23 މާޗް 2020 - 11:23
ސިންގަޕޯ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް ކޮވިޑް-19 އާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ސިންގަޕޯ އެއާލައިންގެ އިތުރުން ރާއްޖެ އަށް އަންނަ ބޮޑެތި ހުރިހާ އެއާލައިންތަކެއްގެ ދަތުރުތައް ވަގުތީ ގޮތުން ރާއްޖެ އަށް އައުން ވަނީ ހުއްޓާލައިފަ އެވެ. ބައެއް އެއާލައިންތައް ރާއްޖޭގެ އިތުރުން އެހެން މަންޒިލްތަކަށް ވެސް ވަނީ ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި އިއްޔެ ހުއްޓާލި އެމިރޭޓްސް ވެސް ހިމެނެ އެވެ.
ސިންގަޕޯ އެއާލައިނުން ވަނީ އެ އެއާލައިނުން ކުރާ ދަތުރުތަކުގެ 96 ޕަސެންޓް ހުއްޓާލައިފަ އެވެ. މިއާ އެކު އެއާލައިންގެ ދަށުން ހިންގާ އޭޝިޔާ ސަރަހައްދުގެ ދަތުރުތައް ކުރާ ސިލްއެއާގެ ދަތުރުތައް ވެސް ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ. އެއާލައިންގެ ގިނަ ދަތުރުތަކެއް ހުއްޓާލުމާ އެކު 138 މަތިންދާ ބޯޑު މިހާރު ވެސް ވަނީ ގްރައުންޑްކޮށްފަ އެވެ. އެހެންވެ މި ވަގުތު އެއާލައިނުން ދަތުރުތައް ކުރިއަށް ގެންދަނީ އެންމެ ނުވަ ބޯޓުގަ އެވެ.
މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ އެކު ސިންގަޕޯ އެއާލައިނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއި އިތުރު ކުރަން ޕްލޭން ކޮށްފައިވާ މަތިންދާ ބޯޓުތައް ނުގެނެސް މަޑުޖައްސާލުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.
ދުނިޔޭގައި ތިން ލައްކައެއްހާ މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. ރާއްޖޭން ވެސް ވަނީ 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑް-19 ފެތުރޭތީ ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މި ވަގުތަށް ވެސް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
23 March 2020
ވެލާނާ އެއާރފޯޓް ބަންދު ކޮށްފަ. މުއަށްޒަފުން ގޭގަ ބައިތިންބާ ހަމަޔަކަށް އެޅެންދެން.
މަށެއްނޫން
23 March 2020
އެހެންވީމަ ދުނިޔޭގެ ކޮމާޝަލް އެއާރކްރާފްޓްގެ މޮނޮޕޮލީ އޮންނަ ބޮއިން އަދި އެއާބަސް އަށް ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ރިޕޯޓެއްވެސް ގެނެސްދިނުން އެދެން.
ހަސީނާ
23 March 2020
މާތްﷲ އަހަރުމެންނަށް ކެތްތެރިކަން ދެއްވާ މިކަމުން އަވަހަށް މިންޖުކުރައްވާން ދޭވެ.