ލައިފްސްޓައިލް / ޝޮޕިން

ވިޔަފާރިކުރާ ގޮތް ބަދަލުކޮށްލަންވެއްޖެ

މުޅި ދުނިޔެ ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އިރު އާންމު ދިރިއުޅުމަށް މިހާރު ވަނީ މި ވަނީ ދުވަހަކު ވެސް ހީނުކުރާ ވަރުގެ ބޮޑު ބުރުލެއް އަރައިފަ އެވެ. އެތައް ހިދުމަތެއް ހުއްޓުމަކަށް ވެސް އައިސް، އާންމުންނަށް މިހާރު ބޭރަށް ނުކުމެ އުޅެވޭކަށް ވެސް ނެތެވެ. ރައްކާތެރިކަން މި ވަގުތު ހޯދެން އޮތީ ގޭގައި މަޑުކުރި ވަރަކަށެވެ.

އެހެންވެ މި ހާލަތުގައި އޮތް ގޮތަކީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ގޭތެރޭގައި ތިބެގެން ކޮށްލެވޭތޯ ބެލުމެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ގެއަށް ބޭނުންވާ ތަކެތި ހޯދުމެވެ. ކޮރޯނާވައިރަސް ފެތެރުން ފެށުމާ އެކު އާންމުން އެންމެ ބޮޑަށް އަވަސް އަރައިގަނެ، ތެލޮފޮޅިގަތީ ވެސް ދިމާވެދާނެ ހާލަތަކަށްޓަކައި ވީހާ ވެސް ގިނަ މުދާ ގަނޑުކޮށް ގަނެ، ގޭގައި ގުދަންކުރުމެވެ. އެކަމަކު ކަމާބެހޭ ފަރާތްތަކުން ވަނީ އެގޮތަށް އަމަލުނުކުރަން އިލްތިމާސްކޮށްފަ އެވެ.

މިފަދަ ހާލަތެއްގައި އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ދައުރު މިހާރު ދިރިއުޅުމާ ގުޅިފައި އޮތް މިންވަރު ބޮޑުވުމެވެ. އެހެން ނޫން ނަމަ މިފަދަ ހާލަތެއްގައި ރައްޔިތުން އުޅެން ޖެހޭނެ ހާލަތަކާ ދޭތެރޭ ވިސްނައިލާށެވެ. މިކަމަށް ރިއާޔަތްކޮށް ބައެއް ތަޖުރިބާކާރުން ވަނީ ކޮރޯނާވައިރަސް ފަދަ ހާލަތެއް 2005 ހިސާބުގައި ދުނިޔެ އަށް ކުރިމަތިވި ނަމަ ވާނެ ގޮތަކާ ދޭތެރޭ ވެސް ސުވާލު އުފައްދައިފަ އެވެ.

އަހަރެމެންގެ މި ޖީލާ އަށް ހަމައަށް އައި އިރު، އޮތް އެންމެ ބޮޑު ނަސީބަކީ އެންމެ އާދައިގެ މީހާގެ އިނގިލި ކުރިއާ ހަމަ އަށް ވެސް އިންޓަނެޓް ލިބި، ޓެކްނޮލޮޖީގެ ގިނަ ވަސީލަތްތަކަށް އަހުލުވެރިވެފައިވުމެވެ. އެހެންވެ މި ޒަމާނުގެ އޮންލައިން ޝޮޕިން އަކީ ބޮޑު ނަސީބެކެވެ. ހަމަމިއާ އެކު ވަރަށް ގިނަ ކުންފުނިތަކުން އަންނަނީ އެ ތަންތަނުގެ ހިދުމަތްތައް ވެސް އޮންލައިން ހޯދަން އިލްތިމާސްލުރަމުންނެވެ. އެގޮތުން ބިލްތައް ދެއްކުން ފަދަ ކަންކަން މިހާރު ގޭގައި ތިބެގެން ކޮށްލެވިދާނެ އެވެ. ހަމަމިއާ އެކު ކެފޭ/ރެސްޓޯރަންޓްތަކަށް އޯޑަރު ދީގެން ޑެލީވަރީގެ ހިދުމަތް ހޯދިދާނެ އެވެ.

ބޭނުމަކީ އެކަކު އަނެކަކާ ކޮންޓެކްޓްވުން ވީހާ ވެސް ބޮޑަށް ކުޑަކުރުމެވެ. އަނެއްކޮޅުން ނަގުދު ފައިސާގެ ބަދަލުގައި ކާޑު ބޭނުން ކުރުމަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

އޮންލައިން ޝޮޕިން އަކީ ހަމަ މިގޮތަށް ފަސޭހަ އިން ހޯދިދާނެ ހިދުމަތެކެވެ. އެހެންވެ އޮންލައިންކޮށް ގަނެވެގެން ހުރި އެއްޗެހި އޮންލައިންކޮށް ގަންނަން އިސްކަން ދޭން ޖެހެ އެވެ. އެ ނޫން ހާލަތުގައި ބޭރަށް ނުކުމެ، ފިހާރައަކުން ވިޔަފާރިކޮށްލަން ޖެހިއްޖެ ނަމަ ސަމާލުކަންދޭންވީ ކަންކަން ވެސް އެބަހުއްޓެވެ.

އޭގެ ތެރެއިން އެއް ކަމަކީ ބޮޑެތި ސުޕަމާޓްތަކަށް ދިއުމުގެ ބަދަލުގައި ކަންމަތީ އާދައިގެ ފިހާރައަކަށް ވަދެލުމެވެ. ބޮޑެތި ސްޕަމާޓްތަކަށް ދާ ނަމަ، ގިނަ ބަޔަކާ ކޮންޓެކްޓްވެވި، އެތައް ބަޔަކު އަތްލާފައި ހުރި އެއްޗެހީގައި އަތްލެވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ.

ހަމަމިއާ އެކު ނަގުދު ފައިސާގެ ބަދަލުގައި ކާޑުން ވިޔަފާރިކުރާށެވެ. ނަގުދު ފައިސާ ގެންގުޅޭ ނަމަ، އޭގެ ޒަރީރާ އިން ވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ކާޑު ގެންގުޅުނަސް ސެނިޓައިޒާ ފަދަ އެއްޗެއް އަތުގައި އަބަދު ވެސް ގެންގުޅުން ވަރަށް މުހިއްމެވެ.

އަނެއް ކަމަކީ ވިޔަފާރިކޮށް ނިމިގެން ގެއަށް ގޮސް ރަނގަޅަށް އަތް ދޮވުމެވެ. އަދި ގަތް ތަކެތީގެ ތެރޭގައި ދޮވެވޭ ގޮތަށް ހުރި ތަކެތި ރަނގަޅަށް ދޮވެ، ސާފުކޮށްލުން ވަރަށް މުހިއްމެވެ. ހާއްސަކޮށް ކާނާގެ ބާވަތްތަކެވެ.

ސައިންސްވެރިން ބުނާގޮތުގައި ކާނާގެ ޒަރީރާ އިން ކޮރޯނާވައިރަސް ޖެހިދާނެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. އެހެންވެ ބޭރުން ގަނެގެން ބޭނުންކުރާ ތަރުކާރީ އާއި މޭވާ އާއި މަހުގެ ބާވަތްތައް ފަދަ ތަކެތިން ވައިރަހަށް ހުށަހެޅިދާނެ ކަމުގެ ބިރު އޮންނާކަށް ނުޖެހެ އެވެ. އެކަމަކު ވީހާ ވެސް ބޮޑަށް ސާފުތާހިރު ކަމަށް ސަމާލުކަންދޭން ޖެހޭނެ އެވެ.

ހާއްސަކޮށް ގިނަގިނައިން އަތް ދޮވުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެންމެ ރަނގަޅީ ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454