ފިނޭންސް މިނިސްޓަރު އަމީރު: މިއަހަރު އިގްތިސާދު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
23 އެޕްރީލް 2020 - 20:18
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެންމެ ގޯސްވާ ހާލަތުގައި އުފެއްދުންތެރިކަން މައިނަސް 29 ޕަސެންޓަށް ވެއްޓި 34 ބިލިއަން ރުފިޔާ އުނިވާނެ ކަމަށް ސަރުކާރުން ލަފާކޮށްފި އެވެ.
ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލައި ފިނޭންސް މިނިސްޓްރީން ވަނީ ފަސް ސިނާރިއޯއެއް އެކުލަވާލައިފަ އެވެ. މި ސިނާރިއޯތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން މި އަހަރު ހުންނާނެ ކަމަށް ފިނޭންސުން އެންމެ ފުރަތަމަ ލަފާ ކުރީ 7.5 ޕަސެންޓުގަ އެވެ. އެއީ 98.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އިގްތިސާދަށް މިހާރު އަންނަ ބަދަލުތަކުގެ ސަބަބުން މި އަދަދު 64.5 ބިލިއަން ރުފިޔާ އަށް ވެއްޓޭނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.
އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތް 78 ޕަސެންޓު ދަށްވުމުންނެވެ. އެއީ އެނދުގެ ގޮތުން ބަލާ ނަމަ 74 ޕަސެންޓެވެ.
ކޮވިޑް-19އާ ގުޅިގެން، މުޅި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓިފައި އޮތް އިރު، މި ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ މުސާރަ ކުޑަކޮށް، ވަޒީފާ އިން ވަކިކުރުމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ. އެހެން ކަމަށް ވާ ނަމަ އެ ދާއިރާ އިން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު ކުރިމަގުގައި ވަރަށް ބޮޑުތަނުން ދަށްވާނެ އެވެ.
ރާއްޖޭގެ އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުގައި ވަޒީފާގެ ބާޒާރުގެ 13.9 ޕަސެންޓު ހިއްސާ ކުރަނީ ޓޫރިޒަމް އިންޑަަސްޓްރީގަ އެވެ. ވަޒީފާ އަދާނުކުރާ ރޭޓު ދެނެގަންނާނެ ތަފާސްހިސާބުތައް ގަވައިދުން ބެލެހެއްޓުމުގެ އިންތިޒާމެއް އަދި ހަމަޖެހިފައި ނުވާތީ، ސީދާ އަންނާނެ ބަދަލު އަންދާޒާ ނުކުރެވުނު ނަމަވެސް، ވަޒީފާ އިން ވަކިކުރާ މީހުން އިންތިހާ އަށް ގިނަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
އެންމެ ގޯސް ހާލަތުގައި އިތުރު ދާއިރާތަކުން ވެސް އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ މިނިސްޓްރީ ލަފާކުރެ އެވެ. މީގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ ހިމެނެ އެވެ.
މީގެ އިތުރުން، ކޮވިޑް-19ގެ ސަބަބުން ދިމާވެދާނެ އެންމެ ގޯސް ހާލަތުގައި ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ ވެސް ދަށް ވާނެ ކަމަށް ފިނޭންސުން ބުނެ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި 29.9 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، އެންމެ ގޯސް ހާލަތުގައި މި އަދަދު 11.6 ބިލިއަން ރުފިޔާ އަށް ވެއްޓެނޭ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ސައުތު އޭޝިއާގައި ވެސް އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެ އަށް ކަމަށް ވޯލްޑު ބޭންކުން ވެސް ވަނީ ބުނެފަ އެވެ. އަދި މިހާލަތުން އަރައިގަންނަން ވަގުތުުން ވަގުތަށް ފިޔަވަޅު ނާޅައިފި ނަމަ އިގްތިސާދު ދަށްުވުމުގެ ހާލަތު އިޔާދަ ނުކުރެވޭ ވަރަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވޯލްޑު ބޭންކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދަރުދީ
24 April 2020
ދެން ތިކަމާވެސް ހުރިނަމަ ހުރި ރުޅި އެއް ޔާމިނުއައް ބަލާ ހަސަދަވެރިކަމާ ކިބުރުވެރިކަމުގެ ހުރިހާދެރައެއް ދިވެހިރައްޔިތުންނައް ހަމައެކަނި މިސަރުކާރުން ނެގި ލޯނުތަކައް ބޮލަކައް ކިތައްޑޮލަރު ޖެހިދާނެތޯ މިހާރައް ބިރުން ފިއްކަޑައިގެންދާވަރު ވޭ
މިވަރެއްނެތް
23 April 2020
ހުރިހާ ބިހެއް އެއްބާސްކެޓަކަށް އަޅާއިގެން ނުވާނެކަމީ ތުއްތުކުދިންވެސް ދަންނަކަމެއް. އެކަމަކުވެސް އިގްތިސާދު ޑައިވަޒިފައިކުރަން މި ސަރުކާރުންވެސް އަދި ނިމިދިޔަ ސަރުކާރުތަކުންވެސް ކުރިކަމެއް ނެތް. ރިސޯޓުހަދަން ރަށްތައް ބަހާހުސްވީމަ ފަޅުތައް ވިއްކަންފެށީ. އެއަށް ފަހު މީހުންއުޅޭ ރަށްރަށުގެ ބިންބިން ވިއްކަނީ. އާންމުން އެމީހުންގެ ގޯތި ގެސްޓްހައުސް އަޅަންކުއްޔަށްދެނީ. ސަރުކާރަކާވާކަމެއްނެތް. ދޭނެ އިރުށާދެއްނެތް. ނޭގެންޏާ ދަންނަމީހުންކާރިން އަހަންވެއްޖެނޫން؟
އޭނަ މީނަ
23 April 2020
މި ސަރުކާރޭ ނުކިޔުން ރަނގަޅީ. ސަބަބަކީ އަދި އެމީހުން ފަށައިގަތީ. 5 އަހަރު ވުމުން ސަރުކާރުތައް މިންކުރަންޖެހޭނީ.
ނިރު
23 April 2020
ތިއީ އާކަމެއް ނޫން ވެރިކަމާ ހަވާލުވީސްސުރެ މައިނަސް ވަމުން ވަމުން ދިޔައީ... ހިންގުން ތެރިކަމެއް ހަމަ ނެތީއޭ ބުނެވޭނީ....
ކެޔޮޅުބޭ1
23 April 2020
ސަރުކާރުން ކުރަންވީ 2 ކަމެއް: 400 މަސްދޯނި ބަދެ ދިވެހިން މަސްވެރިކަމަށް ނެރެންވި. ޢާންމުކޮށް ހުޅުވާލައިގެން ދަނޑުވެރިކަން ކުރަން ބޭނުން އެމެންނަށް 10،000 އަކަފޫޓްގެ ބިން ފަޅުރައްތަކުން ދީ އެރަށްރަށައް އަރާފޭބޭނެ ފެރީ ނިޡަާމެއް ގާއިމް ކުރަންވީ. ޓުއަރިޒަމަކީ ރިސްކީ އިންޑަސްޓުރީއެއް. ކޮންމެ 5 އަހަރަކުން ކޮންމެސް.ނަމެއްކިޔާ ވައިރަސްއެއް ފެންމަތިވޭ.
ނަން
24 April 2020
ދަނޑުވެރިކަންވެސް ކުރަންވީ ފުޑް ސިކިއުރިޓީ ގެރެންޓީކުރަން. އެކަމަކު ދަނޑުވެރިކަމަކުން ޓުއަރިޒަމާ ގާތްކުރާވަރަކަށްވެސް ރާއްްޖޭގަ އޮތް ބިމުން ފައިސާއެއް ނުލިބޭނެ. އިކޮނޮމީ ޑައިވާސިފައކުރަން ކުރެވިދާނެ ބައިވަރު އެހެންކަންކަން ހުންނާނެ އެކަމަކު. މަސްވެރިކަމަކީ އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ކަމެއް.