10 މެއި 2020 - 09:51
ކޮއްކޮ އިބްރާހީމް އަލީ ޚާން އަލީ ބޮލީވުޑަށް ނުކުތުމަކީ ދައްތައެއްގެ ހައިސިއްޔަތުން ދެކޭ ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށް ހަދައި ދިނުމުން އޮތީ އިބްރާހީމްގެ އަތްމަތީގައި ކަމަށް، ވިދަމުން އަންނަ ޒުވާން ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.
ސާރާ އާއި އިބްރާހީމަކީ މިހާރު ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން އުޅޭ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދެ ދަރިންނެވެ.
ސާރާ މީގެ ދެ އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވުމާ އެކު، އިބްރާހީމްގެ އެކްޓިން ކެރިއަރު ފަށާނެ އިރަކަށް ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އެކަމާ ބެހޭ ގޮތުން ސައިފް އެކި ފަހަރުމަތިން ދީފައިވާ އިންޓަވިއުތަކުގައި ދޮށީ ފިރިހެން ދަރިފުޅު ވެސް އެކްޓިން އަށް ޝައުގުވެރިކަމަށާއި އެކަމަކު ފިލްމު ކުޅުމާއި ނުކުޅުން އޮތީ އިބްރާހިމްގެ އަތްމަތީގައި ކަމަށް ބުނެފައިވެ އެވެ.
ކޮލެޖް ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަ އިބްރާހީމް، 19، މި ފަހަކަށް އައިސް އަންނަނީ އޭނާގެ އެކްޓިން ހުނަރު ޓިކްޓޮކްގައި ދައްކަމުންނެވެ. އެގޮތުން ދާދި ފަހުން ޑަބަލް ރޯލެއް ދައްކުވާފައި އޭނާ ދޫކޮށްލި ވީޑިއޯއަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ ކޮއްކޮ ޓިކްޓޮކްްގައި ދައްކާ ހުނަރުން އާއިލާ މީހުން ވެސް ތިބެނީ އަންތަރީސްވެފައި ކަމަށެވެ. އަދި އޭނާ އާންމުކުރާ ވީޑިއޯތައް އެންމެންނަށް ވެސް މަޖާވެގެން އެ ވާހަކަ ދައްކާ ކަމަށް ބުންޏެވެ.
"އެކަމަކު އެކްޓިން އަށް ނުކުތުމަކީ އިބްރާހީމްގެ އަމިއްލަ ނިންމުމަކަށް ވާނީ. އޭނަ މިހާރު ރެޑީ ވަނީ ލޮސް އެންޖެޖލިސްގެ ކޮލެޖް ލައިފަށް. އޭގެ ކުރިން ވެސް އެކްޓިން ހުނަރު އޭނަ ދައްކާތީ އަހަރެމެންނަށް ވަރަށް މަޖާ. އަދި އެކަމާ އުފާވޭ،" ސާރާ ބުންޏެވެ. "އަހަރެން ދައްތައެއްގެ ހައިސިއްޔަތުން ހުވަފެން ދެކެން އިބްރާހީމް ބޮލީވުޑަށް ނުކުންނާނެ ކަމަށް. އެކަމަކު އެކަން ހަގީގަތަކަށް ހަދައިދިނުމަކީ އިބްރާހީމްގެ އަމިއްލަ ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
10 May 2020
ތިހުވަފެން ހަގީގަތަކަށްވެދާނެ. އެކަމަކު ކާމިޔާބުކަމާއެކު ހިފަހައްޓާލެވުމަކީ ވަރަށް ދަތިކަމެއް. ފިލްމީ މަޝްހޫރު ތަރިއެއްގެ ދަރިއެއް ކުމާރު ގައުރޯއަކީ. ކުރީކޮޅުގަ ވިދާވެސްލި. އެކަމަކު ހިފަހައްޓާނުލެވުނު.