ޖޭއެސްސީގެ މެމްބަރުންތަކެއް: ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ވަނީ ފަށާފައި -- ފޮޓޯ/މިހާރު
18 މާޗް 2020 - 18:30
ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ގުޅޭ ކަންކަން ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނު ބުނާގޮތުން، މެޖިސްޓްރޭޓް ކޯޓުތައް ހުންނަނީ ސުޕީރިއާ ކޯޓުތައް ގާއިމް ވެފައިވާ މާލެ ފިޔަވައި އެހެން ރަށްރަށުގަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން 2012 ގައި ނިންމާފައި ވަނީ ހުޅުމާލެ އަކީ މާލޭގެ ބަޔަކަށް ވިޔަސް، ހުޅުމާލޭގެ ކޯޓު އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ހުޅުމާލޭގެ ކޯޓު އުވާލުމުގެ މަސައްކަތް ފަށަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެގޮތަށް ނިންމި ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން، ކޮރޯނާވައިރަސްއާ ގުޅިގެން، ސަރުކާރު ބަންދު ކުރިޔަސް، ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތަކާއި މައްސަލަތައް ކުރިއަށް ގެންދަން ފަނޑިޔާރުން މަސައްކަތަށް ނުކުމެވޭނެ ކަމަށާއި އެކަމަކު އާންމު އުސޫލުން ފަނޑިޔާރުން މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހުޅުމާލޭގެ ކޯޓުގެ ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ހުކުމް ކުރީ ހުޅުމާލެ އަކީ މާލޭގެ ބަޔަކަށް ވެފައި އަދި މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމްވެފައި ވަނިކޮށް، ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ ވަކީލުންތަކެއް އެ މައްސަލަ ހުށަހެޅުމުންނެވެ.
ހުޅުމާލޭގެ ކޯޓު އުވާލަން ނިންމިއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާކުރީ ވެސް ހުޅުމާލޭ ކޯޓުގަ އެވެ. ކުށް ނުކުރާ މީހަކު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމުގެ ދައުވާ 2012 ވަނަ އަހަރު ނަޝީދުގެ މައްޗަށް އުފުލައި، ބައެއް އަޑުއެހުންތައް ވެސް އެ ކޯޓުގައި ކުރިއަށް ގެެންދިޔަ އެވެ.
ނަމަވެސް، އެ މައްސަލަ އެ ކޯޓުގައި މަޑުޖެހިފައި އޮއްވައި 2015 ވަނަ އަހަރު ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ ނަޝީދުގެ މައްޗަށް އުފުލައިފަ އެވެ. އެ ދައުވާ ސާބިތުވެ، ނަޝީދު 13 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކޯޓުން ހުކުމް ކުރިޔަސް، މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިން ރަ،ޝީދު
19 March 2020
ޢެންމެފަހުން ތާޖުމަހަލް ބަންދުވެ ނިމުން އައީ! ޚޮންމެ ކަމަކަށްވެސް ނިމުން އަންނާނެ! ޢަލްހަމްދުލިﷲ.
ކިޔު
19 March 2020
ޙަސަދަވެރިކަމަކީ ނުބައި ބައްޔެކެވެ. ބަޔަކަށް ދެރައެއް ލިބިދާނެހެް ހީވީމަ އެކަމާ އުފާކުރާ މީހުންގް ހާލަތާމެދު ހަމްދަރުދީވާންޖެހޭ.
ޙުސޭނުބ
18 March 2020
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ އުފެދުމުގައިވެސް ބާޠިލު ކޯޓެއް. އެކޯޓް އުވާލަން އިތުރު ކަމެއް ކުރާކަށް ނުޖެހޭ. އެއީ އަސްލު ނެތް ކޯޓެއް. އޭރު ޖޭ.އެސް.ސީގެ މެންބަރެއްގެ މަސްލަޙަތުގައި އުފަން ކުރުވި ކޯޓެއް. އައިނައި ގޮތެއް ނޭގި އެކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގާތް މީހުން ގެނެސް މަޤާމްތައް ހަމަޖެއްސީ އުޞޫލުތަކާ ޚިލާފަށް.
ދަރަނި ދަންތުރަ
18 March 2020
ސަބަބު އިނގޭ ކެނެރީގޭ ނަސީދު ކިޔާމީހަކު ފަޑިޔާރު އަބުދުﷲ މުހައްމަދު ވަގަށްނެގި މައްސަލަ ބަލަން ތިޔަކޯޓު ހުލުވީތީ މިއަދު ނަސީދުގެ އައުވާނުން ކޯޓު ހުރިތާ ފެންވަޅެއް ހަނދަން ތިޔައުޅެނީ
ރަބަރު
18 March 2020
ކޯޓުތަކާ ބެހޭ ގާނޫނު ނުކުތުމާއެކު ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރެގެން ނުވާނެކަން އެނގެއެވެ. އެއީ ސިޔާސީ ނުފޫޒުގެ ދަށުން ދެމެހެއްޓުނު ކޯޓެކެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމި އިރު އެއިރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒާ ފަނޑިޔާރު ޢަބްދު ﷲ ޢަރީފު އެކަމާ ދެކޮޅެވެ. ޙުކުމް އައީ އެހެން ފަނޑިޔާރުންގެ ބަހަށެވެ.
ތަމީމް
18 March 2020
ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގައި މަސައްކަތް ކުރައްވާ ބޭފުޅުން މާލޭގެ އެހެނިހެން ސުޕީރިއާ ކޯޓުތަކަށް ބަދަލު ކުރެވެން ވާނެ ކަމަށް ދެކެން...
ރަބަރު
18 March 2020
ސްޕީރިއާ ކޯޓުތަކުގެ ގާޒީންގެ ޝަރުޠުތައް ފުރިހަމަވާނަމަ. ނޫން ނަމަ މެޖިސްޓްރޭޓް ކޯޓަކަށް
ތަމީމް
19 March 2020
ސްޕީރިއާ ކޯޓުތަކަށް ޝަރުތު ހަމަވާނެ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަލް އުސްތާޒް ޙަސަން ޢަލީ. އޭނާ އަކީ މިސްރުގެ އަލް އަޒްހަރުން ގުރުއާން ތަފްސީރު ޢިލްމުން ބެޗެލާސް ޑިގްރީ ގެ އިތުރުން އުސޫލުލް ފިގުހުން ޑިގްރީއެއް ނެގުމަށްފަހު، މެލޭޝިއާގެ އިސްލާމީކް ޔުނިވާސިޓީން އިސްލާމީ ޝަރީއާ އެންޑް ލޯ އިން މާސްޓާސް ނަންގަވައިގެން ހުންނެވި މީހެއްް. ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވާނެ.