12 އެޕްރީލް 2020 - 12:55
ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ 2.5 ބިލިއަން ރުފިޔާގެ އެހީ އަކީ ސްޓިމިއުލަސް ޕެކޭޖް ނޫން ކަމަށާއި އެއީ ރިލީފް ފަންޑެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ މި އެހީ އަކީ ކުރިއަށް އޮތް ތިން މަސް ދުވަހު، ކޮންމެ ވެސް މިންވަރަކަށް ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ދޭ ލުޔެއް ކަމަށެވެ.
"ފުރަތަމައިނުން މި ފަންޑު އިއުލާނު ކުރި އިރު ކޮންމެވެސް ވަރަކަށް ސްޓިިމިއުލަސް އޭ ކިޔުނު. އެހެން ނަމަވެސް މިދެނީ ހާލަތުން އަރައިގަތުމަށް އިމީޑިއޭޓް އެހީތެރިކަމެއް. އެހެންވީމަ އަޅުގަނޑުމެން އިގްތިސާދުން އަރައިގަތުމަށް އެއީ ކުޑަ ކުޑަ އަދަދެއް. ތިން މަސް ތެރޭ ނޭވާ ލެވޭވަރުގެ އެހީތެރިކަމެއް މި ފޯރުކޮށްދެނީ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު މިހެން ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވި ދުވަހު، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުތަކަށް ނިސްބަތްކޮށް އެމަނިކުފާނު ވިދާޅުވެފައިވަނީ ސްޓިމިއުލަސް ޕެކޭޖްތަކެވެ.
ފައްޔާޒު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތުން އިގްތިސާދަށް އަންނާނެ ލޮޅުންތައް އަދި ޔަގީން ނުކުރޭ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަލިމަގެއް ފެނުން ކަމަށެވެ. މި ހާލަތުގައި ވެސް ވިޔަފާރިތަކަށް ލޯނު ދިނުމުގައި އެންމެ ބޮޑު ޝަރުތަކީ ދިވެހި މުވައްޒަފުން ތިން މަހުގެ މުއްދަތަށް ވަޒީފާއިން ވަކި ނުކޮށް ބޭތިއްބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއީ ވިޔަފާރިތައް ސްޓިމިއުލޭޓް ކުރުމަށް ނުވަތަ ވިޔަފާރިތައް ފުޅާކޮށް، އިގްތިސާދަށް ފައިސާ އިތުރު ކުރުމަށް ދޭ އެހީއަކަށް ނުވާތީ އިގްތިސާދު ހިންގަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދޭ އެހީގެ ތެރެއިން 400 މިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި 8،000 މީހުން ރަޖިސްޓާ ކޮށްފައިވެ އެވެ. މި މީހުންގެ ތެރޭގައި ސެލްފް-އެމްޕްލޯއިޑް މީހުން ނުހިމެނެ އެވެ.
ސަރުކާރުން ލަފާކުރަނީ އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރޭގައި 1000 ނުވަތަ 2،000 މީހުން ހިމެނެނޭނެ ކަމަށެވެ. އެ މީހުންނަށް އެންމެ ގިނަ ވެގެން ދެނީ މީހަކަށް 18،000ރ. އެވެ. ފައްޔާޒު ވިދާޅުވީ، މިއީ ވިޔަފާރިތަކަށް ދޭ ވަރަށް ކުޑަ އެހީއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން އެފަދަ ފަރާތްތަކަށް ލިބުނު އާމްދަނީއާ އެއް ހަމަ އެއްޗެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
03 May 2020
ކޮންއިރަކުން ލިބޭއެއްޗެއް؟ ހޯދަން ހަދަންޖެހެނީ ކިހިނެއް؟ މިފަދަ އެއްވެސް މައުލޫމާތެއް ހާމަނުކޮށް ދޭނަމޭ ދޭނަމޭ، މުޅިންވެސް އޮޅުވާޅުން
ސީމަ
12 April 2020
ފާޑު ފާޑުގެ މަކަރުވެރި ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލަބަލަ ކަރަންޓް ބިލް ވެސް އަތްނުފޯރާ ފަށަށް މިދެން ބޮޑުވަރު
Faisal Naseem
13 April 2020
ހިތުހުރި ގޮތަކަށް ކަރަންޓް ބޭނުން ކޮށްފަ ބިލް ވެސް ދައްކަން މި ޖެހެނީ ސަރުކާރުންތަ.. ގަޔަށް ސީލެވުނީމަ އެވެސް ދޮއްވަދޭން މި ޖެހެނީ ސަރުކާރުންތަ..؟؟؟ ކޮބާ ފަރުދީ ޒިންމާ.. ހޫނު މޫސުމޭ ހޫނު މޫސުމޭ ކަރަންޓް އެހާގިނައިން ބޭނުން ނުކުރާށޭ ގޮވި ހަނދާން ނުވަނީތަ...
ބޮޑު ވަޒީރު
12 April 2020
ތިދޭ އެއް މިލިޔަން ރުފިޔާން ކަރަންޓްވެސް ނުޗަލާނެ
ނާއްޓެކާއްޓެއް
13 April 2020
ނުޗަލާނެދޯ.. އޮފީސްތައް ބަންދު ކުރަމުންވެސް ލައިޓްތަކާއި އޭސީތައް ނުނިއްވާ ކަރަންޓް އިސްރާފް ކުރަންޔާ...
ސަންޕަ އަހަންމަދު
12 April 2020
މޮޅެތި ނަންނަން ކިޔަންހަދައިގެން ދެމީހަކަށް އެކައްޗެއްނުކިޔޭ. މީ ދެން މަޖާކަމެއްް.