ކުއާލަ ލަމްޕޫރުގެ ސިޓީ ވަން ކޮންޑޯގައި ހެލްތު ވޯކަރުން ހަރަކާތްތެރި ވަނީ: ކޮރޯނާވައިރަސް ބައެސް ސާފަސްތަކުގައި ވަރަށް ފަސޭހައިން ހަރުލާތީ ފަސޭކަމާ އެކު ފެތުރޭ. --ފޮޓޯ:އޭއެފްޕީ
21 އެޕްރީލް 2020 - 10:54
ކޮރޯނާވައިރަސްގެ ބިރާ އެކު އަހަރެމެން އެންމެން ގެއިން ނުނިކުމެ، ގޭބަންދުގައި މިތިބީ ކަންބޮޑުވާ ހާލަތެއްގަ އެވެ. ޒަރޫރީ ބޭނުމަކަށް ގެއިން ނުކުތަސް، ފެންނަ ކޮންމެ މީހަކާ މެދު ވެސް މިހާރު ބެލޭނީ ޝައްކުގެ ނަޒަރަކުންނެވެ. ބައެއް މީހުން ގެއިން ބޭރަށް ގޮސް އެނބުރި ގެއަށް ވަދެ އަވަސްވެގަންނަނީ ލައިގެން ހުރި އެއްޗެހި ދޮންނާށެވެ؛ އޭގައި މައްސަލައެއް ނެތެވެ. ސާފުތާހިރުކަން އެންމެ ބޮޑުކުރަންވީ ވަގުތަކީ ވެސް މި އެވެ.
އެކަމަކު ލައިގެން ހުންނަ ހެދުމުގައި ކޮރޯނާވައިރަސް ތަތްވެދާނެތޯ ނުވަތަ ނޫންތޯ ދެނެގަތުމުގައި، އިލްމީ ނަޒަރަކުން ވެސް ބަލައިލަން އެބަ ޖެހެ އެވެ. ލޮލަށް ނުފެން އެހާ ކުދިކުދި އެއްޗެހި، ހެދުމުގައި ތަތްވެގެން އޮވެވިދާނެތޯ ވެސް ސުވާލުކުރެވެ އެވެ:
ނިއު ޔޯކް ޓައިމްސްގެ ލިއުންތެރިން ވަނީ ބައެއް ސައިންސްވެރިންނާ އެ ސުވާލުކޮށްފަ އެވެ. އެ ސައިންސްވެރިން ގަބޫލުކުރަނީ، ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ލައިގެން ހުންނަ ހެދުން ދޮވެ ނުވަތަ ފެންވަރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ވެސް އަދި ވީހާވެސް ގިނަގިނައިން އަތް ދޮންނަން ޖެހޭނެ އެވެ.
ވައިރަސް ހުރި މީހަކު ކިނބިއްސެއް އެޅުމުން ނުވަތަ ކެއްސުމުން އޭނާގެ އަނގައިން ބުރައިގެން ދާ ކުޅުގައި ވައިރަސް ހުންނާނެ އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބައި ބިންމައްޗަށް ވެއްޓެނީ އެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވައިގެ ތެރޭގައި ބައެއް ވައިރަސް ބައިގަޑިއެއްހާ އިރު ވަންދެން އުޅެ އެވެ. އެކަމަކު އެއީ އުދުހޭ އެއްޗެހި ދާ ގޮތަށް ވައިގެ ތެރޭގައި ދަތުރުކުރާ އެއްޗެއް ނޫނެވެ. އެހެންކަމުން އަހަރެމެންގެ ހެދުމުގައި ޖެހިގަނެ، ތަތްވާ ގޮތެއް ނުވާނެ އެވެ.
"ވައިގެ ތެރޭގައި އޮވެވޭ ކަހަލަ ކުދިކުދި ބައިތައް ކުޑަ އިރުކޮޅަކަށް އެނބުރެމުން ދިޔަސް، އެއިރޮޑައިނަމިކްސްގެ ހަމަތަކަށް ބަލާ ނަމަ ހެދުމުގައި ތަތްވާ ވަރެއް ނުވާނެ،" ވާޖީނިއާ ޓެކްގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ލިންސޭ މާ ވިދާޅުވި އެވެ.
"އެއީ އަހަރެމެންނާއި އަހަރެމެން ލައިގެން ހުންނަ ހެދުން ވަށައިގެން އެނބުރޭ ވަރުގެ ކުދިކުދި ބައިތަކެއް."
އެވަރުގެ ކުދިކުދި ވައިރަސް އަހަރެމެންގެ ހެދުމުގައި ތަތްނުވާނެކަމުގެ މިސާލު ވެސް އޭނާ ދެއްކެވި އެވެ. އެގޮތުން އޭނާ ނެންގެވީ މަޑު ސްޕީޑެއްގައި ދުއްވާ ކާރެކެވެ. އެ ދުވެލީގައި އުފެދޭ ވައިގެ ތެރޭގައި، ކައިރީގައި ހުންނަ، ހިރަފުހާއި ކުދިކުދި ދިރޭ އެއްޗެހި ވައިގެ ތެރޭގައި އެނބުރެމުން ދާނެ އެވެ. އެކަމަކު އެ ކާރު ބާރަށް ދުއްވާފައި ދާ ނަމަ، އެ އެއްޗެހި ގޮސް ޖެހޭނީ ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުގަ އެވެ.
"މިހެން ކަންތައް ވާހާ ބާރު މިނެއްގައި އިންސާނުންގެ ހަރަކާތްތަކެއް ނުހުންނާނެ،" ޑރ. މާ ވިދާޅުވި އެވެ.
"އަހަރެމެން ދާ އިރު އެ ދެވެނީ ވައި ދުރަށް ޖައްސަމުން. ހަމައެއާ އެކު އެއްކަލަ ކުދިކުދި ކުޅުތިކިތަކާއި އެހެން މާއްދާތައް ވެސް ދުރަށް ދާނީ. ވާހަކަ ދައްކާ އިރު ކުޅު ބުރުވާ މީހަކު، ނުވަތަ ކިނބިއްސެއް އަޅައިގެން، ކެއްސާލައިގެން ބުރައިގެންދާ ކުޅުތިކިތައް ހެދުމުގައި ޖެހިދާނެ. އެކަމަކު އެ ވާން ޖެހޭނީ ވައިގެ ތެރޭގައި ދުރަށް ނުދާ ވަރަށް ވުރެ ބޮޑު އެއްޗަކަށް."
ބޭރުގައި އުޅެނިކޮށް ނުވަތަ ޝޮޕިންގައި އުޅެނިކޮށް ގަޔާ ދިމާލަށް މީހަކު ކިނބިއްސެއް އަޅައިފި ނަމަ އަވަހަށް ގެޔަށް ގޮސް، އެއްޗެހި ބަދަލުކޮށް އަދި ފެންވަރާލަށް ބޭނުންވުމަކީ މިއަދުގެ ހާލަތެވެ. އެފަދަ ކަމެއް ނުހިނގާހާ ހިނދަކު ހަމަޖެހިލައިގެން އުޅޭށެވެ. ވައިގެ ތެރޭގައި ވައިރަސް ހުރެދާނެ އެވެ. އެކަމަކު އަހަރެމެން ހިނގާފައި ދާއިރު ހަށިގަނޑުން ދުރަށް ފޮނުވާލައި ވައިގައި އެ ވައިރަސްތައް ވެސް ދާނީ އަހަރެމެންނާ ދުރަށެވެ. އަހަރެމެންގެ ހެދުމާ ވެސް ދުރަށެވެ. ފިޒިކްސްގެ ނަތީޖާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުސިން
21 April 2020
ވައި ގައިގައި ޖެހި ބައެއް ހެދުމުގައި ހަރުލާ. ސިގިރޭޓު ދުން ސީދާ ގައިގައި ޖެހޭތަން ނުފެނުނަސް ގެއަށް ދާއިރު ހެދުމުން ވަސްދުވަނީ ޕާރޓިކަލް ހަރުލާތީ. ސައި ހޮޓަލަކަށް ވަދެފަ ނުކުންނައިރު ހެދުމުގައި ވަސް ހިފާފައި ހުންނަނީ ޕާޓިކަލް ހަރުވާތީ. ބަލިމީހާ އާއ 4 މީޓަރު ދުރުން ނެގި ވައިގެ ސާމްޕަލް ތަކުގައިވެސް ވައިރަސް ހުރި ކަމުގެ ރިޕޯޓުތައް އެބަހުރި.
ފަސީލާން
21 April 2020
ގޭގެ ދޮރުތައް ހުޅުވާފަ ހުރެގެން ވައިރަސް ޖެހިދާނެތޯ..ބައެއް މީހުން ތިބެނީ ހުރިހާ ދޮރުތަކެއް ލައްޕައިގެން.ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮންނަން ޖެހޭނެތޯ އަބަދުގޭގައި ތިބޭއިރުވެސް.
ޕްރޮފެސަރ އަފްލާތޫން
22 April 2020
ގޭގެ ދޮދުތަައް ހުޅުވާފައި ހުރެގެން ވައިރަސް ޖެހިދާނެތޯ؟ ތި ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ، ބޭރު މަގުމަތީގައި ވައިރަސް ހުއްޓާ ވާރޭ ވެހެންފެށީ، އެހެންވެއްޖެއްޔާ އެވަގުތު ހިޔާ ވާން އެންމެ ކައިރީގައި ހުރި ތަނަކަށް ވަދެދާނެ. އެ ވެދާނެ ގެޔަކަށް ވެސް. މިހާރު އަޅުގަނޑުމެން އެބަ ވިސްނަން މަގުމަތީގައި ކުޑަ ބަހަށްޓަން.
ޖިންނި
21 April 2020
ބައެއް ސައިންސްވެރިން އެޑްވައިޒްކުރޭ ހެދުން ދޮންނަން. މިކަމުގައި ސައިންވެސްރިންގެ ހިޔާލުތަފާތުވުމެއް އުޅޭއިރު، ރަނގަޅުވާނީ އެއްސައިންސް ވެރިއެއްގެ އިނޓަރވިއުއަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއްގައިވާ އެއްޗެއް ގެނެސްދިނުމުގެ ބަދަލުގައި ޚިޔާލުތަފާތުވާ ސައިންވެރިން ބުނާ ބަހެއްވެސް ގެނެސްދިނިއްޔާ. ލިޔުންކިޔާމީހާ އިޚްތިޔަރުކުރާނީ ޢަމަލުކުރާނެގޮތެއް.
ތާހިރު
21 April 2020
ނިއު ޔޯކް ޓައިމްސްގެ ލިއުންތެރިން ސައިންސްވެރިންނާ ސުވާލުކޮށްފަިއވަނީ ކޮންދުވަހަކުބާ؟ ފަހުން ބައެއް ސައިންސްވެރިންނާއި ޑޮކްޓަރުން އުރޝާދުދީފައިވަނީ މީހުންއުޅޭތަންތަނަށް ގޮސްއައިސް ހެދުން ދޮވުމަށް. އެއީ ވައިރަސް ވަކިއިރެއްވަންދެން ވައިގެތެރޭގައި އުޅޭތީ އަދި ކޮންމެވެސް ދުރުމިނަކަށް ވައިރަސްދަތުރުކުރާކަމަށްވޭ ބިންމައްޗަށް ވެއްތުމުގެ ކުރިން. އެހެންވެ ލައިގެންހުންނަ ހެދުމުގައި ޖެހުމުގެ ސުރުސަތު އޮންނާތީ
ޕްރޮފެސަރ އަފްލާތޫން
22 April 2020
މިހާރު އެބަ ވިސްނަން އީރާނީންގެ ތާރަފްކުރި 100 ފޫޓް ދުރުން ހެން އަޅުގަނޑު ހަނދާންވަނީ. 100 ފޫޓް ދުރުން ވައިރަސް ހުރި ތަން ދެނެގަންނަ މެޝިންތަކެއް ގެންނާން. ދެން އޭރުން މަގުމައްޗަށް ނުކުމެ ވައިރަސް ހުރި ދިމާ ހޯދާފައި އެ ދިމާލަށް މެޝިން އަޅުވާފައި ބަހައްޓާނީ. ވައިރަސް ދާހެން މެޝިންވެސް ގެންދާނީ. ދެން ވައިރަސް ވެއްޓޭތޯ އަދި ވެއްޓެނީ ކިހާ ވަގުތަކު ތިބެފަތޯ ބަލަން.
ނިރު
21 April 2020
ތަކުލީފަކަށް ނުވާނަމަ ރަގަޅު ގޮތަކީ ހެދުންބަދަލް ކޮއް ފެވަރާލުން
ގަޓް ބްރޯ
21 April 2020
އިންސާނާގެ ވަށައިގެން އެނބުރޭ އެތައް މިލިއަން ޖަރާސީމާއި ވައިރަސްތައް ހަމަ ލޮލަށް ފެންނަ ނަމަ ކޮންމެ މީހަކުވެސް ބިރުން އޮންނާނީ ބިއްލޫރި ކޮށްޓަކަށްއެރި. ﷲ ގެ ރަޙްމަތް އެއަށްވުރެ މާބޮޑު. ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމުގަ ލެއްވުމުގައިވެސް މަތިވެރި ޙިކްމަތެއްވާނެ.