ޑްރައިވަރަކު މާސްކް އަޅައިގެން ޓެކްސީ ދުއްވަނީ: ވަރަށް ގިނަ ޑްރައިވަރުން މިހާރު ތިބީ ހުސްއަތާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އެޕްރީލް 2020 - 08:19
މާލޭގައި 25 އަހަރު ހޭދަކޮށް، ޓެކްސީ ދުއްވާތާ 20 އަހަރު ވީ އިރު ވެސް، މިވަރުގެ ކަމަކާ ހަސަން އަލީ (އަސްލު ނަމެއް ނޫން) އަށް ދިމައެއް ނުވެ އެވެ. މީގެ ކުރިން ހެނދުނު ހަތެއް ޖަހާއިރު ޓެކްސީ އަށް އަރާއިރު އެ ދުވަހެއްގެ އާމްދަނީ އޭނާ އަށް އޮންނަނީ އަންދާޒާ ކުރެވިފަ އެވެ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ އެވެ. ސިކުނޑީގައި އަބަދުހެން އޮންނަނީ "މިއަދު ލިބޭނީ ކިިހާ ވަރެއްތޯ" އެވެ.
އެހެން ގިނަ ޓެކްސީ ޑްރައިވަރުންނެކޭ ވެސް އެއްގޮތަށް އޭނާ އަކީ ވެސް ހަމައެކަނި ޓެކްސީން ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސާލައިގެން އުޅޭ މީހެކެވެ. އެކަމަކު، ކޮރޯނާވައިރަސްގެ ވާހަކަތައް ފެންމަތިވެ، މީހުން ހެލިފެލިވެ އުޅުން ގާތްގަނޑަކަށް ހުއްޓުމާ އެކު، ހުރިހާ ޑްރައިވަރުންނެކޭ އެއްގޮތަށް ހަސަން ވެސް މި ވަނީ މި ބަލީގެ ތެރޭގައި އާމްދަނީ ތާށިވެފަ އެވެ. ހަދާނެ ގޮތް ހުސްވެ، ފިކުރު ބޮޑުވެފައި ހުންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ.
"ކުރިން ދުވާލަކަށް 1،500ރ. ލިބޭ. އެކަމަކު މިހާރު ކިރިޔާ ހަމަވަނީ 500ރ.،" ދަރިޔަކާއި އަންބަކު ގޮވައިގެން، ހުޅުމާލޭގެ ކުލީ ފްލެޓެއްގައި ދިރިއުޅޭ 43 އަހަރުގެ ޑްރައިވަރު ބުންޏެވެ.
އޮފީހަށް އަންނަން އަހަންނަށް ކޮންމެ ދުވަހަކުހެން ހަސަންގެ ޓެކްސީ އަށް އެރެ އެވެ. އެހެންވެ، ފަހަކަށް އައިސް ކުއްލިއަކަށް ފެންނަމުން ދިޔައީ އޭނާ ކޮންމެ ދުވަހަކު ހެނދުނު އޭނާ ގޭ ކުރިމަތީގައި އޮއްވަ އެވެ. އެއީ އަހަރެން ބުނެގެނެއް ނޫނެވެ. އެހެންވެ، އެ ސުވާލު އޭނާއާ އެއް ދުވަހަކު ކޮށްފީމެވެ.
ކާނިވާ ސަރަހައްދުގައި ބައެއް އުޅަނދުތައް ޕާކުކޮށްފައި: ވަރަށް ގިނަ ޓެކްސީތައް ހުރީ ޕާކްކޮށްފައި --. ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިނޫން ދަތުރެއް ދެން ނުލިބެންޏާ މިތާނގައި އޮންނާނެތާ؟" އޭނާގެ ޖަވާބު ސާފުވެފައި ކުރެވެ. "ހިތަށް ވެސް ނާރާނެ މިހާރު އަހަރެމެން އުޅޭ ހާލެއް."
ހަސަންގެ ދިރިއުޅުމަކީ މި އެވެ؛ ޓެކްސީ ދުއްވާތާ 20 އަހަރުވީ އިރު، ހުޅުމާލޭގައި ދިރިއުޅޭ ތަނަށް ބޮޑު ކުއްޔެއް ދައްކަން ޖެހެ އެވެ. ހުރި ހަމައެކަނި ދަރިފުޅު އޯލެވެލް ނިންމައި އުުމުރުން 17 އަހަރުގައި މިހާރު ކޮލެޖުގައި އަންނަނީ ކިޔަވަމުންނެވެ. މި ހުރިހާ ހަރަދެއް މިއޮއްހާ ދުވަހަކު ބަރޯސާ ވެފައި އޮތީ ޓެކްސީ ކުރާ ފައިސާ އަށެވެ. މި ބަލިމަޑުކަން އައުމުގެ ކުރިން އެ ހުރިހާ ހަރަދެއް ކުރާކަށް އޭނާ އަށް ޖެހިލުމެއް ނުވެ އެވެ. އެކަމަކު މަންޒަރު ބަދަލުވެއްޖެ އެވެ.
"ފެށުނީއްސުރެ މާލޭގައި އުޅެމުން މިއައީ އެކި ތަންތަނުގައި ކުއްޔަށް. މާލޭގަ އެންމެ ބޮޑު ކުލީގަ ވެސް އުޅެފައި މިހިރީ. ދުވަހަކު ވެސް މީހެއް ކައިރީ ނުވެގެން ބުނަން ވެސް ނުޖެހޭ ކަމެއްގައެއް،" އޭނާ ކިޔައިދިނެވެ.
އާންމު ދުވަހެއްގައި ކުރިން ދުވާލެއްގެ މައްޗަށް ދޮޅު ހާސް ރުފިޔާ ލިބުނަސް، މިހާރު އޭނާ އަށް ލިބެމުން އަންނަނީ 500 ވަރަކަށް ރުފިޔާ އެވެ. ނަސީބަކުން އޭނާގެ އަތުގައި އޮންނާނީ އަމިއްލަ ކާރަކަށް ވާތީ، އެ ކާރަށް، ޕެޓްރޯލް އެޅުން ފިޔަވައި އެހެން ހަރަދެއް ކުރާކަށް ނުޖެހެ އެވެ.
"އެކަމަކު މާދަމާ ވާނެ ގޮތެއް ނޭނގެ. މިހާ ވަރު ވެސް ނުލިބި ހިނގައިދާނެ. މުޅި ދިރިއުޅުން ބިނާވެފައި މިއޮތީ މިކަމަށް. މި ނޫން ކަމެއް ކުރާކަށް ވެސް އެނގެނީއެއް ނޫން،" އޭނާ ބުންޏެވެ.
މާލޭގެ މަގުތަކަށް ނުކުމެ އުޅޭ މީހުން މަދުވުމާ އެކު އޭގެ އެންމެ ނޭދެވޭ އަސަރެއް ކުރާނެ ބަޔަކީ ވެސް ޓެކްސީތަކާއި ޕިކަޕްތަކަށެވެ. މިއީ މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ވިޔަފާރިއެކެވެ. އެކަމަކު މުދާ އުފުލުން މަދުވުމާ އެކު ޕިކަޕްތަކާއި ލޮރީތައް ޕާކުކުރަން ޖެހި، ވަރަށް ގިނަ ޓެކްސީތައް ވެސް މިހާރު ވަނީ ޕާކްކޮށްފަ އެވެ.
"ބައެއް މީހުން ވަރަށް މަޖުބޫރުވެގެން ނޫން ގޮތަކަށް ޓެކްސީއަކަށް ނާރާ،" 5656ގެ ޓެކްސީއެއް ދުއްވާ މީހަކު ބުންޏެވެ.
އޭނާ ބުނާ ގޮތުން ކޮރޯނާވައިރަސްގެ ވާހަކަ ދެކެވި، އެއާޕޯޓުން ޓެކްސީއެއްގައި މީހަކު ދަތުރުކުރި ވާހަކަތަކާ އެކު މީހުންގެ ތެރޭގައި މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ވަނީ ބިރުވެރިކަން ފެތުރިފަ އެވެ. އަދި ޓެކްސީގައި މި ދުވަސްކޮޅު ދަތުރު ކުރުން އެއީ އެންމެ ބިރުވެރި ކަންތައްތައް ކަމަށް އާންމުންނަށް ވެސް ވަނީ ގަބޫލުކުރެވިފަ އެވެ. ހާއްސަކޮށް ކުރިން ކުރާ ގޮތަށް، މަގުމަތިން އެހެން މީހުން ގޮވައިގެން ދަތުރުކުރުން މުޅިންހެން ވަނީ ހުއްޓިފަ އެވެ.
މާލޭގެ މަގެއް މީގެ ހަތަރު ވަރަކަށް ދުވަސްކުރިން ހުސްކޮށް: ޓެކްސީތަކާއި ޕިކަޕްް ޑްރައިވަރުންްނަށް ހާސްކަން ބޮޑު ދުވަސްކޮޅެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ސްކޫލުތައް ބަންދުވެ، އޮފީސްތައް ބަންދުވުމާ އެކުހެން އަހަރެމެންގެ އުންމީދު މުޅިން ގެއްލިއްޖެ،" އޭނާ ބުންޏެވެ.
"ސްކޫލަށް ކުދިން އުފުލުމާއި އޮފީސްތަކަށް މީހުން އުފުލުންް މިއީ ހަގީގަތުގައި ޓެކްސީ ދަތުރުތަކަކީ. ދެން ބަލަމާ ހިނގާ އެއާޕޯޓް ދަތުރުތަކަށް. އެވެސް މިހާރު މިއޮތީ ހުއްޓިފައި. ދެން ހޮސްޕިޓަލްތަަކަށް ވެސް މީހުންނެއް މިހާރަކު ނުދޭ. ރަށްރަށުގެ މީހުން ވެސް މާލެއަކު ނެތް."
މާލޭގައި ރަޖިސްޓްރީކޮށްގެން 500 އަށް ވުރެ ގިނަ ޓެކްސީ ދުއްވާއިރު، ރަޖިސްޓްރީ ނުކޮށް ވެސް ޓެކްސީގެ ހިދުމަތް ދޭ ވަރަށް ގިނަ ޑްރައިވަރުން ތިބެ އެވެ. އެ އެންމެންގެ އާމްދަނީ މިހާރު މި ވަނީ ބަންދުވެފަ އެވެ. ޓެކްސީ ޑްރައިވަރުން ބުނާ ގޮތުން މިހާރު ދަތުރެއް ލިބެނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެހެންވެ، ގިނަ ޓެކްސީތައް ޕާކުކުރީ ބޭކާރު ދުއްވުންތަކެއް ދުއްވައިގެން އެންމެ ދަތުރެއް ހޯދުން ހުއްޓާލުމުގެ ނިޔަތުގަ އެވެ.
"ދަތުރުތައް މިއޮތީ ހަމަ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައި. ކުރިން މަހަކު 40،000ރ. ނަގާ ޓެކްސީތަކަށް މިހާރު ހައެއްކަ ހާސް ރުފިޔާ ނުލިބޭ. މިހާރު އެއްވެސް ޑްރައިވަރެއް ނުހުންނާނެ ޔަގީނުން ވެސް ދަރަނިނުވާ މީހަކު،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.
"އަހަރެމެންގެ ހަޔާތުގައި ދުވަހަކު ވެސް ދިމާވި ކަމެއް ނޫން މިއީ. މިހާރު ޖީބުތައް ހަމަ ހުސްވެއްޖެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާން މޫސާ
02 April 2020
އެހެންވީމަ މިމީހުން އަސްލު މިއުޅެނީ ހާދަ އިއްޒަތުގައޭ. ގިނަ ރައްޔިތުން މިއުޅެނީ ދެކޮޅުނުޖެހިގެން. އަދުރޭ ހިސާބު ހެދިޔަސް 500 ދުވާލަކަށް ލިބޭނަމަ އެއީ މަހަކަށް 14000، އަހަރަކަށް 180000. ޒުވާނުން ބޮލުގަ ލޯނު، ލިބޭނީ ކިރިޔާ 8000 ވަރު، ކުލި ދައްކަންޖެހޭ. ކަލޭމެން އަދިވެސް ރައްޔިތުން ފެލޭތޯ. ލަދެއްވެސް ނުގަނޭ.
ޒަމް
01 April 2020
ބުނަން ބޭނުމެއް ނުވޭ. އެކަމަކު ބުނެލާނަން. ހަދާންވޭބާ ހުޅުމާލެއަށް 200ރ ދަތުރުކުރި ދުވަސްވަރު މަތިން. އޭގެން ނެގުނު ފައިދާއިން ހިފަހައްޓާލެވޭތޯ ބަލާ. ހިތައްއަރާބާ ކިތައް މީހުންތޯ ރިޖެކްޓް ކޮށްލެވުުނީ ހުސްކޮށްދަމުން ބުރިޖާދިމާއަށް މިސްރާބު ހުއްޓަ.
އަޙްމަދު.
01 April 2020
"ކުރިން މަހަކު 40،000ރ. ނަގާ ޓެކްސީތަކަށް މިހާރު ހައެއްކަ ހާސް ރުފިޔާ ނުލިބޭ" އެކަމަކު ސަރުކާރުން ރައްޔިތުންނަށްވެސް ލުއިގޮތެއް ހަދަން އުޅުނީމަ ހީވީ ފަޔަށް އައްސި އަރައިގެން އުޅުނުހެން!!! ސިވިލްސާރވިސް މެޖޯރިޓީ މީހުންނަށް އެންމެ 10،000ރ. ވެސް ނުލިބޭ.
ބަލަބަލަ
02 April 2020
ސާޅީސް ހާސް ލިބެނީ 24 ގަޑިއިރު މަސަތްކަތް ކޮށްގެނޭ، ގޭގަ އޮވެގެން ނުލިބޭނެ އެކައްޗެއްވެސް!
ގެޓަގުލް
02 April 2020
ސިވިލްސާރވިސްމީހުންނަށް ވުރެން ޓެ ކްސީޑްރައިވަރުންގެ އާމްދަނީ މަތިވެގެން ނުވަނީތަ؟ އެމީހުން މާގިނައިރު މާބުރަ ކޮށް މަސައް ކަތް ކުރެޔޭ!
ދިވެއްސެެއް..
01 April 2020
ދުނިޔެއަށް ދިމާވެފައިވާ މިކާރިސާއިން އެންމެންގެ ދިރިއުޅުމަށް މިކުރާ އަސަރަށް ހިތާމަކުރަމެވެ. ނަމަވެސް މި އާޓިކަލްއިން ލޮލުގައި އަޅައިގަތް ޖުމްލައަކީ މީ: "ކުރިން ދުވާލަކަށް 1،500ރ. ލިބޭ. އެކަމަކު މިހާރު ކިރިޔާ ހަމަވަނީ 500ރ.،" - މާނައަކީ ކުރިން މަހަކަށް 45000 ރުފިޔާވަރު ލިބެއޭ. އެކުމަކު މީގެ ދުވަސްކޮޅެއް ކުރިން ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރިއިރު ހީވަނީ މިމީހުންނަށްވުރެއް ނިކަމެތިކޮށް ރާއްޖޭގެ އުޅުނު ބައެއް ނެތްހެން.
ދެޓްވޭ
02 April 2020
ލިޔުމުގެ އެއްބައިތި ކިޔަނީ. އޭނާގެ ޚަރަދުތަ ކުގެ ވާހަ ކަ ނު ކިޔަންދޯ؟
ސަާރާ
01 April 2020
މިމީހުންނަކީ އެންޑީޕީ ވެރިކަމަށް ގެނަސް މޮޅުހޯދަން އުޅުނު މީ ހުން. މި ހާރު ބައެއް މީ ހުން އީމާން ވެއްޖެކަންވެސް އެނގޭ އެކަމަކު ވަގުތު ފާއިތުވެއްޖެ. މިކަމުގަ ނޫސްތައްވެސް ޒިންމާ ނަގަންޖެހ ހޭ. ވައިރަސް ފެތުރުމުގެ ކުރިންވެސް ގައުމު އޮތީ ފުނޑިފަ
މޯރޗް
01 April 2020
އާންމު ރައްޔިތުމީހާ އަތްފޯރާފަށަށް ސަރުކާރުން އަގު ކަނޑައެޅީމާ މުޒާހަރަކޮށް ދަތުރުތައް ހުއްޓާލީ. ހިތުހުރި އަގަށް ދަތުރުކޮށް ރައްޔިތުމީހާ ފެލާލި ދުވަސް ހަންދާނަށް ގެންނަވާ!!!
ވާނުވާ މިހާރު
01 April 2020
އެންމެހާލުގަ އުޅެނީ ރާއްޖެ ޓެކްސީ ޑުރައިވަރުން ނާއި ރިސޯޓު އޯނަރުން... ޒަކާތު ފަންޑުން އެހީވާންފެނޭ މިމީހުނަށް..
ޢެޑްމުންޑޯ
01 April 2020
މީސްމީހުންގެ މިފަދަ ވާހަކަތަކުން ދެރަވޭ އަސަރުވެސްކުރޭ ، ނަމަވެސް ހިތަށްއަރަނީ މަސްވެރިކަން ރަގަޅުދުވަސްތަކުގައި ހަފްތާއަކު 15 ހާސް ރުފިޔާ މަހެއްގެމައްޗަށް އެވްރެޖްކޮށް 50 ހާސްރުފިޔާ ލިބޭ މަސްވެރިންވެސް ، މަސްވެރިކަން ދައްވާތާ 2 ހަފްތާ ނުވަނީސް ހާލުގެ ޖެހި އަތުގެ އެންމެ ރުފިޔާއެއް ނެތްވާހަކަ ދައްކަންފަށާ ، މިއަދު 40 ހާސް 50 ހާސް ލިބެމުން އަންނަ ޑްރައިވަރުންނަށްވެސް މަހެއްނުވަނީސް އަތްމަތި ހުސްވެ ބިކަވެއްޖެ ، ފަހަށްރައްކާ ނުކުރުމުގެ ހިތި ތަޖްރިބާނުވޭތޯ
ފިޔަވަޅު
01 April 2020
އަސްލު މި ޤައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިވަރު ބޮޑު ކަމެއް ދިމާވި އިރު ކަމުދާ ތަނދޮރު ދަންނަ ކަނކަމައް ކުރިމަތިލާން އެނގޭވަރު ވެރިއއް ނެތުން
އަސްލު ހަގީގަތް
01 April 2020
ބަލަ ދިނިޔޭގެ އެންމެ ބޮޑު އަދި ސުޕަ ޕަވާރ އެމެރިކާގެ ރައްޔިތުންވެސް އެދަނީ ބިކަވަމުން. ރައީސް މީހާގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން މިޤައުމުގައި ކޮރޯނާ ކޮންޓްރޯލް ކުރެވިފައިއޮތީ. ފިތުނަ އުފެއްދުން ނޫންކަމެއް ކަލޭމެންނަކަށް ނުކުރެވޭނެ.
ރާއްޖެތެރޭ މީހާ
01 April 2020
ގައުމު ހަތަރު ފަރާތުން ދޮރު ލައްޕާލީމާ ތި ވައިރަސް ނާންނާނެ. ޢެކަމަކު ސުވާލަކީ ކިހާ ދުވަހަކަށް އެހެން އުޅެވިދާނެހޭ؟ ކައިގެން ބޮއިގެން ދެން އުޅެނީ ކިހިނެއްހޭ؟ އާމްދަނީ ހޯދާނީ ކިހިނެއްހޭ؟ އަޑިއަށް ގޮސްފަ އޮތް އިގްތިސާދު ކޮޅަށް ޖަހަނީ ކިހިނެއްހޭ؟ ޖަވާބަކީ މޮދީ ކައިރީގަ އާދޭސް ކުރުން ކަމަށް ވަންޏާ އިބްރާހީމަށް މިކަމެއް ނުވާނެ.
މަމި
01 April 2020
40ހާސް ލިބިގެން އުޅުނު މީހުން އެކައްޗެއްވެސް ފަހަށް ރައްކާނުކޮށް އަރާމުގަ ބޮޑެތި ތަންތަން ހިފައިގެން އުޅުނުއިރުކޮބާ.ހީވެއްޖެ ކަމެއްހެން.އަހަރުން މަހަކު 7 ހާސް ލިބިފަ މިހާރު 4 ހާސް ނުލިބޭ މީހުންވެސް މާރަނގަޅެއްނު. ލާރި މެނޭޖްކުރަން ނޭނގޭ ބަޔަކަށް ކިތަންމެ ބައިވަރު ލިބުނަސް ދުނިޔޭގަ އުޅޭކަށް ނޭނގޭނެ. އަޅެ އެބުނީ މަހަކު 40 ހާސް ލިބުނޭވިއްޔަ.ބޯހަލާކު. އުޅެން އިނގުނުބަޔަކަށްނަމަ ހުންނާނީ ގައިމު ލާރިއެއްކުރެވިފަ ކޮންމެސް ވަރަކަށް.