އައިޖީއެމްއެޗުގެ ލެބޯރެޓަރީގައި ކޮވިޑް-19 ގެ ޓެސްޓުތަކެއް ކުރަނީ: އެ ކަމަށް ޚާއްސަކޮށްގެން މިހާރު އަންނަނީ މީހުން ތަމްރީން ކުރަމުން.
23 އެޕްރީލް 2020 - 18:11
ކޮރޯނާވައިރަހަށް ޝައްކުވާ މީހުންގެ ޓެސްޓުތައް ހެދުމަށް މިހާތަނަށް 16 މީހަކު ތަމްރީނު ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
މި މަހުގެ 19 ން 25 ގެ ނިޔަލަށް ފާހަގަކުރަމުން އަންނަ "ލެބޯރެޓަރީ ޕްރޮފެޝަނަލް ވީކް" އާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނުނު އިރު، އެ ބަލި ދެނެގަތުމަށް ކުރާ ޕީސީއާރު ޓެސްޓް ހެދުމުގެ ތަމްރީނު ލިބިފައި ވަނީ އެ ހޮސްޕިޓަލްގެ އެންމެ ތިން މީހަކަށް ކަމަށެވެ.
ނަމަވެސް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކޮވިޑް-19 ރާއްޖެ އިން ފެނުމާއެކު، ލެބޯރެޓަރީގެ މަސައްކަތްތައް ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އިތުރު ޓެކްނީޝަނުން މި ކަމަށް ހާއްސަކޮށް ތަމްރީނު ކުރި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ 13 މީހުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ލެބޯރެޓަރީގެ އިތުރުން ޝީ ގެ ދެ މީހުންނާ އެކު ޖުމުލަ 16 ޕްރޮފެޝަނަލުން މިހާރު ކޮވިޑް ޕީސީއާރަށް ތަމްރީން ކޮށްފައިވާ ކަމަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި، އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ ހަތަރު މީހެއްގެ އިތުރުން ފުލުހުންގެ ލެބޯރެޓަރީގެ އެކަކު މިހާރު ވެސް އަންނަނީ ޚާއްސަ ތަމްރީނުތައް ހަދަމުންނެވެ.
އައިޖީއެމްއެޗުން ބުނާގޮތުގައި، ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު، އެތަނުގެ ލެބޯރެޓަރީން އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަނީ މި ބައްޔަށް ކުރާ ޓެސްޓުތަކުގެ މަސައްކަތް ކަމަށެވެ. އެކަމުގައި އެހެން ބައެއް ޓެކްނީޝަނުންގެ އެހީތެރިކަން ވެސް ހޯދަ އެވެ.
އެގޮތުން، ޓެސްޓު ސާމްޕަލެއް ލިބުމުން އެ ކެރީ ކުރާ ކޮންޓެއިނާ ޑިސްއިންފެކްޓް ކުރުމުން ފެށިގެން ގޮސް ސާމްޕަލް ޕްރޮސެސްކޮށް ނަތީޖާ ދޫކުރުމާ ހަމައަށް ވެސް ހުރިހާ މަސައްކަތެއްގައި ލެބޯރެޓަރީގެ މުވައްޒަފުން އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ، ލެބޯރެޓަރީގެ ޚިދުމަތްތައް ހުރި މިންވަރަށް ބަލައި މި ކަމަށް އިތުރަށް ތައްޔާރުވެ، ކަންކަން ހަރުދަނާ ކުރުން ވެސް ކުރިއަށް ދެ އެވެ. މިހާރު ޕްރޮސެސް ކުރަނީ ކޮންމެ 24 ގަޑިއިރަކުން 300 ސާމްޕަލް ކަމަށް ވިޔަސް ކުރިމަގުގައި އެ ކަން އިތުރަށް ރަނގަޅު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 April 2020
މާލެނޫން ރަށްރަށުގައިވެސް މި ވައިރަސް ފެތުރި ބައްޔަށް މީހުން ޕޮޒިޓިވް ވޭތޯ؟ # ޙަމަ އަހާލީ. ކުޅުދުއްފުއްޓާއި އިކްއިޓޯރިއަލް ހޮސްޕިޓަލް މީހުން ދަންނަ އެއްޗަކަށްވެސް ކޮވިޑް 19 ޓެސްޓް ކިޓް ނުވާތީ އަދި މާލޭސަރުކާރުން މާލޭ ހޮސްޕިޓަލަށް ނޫނީ ޓެސްޓްކިޓް ދޫނުކުރާތީ ހިތަށް އެރީ މިއީ ރަށްރަށުގައި ނުފެތުރޭނެ ވައިރަހެކޭ. ކޮބާތޯ ޙަޢީގަތަކީ؟
އޮނަރަބްލް އަފީފު ދީދީ
24 April 2020
ސަރުކާރުގެ މައި ހޮސްޕިޓަލޭ ބުނާއިރު ސަރުކާރުގެ އިތުރު ހޮސްޕިޓަލްތަކެއް އެބަހުރިތަ؟ # އަހަރުމެނަށް އަޑު އިވިފައިއޮތީ ތުރާކުނުން އައްޑޫސިޓީއާއި ހަމައަށް ހުންނަމީހާގެ ކޮވިޑް ޓެސްޓް ހެދުމަށްވެސް ސާމްޕައި ނަގައިގެން ގެންނާންޖެހެނީ މާލެއަށްކަމުގައި. # މިވެސް ކޮރޯނާ ވައިރަސްގަ މާލޭސަރުކާރުން ހޯދާފައިވާ ކުރިއެރުމެއް. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެ ޤައުމުގެ އެތެރޭގެ ހޮސްޕިޓަލަކަށް އެއްސިޓީން އަނެއްސިޓީއަށް ފްލައިޓް ޗާޓަރ ކޮށްގެން ސާމްޕަލް ކެރީކޮށްފައިނެތް.
ޓްރަމްޕު އެމެރިކާ
24 April 2020
މަގޭ (ޓްރަމްޕު) ގެ ސާމްޕަލް ވެސް ނަގައިގެން ވޮށިންޓަނުން ނިއުޔޯކަށް ފޮނުވީ ޓެސްޓު ހަދަން. އެހެންވީމާ މިތާ އޯކޭ ދޯ.
ޖުލައި
23 April 2020
ޕޮލިހުން އާޓިކަލްއެއް ޖެހީ މާ އެކަން ހަޖަ މް ނުވެގެން. އަިޖީއެ މްއެޗް އިން ރިކަ މެއް މިއީ.
ާައެވިނ
23 April 2020
މާލޭގަ ކަރަންޓީނު ކޮށްފަ ތިބި މީހުން ދޫކޮށްލީމަ ރަށްރަށަށް އައުމުން ވަރަށް ބިރުވެރި ހާލަތަކަށްދާނެ ވަރަށަ ދެރަ
ބޮޑުމީހާ
23 April 2020
މިހާކަށް ވަރަށް ބަޔަކަށް ދުރާލާ ތައްޔާރުވެވޭނީ
ނިރު
23 April 2020
300 ވަރަށް މަދު އަދަދެއް އެކަމަކު ... ޝުކުރުވެރިވަން
ސިމްޕަލް
23 April 2020
ކޮންމެ 24 ގަޑިއިރަކުން 300 ސާމްޕަލް!!! އައިޖީއެމްއެޗުން ވެސް ތިބީ ބަލިވުމުގެ ރަޖާ ނުލާން އުތަ؟ ކޮންޓެކްޓް ޓްރޭސް ލިސްޓް ކޮންމެ ޕޮޒިޓިވް މީހަކަށް 100އިން އުޅޭއިރު އައިޖީއެމްއެޗުން ތިއަށްވުރެ ރަގަޅަށް ދުރާލާ ތައްޔާރުވެވެން ޖެހޭނެ.