުރިއަސް މިކަން ތަންފީޒުކުރަން މާ ކުރިން އޮތީ ނިންމާފައި ކަމެވެ. ނަމަވެސް ސަރުކާރުން އޭގެ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.

މާލޭގެ ފިހާރަައެއްގައި ހަކުރު ކިރަން ކައްޓާއަކަށް އަރުވާފައި. ކާޑުގެ ބާވަތްތަކުގެ އަގު ދެ ގުނަކުރުމުން އެހެން ހިދުމަތްތަކުގެ އަގުތައް ވެސް ދަނީ މައްޗަށް ޖައްސަމުން. -- ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކާޑު ފައިސާ އަށް އެދޭ ފަރާތަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އެންސްޕާ އިން ކަނޑައަޅާ އުސޫލްގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތަކަށް ވާންވާނެ އެވެ.

އުސޫލެއްގެ ވާހަކަ ގަވާއިދުގައި އޮތަސް އެންސްޕާ އިން މިހާތަނަށް އެ އުސޫލު އާއްމުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތު ދަށް ކަމަށް ބައެއް ކަމަށް ބަލަނީ ކޮން މިންގަނޑަކުންތޯ ސާފެއް ނުވެ އެވެ.

އެންސްޕާ އިން ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް ކަނޑައަޅާފައިވާ އުސޫލް ދޭން އެދުމުން އެތަނުގެ މުވައްޒަފަކު ބުނީ "އެއީ ސިއްރެއް" ކަމަށެވެ. އެ އުސޫލް އޮންނާނީ ހަމައެކަނި އެންސްޕާގައި ކަމަށާއި "އާއްމެއް ނުކުރެވޭނެ" ކަމަށް އޭނާ ބުންޏެވެ.

އެއީ ކީއްވެތޯ އެހުމުން މުވައްޒަފު ބުނީ "މިވަގުތަށް ހަމަޖައްސާފައި އޮތް ގޮތް" ކަމަށެވެ.

އުސޫލް އާއްމު ނުކޮށްގެން އެންމެ ބޮޑަށް ފާޑުވިދާޅުވާ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތުކުރެއްވި ގޮތުގައި އުސޫލް އާއްމު ނުކުރުމަކީ ފަގީރުން ކަނޑައެޅުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިންގަން ފުރުސަތު ލިބުމެވެ. އުސޫލު އާއްމުނުކޮށް ސިއްރު ކުރަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އޯވަނައިޓަކުން ސަބްސިޑީ ކަނޑައި ފޯމު ހުށަހަޅަން އެންގިއިރު ފަގީރުން ކަމަށް ކަނޑައަޅަނީ ކޮން އުސޫލަކުންތޯ ރައްޔިތުންނަށް ސާފުވާން ޖެހޭ. އާއްމުވެފައި އޮންނަން ޖެހޭ. އެހެން ނޫނީ، ކޮރަޕްޝަން ވަނުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.

ފަގީރުންގެ ރަޖިސްޓްރީގައި ނަން ނޯޓުކުރުވައިގެން ރައްޔިތުން އިތުރަށް ނިކަމެތިކޮށްފައިވާ ކަމަށް އިޝާރަތްކުރައްވާ ރޮޒައިނާ ވިދާޅުވީ ފޯމާ އެކު ގިނައިން ހުށަހަޅަން އަންގާފައި ހުރީ ބޭކާރު މައުލޫމާތުތައް ކަމަށެވެ.

"އެތައް ބައިވަރު ލިއުމެއް ހޯދައިގެން ހުށަހަޅާއިރު ވެސް ކޮލިފައިވާ މީހެއްތޯ ނޭނގެ. އެތައް ވަގުތެއް މިދަނީ ބޭކާރުވެގެން. ފޯމުގައި އެބަ ބުނޭ ތިން މަހުގެ ބޭންކް ސްޓޭޓްމެންޓް ހުށަހަޅަން ޖެހެއޭ. އެ މީހެއްގެ ބޭންކް އެކައުންޓެއް ނެތިއްޔާ އެކައުންޓް ހުޅުވައިގެން ތިން މަސް ވަންދެން އެބަ ޖެހޭ މަޑުކުރަން. ބޭންކް ސްޓޭޓްމެންޓް ނެތި ފޯމެއް ގަބޫލެއް ނުކުރޭ،" ރޮޒައިނާ ވިދާޅުވި އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ފޯނު ނުނަންގަވާތީ، މި މައްސަލާގައި، ސަރުކާރުގެ ރަސްމީ ކޮމެންޓެއް ނުލިބުނެވެ. އެކަމަކު މިދިޔަ ހަފުތާގައި މުޖުތަބާ "މިހާރު" އަށް ވިދާޅުވެފައި ވަނީ ސަބްސިޑީ ދިނުމުގައި ރާއްޖޭގައި ފަގީރުންކަން ކަނޑައަޅަނީ، ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލުކުރާ ވޯލްޑް ބޭންކުގެ ޕްރޮކްސީ މީންސް ޓެސްޓް (ޕީއެމްޓީ) އާ އެއްގޮތަށް ކަމަށެވެ.

އެސްޓީއޯގެ ގުދަނަކުން ފުށް ބަސްތާތަކެއް ނެރެނީ: ކާޑުގެ ސަބްސިޑީ ހޯދަން ކުރަން ޖެހޭ މަސައްކަތް ބޮޑު -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަދި އެހީދިނުމަށް އެންސްޕާއިން އެކުލަވާލި "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ވެސް ބިނާކޮށްފައިވަނީ އެ މިންގަނޑާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ވޯލްޑް ބޭންކުން މިދިޔަ އަހަރު ކަނޑައަޅާފައިވާ ގޮތުން ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 1.90 ޑޮލަރު (29.4ރ) ނުލިބޭ މީހުންނެވެ. ރާއްޖެ އަށް ކަނޑައަޅާފައިވާ ހާއްސަ ނިސްބަތުގެ ދަށުން ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.

ފަގީރުން ކަނޑައަޅާނީ ވޯލްޑް ބޭންކް މިންގަނޑާ އެއްގޮތަށް ކަމަށް ބުނެ ނިންމާލިއަސް އާއްމުންނަށް އޭގެ ތަފްސީލެއް ސަރުކާރަކުން ނުދެ އެވެ. އުސޫލު އާއްމުކޮށް ސަބްސިޑީ ފައިސާ ޖަމާކުރަން ފަށާނެ ދުވަހެއް ވެސް ނުބުނެ އެވެ.

ފަގީރަކަށް މަހަކު ލިބޭނީ 40ރ.

ކާޑުގެ ސަބްސިޑީ ދޭނީ ކޮން ބައަކަށްތޯ ސާފުނުވި ނަމަވެސް އެހީ ދޭނެ މިންވަރު ގަވާއިދުގައި އޮތީ އާއްމުކޮށްފަ އެވެ.

ގަވާއިދުގައިވާ ގޮތުން ޝަރުތު ހަމަވާ ކޮންމެ މީހަކަށް މަހަކު 40ރ. ގެ މަގުން މުޅި އަހަރަށް ކަނޑައަޅާފައި ވަނީ 280ރ. އެވެ. ގޭބީސީއަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބޭނީ 240ރ. ނުވަތަ އަހަރަކަށް 2،880ރ. އެވެ.

އެހީ ދޭނީ، ގަވާއިދުގައިވާ ގޮތުގައި، ފޯމު ހުށަހެޅި މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްގެން ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ.

މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގުތައް ބޮޑެވެ.

ލުޔެއް ލިބޭނެ ކަމުގެ ކުލަވަރެއް ނެތް!

ކާޑުގެ ބާވަތްތައް ކުރިން ލިބުނު އަގަށް ވުރެ ދެ ގުނަ ބޮޑުކުރުމުން ދިރިއުޅުމުގެ ގިނަ ހަރަދުތަކެއް ވެސް ދެ ގުނަ މައްޗަށް ޖެހުނީ އެވެ. އަގުބޮޑުވީ ގަންނަ ހަނޑުލާއި ފުށް އަދި ހަކުރު ކިލޯ އިން ކަމަށް ވިސްނައިދޭން ސަރުކާރުން އުޅުނަސް އެހެން ބައެއް ކަންކަމާއި އެއްޗެހީގެ އަގަށް ވެސް ބަދަލު އާދެ އެވެ.

ކާޑުގެ އަގު ބޮޑުކުރުމުން ރެސްޓޯރެންޓްތަކާއި ގޭގޭގެ ކުލި އަގުބޮޑުކުރި ކަމަށް ކުރާ ޝަކުވާތަކަށް ސަރުކާރުން ދެނީ "ފިނި ޖަވާބުތަކެ"ވެ. ކާޑުގެ ސަބްސިޑީއާ ގުޅިގެން އެހެން ހިދުމަތްތަކުގެ އަގު ބޮޑުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެކަމަކު މިނިވަން ވިޔަފާރިއެއް ހިނގާ ތަނެއްގައި އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ގޭގެ ކުލި ބޮޑުނުކުރެވޭނެ ކަމަށާއި ސަބަބަކީ، ގެދޮރު ކުއްޔަށް ދޭ މީހުން ސަބްސިޑީ ހަނޑޫ ނުކާތީ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ސަބްސިޑީ ކަނޑާލިއަސް ފަގީރުންނަށް ގެއްލުމެއް ނެތެވެ. މައްސަލައަކަށް ވެގެން އުޅެނީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެކަން ސިޔާސީކޮށް ނަޖާއިޒު ފައިދާ ނަގާތީ އެވެ.

ކާޑުގެ އަގު ބޮޑުވުމުގެ ގެއްލުން ސަމީރު ފަދަ ނިކަމެތި ރައްޔިތުންނަށް އެބަ ލިބެ އެވެ. އޭނާގެ ބަހުން ނަމަ ދިރިއުޅުމުގެ ނަމުގައި "ރައްޔިތުން ގަނަތެޅެނީ" އެވެ. އެ ޝަކުވާތައް ކިރިޔާވެސް އަޑުއަހާނީ ދެން އޮންނަ އިންތިހާބެއްގެ ވޯޓު ލާ ދުވަސް ކައިރިވުމުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

126 ކޮމެންޓް, 321 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 12%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަލާހު

12 October 2016

ރާއްޖޭގައި ފަގީރުން ތިބެނީ މިނިސްޓްރީ ތަކުގެ ބޮޑުންނަށާއި މަޖިލިސް ގަ..... ދެން ތިބެނީ ފޯރާ މީހުން....... ވަރަށް ސަލާން..

The name is already taken The name is available. Register?

ކުންފުތުނީ

12 October 2016

މިރާއްޖޭގައި ނޫޅޭ ފަގީރުންނެއް- ސަބްސިޑީ ދޭނެކަމެއްނެތް

The name is already taken The name is available. Register?

އިކޮނޮމިސްޓ

12 October 2016

ކަރަންޓު ސަބްސިޑީ ލިބޭފަރާތްތަކަށް ކާޑުގެ ސަބްސިޑީ ދޭންވީނުން. ކޮންމެ ސަބްސިޑީއަކަށް ފޯމުފުރާގެން މި އިކޮނޮމިސްޓް މިކުރާކަމެއްވހަމައެއްގޮތަކަށްވެސް ނުވިސްނޭ.

The name is already taken The name is available. Register?

އައްޓަމަސް

12 October 2016

2 އަތުގައި އެންމެފަހުގެ 2 އައިފޯން، ސަވާރުވެގެންއިންނަވަނީ ފަހުގެ ސައިކަލަކަށް، އަރައިގެންއިނީ ލެދަރބޫޓަކަށް، އެކަމަކުފަގީރު؟! އަޖައިބުތާ؟!

The name is already taken The name is available. Register?

އަބްދުއްލާ އަލީ

12 October 2016

ފަގީރުން ގެ ގޮތުގާ ދިވެހިރާއްޖޭގަ އުޅޭ ކޮންމެ މީހެއްގެ ކޮޓަރީގަ ހުންނާނެ އެއާކޯން ، ސީލިން ފަންކާ ، އައިސް އަލަމާރި ދޮންނަމެސިން . ރައިސް ކުކަރ މއިކްރޯވޭވް އަވަން ، ފިހާ އަވަން . ކަރަންޓް އިސްތިރި ، މިތަކެތި ނެތިއްޔާ ފަގީރަކަށް ނުވާނެ. އެންމެ ފަހުން މީހަކު ނިޔާވެގެން ބެލިއިރު ބޭންކުގާ ވެސް ދެލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭންކް އެކައުންޓުގާ ހުރި ވީމާ ފަގީރުން މިހާރަކު ނޭގޭނެ. އަމިއްލަ ގޭގެ ކުނި ކޮތަޅު އަމިއްލަޔަށްއުކާލުމުން އެ ލިބުނީ ސަބްސިޑީ

The name is already taken The name is available. Register?

ޑޮން

12 October 2016

މަސްތުވާތަކެއްޗާ ގުޅިގެން ހިންގާ އޮޕަރޭޝަންތައްހެން، މިހާރު އެބަޖެހޭ، ކަނޑައަޅާފައިވާ ރޭޓަށްވުރެ އަގުބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދާ ވިޔަފާރި ވެރިން ހައްޔަރު ކުރަން...

The name is already taken The name is available. Register?

އަލީ

12 October 2016

އޭހ، ރައީސް ކުކަރޭ؟

The name is already taken The name is available. Register?

ދޮންދީނި

11 October 2016

މި ޤައުމުގެ ހަލާކަކީ މަޖްލީހުގެ މެޖޯރިޓީ ގްރޫޕާއި ސަރުކާރުގެ ކެބިނެޓް.....މި މީހުން ހިތްރުއްސަން ހަދައިގެން ހުރިހާ ނިކަމެތިކަމެއް މިލިބެނީ ރައްޔިތުންނަށް....... ލަދުގެ ކަންފުޅެއްވާނަމަވެސް، ރައްޔިތުން ކައިރިއަށް ވޯޓުހޯދަން އަންނަން މި މީހުނަކަަށް ނުކެރޭނެ......އެކަމަކު ކީއްކުރާނީ، ދުނިޔެއާއި ހެދި ހަފުސްވެފައިވާ ބައެއް ވިއްޔާ!!!!!!!!!!!!!

The name is already taken The name is available. Register?

ބޭރުމީހާ

11 October 2016

ހައްލަކީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ ބޭފުޅުން އެއްބަސް ކިޔާފަ ރަށަށް ބަދަލުވުން ތޯއްޗެއް... އޭރުން އެޕާރޓްމަންޓްތަކުގެ ކުލި ހުންނާނީ އަގުބޮޑު ކުރެވިފަ ތޯއްޗެއް

The name is already taken The name is available. Register?

ހަސަނު

11 October 2016

ތީ ހައްލެއް ނޫން. ހުރިހާ ވަޒީފާއެއް، ކިޔެވޭނެ މަގެއް، ސިއްހީ ހިދުމަތެއް އޮތީ މާލޭގަ. ދެން ނުގޮސް ކުރާނެ ކަމެއް ނޯންނާނެ.

The name is already taken The name is available. Register?

ހަރީފް

11 October 2016

މަހަކު ދެހާސް ރުފިޔާ ކުދިން އަތުން ނަގާ ސްކޫލްތައް އެބަހުރި މާލެގަ. އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454