ބްރެންޓަން ކޯޓުގެ ކުރީގެ އަޑުއެހުމެއްގައި: އޭނާ މިހާރު ވަނީ ހުރިހާ ދައުވާތަކަށް އެއްބަސްވެފައި
26 މާޗް 2020 - 15:19
ކްރައިސްޗާޗް (މާޗް 26) - މިދިޔަ އަހަރު ނިއުޒިލެންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތެއްގައި ބަޑިން ހަމަލާދީ 51 މީހުން މަރާލި މީހާ އެންމެ ފަހުން ކޯޓުގައި ކުށަށް އެއްބަސްވެއްޖެ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ވަދެ، ހުކުރަށް ގޮސް ތިބި މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލައި އިތުރު ބަޔަކު ޒަހަމްކޮށްލި ބްރެންޓަން ޓަރަންޓުގެ މައްޗަށް މީހުން މެރުމުގެ 51 ދައުވާ އާއި މީހަކު މަރާލަން އުޅުމުގެ 40 ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖޫން މަހު ކްރައިސްޓްޗާޗްގެ ހައި ކޯޓުގައި ފެށި ޝަރީއަތުގައި ބްރެންޓަން އޮތީ އެ ހުރިހާ ދައުވާތަކަށް ވެސް އިންކާރުކޮށްފަ އެވެ.
އޯކްލެންޑްގެ ޖަލެއްގައި ބްރެންޓަން ބަހައްޓައިިގެން ވީޑިއޯ ލިންކަކުން ކޯޓާ ގުޅާލައިގެން މިއަދު ބޭއްވި އަޑުއެހުމުގައި ބްރެންޓަން ވަނީ ހުރިހާ ދައުވާތަކަށް ވެސް އެއްބަސްވެފަ އެވެ. އެކަމަކު އޭނާގެ މައްޗަށް އަދަބު ކަނޑައަޅާނެ ދުވަހެއް ކޯޓުން އިއުލާނެއް ނުކުރެ އެވެ.
ބްރެންޓަންގެ މަައްޗަށް އަދަބު ކަނޑައަޅާނީ މަރުވި މީހުންގެ އާއިލާތަކާއި އަނިޔާލިބުނު މީހުން ވެސް ކޯޓަށް ހާޒިރު ކުރުމަށް ފަހު ކަމަށް ބެލެވެ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ނިއު ޒީލެންޑްގައި ވެސް ކާފިއު އިއުލާން ކޮށްފައިވާތީ ބްރެންޓަން ކުށަށް އެއްބަސްވި އަޑުއެހުމަށް ވެސް އާއިލާތަކާއި އަނިޔާލިބުނު މީހުން ހާޒިރެއް ނުކުރެ އެވެ.
ބްރެންޓަން ކުށަށް އެއްބަސްވުމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ އޭނާ ކުށަށް އެއްބަސްވުމަކީ އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ނިއު ޒީލެންޑްގެ ގާނޫނު ބުނާގޮތުން މީހުން މެރުމުގެ ކުށަށް ދެވޭނެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އަދި އެފަދަ ކުށެއް ސާބިތުވެފައިވާ މީހުންނަށް ޕެރޯލްގެ ދަށުން މިނިވަން ވެވޭނީ ވެސް މަދުވެގެން 10 އަހަރު ޖަލުގައި ހޭދަ ކުރުމަށް ފަހު އެވެ.
ދުނިޔޭގެ އެންމެ ސުލްހަވެރި ގައުމުތަކުގެ ގޮތުގައި ހިމެނޭ ނިއުޒިލެންޑްގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޓެރަރިސްޓް އެ ހަމަލާ ދެމުން ދިޔައިރު ބްރެންޓަން ދިޔައީ ކެމެރާއެއް ބޭނުން ކޮށްގެން އެ މަންޒަރު ފޭސްބުކުން ލައިވްކޮށް ދައްކަމުންނެވެ. އޭގެފަހުން އެ ގައުމުން ވަނީ ހަތިޔާރު ގެންގުޅުން މަނާކޮށް، އާންމުން ގެންގުޅެމުން ދިޔަ ހަތިޔާރުތައް އަތުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލްހަވެރި ލޭންޑް
26 March 2020
ދުވާލު މެންދުރު ބަޑި ޖަހާ މީހުން މަރަމުން ދިޔަ މަންޒަރު އަމިއްލަ އަށް ލައިވް ކުރި މީހާ އަށް ވެސް އިޢުތިރާޒް ކުރުމުގެ ހައްޤު އޮވޭތާއެވެ. ތިމަންނާ ކުރި ކަމެއް ނޫނޭ އެއީ ތިމަންނާ އެއް ނޫނޭ ބުނެވިދާނެ ތާއެވެ؟ 51 މީހުންގެ މަރުގެ އަދަބަކީ 10 އަހަރު ފަހުން މިނިވަން ވުމުގެ ފުރުސަތު އޮތް އަދަބެއް ކަމަށް ވާނާ ތި ކަހަލަ ޓެރެރިޒަމްގެ ކުށް ކުރަން ޖެހިލުން ވާނެ ކަމެއް ނެތްތާއެވެ
ބަބުރުލް ސަލީމް
26 March 2020
ދެން ތިބޭފުޅާގެ ކަންތައް އަވަހަށް ނިންމާލާ.
1828
26 March 2020
ރާއްޖޭގައި ކުރާނީ މީހަކު މަރާލި ކަމުގެ ދައުވާ. މިއީ ރާއްޖެއާއި އެހެން ޤައުމުތަކާ ހުރި ތަފާތަކީ. ފިހާރައެއް ފަޅާލައިގެން ވައްކަން ކުރީމައި ކުރާނީ ހަމަ އެކަނި ވައްކަން ކުރިކަމުގެ ދައުވާ. މިއީ ރާއްޖޭގައި ކުށްވެރިންނަށް ސަޅި ތަންކޮޅަކީ.
އެހެންތަ
26 March 2020
ކުށަށް އެއްބަސްވިޔަސް ތިމީހާއަށް ދޭނީ އުމުރުދުވަހު ޖަލު އަދަބު. ޖަލު އަދަބަކީ 51 މުސްލިމުންގެ ފުރާނައިގެ ބަދަލު ލިބޭނެ އަދަބެއްނޫން.