21 މާޗް 2020 - 13:30
ރާއްޖެ އަށް ވެސް އައިސްފައިވާ ކޮރޯނާވައިރަސް އިތުރު ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހޮލިޑޭ އައިލެންޑް ރިސޯޓު ވެސް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްލަން އޭނާ ނިންމަވައިފި އެވެ.
ގާސިމްގެ މި ނިންމެވުމާ އެކު، ވިލާގެ ފަސް ރިސޯޓުގެ ތެރެއިން ދެ ރިސޯޓެއް މިހާރު ވަނީ އައިސޮލޭޝަން ފެސިލީޓީ އަކަށް ހަމަޖައްސައިފަ އެވެ. މީގެ ކުރިން ވަނީ މާލެ އަތޮޅުގައި އޮންނަ ފަން އައިލެންޑް ރިސޯޓު ވެސް އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ގާސިމް އެ ދެ ރިސޯޓު މި ވަގުތަށް ސަރުކާރުގެ ބޭނުމަކަށް ދޫކޮށްލެއްވީ އެއްވެސް ޝަރުތަކާ ނުލަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދިވެހިން އައިސޮލޭޓް ކުރުމަށް އދ. މާމިގިލީ ފަޅުތެރޭގައި އޮންނަ ހޮލިޑޭ އައިލެންޑް ރިސޯޓު މިހާރު އަންނަނީ ތައްޔާރު ކުރަމުންނެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ، ގާސިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރެއިން ޕެރެޑައިސް އައިލެންޑް ރިސޯޓު ފިޔަވައި އެހެން ހުރިހާ ތަނެއް މި ވަގުތަށް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.
ޓޫރިސްޓުން ފިޔަވައި ރާއްޖެ އަންނަ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ ނިންމާފަ އެވެ. މި ނިންމުމާ އެކު، ގިނަ ދިވެހިންތަކެއް އައިސޮލޭޝަން ފެސިލިޓީ އަށް ގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، އެކަމަށް ޚާއްސަކޮށް އިތުރު ތަންތަން ސަރުކާރަށް ބޭނުންވެ އެވެ.
އެޗްޕީއޭ އިން ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ޖެހެނީ 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށެވެ. ނަމަވެސް ރޭ ނިންމި ނިންމުމާ އެކު، ދިވެހިން ގެންދަން ޖެހެނީ ސަަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ އަކަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މާލެ ކައިރިން 1،000 ކޮޓަރި އައިސޮލޭޝަނަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮރޯނާވައިރަހުގެ އަލާމާތްތައް ފެންނަ މީހުންނާއި އެ ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަރަންޓީން އަދި އެކަހެރި ކުރަންޖެހޭ މީހުން ބޭތިއްބުމަށް މިހާރު ކަނޑައަޅާފައި ވަނީ ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑުގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އާއި ކ. ވިލިވަރާއި ހުޅުމާލޭ ދެވަނަ ފޭސްގައި އޮންނަ ފަރުކޮޅުފުއްޓެވެ. އަދި އއ. ވެލިދޫ އައިލެންޑް ރިސޯޓު ވެސް އެ ބޭނުމަށް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން 13 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންތަކެކެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދީ ވަނީ ރަނގަޅު ކޮށްފަ އެވެ.
ނަމަވެސް މިހާތަަނަށް އެއްވެސް ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްއެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
21 March 2020
މިކަން ނިމޭއިރު މީގެ ކޮންމެ އައިސޮލޭޝަން ފެސިލިޓީސް އަކަށް މިލިއަނުން ބަދަލު ދޭންޖެހިފަ އޮންނާނީ
މޫސަ
21 March 2020
ސަރުތަކާނުލައި ދޭނީ. ކަންނިމޭއިރު އޮންނާނީ އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޤާސިމަށް ދޭންޖެހިފައި
ހަސަން މުނީރު
21 March 2020
އޮނަރަބަލް ޤާސިމް އިބްރާހީމަކީ އެމީހެއްގެ ޖާނާ މާލު ދިވެހިންނަށް ޓަކާ ޤުރުބާން ކުރާ މީހެކެވެ. ސިޔާސީ ގޮތުން ހަސަދަ ވެރި ބަޔަކު ހުއްޓުމެއް ނެތި އެމަނިކުފާނުގެ އަގު ވައްޓާތީ ހިތާމަ ކުރަމެވެ.. ފަން އައިލަންޑާ ހޮލިޑޭ އައިލަންޑް ކޯވިޑް-19 ކަރަންޓީނު ފެސިލިޓީއަކަށް އެދެއްވީ އެއްވެސް އަގެއް ނެތި، ޤާސިމުގެ ހަރަދުގައި ކެއިން ބުއިންވެސް ދޭ ގޮތަށެވެ. ޝުކުރު ހައްޤު ފަރާތެއް ޤަސިމަކީ..
ދެސީ
21 March 2020
ކިތަންމެ ފެސިލިޓީއެއް ހެދިޔަސް މާލެގަ ފެތުރުގެންފިއްޔާ ސަލާމަތް ނުވާނެ. އަދި އިތުރައް 180000 ބަންގްލަދޭޝް މީހުންވެސް ބަލަން ޖެހޭނީ ދިވެހި ސަރުކާރަށް
އޭނަ
21 March 2020
ޝުކުރިއްޔާ ޤާސިމް. ކުރިން އެއްޗެހި ކިޔުނީތީ މަޢާފަށްއެދެން.
ރަހަ
21 March 2020
ގަާސިމްގެ ތިޔަ ނިންމުމަށް މަރްހަބާ. ގެއްލިގެންދާ އިތުބަރު ހޯދެން އޮތް ގޮތަކަށް ހޯދާ. ކުރިޔަށް އޮތީ ފޮނި ދުވަސްތަކެއް.
އައިޝަތި ފަރީދާ
21 March 2020
ޝުކުރިއްޔާ ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް. މަނިކުފާނުގެ ދީލަތި އެހީތެރިކަމަކީ އަބަދުމެ ދިވެހި ރައްޔަތުންނަށް ލިބެމުންދާ އެހީތެކަމެއް. ޝުކުރީއްޔާ ސަރ.
ދެބަންދިހާރު
21 March 2020
ހަމަ އަސްލަށްވެސް ރާއްޖޭގެ ހާލަތު ގޯހީތަ؟ ދުވާލަކަށް 2 ރިޒޯރޓް އައިސޮލޭޝަން ފެސިލިޓީސް ތަކަށް މި ހަދަނީ
1235
21 March 2020
ނަމުގަ ތިއޮތި ޖަވާބު
ޑޮކްޓަރު
21 March 2020
ނޭނގޭ ކަން ނުދަންނަ މީހުން ވެސް އުޅޭ