18 މެއި 2020 - 15:29
މިއީ ވެންޓިލޭޓަރުގެ ދުވަސްވަރެވެ. މި ވަގުތު ބޭނުންކުރަން ނޫން ނަމަވެސް ވެންޓިލޭޓަރަކީ އަމިއްލައަށް ވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެއްކަން، އައްޑޫ ޒުވާނަކު މިވަނީ އަންގައިދީފަ އެވެ.
ހުޅުމީދުއަށް އުފަން 25 އަހަރުގެ އަހުމަދު މުއީދު ބުނީ އެ ވެންޓިލޭޓަރު އުފައްދަން ނެގީ ހަފުތާއެއްހާ ދުވަސް ކަމަށެވެ.
އަބަދުވެސް މިކަހަލަ މަސައްކަތްތަކަށް ޝައުގު ހުންނަ ޒުވާނާއަށް ވެންޓިލޭޓަރެއް އުފެއްދުމުގެ ހިޔާލު އައީ ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުގެ ވާހަކަ ސުރުހީތަކަށް އެރުމާއި ސިއްހީ ދާއިރާގައި މިހާރު އެންމެ ނުލިބޭ އެއްޗަކަށް ވެސް އެ ވުމުންނެވެ.
"މިކަމުގައި [ކޮވިޑް-19ގައި] އެންމެ މުހިންމު އެކަތި މިއީ. އެކަމަކު ބަލި ފެތުރޭ ވަރަށް ބަލާފައި މި ލިބުން ވަރަށް ދަތި. ދެން ހިތަށްއެރީ ރަނގަޅަށް މިކަން ކުރެވިއްޖެއްޔާ ދަތި ދުވަހަކާ ހަމައަށް ދާއިރު ފައިދާ ވާނޭ،" މުއީދު ބުންނެވެ.
އަޖުމަބެލުމުގެ ގޮތުން ވެންޓިލޭޓަރު ހެދީ ވެސް ރަށުން ފަސޭހައިން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެންނެވެ. އޭގެތެރޭގައި ކަބަޑު ފިލާ ހިމެނެ އެވެ. މޯޓަރެއްގެ ގޮތުގައި ބޭނުންކުރީ ކާރުގެ ބިއްލޫރިގަނޑު ތިރިކުރަން ބޭނުންކުރާ އެއްޗެވެ. ފަންކާ އާއި ސްޕީކަރެއް ރޫޅާލައިގެން ވެސް، އެއަށް ބޭނުންވާ އެއްޗެހި ހޯދި އެވެ.
މި ފަހަރު ރާއްޖޭގައި ވެންޓިލޭޓަރު އުފެއްދި މުއީދު.
"ބައެއް ސާމާނު މާލެއިން ލިބޭތޯ ވެސް ބެލިން. އެކަމަކު ނުއެއް ގެނެވޭ. ދެން ރަށުގައި ހުރި އެއްޗެހި ބޭނުންކުރީ،" މުއީދު ބުންޏެވެ.
ނަމަވެސް ވެންޓިލޭޓަރަށް ބޭނުންވާ އެންމެ މުހިންމު އެކަތި ކަމަށްވާ އެއާބޭގް ރަށުން ނުލިބުމުން އެ ހޯދީ ހުޅުމީދޫ ސިއްހީ މަރުކަޒުންނެވެ.
ވެންޓިލޭޓަރު މިހާރު ވަނީ ހުޅުމީދޫ ހެލްތު ސެންޓަރުގައި ޓެސްޓް ވެސް ކޮށްފަ އެވެ.
މުއީދު ބުނި ގޮތުގައި މިއީ އެފްޑީއޭގެ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށް ބޭނުންކުރާ ވެންޓިލޭޓަރު ފެންވަރުގެ އެއްޗެއް ނޫނެވެ. އެކަމަކު މި ހާލަތުގައި ވެންޓިލޭޓަރެއް ނުލިބި، އަދި ލިބެންދެން ނަމަވެސް، ބޭނުން ޖެހިއްޖެ ނަމަ އޭނާގެ ވެންޓިލޭޓަރު ބޭނުންކުރެވިދާނެ ކަމަށް ބުންޏެވެ.
"ބައެއްގެ ފުރާނަ ސަލާމަތްކުރަން ބޭނުންކުރާ އެއްޗެއް އެއްވެސް ވަރަކަށް ފެއިލް ވެގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލްކުރަނީ. އެހެންވީމަ އަދި މިއަށް ބައެއް ބަދަލުތައް ގެނަސް ފުރިހަމަ ޔަގީންކަމާ އެކު ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ދާނަން އަޅުގަނޑު،" އޭނާ ބުންޏެވެ.
މުއީދަކީ މިފަދަ އެއްޗެހި ތައްޔާރުކުރުމުގެ ގާބިލްކަން ހުރި ޒުވާނެކެވެ. އެހެންކަމުން މިހާރު އޭނާގެ ވިސްނުން ހުރީ ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންކުރާ، ޕީސީއާރް މެޝިނެއް އުފެއްދުމަށެވެ. އެކަމަކު ވެންޓިލޭޓަރާ ހިލާފަށް ޕީސީއާރު މެޝިނަށް ބޭނުންވާ ގިނަ ސާމާނު ހޯދަން ޖެހެނީ ރާއްޖެ އިން ބޭރުންނެވެ.
މީގެ ކުރިން އެމްއެންޑީއެފުން ވެސް ވަނީ ވެންޓިލޭޓަރެއް އުފައްދައިފަ އެވެ. ދެ ހަފްތާ ތެރޭގައި ސިފައިން އުފެއްދި އެ ވެންޓިލޭޓަރަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާ
18 May 2020
ރާއްޖޭގައިވެސް އުފެއްދުންތެރި މޮޅެތިކުދިން އުޅޭނެ. ބޭނުންވަނީ. ވަސީލަތްތަކާއި ފަންޑުކުރާނެ މީހުން. ސަތުކާރުން ތަހްލީލުކުރާނެ ވުޒާރާއެއްއުފައްދަންވީ ވަގުތުޖެހިއްޖެ.
ގުއިޓައްޕަން
18 May 2020
ސާބަހޭ މުއީދު. އަހަރުމެން ވަރަށް އުފާވޭ ތިކަހަލ އަޒުމް ވަރުގަދަމީހުން މިރާއްޖޭގައި އުޅޭތީ. ތިކަހަލަ އަދި އެކަކު އެބައުޅޭ ސިފައިންގެތެރޭގަ. ދެންވެސް އުޅޭ ތިޒާތުގެ މީހުން އެއްވެގެން ކޯވިޑު ޓެސްޓަރެއްވެސް ޓްރައި ކުރަންވީ.
ކޮރަލް
18 May 2020
މިމީހުން ބޭނުން ވާ އެއްޗެހި ސަރުކާރުން ހޯދަ ދީ ބަލާށެވެ . އެހީތެރި އެއް ވެސް ދީބަލާށެވެ. ޓްރައި ކޮށްލަ ބަލާށެވެ.
ޑާހާ ސަލީ މް
18 May 2020
ޓެސްލަރ، ނާސާ، ފިޓްބިޓް އިންވެސް އަދި އެއުޅެނީ ވެންޓިލޭޓަރ ނެހެދިގެން. މި ކުއްޖާ ސައިންސް މިނިސްޓަރީ އާއި ހަވާލު ކުރޭ.
ޔުރޭކާ
18 May 2020
މިވެންޓިލޭޓަރު ހިނގާގޮތަށް ބަލާއިރު ހާދަހީވެޔޭ ގިރުނބާ އެއްވެސް ވެންޓިލޭޓރަކަށް ފުދޭނެހެން.
ޙަސަން/ފޭދޫ
18 May 2020
ވަރަށް އުފާވެއްޖެ.
އަޝްރަފު
18 May 2020
އަހަރެމެން ކުޑައިރު ކަނބުރު ގޭގައިވެސް ބޭނުންކުރޭ މެނުއަލް ވެންޓިލޭޓަރ.. އެއަށް ކިޔަނީ ގިރުނބާ! އޭގެ އެއްޗެއްގައި ވެސް ކޮންޓްރޯލް ކުރެވޭ މޯޓަރެއް ހަރުކުރެވިއްޖެއްޔާ ހަމަ ފައްކާ ވެންޓިލޭޓަރަކަށް ވާނެ!
ޟާސް
18 May 2020
ކޮސް ނުތަޅާ ތިބޭ. އަމިއްލަ އަތޮޅުން މަދިރި ހުސްކުރެވޭތޯ ބަލާބަލަ. ގައިމު ސަރްކާރަކުން އެކަން ނުކުރާނެ
ޖައިސާމް
18 May 2020
މިކަހަލަ ކުދިންނަށް ސްކޮލަރޝިޕް ދޭ އިތުރަށް ތަރައްގީވުމުގެ ފުރުސަތު ހޯދަދޭންވީ.
މަހޭ
18 May 2020
ތިގޮތައް ހަދާ ވެންޓިލޭޓަރ ތައް ބަލިމީހުންނައް ބޭނުން ކުރަން ހުއްދަ ދީފިތައް؟ މޯޓަރ އަކުން ފިތާލީމަ އެވެންޓިލޭޓަރ އަކަވޭތައް؟
ފޮނި ތޮށި
18 May 2020
އާޓިކަލް ނުކިޔާ ކޮމެންޓް ކުރާ މީހުން އެބަ ފެނޭ
ރައްޔިތުމީހާ
19 May 2020
ކިތަންމެ ވަރަކަށް ކިޔަސް އާޓިކަލްގަ ނެތް އެއްޗެއް ނުފެންނާނެ.